"ބިކިނީ ލައިގެން ހުރި ފަތުރުވެރިޔާ ހައްޔަރު ކުރުމުގައި ގޯހެއް ނެތް!"

ކ.މާފުށީގައި މަސްތުގެ ހާލަތުގައި، ނިވާކަންކުޑަ ބިކިނީއެއް ލައިގެން ހުރި އަންހެނަކު ހައްޔަރު ކުރުމުގައި ގޯހެއް ނެތް ކަމަށް އެ މައްސަލަ ދިރާސާކުރި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން އެކުލަވާލި ރިޕޯޓްގައި ބުނެފިއެވެ.
މަސްތުގެ ހާލަތުގައި ހުރި އެއަންހެން ފަތުރުވެރިޔާ ފުލުހުން ހައްޔަރު ކުރުމުގައި ފުލުހުން ޢަމަލު ކޮށްފައިވަނީ އެންމެ ރަނގަޅަށް ނޫން ކަމަށް ވިދާޅުވެ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު މީގެ ކުރިން ވަނީ މާފަށް އެދިފައެވެ. އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުޙައްމަދު ނަޝީދު ވެސް ވަނީ އެފަތުރުވެރިޔާ ކިބައިން މާފަށް އެދިފައެވެ. އަދި މި މައްސަލަ ބަލައި ދިރާސާކުރަން 241 ކޮމިޓީއަށް ފޮނުވުނެވެ.
ކޮމިޓީއިން އެ މައްސަލަ ދިރާސާކޮށް އެކުލަވާލި ރިޕޯޓްގައި ބުނެފައިވަނީ ނިވާކަން ކުޑަ ހެދުމެއްގައި ފަތުރުވެރިޔާ އުޅެމުންދާ ކަމުގެ ޝަކުވާ ލިބިގެން ފަތުވެރިޔާއަށް ނަސޭހަތް ދޭން ދިޔަ ފުލުސް އޮފިސަރަކާމެދު އެ ފަތުރުވެރިޔާ ވަރަށް ގޯސްކޮށް އަމަލުކޮށްފައިވާ ކަމަށެވެ.
"އެ ގޮތުން އެ ތަނަށް ދިޔަ ފުލުސް އޮފިސަރެއްގެ އައިނު އަތުލައި، ކުލަ ހެދުމުގައި ހުރި ފުލުސް އޮފިސަރެއްގެ އަތުގައި އޮތް ފުލުހެއްކަން އަންގައިދޭ ކާޑޫ ދަމައިގަންނަން މަސައްކަތްކޮށް، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން އުޅުމުން ފުލުހެއްގެ އަތުގައި ދަތް އަޅާފައިވާ ކަމަށް އެނގިފައިވޭ" ކޮމިޓީ ރިޕޯޓުގައި ބަޔާން ކޮށްފައިވެއެވެ.
މީގެއިތުުރުން އެރިޕޯޓުގައި ބުނެފައިވަނީ ފަތުރުވެރިޔާ ފުލުސް އޮފީހަށް ގެންދިޔައީ ހައްޔަރު ކުރަން ނޫން ކަމަށާއި އެއީ އެވަގުތު އެކަން ހިނގި ސަރަހައްދަށް އެއްވެ ތިބި އާންމުންގެ ފަރާތުން ފަތުރުވެރިޔާއަށް އަދި ފަތުރުވެރިޔާގެ ފަރާތުން އާންމުންނަށް ނުވަތަ ފުލުހަކަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްކުރަން ކަމަށް ވެސް ކޮމެޓީން ބެލިބެލުމުން އެނގިފައިވާ ކަމަށް 241 ކޮމިޓީން އެކުލަވާލި ރިޕޯޓުގައިވެއެވެ.