އެމްއެމްއޭގެ ލަފާ ؛ ޚަރަދުތައް ކުޑަކޮށް، މާލީ އިސްލާހުތައް އަވަސްކުރުމަށް

އަންނަ 2027ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ 59.7 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓުގެ ތެރެއިން އެންމެ ބޮޑު ބައެއް ރިކަރަންޓް ޚަރަދަށް ހޭދަވާތީ، ދައުލަތުގެ ޚަރަދުތައް ކުޑަކޮށް މާލީ އިސްލާހުތައް ހަލުވިކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ލަފާދީފިއެވެ.
އެމްއެމްއޭއިން ނެރުނު ލަފާގައި ބަޔާންކޮށްފައިވާ ގޮތުން، އަންނަ އަހަރުގެ ބަޖެޓަކީ 9.4 ބިލިއަން ރުފިޔާގެ (ޖީޑީޕީގެ 7 އިންސައްތަ) ޑެފިސިޓް ބަޖެޓެކެވެ. މުޅި ބަޖެޓުގެ ތެރެއިން 42.7 ބިލިއަން ރުފިޔާ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކާއި، ޕެންޝަން އަދި ސަބްސިޑީ ފަދަ ރިކަރަންޓް ޚަރަދުތަކަށް ހޭދަވާނެކަމަށް ލަފާކޮށްފައިވާއިރު، މިއީ މާލީ ނިޒާމަށް އޮތް ގޮންޖެހުމެއްކަން އެމްއެމްއޭއިން ވަނީ ފާހަގަކޮށްފައެވެ.
މިކަމަށް ހައްލު ހޯދުމުގެ ގޮތުން ދައުލަތުގެ ޚަރަދުތައް ބެލެހެއްޓުމުގައި މިހާރަށްވުރެ ފަރުވާތެރިވުމަށް އެ އޮތޯރިޓީން ވަނީ އިރުޝާދު ދީފައެވެ. އެގޮތުން، އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް އެކަނި ކަރަންޓު ސަބްސިޑީ އަމާޒުކުރުމަށާއި، ސިއްހީ ދާއިރާއަށް ގެންނަން ނިންމާފައިވާ މާލީ އިސްލާހުތައް ލަސްނުކޮށް ތަންފީޒުކުރުމަށް ވަނީ ލަފާދީފައެވެ. އޭގެ އިތުރުން، ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި މިހާރުގެ އިގްތިސާދީ ހާލަތަށް ރިއާޔަތްކޮށް، އެންމެ މުހިންމު މަޝްރޫއުތަކަށް އިސްކަންދިނުމަށާއި އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއުތައް އަވަސްކުރުމަށް ވެސް ވަނީ އެދިފައެވެ.
ޚަރަދު ކުޑަކުރުމުގެ އިތުރުން، އާމްދަނީ އިތުރުކުރެވޭނެ މަގުތައް ތަނަވަސްކުރުމަށް ވެސް މަރުކަޒީ ބޭންކުން ވަނީ ބާރުއަޅާފައެވެ. އެގޮތުން އިގުތިސާދު ސިންދަފާތުކުރުމާއި، ފަތުރުވެރިކަމުގެ ދެމެހެއްޓެނިވިކަން ވަރުގަދަކުރުމާއި، އާމްދަނީ ބެލެހެއްޓުމުގެ އިދާރީ ކަންކަން މިހާރަށްވުރެ ހަރުދަނާކުރުން މުހިންމުކަމުގައި އެމްއެމްއޭއިން ބުނެފައިވެއެވެ.
އެމްއެމްއޭއިން ޖުމްލަގޮތެއްގައި ބުނެފައި ވަނީ، މެދު ރާސްތާގެ މާލީ ލަނޑުދަނޑިތައް ހާސިލުކޮށް، އިގްތިސާދަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަނެވޭނީ ހަރުދަނާ އަދި ދެމެހެއްޓެނިވި މާލީ އިސްލާހުތަކެއް އެކުއެކީގައި ގެނެސްގެން ކަމަށެވެ. މިއީ ރާއްޖޭގެ ދިގު ރާސްތާގެ އިގުތިސާދީ އަދި މާލީ ހަމަޖެހުމަށް ކޮންމެހެން ބޭނުންތެރި ކަމެއްކަމަށް ވެސް އެ އޮތޯރިޓީން ވަނީ ތަކުރާރުކޮށްފައެވެ.





ކޮމެންޓް