ދެން ފުރަމަލަ

“ރެކެޓް ބާއްވަން ހިތަށް އެރި ކިތަންމެ ފަހަރެއް އައި ، ނަމަވެސް ހިތްވަރު ދޫކޮށްލުމަކީ އިޚްތިޔާރަކަށް ނުދެކެން"

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ހަމަ ޔަގީނުންވެސް ކާމިޔާބީއަށް ވާސިލުވާން އޮތް މަގަކީ އެއްވެސް މީހަކަށް ފަސޭހަ މަގަކަށް ނުވާނެއެވެ. ނަމަވެސް ނާކާމިޔާބީގެ ހިތި ރަހަ ދެކެން ތައްޔާރަށް ނެތް މީހަކަށް ކާމިޔާބީގެ ފޮނި ރަހަ ގިނަ ފަހަރަށް އޮންނަނީ ނުލިބިފައެވެ.ނާކާމިޔާބީއަކީ ކާމިޔާބީގެ ފެށުމެވެ. އައު އަޒުމަކާ އައު ހިތްވަރަކާ އެކު މަސައްކަތް ކޮށްފި ނަމަ ކާމިޔާބީއަކީ ނާކާމިޔާބުވި މީހާއާއި ދާދި ގާތުގައި ވާ އެއްޗެކެވެ.

Ads by Hajj Corporation

މިއަދު ބެޑްމިންޓަންގެ ސީނިއަރ ފިރިހެން ގައުމީ ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ނިބާލްގެ ވާހަކަ އަކީ ވެސް މި ފަދަ ވާހަކައެކެވެ. ނިބާލް ދުވަހަކުވެސް ހިތްވަރު ދުލެއް ނުކޮށްލައެވެ. ދުވަހަކުވެސް ތިމަންނާ އަށް މިކަމެއް ނުވާނެޔޭ ބުނެ ބެޑްމިންޓަން ރެކެޓް ބާއްވާ ކުޅުން ހުއްޓައެއް ނުލައެވެ.

ބެޑްމިންޓަންއަކީ ފުރަތަމަ ކުޅޭ ހިތްވާ ކުޅިވަރެއް ވެސް ނޫން ، ކުޅެން ފެށީ ބައްޕަގެ އެދުމަށް

"ދެން" އާއި ވާހަކަ ދައްކަމުން ނިބާލް ބުނީ ބެޑްމިންޓަން އަކީ އޭނާ އެންމެ ކުރިން ކުޅޭ ހިތްވާ ކުޅިވަރެއް ވެސް ނޫން ކަމަށެވެ. އަދި އެންމެ ފުރަތަމަ ސުކޫލުގައި ވެސް ދިޔައީ ފުޓްބޯޅަ ފަރިތަކުރުން ތަކަށް ކަމަށް ވެސް އޭނާ ބުންޏެވެ. އަދި ބެޑްމިންޓަން ކުޅެން ފުރަތަމަ ދާން ފެށީ ބައްޕަގެ އެދުމުގެ މަތިން ކަމަށް ނިބާލް ބުންޏެވެ.

"ދެން" އާ ވާހަކަ ދައްކަމުން ނިބާލްގެ ބައްޕަ ބުނި ގޮތުގައި ފުޓްބޯޅައިގެ ފަރިތަކުރުން ތަކަށް ނިބާލް ފުރަތަމަ ގެންދިޔަ ނަމަވެސް ފުޓްބޯޅައިން ނިބާލްއަށް މާބޮޑު ކުރިއެރުންތަކެއް ނުލިބޭތީ އެހެން ކުޅިވަރެއް ކުޅުވަން ގެންދިޔުމަށް ބޭނުންވީ ކަމަށެވެ. ކަން ދިމާކުރި ގޮތުން އެދުވަސްވަރު ސުކޫލުން ބެޑްމިންޓަން ކުޅުމަށް ސެލެކްޝަން އަކަށް ދިއުމަށް ފުރުސަތު ލިބިގެން ދިޔައެވެ. އެއީ އެ ފަހަރުގެ އިންޓަރ ސުކޫލު މުބާރާތަށް އިމާދުއްދީން ސުކޫލުގެ ޓީމުގެ ސެލެކްޝަން އަށެވެ. ނިބާލްގެ ބައްޕަ އަކީވެސް ބެޑްމިންޓަން ކުޅޭ މީހަކަށް ވާތީ އެ ސެލެކްޝަން އަށް ގޮސްލުމަށް ނިބާލް އަށް އޭނާ ބާރު އެޅިއެވެ.

ނަތީޖާ ވަރަށް ވެސް ރަނގަޅެވެ. ނިބާލްއަށް ކުޅުމުގެ ފުރުސަތު ތަނަވަސް ވެގެން ދިޔައީ އެ ފަހަރުގެ ސެލެކްޝަން އިން އޭނާ ހޮވުމުންނެވެ. އަދި އެ އަހަރުގެ އިންޓަރ ސުކޫލު 9 އަހަރުން ދަށުގެ އުމުރުފުރައިގައި އިމާދުއްދީން ސުކޫލު ތަމްސީލު ކުރަން ލިބުމުންނެވެ.

ކުޅޭހިތްވެ ކުޅުމަށް ހިތްވަރު ލިބުނީ ފުރަތަމަ މެޑަލް ލިބުނު ހިސާބުން

ކުރިންވެސް ދެންނެވި ފަދައިން ނިބާލް އެންމެ ފުރަތަމަ ކުޅޭ ހިތްވި ކުޅިވަރަކީ ފުޓުބޯޅައެވެ. ބެޑްމިންޓަން އެއް ނޫނެވެ. ނަމަވެސް އެކަން ބަދަލު ކޮށްލީ، 2011 ވަނަ އަހަރު އިންޓަރ ސުކޫލުގެ 9 އަހަރުން ދަށުގެ އުމުރު ފުރާއިން ލޯ މެޑަލް ނިބާލް އަށް ލިބުމުންނެވެ. އެހިސާބުން މިކަމަކީ ވެދާނެ ކަމެއް ކަން ނިބާލް އަށް ވެސް ޤަބޫލު ކުރެވި ބެޑްމިންޓަން ކުޅުމަށް ލޯބި އުފެދުނެވެ.

ނިބާލްގެ ހުނަރުވެރިކަމާއެކު ބެޑްމިންޓަން އެސޯޝިއޭޝަންގެ ފަރާތުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ ޔޫތު ޑިވަލޮޕްމަންޓް ޕްރޮގްރާމް ( ވައި ޑީ ސީ) ގައި ބައިވެރި ވުމަށް ނިބާލްއަށް ފުރުސަތު ލިބުނެވެ. މިއީ ނިބާލް އަށް ބެޑްމިންޓަން ގައި ކުރިއަށް ދިއުމަށް ލިބިގެން ދިޔަ އެންމެ ބޮޑު އެއް ފުރުސަތެވެ.

މެޑަލްއެއް ނުލިބި ތިން އަހަރު ، ކުޅުން ހުއްޓާލަން ވެސް ހިތަށްއެރި

2011 ވަނަ އަހަރު ނިބާލް އަށް އެސޯސިއޭޝަން ކަޕްގައި ނުވަ އަހަރުން ދަށުގެ އުމުރު ފުރާއިން ރަން މެޑަލް އެއް ލިބުނު ނަމަވެސް އޭނާއަށް މާޔޫސްކަން ގެނުވީ އޭގެ ފަހުން ޖެހިގެން އައި 3 އަހަރުވެސް ނިބާލްއަށް އިންޓަރސުކޫލް މުބާރާތުގައި އެއްވެސް ކާމިޔާބީއެއް ނުލިބުމެވެ.

އެ ތިން އަހަރު ވީ މިހާތަނަށް ބެޑްމިންޓަން ކެރިއަރުގައި ދިމާވި އެންމެ އުނދަގޫ ތިން އަހަރަށް ކަމަށް ނިބާލް ބުންޏެވެ. އެ ދުވަސްވަރު އޭނާއާ އެކު ވައި.ޑީ.ޕީ ގައި ކުޅެމުން ދިޔަ އެތައް ކުދިންނެއް ވެސް ކުޅުން ހުއްޓާލިކަމަށް ނިބާލް ބުންޏެވެ. އަދި މިކަން އޭނާއަށް ވެސް ވާނެ ބާއޭ އޭރު ހިތަށް އެރި ކަމަށާއި، ކުޅުން ހުއްޓާލުމަށްވެސް ބައެއްފަހަރު ހިތަށް އެރިކަމަށް ނިބާލް ބުންޏެވެ.

ނިބާލްއާއި މެދު އޭނާގެ ކޯޗުންނާއި ޓީމް މޭޓުން ވެސްއެންމެ ފާހަގަ ކުރާ އެއް ކަމަކީ އޭނާގެ ގަދަފަދަ ހިތްވަރާއި ރޫޙެވެ. އަބަދުވެސް ގަދަ އަޅައި މަސައްކަތް ކުރުމެވެ. އެގޮތުން މެޑައްޔެއް ނުލިބި ދިޔަ ނަމަވެސް މި 3 އަހަރުވެސް އޭނާ ހިތްވަރު އެލުވައެއް ނުލައެވެ. ކުޅުން ހުއްޓާލަން ހިތަށް އެރި ނަމަވެސް ނިބާލް ބޭނުންވީ ހިތްވަރާ އެކު ކުރިއަށް ދާށެވެ. އަދި އައު ހިތްވަރަކާއެކު ނިބާލް ގަދައަޅައި މަސައްކަތް ކުރަން ފެށިއެވެ.

ހިތްވަރާއެކު ކުރި މަސައްކަތުގެ ނަތީޖާ ވަރަށްވެސް ފޮނި

ނިބާލް ހިތްވަރު އެލުވައި ނުލައި މަސައްކަތް ކުރުމުގެ ނަތީޖާއަކަށް 2015 ވަނަ އަހަރުގެ އިންޓަރ ސުކޫލުގައި އޭނާއަށް ލިބުނު ފޮނި ކާމިޔާބީއެވެ. 14 އަހަރުން ދަށުގެ އުމުރުފުރައިގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން އެ ފަހަރު ނިބާލް ހޯދިއެވެ. އެއީ އިންޓަރ ސުކޫލު މުބާރާތެއްގައި އޭނާ ހޯދި ފުރަތަމަ ރަން މެޑަލެވެ. ހަމަ އެ އަހަރު ބޯއީސް ޑަބަލްސް އިން އަދި ޓީމް އިވެންޓް އިން ނިބާލް އަށް ރިހި މެޑަލް ލިބުނެވެ. އެ ކާމިޔާބީ އާ އެކު މެޑަލްއެއް ނުލިބި ގިނަ ދުވަސްވުމުގެ ފަޅުކަން ފިލައި ކުރިއަށް ދިޔުމަށް އިތުރު ހިތްވަރާއި ފޯރި ނިބާލަށް ލިބުނެވެ.

އޭގެ ޖެހިގެން އައި އަހަރު ވެސް ނިބާލްގެ ކާމިޔާބީ ވަރަށް ވެސް ފޮންޏެވެ. މޮޅު ކުޅުމެއް ދައްކައި 2 ރަން މެޑަލް ނިބާލް އަށް ލިބިގެން ދިޔައިރު ބެޑްމިންޓަން ކޯޗުންގެ ލޯތައް ނިބާލްއަށް އަމާޒު ވިއެވެ. ނިބާލްގެ މޮޅު ކުޅުން ފެނި ކޯޗުން "އާޝޯހު" ވެ އޭނާއަށް އެ އަހަރު ގައުމީ ޖޫނިއަރ ޓީމުން ފުރުސަތު ލިބުނެވެ.

2016 ވަނަ އަހަރު ބެޑްމިންޓަންގެ 2 ވަނަ ޑިވިޝަނުގެ މުބާރާތުގައި ވެސް ނިބާލް ވަނީ ބައިވެރިވެފައެވެ. އަދި އެ މުބާރާތުން ނިބާލް ވަނީ ފިރިހެން ސިންގަލްސް އިން ރިހި މެޑަލް ހޯދާފައެވެ.

ޢުމުރުން 15 އަހަރުގައި ފުރަތަމަ ޑިވިޝަނަށް

2017 ވަނަ އަހަރު އުމުރުން އެންމެ 15 އަހަރުގައި ނިބާލް ވަނީ ބެޑްމިންޓަން ފުރަތަމަ ޑިވިޝަނުގެ މުބާރާތުގައި ވާދަކޮށްފައެވެ. އަދި މި މުބާރާތުގައި ނިބާލްގެ ފަރާތުން ފެނިގެން ގޮސްފައިވަނީ އާދަޔާޚިލާފު މޮޅު ކުޅުމެކެވެ. އެ ގޮތުން ސީނިއަރ ކުޅުންތެރިންނާއި ވާދަކޮށް ނިބާލް ވަނީ ލޯ މެޑެއްޔާއެކު ފުރަތަމަ ޑިވިޝަންގެ ކާމިޔާބީ ގުނަން ފަށާފައެވެ.

2017ވަނަ އަހަރު ނިބާލްއަށް އޭނާގެ އެންމެ ފުރަތަމަ ބައިނަލްއަޤްވާމީ މުބާރާތަށް ދިއުމަށް ފުރުސަތު ލިބުނެވެ. މޮރިޝަސް ގައި ބޭއްވި "މޮރިޝަޝް އިންޓަރނޭޝަނަލް ސީރީސް"މުބާރާތުގައި ނިބާލް އަށް މެޑަލް އެއް ނުލިބުނު ނަމަވެސް ބައިނަލްއަޤްވާމީ މުބާރާތްތަކަށް އޭނާގެ ލޯ ހުޅުވި ބައިނަލްއަޤުވާމީ ތަޖުރިބާ އިތުރު ވެގެންދިޔައެވެ.

މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ

ނިބާލް އަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އޭނާ ފާހަގަ ކުރަނީ ފާއިތުވެ ދިޔަ 2019 ވަނަ އަހަރު ގެ އިންޑިއަން އޯޝަން އައިލަންޑް ގޭމްސް އިން ޓީމް އިވެންޓުގައި ރާއްޖޭގެ ބެޑްމިންޓަން ޓީމުން ހޯދި ލޯ މެޑެއްޔެވެ.

އެ ކާމިޔާބީ އަކީ ނިބާލް އަށް ކުރިއެރުމަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ހިތްވަރު ކަމަށާއި ބައިނަލްއަޤްވާމީ ފެންވަރުގައި ވެސް ކުރިއަށް ދެވިދާނެކަން އެ މުބާރާތުން އެނގިގެން ދިޔަ ކަމަށް ވެސް ނިބާލް ބުންޏެވެ.

ކުޑައިރު ރައީސް މައުމޫނާއެކު ކުޅުމުގެ ފުރުސަތު ލިބުނު ، މިހާރު އެމަނިކުފާނަކީ ނިބާލްގެ ސަޕޯޓަރެއް

"ދެން"އަށް މައުލޫމާތު ދެއްވަމުން ނިބާލްގެ ބައްޕަ ފާހަގަ ކުރި އެއް ކަމަކީ، ޅަ ޢުމުރުގައި ވެސް ނިބާލް ބޮޑެތި މީހުންނާ އެކު ކުޅުމަށް ހިތްވަރު ލިބުނު ސަބަބެވެ. އެކަން ފެށިގެން އައި ގޮތެވެ. ނިބާލްގެ ކާމިޔާބީގެ އެތައް ވާހަކައެއް އަޅުގަނޑަށް ކުރިންވެސް ވަނީ އިވިފައެވެ. ނަމަވެސް މި ވާހަކަ ވީ މުޅިން އައު ވާހަކަ އަކަށެވެ.

ނިބާލް ތަންކޮޅެއް ކުޑައިރު އޭނާއަށް ރައީސް މައުމޫނާއެކު ކުޅުމުގެ ފުރުސަތު ލިބުނު ކަމަށާއި ނިބާލް ބޮޑެތި މީހުންނާ އެކު ކުޅުމަށް ބިރު ކެނޑުނު އެއް ސަބަބަކީ އެއީ ކަމަށް ނިބާލްގެ ބައްޕަ ބުންޏެވެ. އަދި މިހާރުވެސް ނިބާލްގެ މެޗުތަކުގެ ޚަބަރު ބައެއް ފަހަރު އޭނާ ގާތުން އައްސަވައިގެން ރައީސް މައުމޫން ބައްލަވަމުން ގެންދަވާ ކަމަށް ނިބާލްގެ ބައްޕަ ބުންޏެވެ. އަދި އެކަމަކީ ވަރަށް އުފާ ކުރާ ކަމެއް ކަމުގައި ވެސް ފާހަގަ ކުރިއެވެ.

ނިބާލް ބުނީ، ރައީސް މައުމޫން އާ އެކު ކުޅެލުމުގެ ފުރުސަތު ލިބުމަކީ ލިބުނު ފަޚުރެއް ކަމަށާއި އެކަމާ މެދު ވަރަށް ބޮޑަށް އުފާ ކުރާ ކަމަށެވެ.

ކާމިޔާބީގެ އެންމެ ބޮޑު ސިއްރަކީ މަންމައާއި ބައްޕަ

ނިބާލްގެ ކާމިޔާބީގައި އެންމެ ބޮޑު ހިތްވަރެއް ލިބުނީ ކޮން ބައެއްގެ ފަރާތުންތޯ ނިބާލް އާ އަޅުގަނޑު ސުވާލު ކޮށްލީމެވެ. ނިބާލް ބުނީ ނިބާލްގެ މަންމަ އާއި ބައްޕަގެ ސަޕޯޓާ ނުލާ ނިބާލް އަށް މިއަދު އެ ހުރި ހިސާބަށް ނާދެވުނީސް ކަމަށެވެ. އަދި މަންމަ އާއި ބައްޕަ އަކީ އޭނާގެ ކާމިޔާބީގެ އެންމެ ބޮޑު ސިއްރު ކަމަށްވެސް ނިބާލް ފާހަގަ ކުރިއެވެ. އަދި ނިބާލް ކުޅޭ ކޮންމެ މެޗެއް ބެލުމަށް މަންމަ އާއި ބައްޕަ ދިއުމަކީ އޭނާ އަށް ލިބިގެންދާ ވަރަށް ބޮޑު ހިތްވަރެއް ކަމަށް ވެސް އޭނާ ބުންޏެވެ.

ނިބާލްގެ ކުރިމަގަށް ނިބާލްގެ ބައްޕަ ކުރާ އުއްމީދު ވަރަށް ވެސް ބޮޑެވެ. ދިވެހިރާއްޖެއަށް ބެޑްމިންޓަން އިން ރަން މެޑަލް އެއް ހޯދައިދޭނޭ ދުވަހަކީ ނިބާލްގެ ބައްޕަ އެންމެ ދެކެން ބޭނުންވާ އެއް ދުވަހެވެ. އަދި އެއީ އޭނާގެ ދުއާއެވެ.

ނިބާލްގެ އެންމެ ފުރަތަމަ ކޯޗް ، އިއްޕަގެ ނަޒަރުގައި ނިބާލް

ނިބާލްގެ އެންމެ ފުރަތަމަ ކޯޗު އަދި މިހާރު ބެޑްމިންޓަން އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އިޝްފާން (އިއްޕަ) އަކީ ނިބާލްގެ ކާމިޔާބީގައި ހަމަ ގައިމުވެސް އެންމެ ބޮޑު ދައުރެއް އަދާ ކުރި އެކަކެވެ. "ދެން" އާ ވާހަކަ ދައްކަމުން އިއްޕަ ވިދާޅުވީ، ނިބާލް އާ އެންމެ ފުރަތަމަ ދިމާވީ އިމާދުއްދީން ސުކޫލުގެ އިންޓަރސުކޫލް ފަރިތަކުރުން ތަކުން ކަމަށާއި ނިބާލްގެ ހުނަރުއެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ފާހަގަ ކުރެވުނު ކަމަށެވެ. ނަމަވެސް ނިބާލް އިސްކޮޅު ތަންކޮޅެއް ކުރުވުމުން ކުޅުމަށް ދަތިތަކަކާ ކުރިމަތިވި ކަމަށް އިއްޕަ ވިދާޅުވިއެވެ. އެހެން އެކަން އޮތްކަމުގައި ވިޔަސް އިއްޕަ ފާހަގަ ކުރި ކަމަކީ ނިބާލް ގެ ހިތްވަރެވެ. ގަދަ އަޅައި ކުރި މަސައްކަތެވެ. އިސްކޮޅަކީ އަދި ތިމާއަށް އެކަން ނުވާންވީ ސަބަބެއް ނޫންކަން ނިބާލް ސާބިތު ކޮށްދިނެވެ. އޭރުވެސް އަދި މިހާރު ވެސް ނިބާލް އަކީ ވަރަށް "ހާރޑް ވާރކިންގް" ކުޅުންތެރިއެއް ކަމަށް އިއްޕަ ވިދާޅުވިއެވެ.

ކޯޓުގައި ވެސް އަދި ކޯޓުން ބޭރުގައި ވެސް ނިބާލް އަކީ ވަރަށް އަހުލާގު ރަނގަޅު ކުޅުންތެރިއެއް ކަމަށް އިއްޕަ ފާހަގަ ކުރެއްވިއެވެ. އޭގެ އިތުރުން އިއްޕަ ފާހަގަ ކުރީ، ބެޑްމިންޓަން އަކީ ޒުވާން ކުޅުންތެރިންނަށް ވަރަށް ބޮޑަށް އިސްކަންދީ ، ފުރުސަތުތައް ދެމުން އަންނަ ކުޅިވަރެއް ކަމަށެވެ. އަދި ޒުވާން ކުޅުންތެރިން ކުރިއެރުވުމަކީ މިހާރު ސަރުކާރުން ވެސް ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމެއް ކަމުގައި އިއްޕަ ވިދާޅުވިއެވެ.

ނިބާލްއާ މެދު ކުރެވޭ އުއްމީދަކީ ކޮބައިތޯ ކުރި ސުވާލަކަށް ޖަވާބު ދެމުން އިއްޕަ ވިދާޅުވީ، އޭނާ ނިބާލް އާ މެދު ކުރާ އުއްމީދަކީ ގައުމީ އެއްވަނަ އަށް ވުން ނޫން ކަމަށެވެ. ނިބާލް އަކީ މަސައްކަތް ކޮށްފި ނަމަ ސާފް ސަރަހައްދުގައި ވެސް ނަން ވިދާލާނެ ކުޅުންތެރިއެއް ކަމަށާއި އުއްމީދު ކުރަނީ، ސާފްގެ ވަރުގަދަ ގައުމުތަކާއި ދެކޮޅަށް ރަނގަޅު ނަތީޖާ ތަކެއް ހޯދާނެ ދުވަހެއް ފެނުން ކަމަށް އިއްޕަ ވިދާޅުވިއެވެ.

އަޖްފާން ބުނަނީ ނިބާލްއަކީ ސަޅި ޓީމް މޭޓެއް ކަމަށް

ނިބާލް އާ ބެހޭގޮތުން އެންމެ ބޮޑަށް ފާހަގަ ކުރެވޭ ކޮބައިތޯ ސުވާލު ކުރުމުން މިހާރުގެ ބެޑްމިންޓަން ގައުމީ ޗެމްޕިއަން އަޖުފާން ބުނީ، ނިބާލް އަކީ ގޭމް "އެންޖޯއީ" ކުރާ ކުޅުންތެރިއެއް ކަމަށެވެ. އަދި ބެޑްމިންޓަން ކުޅެން ފަށާ ގިނަ ކުޅުންތެރިންގެ މައްސަލަ އަކީ ފޯކަސް އެހެން ދިމަދިމާލަށް ދިއުން ކަމަށާއި، ނަމަވެސް ނިބާލްގެ ފޯކަސް ވަރަށް ރަނގަޅުކަން ފާހަގަ ކުރެވޭ ކަމަށް އަޖުފާން ބުންޏެވެ. ނިބާލް އަކީ އެންމެނާވެސް ގުޅޭ މަޖާ މިޒާޖެއްގެ މީހެއް ކަމަށާއި ނިބާލް އާ އެކު މަސައްކަތް ކުރުމަކީ ވަރަށް ވެސް ފަސޭހަ އަދި އުފާކުރާ ކަމެއް ކަމަށް އަޖުފާން ބުންޏެވެ.

ނިބާލްގެ ފާހަގަ ކޮށްލެވޭ އެންމެ ބޮޑު އެއްކަމަކީ ނިބާލްގެ "ނެވަރ ގިވިންގ އަޕް ސްޕިރިޓް" ކަމަށް އަޖުފާން ބުންޏެވެ. އަދި ކޯޓްގައިވެސް އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް މަސައްކަތް ކުރާ ކުޅުންތެރިއެއްގެ ގޮތުގައި އަޖުފާން، ނިބާލް ފާހަގަ ކުރިއެވެ.

އުއްމީދަކީ ޤައުމު ފަޚުރުވެރި ކުޅުންތެރިއަކަށް ވުން

ނިބާލްގެ އުއްމީދަކީ ކުރިއަށް އޮތްތަނުގައި ގައުމަށް ރީތި ނަން ހޯދައިދީ މުޅި ގައުމު ފަޚުރުވެރިވާފަދަ ކުޅުންތެރި އަކަށް ވުން ކަމުގައި އޭނާ ބުންޏެވެ. އަދި މި ހިސާބަށް އާދެވުމުން ވަރަށް އުފާވާ ކަމަށާއި މިހާރު ކުރަމުން އަންނަ މަސައްކަތް ދުވަހަކު ވެސް ހުއްޓާ ނުލާނެ ކަމަށް ނިބާލް ބުންޏެވެ.

ނިބާލް ބުނީ، އޭނާ އަށްވެސް "ގިވް އަޕް" ކުރަން އެތައް ފަހަރަކު ހިތަށް އެރި ކަމަށެވެ. ނަމަވެސް ދުވަހަކުވެސް ހިތްވަރު އެލުވައިނުލާ މަސައްކަތް ކުރުމުގެ ނަތީޖާ މިއަދު ފޮނި ކަމަށާއި ކާމިޔާބީ އަކީ ފަސޭހައިން ހޯދޭނެ އެއްޗެއް ނޫން ކަމަށް ނިބާލް ބުންޏެވެ. އަދި ބެޑްމިންޓަން ކުޅެން ބޭނުންވާ ކުދިންނަށް ރާއްޖޭގައި ފުރުސަތު އެބައޮތް ކަމަށާއި، ބެޑްމިންޓަން ކުޅެން ބޭނުން ނަމަ އެކަމުގައި ސާބިތުވެ ކުރިއަށް ދިއުމުން ކާމިޔާބު ހޯދޭނެ ކަމަށް ނިބާލް ވަނީ ބުނެފައެވެ.

ނިބާލް ބުނެދެނީ، ދުވަހަކުވެސް ހިތްވަރު ދޫ ނުކޮށްލުމަށެވެ. ދުވަހަކުވެސް ހިތްވަރު އެލުވައި ނުލުމަށެވެ. އަދި ދުވަހަކުވެސް ތިމާއަށް އެކަމެއް ނުވާނޭ ބުނެ އެކަން ދޫކޮށް ނުލުމަށެވެ. އޭރުން ކާމިޔާބީގެ ފޮނި ރަހަ ލިބޭނެކަން ގައިމެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!