Sunday, 1 November 2026
Advertisement
Ooredoo — Airfibre (leaderboard)
ރައްޔިތުންގެ މަޖިލިސް

އެމްޑީޕީން ނިކުންނަނީ ވައްކަންތައް ބަލަން ފެށުމުން: މަންޑޭ

އެމްޑީޕީން ނިކުންނަނީ ވައްކަންތައް ބަލަން ފެށުމުން: މަންޑޭ

އިދިކޮޅު މައި ޕާޓީ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ޖަލްސާތައް ބާއްވައިގެން އުޅެނީ ގައުމު ހަލަބޮލި ކުރަން ކަމަށާއި، އެކަން އެގޮތަށް ކުރަނީ އެ ޕާޓީ ވެރިކަމުގައި އޮތްއިރު ކުރި ވައްކަންތައް ބަލަން ފެށުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހް (މަންޑޭ) މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން މިރޭ "ގާނޫނުއަސާސީގެ ދިފާއުގައި ރައްޔިތުންގެ" ނަމުގައި ޖަލްސާއެއް ބާއްވަން ވަނީ ނިންމާފަ އެވެ. އެ ޖަލްސާގެ ތައްޔާރީތަކާ ގުޅޭ ގޮތުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވަނީ، އެ ޕާޓީގެ އާއްމު މެންބަރަކު ރައީސް ހަވަރަށް ދިނުމަށް ހިތްވަރު ދެއްވި ވާހަކަ ދިފާއު ކުރައްވާފަ އެވެ. މަޖިލީހުގެ ކުއްލި މައްސަލައެއްގެ ގޮތުގައި އެކަން ހުށަހަޅައި ދަނީ ބަހުސްކުރަމުންނެވެ.

ބަހުސްގައި މަންޑޭ ވިދާޅުވީ، ގާނޫނު އަސާސީ ދިފާއު ކުރަން ކަމަށް ބުނެ އެމްޑީޕީ ދަނީ ގައުމު ހަލަބޮލި ކުރުމާ ދިމާއަށް ކަމަށެވެ. އަދި އެއީ އެމްޑީޕީން އިދިކޮޅުގައި އޮންނައިރު އާއްމުކޮށް ކުރާ ކަމެއް ކަމަށް ފާހަގަ ކުރެއްވި އެވެ.

Advertisement
Ooredoo — Truecaller (box)

"އަމިއްލައަށް އިސްތިއުފާ ދީފަ ޖެހިގެން އައި ދުވަހު ރާއްޖޭގެ އެތައް ރަށެއްގައި ހުޅުޖެހި މަންޒަރު ފެނިގެން ދިޔައީ،" އެމްޑީޕީގެ ފުރަތަމަ ވެރިކަން ވެއްޓުނު ގޮތާއި، ޖެހިގެން އައި ދުވަހު އެ ޕާޓީން ކަންކުރި ގޮތަށް އިޝާރާތް ކުރައްވަމުން އޭނާ ވިދާޅުވި އެވެ.

މަންޑޭ އިތުރު ތުހުމަތުތަކެއް ވެސް އެމްޑީޕީއަށް ކުރި އެވެ. އެމްޑީޕީގެ ސަރުކާރެއް އޮވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މަސައްކަތް ކުރިއިރު އެކަން ނުބެއްލެވީ ކީއްވެތޯ ސުވާލު އުފެއްދެވި އެވެ. އަދި އެ މައްސަލަ ގޮސް ނިމެނީ އެމްޑީޕީއާ ކަމަށް ވިދާޅުވި އެވެ.

މަންޑޭ ވިދާޅުވީ، އެމްޑީޕީން އެއްވާން އުޅެނީ ގާނޫނު އަސާސީގެ ދިފާއުގައި ނޫން ކަމަށާއި، އެއްވަނީ އެމީހުން ކުރި ވައްކަންތަކުގެ ދިފާއުގައި ކަމަށެވެ.

"އެ މީހުން ވެެރިކަމުގައި ތިިބެ ކުރި ވައްކަމުގެ މައްސަލަތައް ބަލަން ފެށީމަ އެ ނިކުންނަނީ، ދިވެހިން ބޭނުންވާ ގޮތަށް ވެރިކަން ކުރާތީ އެ ނުކުންނަނީ، ރައްޔިތުން ބާރުވެރިކުރުވާތީ އެކަން ހުއްޓުވަން އެ ނިކުންނަނީ" ވިދާޅުވި އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް