ފެރީއަދި ބަސް ހިދުމަތް ލިބޭނެ އެންމެ ފަހު ގަޑިއަކީ ރޭގަނޑު 10:30

ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ހަރުކަށި ކުރުމާ ގުޅިގެން، މިރެއިން ފެށިގެން ފެރީ އަދި ބަސް ހިދުމަތް ދޭނެ އެންމެ ފަހު ގަޑިއަކީ 10:30 ކަމުގައި ހަމަޖައްސައިފިއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުމުގައި ސުޕްރިޑެންޓް އޮފް ޕޮލިސް ހުސެން ސަމީރު ވިދާޅުވީ އާންމު ދަތުރުފަތުރުތަކުގެ ހިދުމަތް ދެވޭނެ އެންމެ ފަހު ގަޑިއަކީ ރޭގަނޑު 10:30 ކަމަށެވެ. އޭގެ ތެރޭގައި ބަސް، ފެރީ އަދި ޓެކްސީ ހިމެނޭނެ ކަން އޭނާ ފާހަގަ ކުރެއްވިއެވެ.
އެއްގަމު އުޅަނދު ދުއްވުން މަނާ ގަޑިތަކުގައި ޒަރޫރީ ހާލަތްތަކުގައި ބޭނުން ކުރުމަށް ކޮންމެ ޓެކްސީ ސެންޓަރަކަށް ވެސް 10 ހުއްދަ ދެވިގެން ދާނެ ކަމަށް ވެސް ސަމީރު ފާހަގަ ކުރެއްވިއެވެ.
އަދި ސެކިއުރިޓީ ބަލަހައްޓާ ފަރާތްތަކާއި، ފެނާއި ގޭސް އުފުލާ ފަރާތްތަކުގެ އިތުރުން ކުނި އުފުލާ ވެމްކޯ މުވައްޒަފުން ވެސް ފާސް ދެއްކުމުން ހުއްދަ ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އޮފީސްތަކާއި ކޮމްޕެނީތަކުން ޑިއުޓީ އަށް އެވަގުތު ތަކުގައި ވަޑައިގަންނަވާ ފަރާތްތައް ވެސް ދަތުރުގެ އިންތިޒާމު އެ ކުންފުންޏަކުން ހަމަޖެއްސުމަށް ފުލުހުން ވަނީ އެދިވަޑައިގެންފައެވެ.