ދީން

ތިބާ އުފަލުގައި އުޅެން ބޭނުން ނަމަ އަނެކާ ދެރަކޮށްނުލާ!

ދެން އެމްވީ ، ދެން އޮންލައިން

ކޮންމެ އިންސާނަކީ ވެސް އުފަލާއި ހިތްހަމަ ޖެހުމާ އެކު ދުނިޔޭގެ ދުވަސްތައް ވޭތުކުރަން ބޭނުންވާނެ މީހެކެވެ. އެގޮތުން ﷲ ތަޢާލާ ތިބާއަށް އުފާވެރިކަން ދެއްވަވާނީ އެހެން މީހަކު ނުވަތަ ބައެއްގެ ރުހުމާއި ތާއީދު އޮތުމަކުން ނޫނެވެ. އަދި ކިއެއްތަ! ތިބާގެ އަމަލުތަކަށް ﷲ ތަޢާލާ ރުހިވޮޑިގަތުމުންނެވެ.

Ads by MWSC

ނަމަވެސް ވިސްނާލަން ޖެހޭ ނުކުތާއަކީ ތިބާ އުފަލުގައި ދުނިޔޭގައި އުޅެން ބޭނުންވާ ފަދައިން އަނެކާ ވެސް އުފަލުގައި އުޅެން ބޭނުން ވާނެކަމެވެ. އެގޮތުން ތިބާ އުފަލުގައި އުޅެން ބޭނުން ނަމަ އަނެކާއަށް އަނިޔާވެރިވެގެން ނުވާނެއެވެ. އެހެނީ އަނެކާއާއި ދިމާއަށް ހިތުހުރި އެއްޗެއް ގޮވާ ދެރަކޮށް ހިތްދަތި ކޮށްގެން ނުވާނެއެވެ.

ކަން މިހެން ހުންނަ ނަމަ ތިބާ ވިސްނާލަން ޖެހޭ އެންމެ މުހިންމު ކަމަކީ ތިބާ ހިތުހުރި އެއްޗެއް ގޮވާ، ހިތުގައި ޖައްސާ ދެރަކޮށް ހަދާ މީހާ ވެގެން ދާނީ ތިބާގެ ސަބަބުން އަނިޔާ ލިބެމުން އަންނަ މީހަކަށެވެ. ނުވަތަ އަނިޔާ ލިބިފައިވާ މީހަކަށެވެ. އަނިޔާ ލިބެމުން އަންނަ މީހުންގެ ދުޢާ ﷲ ތަޢާލާ ޢިޖާބަ ނުކުރައްވަވައި ދޫ ނުކުރައްވަވާނެކަން ހަނދުމަކޮށް އެކަމަށް ބިރުވެތިވާން ޖެހޭނެއެވެ.

ތިބާއަކީ އަނިޔާވެރިއެއް ކަމުގައި ނުވަނީ ނަމަ ތިބާގެ މައްޗަށް އެއްވެސް މީހަކަށް ގަދަވެ ގަތުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ވީމާ ތިބާ ފަދަ އެހެން އިންސާނުންނާ ދިމާއަށް ހިތުހުރި އެއްޗެއް ގޮވާ ހިތުގައި ނުޖައްސާށެވެ. އެއްވެސް މީހަކަށް އަނިޔާވެރި ނުވާށެވެ.

އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު އަނިޔާ މާނަކުރަނީ ޖިސްމާނީ ގޮތުން ތަޅައި އަނިޔާކުރުމެވެ. ނަމަވެސް އެއީ އަނިޔާވެރިކަމުގެ އެންމެ ދަށު މިންވަރެވެ. ތިބާއަށް އަނެކާއާ މެދު ވެވޭ އެންމެ ބޮޑު އަނިޔާއަކީ އަނެކާ ހިތުގައި ޖައްސާލުމެވެ. ނުވަތަ ތިބާ ކިޔާ އެއްޗަކުން ނުވަތަ ތިބާ ބުނާ ބަހަކުން އަނެކާ ހިތަށްކުރާ އަސަރެވެ. އެއީ އަނިޔާއެވެ. ވިސްނާލާށެވެ. ހަނދާނުން ފުހެލަން ވެސް އެންމެ އުނދަގޫ ވާނީ ހިތަށް ލިބޭ އަނިޔާއާއި ޒަޚަމްތަކެވެ. ވީމާ ތިމާ އުފަލުގައި ދުނިޔޭގައި އުޅެން ބޭނުންވާ ނަމަ އެއްވެސް މީހަކަށް އެއްވެސް ބާވަތެއްގެ އަނިޔާއެއް ނުދޭށެވެ.

ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތް ކުރާއިރު މިކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭންވާނެއެވެ. ތިބާގެ ސަބަބުން އަނެކާއަށް އެއްވެސް ބާވަތެއްގެ އަނިޔާއެއް ދީގެން ނުވާނެއެވެ. މިފަދައިން ތިބާއަށް އަނެކާއާ މެދު ކަންތައް ކުރެވިފައިވާނަ މަ އަވަހަށް އެމީހެއްގެ ކިބައިން މާފަށް އެދޭށެވެ. އަނެކާގެ ހިތް ހަލާލު ހޯދާށެވެ. އެއީ ހަމަ ތިބާއަށް ލިބޭ އުފަލަކަށް ވެގެންދާނެ ކަން ޔަގީނެވެ. އެހެން ކަމުން އެއްވެސް މީހަކު ހިތުގައި ޖެހޭ ފަދަ އެއްވެސް ކަމެއް ކުރެވިފައިވާ ނަމަ ފަސްނުޖެހި މަޢާފަށް އެދޭށެވެ. ނޫން ނަމަ ފަހުން ކުރަން ޖެހޭ ހިތާމަ މާބޮޑު ވެދާނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!