ޚަބަރު

އަތޮޅުތެރޭގައި ވެސް ވެކްސިން ރައްކާކުރުމުގެ ނިޒާމް ގާއިމް ކުރާނެ: އެޗްއީއޯސީ

ރައުފާ ރަޝީދު ، ދެން އޮންލައިން

މާލެސިޓީއެކޭ އެއްގޮތަށް އަތޮޅުތެރޭގައި ވެސް ކޮވިޑް-19ގެ ވެކްސިން ރައްކާކުރުމުގެ ނިޒާމް ގާއިމް ކުރާނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޑރ.ނަޒްލާ ރަފީގު މިހެން ވިދާޅުވެފައި ވަނީ އާދިއްތަ ދުވަހުގެ ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުންނެވެ. ނަޒްލާ ވިދާޅުވީ މާލެއެކޭ އެއްގޮތަށް އަތޮޅުތެރޭގައި ވެސް ވެކްސިން ރައްކާކުރުމުގެ ނިޒާމް ގާއިމްކުރާނެ ކަމަށެވެ.

އަދި މިހާރު ވެސް އާންމުކޮށް ބޭނުން ކުރާ ރޫޓިން ވެކްސިނޭޝަން ޕްރޮގްރާމްގައި ބޭނުން ކުރާ ވެކްސިންތައް އަތޮޅުތެރޭގައި ރައްކާކުރާ ކަމަށާއި ވެކްސިން ރައްކާތެރިގޮތުގައި ބަހައްޓަން ބޭނުންވާ ފިނިހޫނުމިން ބެލެހެއްޓިގެންދާނެ ކަމުގެ ޔަގީންކަން ޑރ.ނަޒްލާ ވަނީ ދެއްވާފައެވެ.

"މިހާރު އަޅުގަނޑުމެން މަސައްކަތް ކުރަނީ ޑަބްލިއުއެޗްއޯ އަދި ޔުނިސެފް މެދުވެރިކޮށް އިތުރު ކެޕޭސިޓީ ބޭނުންވާނެ. އާ ވެކްސިނެއް ގެންނައިރުގަ އެކަމަށް ބޭނުންވާ ހާއްސަ ރެފްރިޖިރޭޓަރާ އެއްޗެތި ގަނެގެން ގެނެސް ބެހެއްޓުމުގެ އިންތިޒާމްތައް ހަމަޖައްސާނެ" ޑރ.ނަޒްލާ ވިދާޅުވިއެވެ.

އިތުރަށް ޑރ. ނަޒްލާ ރަފީގު ވިދާޅުވީ އަތޮޅުތެރޭގައި ވެކްސިން ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ ނިޒާމެއް ނުވަތަ ވެކްސިންގެ ސޭފްޓީ އެޝިއުއަރ ކުރާނެ ގޮތްތައް މިހާރު ޕްލޭން ކުރަމުންދާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!