ބޮޑު ޚިޔާނާތުގެ މައްސަލައިގައި މި ސަރުކާރުން އުޅެނީ އިންސާފު ގާއިމް ކުރާކަށް ނޫން: ޑރ. ޖަމީލު
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޝަރީއަތަށް ނުފޫޒު ފޯރުވާ، ސިޔާސީ ބަދަލު ހިފުމެއްގެ ގޮތުން ދައުވާ ކުރަމުންދާކަމަށް އެމަނިކުފާނުގެ ޤާނޫނީ ވަކީލުން ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ އަށާއި ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް އަށް ފާޑުވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލު ވިދާޅުވީ އަދުލު އިންސާފުގެ ނިޒާމު ބޭނުންކޮށްގެން، ވަކި މީހަކާ ދޭތެރޭގައި އަނިޔާވެރިވެގެން، އިންސާފުން ބޭރުން އަމަލު ކުރަމުން ދިއުމަކީ ނުހަނު ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.
ޑރ. ޖަމީލު ވިދާޅުވީ ޕްރޮސެކިޔުޓާ ޖެނެރަލްއަކީ އޭރަކު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކު ބޭނުންވީމާ، ބޭނުންވާ ފަރާތްތަކުގެ މައްޗަށް ދައުވާ އުފުލައި، ބޭނުންވީމާ، ސިޔާސީ ގޮތުން ބަދަލު ހިފުމުގައި އެހީތެރިވެދޭ ބޭފުޅަކަށް ވެގެން ނުވާނެ ކަމަށެވެ.
"އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލާގައި ދައުލަތުގެ ތަހުގީގީ އިދާރާތަކުން 300 އެއްހާ ގިނަ މީހުންގެ މައްޗަށް ތަހުގީގު ހިންގައި ކުށުގެ ތުހުމަތު ކޮށްފައިވާއިރު އެއިން އެއްވެސް މީހެއްގެ މައްޗަށް މިއަދާ ހަމައަށް ވެސް އެކަށީގެންވާ ގޮތެއްގައި ދައުވާ އުފުލައި ނުވަތަ އިތުރު ތަހުގީގެއް ހިންގާފައެއް ނުވޭ" ޑރ. ޖަމީލު މިއަދު ވެސް ތަކުރާރު ކުރެއްވިއެވެ.
މީގެއިތުރުން ޑރ. ޖަމީލު ވިދާޅުވީ މިސަރުކާރުން އުޅެނީ ބޮޑު ޚިޔާނާތުގެ މައްސަލައިގައި އިންސާފު ގާއިމު ކޮށްދެއްވަން ނޫން ކަމަށާއި މިސަރުކާރުގެ ބޭނުމަކީ ހަމައެކަނި ރައީސް ޔާމީނުގެ މައްޗަށް ދައުވާކޮށް ޖަލަށް ލައިގެން ސިޔާސީ ވާދަވެރިއެއްގެ ކިބައިން ބަދަލު ހިފުން ކަމަށެވެ.