ޚަބަރު

ގާސިމްގެ މަރު : އަދުހަމް އަނެއްކާ ވެސް ކުށަށް އިއުތިރާފު ވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ތޫނު އެއްޗަކުން ހަމަލާދީ، ޓެކްސީ ޑްރައިވަރު ގާސިމް ޙަސަން މަރާލި މައްސަލައިގެ ދައުވާ އުފުލާފައިވާ ޅ.ހިންނަވަރު ބޮޑުހިޔާގެ، އަދުހަމް މުހައްމަދު އަނެއްކާ ވެސް ކުށަށް އިއުތިރާފު ވެއްޖެއެވެ.

Ads by STELCO

ގާސިމަށް ހަމަލާ ދީފައި ވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހު، ޓެކްސީ ދަތުރެއް ކޮށްދެނިކޮށް ހުޅުމާލޭ ގައެވެ.

މިމައްސަލައިގައި އަދުހަމް ހައްޔަރު ކޮށްފައި ވަނީ، އޭގެ 11 ދުވަސް ފަހުން ޑިސެމްބަރު މަހުގެ 15 ވަަނަ ދުވަހުގައެވެ.

މިމައްސަލައިގެ ތަހުގީގު މަރުހަލާގައި އަދުހަމް ވަނީ ކުށަށް އިއުތިރާފްވެ މައްސަލައިގެ ތަހުގީގު އަވަސްކޮށް އަވަސް ނިޔާގެ އެއްބަސްވުމެއް ދައުލަތާ އެކު އެކުލަވާލަން ވެސް އެއްބަސްވެފައެވެ. ނަމަވެސް ފަހުން އޭނާ އެ ކުށަށް އިންކާރު ކުރިއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލައިގެ ޝަރީއަތުގައި މިއަދު ބޭއްވި އަޑުއެހުމުގައި އަދުހަމްގެ ގާނޫނީ ވަކީލު ވިދާޅުވީ އަދުހަމް މިހާރު ބޭނުން ވަނީ ކުރިން ދައުލަތާއެކު ގާއިމް ކުރި ކުށުގެ އިއުތިރާފް އެއްބަސްވުމާއެކު ކުރިއަށް ދިއުމަށް ކަމަށާއި އަދަބު ލުއިވާނެ ގޮތެއް ހަމަޖައްސަން ކަމަށެވެ.

ނަމަވެސް މިމައްސަލަ ބައްލަވާ ގާޒީ އިސްމާއީލް ރަޝީދު ވިދާޅުވީ ދައުލަތާއެކު އަދުހަމް ގާއިމް ކުރި އެއްބަސްވުން އަނބުރާ ގެންގޮސް ކުށަށް އިންކާރު ކޮށްފައި ވާތީ އެއީ މިހާރު ވުޖޫދުގައި އޮތް އެއްބަސްވުމެއް ގޮތުގައި ބެލެވެން ނެތް ކަމަށެވެ.

އެއަށް ފަހު ދެ ފަރާތަށް ހެކި ހުށަހަޅަން ފުރުސަތު ދިނުމުން ދައުލަތުގެ ފަރާތުން ވަނީ އަދުހަމްގެ މައްޗަށް ކުށް ސާބިތު ކުރުމަށް ހެކިތަކެއް ހުށަހަޅައިފައެވެ. އަދުހަމްގެ ފަރާތުން ދިފާއުގައި އެއްވެސް ހެއްކެއް ހުށަހަޅާފައެއް ނުވެއެވެ.

މި މައްސަލައިގައި ދެން އޮންނާނީ ހެކި ނެގުމަށް ކުރިއަށްދާނެ އަޑުއެހުންތައް ކަމަށް ފާހަގަ ކުރައްވައި، ދެން އަޑުއެހުމެއް އޮންނާނީ އަންނަ މަހުގެ 18 ވަނަ ދުވަހުގައި ކަމަށް އިއުލާން ކުރެއްވުމަށް ފަހު މިއަދުގެ އަޑުއެހުން ގާޒީ ނިންމަވާ ލެއްވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!