ބޫޓްގައި ޓޭޕްއަޅައިގެން ދަނޑަށް ނުކުތް ކީޕަރު ، މިއަދު ގައުމީ ޓީމުގައި
ކޮންމެ މީހަކީވެސް ދިރިއުޅުމުގައި ހުވަފެންތަކެއް ދެކޭނެ މީހެއްކަން ގައިމެވެ. އެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް ޓަކައި މަސައްކަތްތަކެއް ވެސް ކުރަން ޖެހޭނެއެވެ. އަދި އެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް ކުރާ މަސައްކަތުގައި އެތަކެއް ދަތިތަކާއި އުނދަގޫތައް ކުރިމަތި ވެދާނެއެވެ. ނަމަވެސް އެ ދަތިތަކާއި އުނދަގޫތަކާ އެކުވެސް ހިތްވަރު އެލުވައިނުލާ މަސައްކަތް ކުރާނީ ވަރަށް މަދު ބައެކެވެ. އަދި އެ ހުވަފެންތައް ހަގީގަތަކަށް ހެދޭނީ ވަރަށް ގަދައަޅާ މަސައްކަތް ކޮށްގެންނެވެ.
އުމުރުން އެންމެ 18 އަހަރުގައި ދިވެހިރާއްޖޭގެ ފުޓްބޯޅައިގެ ފުރަތަމަ ޑިވިޝަނުގައި ކުޅެމުން އަންނަ ޒުވާން ގޯލްކީޕަރު އަލީފް އަކީ އެހެން ޒުވާން ކީޕަރުންނަށް ހުރި ނަމޫނާއެކެވެ. ދިމާވި ދަތިތަކާއެކުވެސް ހިތްވަރު ދޫނުކޮށްލާ މަސައްކަތް ކުރުމުގެ ނަތީޖާއަކަށް ވީ މިއަދު އޭނާއަށް ލިބިފައި އެވާ ފުރުސަތުތަކެވެ. ހޯދަމުން އެދާ ފޮނި ކާމިޔާބީއެވެ.
މާލެ ބަދަލުވީ އޭލެވެލްއަށް ، ފުޓްބޯޅައިން މިހާގިނަ ފުރުސަތު ލިބޭނެ ކަމަކަށް ނޫން
ޖީސީއީ އޯލެވެލް އަމިއްލަ ރަށް ކަމަށްވާ ހއ.ހޯރަފުށީގައި ފުރިހަމަ ކުރުމަށްފަހު އަލީފް މާލެ ބަދަލުވީ ގުރޭޑް 11 އަށެވެ. އެއީ 2018 ވަނަ އަހަރުއެވެ. މާލެ ބަދަލުވީއިރު ފުޓްބޯޅައިން މިހާ ގިނަ ފުރުސަތު ތަކެއް ލިބޭނޭކަމަކަށް އޭނާ އުއްމީދެއް ނުކުރެއެވެ.
މާލެއަށް ބަދަލުވުމަށް ފަހު ކިޔެވުމަށް އަލީފް ހިޔާރު ކުރީ ވިލާ އިންޓަރނޭޝަނަލް ހައި ސުކޫލެވެ. ކިޔެވުން ފަށައި ދުވަސްކޮޅެއް ނުވެ އިންޓަރ ސުކޫލްގެ ފަރިތަކުރުންތައް ފައްޓައިފިއެވެ. ފަރިތަކުރުން ތަކަށް ނިކުތުމަށް އެންގިއިރު އަލީފްގެ އަތުގައި ފުރަތަމަ ބޫޓެއްވެސް ނެތެވެ. އެވަގުތު އަތުގައި ބޫޓެއް ގަނެވޭ ވަރަށް ރުފިޔާ އެއްވެސް ނެތެވެ. އެހެންކަމުން ރަށުން އަވަހަށް ބޫޓެއް ގެނެސް ޕްރެކްޓިސްގައި ބައިވެރިވި ނަމަވެސް އެ ބޫޓުވެސް ހަލާކުވެފައި އޮތުމުން ޕްރެކްޓިސްތަކުގައި ފުރަތަމަ ކުޅުނީ ބޫޓުގައި ޓޭޕް އަޅައިގެންނެވެ.
ފުރަތަމަ ފަރިތަކުރުން ތަކުގައި ކޯޗުންނަށް ވެސް އަލީފްވީ އާ މޫނަކަށެވެ. މާލޭގެ އިންޓަރސުކޫލް މުބާރާތް ފަދަ މުބާރާތްތަކުގައި ކުޅެފައި ތިބި އެހެން ކުޅުންތެރިންވެސް ޓީމުގައި ތިބުމާއެކު އެންމެ ފުރަތަމަ، ޓީމަށް އެރުމަކީ އޭނާއަށް އެހާ ފަސޭހަކަމަކަށް ނުވިއެވެ. އޭރު ވިލާ ހައިސުކޫލްގެ ޓީމާ ހަވާލުވެ ހުރީ ޒުވާން ކޯޗު، އިބްރާހިމް ސައީދު (ކަކާ) އެވެ. އެންމެ ފުރަތަމަ ޓީމުގެ ފުރަތަމަ 11ގައި އަލީފް ނުހިމެނުނު ނަމަވެސް، ކުޅެން އަރުވާ ކޮންމެ މެޗެއްގައި އޭނާ ދިޔައީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. ލިބުނު ކޮންމެ ފުރުސަތެއްގައިމެ އޭނާ ދައްކުވައިދިނީ ކުރިއަށް ދިއުމަށް އޭނާގެ ހިތުގައި އޮތް ލޯތްބެވެ. ނަތީޖާއަކަށްވީ މުބާރާތް ފެށެން ކުޑަ ދުވަސް ކޮޅަކަށް ވެފައި ވަނިކޮށް ޓީމުގެ ފުރަތަމަ 11ގައި އަލީފްގެ ނަން ހިމެނުމެވެ.
2018 ވަނަ އަހަރުގެ މުބާރާތްވީ އޭނާ މާލޭގައި ކުޅުނު ފުރަތަމަ މުބާރާތަށެވެ. ނަމަވެސް އެ މުބާރާތުގައި ވެސް އަލީފްގެ ފަރާތުން ފެނިގެން ދިޔައީ މޮޅު ކުޅުމެކެވެ. ގިނަ ކޯޗުންގެ ނަޒަރު އެ މުބާރާތުގައި އަލީފްއަށް ހުއްޓުނު ސަބަބަކީވެސް އެއީ އެވެ. "ދެން " އާއި ވާހަކަ ދައްކަމުން ވިލާ ހައި ސުކޫލުގެ އޭރުގެ ކޯޗު ކަކާ ވިދާޅުވީ، އަލީފް ފުރަތަމަ 11ގައި ހިމެނުމަކީ އޭނާއަށް ނިންމުނު ރަނގަޅު ނިންމުމެއްކަން މުބާރާތުގައި އަލީފްގެ ކުޅުމުން އޭނާ ސާބިތު ކޮށްދިން ކަމަށެވެ. އަދި އަލީފް އަކީ ފުޓްބޯޅައިގައި ކުރިއެރުމެއް އޮތް ކީޕަރެއް ކަންވެސް އެހިސާބުން އެނގިގެންދިޔަ ކަމަށް ކަކާ ވިދާޅުވިއެވެ.
ކަކާ ކޯޗް ހޯދައިދިން ފުރުސަތެއްގައި އީގަލްސްގެ ފަރިތަކުރުންތަކަށް
2018 ވަނަ އަހަރުގެ އިންޓަރ ސުކޫލު ފުޓުބޯޅަ މުބާރާތް ނިމުމުން އަލީފް އަށް ލިބުނީ ރަނުގެ ފުރުސަތެކެވެ. އެއީ އަލީފްގެ ކޯޗު، އަދި އީގަލްސްގެ އޭރުގެ އެސިސްޓަންޓް ކޯޗު ކަކާ ހޯދަދިން ފުރުސަތެކެވެ. އީގަލްސްގެ ފުރަތަމަ ޑިވިޝަނުގެ ޓީމާއެކު ފަރިތަކުރުން ތަކުގައި ބައިވެރިވުމަށް އަލީފްއަށް ފުރުސަތު ލިބިގެން ދިޔައެވެ. ރާއްޖޭގައި މިވަގުތު ހުރި އެންމެ ތަޖުރިބާކާރު ގޯލްކީޕަރ ޓްރެއިނަރ އަސްލަމް ކޯޗް އާ އެކު އަލީފްގެ ފަރިތަކުރުންތައް އީގަލްސްގައި ދިޔައީ ކުރިއަށެވެ.
އީގަލްސްގެ ޔޫތު ޓީމުގައި އަލީފް 2018 ވަނަ އަހަރުގެ ޔޫތު ޗެމްޕިއަންޝިޕްގައި ހިމެނިގެން ދިޔައެވެ. ނަމަވެސް ފުރަތަމަ 11ގައި އެފަހަރު ޖާގަ ނުލިބުނީ އީގަލްސްގެ ސީނިއަރ އެހެން ކީޕަރެއް ޓީމުގައި ހުރުމުންނެވެ. ނަމަވެސް އަލީފް ހިތްވަރު އެލުވައެއް ނުލައެވެ. އަލީފް ކުރިއެރުމަށްޓަކައި ކުރަމުން ދިޔަ މަސައްކަތަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ.
2018 ވަނަ އަހަރުގެ ތިންވަނަ ޑިވިޝަންގައި އަލީފް ކުޅުނު
2018 ވަނަ އަހަރުގެ ތިންވަނަ ޑިވިޝަން މުބާރާތުގައި މައްޗަންގޯޅި ޒުވާނުންގެ ގުޅުމުގެ ޓީމުން އަލީފް ފެނިގެން ދިޔައެވެ. މި މުބާރާތުގައި ވެސް އަލީފްގެ މޮޅު ކުޅުމެއް ފެނިގެން ދިޔައިރު އެތައް ބައެއްގެ ލޯތްބާއި ތައުރީފުތައް އަލީފްއަށް ލިބިގެން ދިޔައެވެ.
2019 ވަނަ އަހަރުގެ އިންޓަރސުކޫލް އަދި ޔޫތު މުބާރާތުން ގައުމީ ޓީމަށް ކުޅުމުގެ ފުރުސަތު
2019 ވަނަ އަހަރުގެ ފެށިގެން ދިޔައީ އެ އަހަރުގެ ޔޫތު ޗެމްޕިއަންޝިޕުންނެވެ. އަލީފްގެ ފަރާތުން އާދަޔާޚިލާފު މޮޅު ކުޅުމެއް އެ މުބާރާތުގައި ފެނިގެންދިޔައެވެ. އީގަލްސްގެ ޔޫތު ޓީމުގެ ފުރަތަމަ 11ގައި ހުރިހާ މެޗެއް އޭނާ ކުޅުނެވެ. ސެމީ ފައިނަލު މެޗުގައި ދެއްކި ރަތް ކާޑުގެ ސަބަބުން ފައިނަލް މެޗުގައި އޭނާއަށް ނުކުޅެވުނު ނަމަވެސް އެ މުބާރާތްވީ އޭނާގެ ނަން ވަރަށް ގިނަ ބަޔަކަށް އެނގިގެން ދިޔަ މުބާރާތަކަށެވެ. އެ އަހަރު އީގަލްސްގެ ޔޫތު ޓީމާއެކު އަލީފް ޔޫތު ޗެމްޕިއަންޝިޕްގެ ތަށިވެސް އުފުލާލިއެވެ.
2019 ވަނަ އަހަރުގެ އިންޓަރސުކޫލު މުބާރާތަށް ނިކުންއިރު އަލީފްއަކީ އެތައް ކޯޗުންނެއްގެ ލޮލުގައި އަޅައިގަންފައިވާ ހުނަރުވެރި ކީޕަރެކެވެ. ވިލާ ހައި ސުކޫލު 2019 ވަނަ އަހަރުގެ އިންޓަރ ސުކޫލު މުބާރާތުގެ ތަށި އުފުލާލިއިރު، އަލީފްގެ ދައުރު އެކާމިޔާބީގައި ވަރަށް ވެސް ބޮޑެވެ. މޮޅު ކުޅުމެއް ދައްކައި، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ލިބުނީ އަލީފް އަށެވެ.
ނަތީޖާއަކަށްވީ އެ މުބާރާތަށް ފަހު 19 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅުމުގެ ފުރުސަތު އަލީފް އަށް ލިބިގެން ދިއުމެވެ. ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށައިގެން، އޭނާ ކުރި ބުރަ މަސައްކަތުން ގައުމީ ޓީމުގެ ވެސް ފުރަތަމަ 11ގެ ކީޕަރެއްގެ ގޮތުގައި އޭނާ ޖާގަ ހޯދަން ފެށިއެވެ.
19 އަހަރުން ދަށުގެ ސާފްޗެމްޕިއަންޝިޕްގައި ރާއްޖެއިން ލޯމެޑެލް ހޯދުމުގައި އަލީފްގެ ދައުރު ބޮޑު
2019 ވަނަ އަހަރު ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި ބޭއްވި 19 އަހަރުން ދަށުގެ ސާޕްޗެމްޕިއަންޝިޕްގައި ރާއްޖޭގެ ގައުމީ ޓީމުން ލޯ މެޑަލް ހޯދި އިރު ރާއްޖެ ޓީމުގެ ގޯލު ބެލެހެއްޓުމަށް ހުރީ އަލީފެވެ. އެ ޒިންމާ އަލީފް އަދާ ކުރީ ވަރަށް ވެސް ފުރިހަމަ ކަމާއެކުގައެވެ. ރާއްޖޭގެ ޓީމުން ލޯ މެޑަލް ހޯދުމުގައި އެންމެ ބޮޑު ރޯލެއް އަދާ ކުރި އެކަކީ އަލީފެވެ.
އެ މުބާރާތަކީ އަލީފްގެ ފުރަތަމަ ބައިނަލްއަޤްވާމީ މުބާރާތެވެ. ނަމަވެސް އެ މުބާރާތުގައި އަލީފް ދެއްކި ކުޅުމަކީ ހަމަ ހަގީގަތުގައިވެސް ތައުރީފު ހައްގު ކުޅުމެކެވެ.
ފުރަތަމަ ޑިވިޝަންގައި ގުރީން ސްޓްރީޓްސް އަށް ކުޅުމުގެ ފުރުސަތު
2020ވަނަ އަހަރުގެ ޖެނުއަރީ މަހުގައި ފުރަތަމަ ޑިވިޝަނުގެ ޓީމެއް ކަމަށްވާ ގްރީން ސްޓްރީޓްސް އަށް ކީޕަރުންގެ ދަތިތަކާ ކުރިމަތި ލާން ޖެހުނެވެ. ނަތީޖާއަކަށް ވީ އީގަލްސްގެ ފުރަތަމަ ޑިވިޝަނުގެ ޓީމުން އަލީފް ގްރީން ސްޓްރީޓްސް އަށް ލޯން ކުރުމެވެ. އުމުރުން އެންމެ 18 އަހަރުގައި ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ކުޅުމުގެ ފުރުސަތު އަލީފަށް ލިބިގެން ދިއުމެވެ.
ގްރީން ސްޓްރީޓްސްގެ ފުރަތަމަ 11ގައި ކުޅުން ވެގެން ދިޔައީ އަލީފްއަށް ލިބުނު ވަރަށް ބޮޑު ތަޖުރިބާ އަކަށެވެ. ފުރަތަމަ ޑިވިޝަނުގެ މެޗުތަކުގައިވެސް އަލީފް އަންނަނީ ވަރަށް ރަނގަޅު ކުޅުމެއް ދައްކަމުންނެވެ.
ކިޔަވަމުން ފުޓްބޯޅައިގައި ކުރިއެރުން ވީ ވަރަށް ބޮޑު ޗެލެންޖަކަށް
ކުރިންވެސް ދެންނެވި ފަދައިން އަލީފް މާލެ ބަދަލު ވީ އޭލެވެލް ފުރިހަމަ ކުރުމަށެވެ. ފުޓުބޯޅަ ކުޅެމުން ކިޔެވުން ވީ އަލީފަށް ފަސޭހަ ކަމަކަށް ނޫނެވެ. ބައެއް ރޭރޭ މެޗުތައް ނިންމުމަށް ފަހު ރަނގަޅު ރެސްޓެއް ނުލިބި އަނެއް ދުވަހު ހެނދުނު ސުކޫލަށް ދާން ޖެހެއެވެ. ސުކޫލު ނިންމުމަށް ފަހު ހަމަޖެހިލަން ވަގުތުކޮޅެއް ނުލިބި ފަރިތަކުރުންތަކަށް ދާން ޖެހޭ ފަހަރުވެސް އާދެއެވެ. ނަމަވެސް އަލީފްގެ ހިތްވަރު މާ ގަދައެވެ. އަޒުމަކަށް ކުޑަ ނަމަވެސް ބަދަލެއް ނާދެއެވެ.
މިހާ ބިޒީ ޝެޑިއުލް އެއްގައި އުޅެމުންވެސް އަލީފް އަކީ ފަރިތަކުރުން ތަކަށް ގަޑިއަށް ވަރަށް ފަރުވާތެރި ކުޅުންތެރިއެއް ކަމަށް އަލީފްގެ ކޯޗުން ފާހަގަ ކުރެއެވެ. އަދި ދަނޑުމަތީގައިވެސް ދަނޑުން ބޭރުގައިވެސް އަލީފް އަކީ އަހްލާގް ރަނގަޅު ކުޅުންތެރިއެކެވެ.
ކޯޗުންގެ ނަޒަރުގައި އަލީފް
އަލީފްގެ ފުރަތަމަ ކޯޗު އިބްރާހިމް ސަޢީދު (ކަކާ) ވިދާޅުވި ގޮތުގައި އަލީފްއަށް އަލީފް ހާސިލުކުރަން ބޭނުންވާ "ގޯލް" އެނގޭ ކަމަށެވެ. އަދި އަލީފްގެ އެ އުއްމީދު ހާސިލު ކުރުމަށްޓަކައި އަލީފް ގަދައަޅައި މަސައްކަތް ކުރާ ކަމަށްވެސް ކަކާ ފާހަގަ ކުރިއެވެ. އަދި އަލީފް އަކީ މަޑުމައިތިރި ނަމަވެސް އެހެން އެންމެނާވެސް ގުޅޭ، ލީޑަރޝިޕް ރަނގަޅު ކުޅުންތެރިއެއްގެ ގޮތުގައި ކަކާ ސިފަކުރެއެވެ.
19 އަހަރުންދަށުގެ ގައުމީ ޓީމުގައި އަލީފްގެ ކޯޗަކީ މިހާރު ރާއްޖޭގެ އެންމެ މޮޅު އެއް ކޯޗު ކަމުގައިވާ ޝާޒް އެވެ. ޝާޒް ފާހަގަ ކުރިގޮތުގައި އަލީފް އަކީ، ރާއްޖޭގެ ޒުވާން ކީޕަރުންގެ ތެރެއިން މުސްތަޤުބަލެއް އޮތް ކަމަށް ވަރަށް ބޮޑަށް ބެލެވޭ އެއް ކީޕަރު ކަމަށެވެ. އަދި ކޯޗުން އިރުޝާދު ދެއްވާއިރު ވަރަށް ކަނުލާ އަޑުއަހާ، އަދި އަބަދުވެސް ކުރިއަށްވުރެ ރަނގަޅުވުމަށް މަސައްކަތް ކުރާ ކުޅުންތެރިއެއް ކަމަށެވެ. އަލީފްގެ އެންމެ ފާހަގަ ކުރެވޭ ސިފަކަމުގައި ޝާޒް ފާހަގަކޮށްފައިވަނީ އަލީފްގެ "ސްޓްރޯންގް ލީޑާރޝިޕް" އެވެ. ދަނޑުމަތީގައިވެސް ދަނޑުން ބޭރުގައިވެސް އަލީފްއަކީ އެހެން ކުޅުންތެރިންނަށް ނަމޫނާ "ކެރެކްޓަރ" އެއް ކަމަށް ޝާޒް ސިފަކުރިއެވެ. އަދި 19 އަހަރުން ދަށުގެ ގައުމީ ޓީމު ލޯ މެޑަލް ހޯދުމުގައިވެސް އަލީފް އަކީ މުހިއްމު ދައުރެއް އަދާ ކުރި ކުޅުންތެރިއެއްކަމަށްވެސް ޝާޒް ފާހަގަ ކުރެއްވިއެވެ. އަދި މިހާރު އެކުރާ ގޮތަށް ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ރާއްޖޭގެ އެންމެ ޓޮޕް ލެވެލް ކީޕަރުންގެ ލިސްޓަށްވެސް އަލީފްގެ ނަން އަރާނެކަމަށް ޝާޒް ލަފާ ކުރެއެވެ.
އަލީފް ކުރިމަގަށް ކުރާ އުއްމީދު
އަލީފްގެ އުއްމީދަކީ ކުރިއަށް އޮތްތަނުގައި ސީނިއަރ ގައުމީ ޓީމުން ފުރުސަތު ލިބި މުޅި ގައުމު ފަޚުރުވެރިވާ ފަދަ ކީޕަރަކަށް ވުމެވެ. އަދި ގައުމަށް ރީތި ނަން ހޯދައިދިނުމަކީ އަލީފް އަބަދުވެސް ދެކެމުން އަންނަ ހުވަފެނެއް ކަމުގައި އޭނާ ފާހަގަ ކުރިއެވެ. އަދި ކަމެއް ހާސިލު ކުރެވޭނީ ގަދައަޅައި މަސައްކަތް ކޮށްގެންކަމަށާއި ދުވަހަކުވެސް އެ މަސައްކަތް ހުއްޓާ ނުލާނެކަމަށް އަލީފް ބުންޏެވެ.
ހަމަ ޔަގީނުންވެސް އަލީފްގެ ކާމިޔާބީގެ ދަތުރުވީ ފަސޭހަ ދަތުރަކަށް ނޫނެވެ. ނަަމަވެސް ދިމާވި ދަތިތަކާއި "ޗެލެންޖް" ތައް އޭނާ ދެކުނީ ކުރިއެރުމަށް އިތުރަށް ލިބުނު ހިތްވަރެއްގެ ގޮތުގައެވެ. އަލީފް ފަދައިން ގަދައަޅައި މަސައްކަތް ކޮށްފިނަމަ ކޮންމެ ކުޅުންތެރިއަކަށްވެސް ކާމިޔާބު ވާނެކަން ޔަގީނެވެ. ދިވެހިރާއްޖޭގެ ފުޓުބޯޅަ މިއޮތް ހާލަތުން އަރައިގަތުމަށް ބޭނުންވަނީ އަލީފް ފަދައިން ގަދައަޅައި މަސައްކަތް ކުރާ ހުނަރުވެރި ކުޅުންތެރިންނެވެ.