ދީން

ދިރިހުރި ޣައިރު މުސްލިމެއްގެ މައްޗަށް ހެޔޮ ދުޢާ ކުރެވިދާނެތަ؟

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޣައިރު މުސްލިމުންނަށް ޙިދާޔަތް ދެއްވުން އެދި ދުޢާ ކުރެވޭތޯ ބައެއް މީހުން ކުރަމުން އަންނަ ސުވާލަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ނޫމާން ޢަލީ ޚާން ވަނީ ޖަވާބު ދެއްވާފައެވެ.

Ads by STELCO

"﴿113﴾ مَا كَانَ لِلنَّبِيِّ وَالَّذِينَ آمَنُوا أَن يَسْتَغْفِرُوا لِلْمُشْرِكِينَ وَلَوْ كَانُوا أُولِي قُرْبَىٰ مِن بَعْدِ مَا تَبَيَّنَ لَهُمْ أَنَّهُمْ أَصْحَابُ الْجَحِيمِ
ނަބިއްޔާއަކަށް ވެސް، އަދި إيمان ވި މީހުންނަކަށް ވެސް مشرك ންނަށްޓަކައި ފާފަ ފުއްސެވުން އެދި دعاء ކުރެއްވުމެއް ނެތެވެ. އެއުރެންނީ ގާތްތިމާގެ މީހުންކަމުގައި ވީނަމަވެހެވެ. ހަމަކަށަވަރުން، އެއުރެންނީ ނަރަކައިގެ أهل ވެރިންކަން އެއުރެންނަށް ފާޅުވެ އެނގުމަށްފަހުގައެވެ.
[ އައްތައުބާ 113 ވަނަ އާޔަތް ]

"މިއާޔަތުން މިއަދު އަހަރެން މިވާހަކަކޮޅު ފެށީ ބައެއް ފަރާތްތަކަށް އޮޅިފައިވާ ކަމެއް އަންގައިދިނުމަށެވެ. މިއާޔަތް ކިޔުމަށްފަހު ގިނަ މީހުން ބުނާނީ ޣައިރު މުސްލިމުންނަށް ތެދުމަގު ދެއްވުމަށް އެދި އެބައިމީހުންގެ މައްޗަށް ދުޢާ ނުކުރެވޭނެ ކަމަށެވެ. އެއީ އާޔަތުގައި ވެސް އެވަނީ އެބައިމީހުންނަކީ މާތް ﷲ އަށް ޝިރްކުކުރާ ނަރަކަވަންތަވެރިން ކަމުގައި ވާތީ ކަމަށް ވެސް ބުނެއެވެ. ނަމަވެސް އާޔަތުގައި ބުނެފައި އެވަނީ މުޝްރިކުންގެ ވާހަކައެވެ.

މިކަމުގެ މުރާދަކީ މިއީ އެވެ. ރަސޫލާ (ޞޢޥ) މައްކާގެ މުޝްރިކުންނަށް 10 އަހަރަށްވުރެ ގިނަ ދުވަސް ވަންދެން ދީނަށް ގޮވާލެއްވިއެވެ. އެކަލޭގެފާނު އެމީހުންނާއެކު ދިރި އުޅުއްވިއެވެ. އަދި މަދީނާ އަށް ހިޖްރަ ކުރެއްވުމަށް ފަހު ވެސް އެބައިމީހުންނާ ގުޅުން ބޭއްވެވިއެވެ. ނަމަވެސް އޭގެ ފަހުން ބައެއް މީހުންނަށް ތެދުމަގު ދެއްވުން އެދި ހެޔޮ ދުޢާ ކުރެއްވުމުގެ ދޮރުތައް މާތް ﷲ ރަސޫލާ (ޞޢޥ) އަށް ބަންދު ކުރެއްވިއެވެ. އޭގެ ކުރިން އެކަލޭގެފާނު ގެންދެވީ އެބައިމީހުންގެ މައްޗަށް ހެޔޮ ދުޢާ ކުރައްވަމުންނެވެ. އަދި ރަސޫލާ (ޞޢޥ) ގެ ކުރިން އެހެން ހުރިހާ ރަސޫލު ބޭކަލުންނެއް ވެސް އެބޭކަލެއްގެ ޤައުމުގެ މީހުންގެ މައްޗަށް ދުޢާ ކުރައްވާ އުޅުއްވިއެވެ.

އެބޭކަލުން ދީނަށް ގޮވާލެއްވިއިރު ވެސް ގެންދެވީ އެބައިމީހުންގެ މައްޗަށް ހެޔޮ ދުޢާ ކޮށްދެއްވަމުންނެވެ. ނަމަވެސް ރަސޫލާ (ޞޢޥ) އެނބުރި މައްކާއަށް ވަޑައިގަތް ފަހުން މާތް ﷲ، ޣައިރު މުސްލިމުންގެ ތެރެއިން ވަކި ބައެއްގެ މައްޗަށް ދުޢާ ކުރުން މާތް ﷲ އެކަލޭގެފާނަށް ނަޙީ ކުރެއްވެވިއެވެ.

މިސާލަކަށް ބުނާނަމަ ރަސޫލާ (ޞޢޥ) ގެ ބޮޑުބޭބެ އަބޫ ލަހަބްގެ ވާހަކައެވެ. އަބޫ ލަހަބަކީ އެކަލޭގެފާނަށް ނުހަނު ދުއްތުރާތައް ކުރި، އެކަލޭގެފާނު ދެކެ ނުހަނު ނަފްރަތު ކުރެއްވި ބޭފުޅެކެވެ. ނަމަވެސް އެކަލޭގެފާނު އަބޫ ލަޙަބް ދެކެ ދުވަހަކު ވެސް ނަފްރަތެއް ނުކުރައްވަވައެވެ. އަދި ހެޔޮ ދުޢާ ކުރެއްވިއެވެ، ނަމަވެސް އަބޫ ލަޙަބަށް ތެދުމަގު ލިބުމެއް ނެތްކަމާއި އޭނާއަށް ފަހުން ވާނެ ގޮތާމެދު މާތް ﷲ ވަޙީ ކުރެއްވުމަށްފަހު (އެއާޔަތްތަކަށް ފަހު) އެކަލޭގެފާނު އަބޫ ލަޙަބްގެ މައްޗަށް ހެޔޮ ދުޢާ ކުރެއްވުން ހުއްޓަވާލެއްވިއެވެ.

އެހެންވީމަ ޣައިރު މުސްލިމުންގެ މައްޗަށް ހެޔޮ ދުޢާ ކުރެވިދާނެތޯ އުފެދިފައިވާ ސުވާލުގެ ޖަވާބަކީ އާނ އެކޭއެވެ. އެއީ އެބައިމީހުންނަކީ ސީދާ ނަރަކަވަންތަވެރިން ކަމެއް ބުނަން އަހަރުމެންނަށް ނޭނގޭނެތީއެވެ. އެޒަމާނުގައި މިވެނި މީހަކީ ޙިދާޔަތް ލިބުމެއް ނުވާ މީހެއްކަން އެކަލާނގެ ރަސޫލާ (ޞޢޥ) އަށް ވަޙީ ކުރައްވަވާ އަންގަވާ ދެއްވިއެވެ. އަހަރެމެންނަށް ވަޙީ ނުއިއްވަވާ ނޫން ހެއްޔެވެ. މިހާރު އުޅޭ ޣައިރު މުސްލިމުންނަކީ ފަހުން ވެސް ޙިދާޔަތް ނުލިބޭނެ މީހުން ކަމާއި އިސްލާމްދީން ޤަބޫލު ނުކުރާނެ ބައެއްކަން އަހަރުމެންނަށް އެނގިގެނެއް ނުވެއެވެ. އެހެން މީހުންގެ ހިތްތަކުގައިވާ އެއްޗެއް އަހަރުމެންނަށް އެނގުމުގެ ބާރެއް އެކަލާނގެ އަހަރުމެންނަށް ދެއްވާފައެއް ނުވެއެވެ.

ދެން އޮތް އާޔަތުގައި އިބްރާޙިމް އަލައިހިއްސަލާމްގެ ވާހަކަ ވެސް މާތް ﷲ ވަޙީ ކުރައްވަވާފައި ވެއެވެ. އިބްރާހިމް އަލައިހިއްސަލާމް، އެކަލޭގެފާނުގެ ބައްޕާފުޅަށް ތެދުމަގު ދެއްވާތޯ ދުޢާ ކުރެއްވެވިއެވެ. އެކަން ހުއްޓާވާލައްވަން އެކަލާނގެ އެކަލޭގެފާނަށް އަމުރުފުޅު ކުރައްވަވާ އޭނާއަށް ތެދުމަގު ލިބުމެއް ނެތްކަން އަންގަވާ ވަޙީ ކުރައްވަންދެނެވެ.

އެހެންކަމުން ދިރިހުރި ޣައިރު މުސްލިމުންނަށް ތެދުމަގު ދެއްވުމަށް އެދި އަހަރުމެންނަށް ހެޔޮ ދުޢާ ކުރެވިދާނެއެވެ. ނަމަވެސް މަރުވެފައި ތިބި ޣައިރު މުސްލިމުންނަށް ދުޢާ ކުރުމާމެދު އޮންނަ ގޮތް ތަފާތެވެ."

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!