ދެން ފުރަމަލަ

ޖިންސީގޯނާއާއި ދެކޮޅަށް ތެދުވި 17 އަހަރުގެ އައުސަމް : އައްސަރި ބަހާ ސާބަސް

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އަޅުގަނޑުމެންގެ މި ކުޑަކުޑަ މުޖުތަމައުގައި ވެސް ޖިންސީ ގޯނާގެ މައްސަލަތައް ވަރަށް ގިނައެވެ. ކޮންމެ ދުވަހަކުމެ ޖިންސީ ގޯނާގެ ޝިކާރައަކަށް އެތައް ކުދިންނެއް ވެގެންދާއިރު މިވާހަކަ ދައްކާ މާގިނަ ބަޔަކު އުޅޭހެނެއް ހިޔެއް ނުވެއެވެ. ޖިންސީ ގޯނާގެ ގިނަ ވާހަކަތައް އޮންނަނީ ސިއްރު ކުރެވިފައެވެ. ތިމާގެ އަގު ނުވަތަ އާއިލާގެ އަގު ހިފެހެއްޓުމަށް ޓަކައި ހިންދާލެވިފައެވެ.

Ads by STELCO

އުމުރުން އެންމެ 17 އަހަރުގެ އައްޑޫ ސިޓީ އަށް އުފަން އައުސަމް އަލީ ބޭނުންވީ މިކަންތައްތައް ބަދަލު ކުރާށެވެ. ރޭޕްގެ ޝިކާރައަކަށް ވެފައިވާ ކުދިންގެ ވާހަކަތައް ހިއްސާ ކުރެވޭނެ މަގެއް ތަނަވަސް ކޮށްދޭށެވެ. ރޭޕްއާ ދެކޮޅަށް އަޑުއުފުލުމަށް ގިނަ ބަޔަކަށް ހިތްވަރު ދިނުމަށެވެ. މި ކަންތައްތައް ހާސިލު ކުރުމަށް ޓަކައި އައުސަމް ނިކުތީ ނުގުޑާ އަޒުމަކާ އެކުގައެވެ.

އައުސަމްގެ އިސްނެގުމުގެ ދަށުން އޭނާ ވަނީ ފޭސްބުކުގައި "ޖަސްޓިސް ފޯރ ސަވައިވާރސް" ގެ ނަމުގައި ގުރޫޕެއް ހަދާފައެވެ. މި ގްރޫޕްގައި އޭނާ ބޭނުންވީ ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައިވާ މީހުންގެ ވާހަކަ ތައް ހިއްސާ ކުރާށެވެ. އެންމެ ފުރަތަމަ އަމިއްލަ އަށް ޕޯސްޓު ކުރުމަށް ހުޅުވާލިއެވެ. ނަމަވެސް އެގޮތަށް ހިއްސާ ކުރަން ގިނަ ބަޔަކަށް ނުކެރޭނެތީ އޭނާއަށް ނުވަތަ އޭނާގެ ޓީމުގެ ބައިވެރިއަކަށް އެފަދަ ވާހަކަތައް މެސެޖު ކުރުމަށް އެދުނެވެ. އަދި އެވަރުން ނިންމާލީއެއް ނޫނެވެ. ކާކުކަން ނޭނގޭ ގޮތަށް ތިމާއަށް ދިމާވެފައިވާ ކަމެއް ހިއްސާ ކުރެވޭނެހެން ގޫގްލް ފޯރމްސް ބޭނުން ކޮށްގެން ވާހަކަ ހިއްސާ ކުރެވޭނެ ގޮތް ވެސް ހަމަޖެއްސީއެވެ.

އައުސަމް އާއި އޭނާގެ ވަރުގަދަ ޓީމުގެ މަސައްކަތް ވަރަށް ވެސް ކާމިޔާބެވެ. އެތައް ދުވަހެއް ވަންދެން ހިތުގައި ފޮރުވާފައި ހުރި ވާހަކަތައް އެތައް ބަޔަކު ދިޔައީ ހިއްސާ ކުރަމުންނެވެ. ގުރޫޕްގެ މެމްބަރުންވެސް ދިޔައީ ބާރު ސްޕީޑެއްގައި އިތުރު ވަމުންނެވެ. ގޫގްލް ފޯރމްސް އިންވެސް ގިނަ ވާހަކަ ތަކެއް އައުސަމް އާއި އޭނާގެ ޓީމުން ވަނީ މީސް މީޑިޔާގައި ހިއްސާ ކޮށްފައެވެ.

މިފަދަ ކޮންމެ ކަމަކީވެސް ވަގުތު ހޭދަ ވާނެ ކަމެއް ކަން ޔަގީނެވެ. އައުސަމް އާއި އޭނާގެ އެކުވެރިން މިކަން ކުރަނީ އެ ކުދިންނަށް އުޖޫރައެއް ލިބޭތީއެއް ނޫނެވެ. ނަމަވެސް ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައިވާ މީހުންގެ ހައްގުތައް ހޯދައި ދިނުމަށް ބޭނުންވާތީއެވެ. އެމީހުންނަށް އިންސާފު ލިބުން އެދި ކެތްމަދުވެފައި ތިބީމައެވެ.

ދެން އެމްވީ އާ ވާހަކަ ދައްކަމުން އައުސަމް ބުނީ މި ގްރޫޕް ހެދުމުގެ ހިޔާލު އެންމެ ފުރަތަމަ އޭނާއަށް އައީ އޭނާގެ ރަހުމަތްތެރިއެއް ޖިންސީ ގޯނާގެ ޝިކާރައަކަށް ވެ އެވާހަކަ ކިޔައިދޭން އެ ރަހުމަތްތެރިޔާ އަށް ހުންނަން ޖެހުމުން ކަމުގައެވެ. އެފަދަ އެތައް ކުދިންނެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވާނެކަން އޭނާ އަށް ވިސްނައިގަނެވުނު ކަމަށާއި އެކަމަށް ހައްލެއް ހޯދޭތޯ މަސައްކަތް ކުރާނެ ގޮތެއް ވިސްނަން ފެށީ އެހިސާބުން ކަމުގައި އައުސަމް ބުންޏެވެ.

އެގޮތުން އެކަމާމެދު ކުރެވޭނެ މަސައްކަތަކީ ކޮބާތޯ ރައްޓެހިންނާއެކު މަޝްވަރާ ކުރި ކަމަށް އައުސަމް ބުންޏެވެ. އަދި އޭނާގެ ރަހުމަތްތެރިއަކު ގްރޫޕެއް ފޭސްބުކުގައި ހެދުމަށް ހިޔާލުދިން ކަމަށާއި މި ގްރޫޕް ހެދި އިރު މިހާބޮޑު ތަރުހީބެއް ލިބޭނެ ކަމަށް އުއްމީދު ނުކުރާ ކަމުގައި އައުސަމް ބުންޏެވެ.

އައްޑޫގައި ދާދި ފަހަކުން ބޭއްވި ޖިންސީ ގޯނާޔާ ދެކޮޅަށް އަޑު އުފުލުމުގެ އިހްތިޖާޖެއްގައި ވެސް އައުސަމް ވަނީ އިސް ސަފުގައި ހަރަކާތްތެރިވެފައެވެ. އެ އިހްތިޖާޖްގައި އައުސަމް ވަނީ ޖިންސީ ގޯނާޔާ ދެކޮޅަށް އޭނާގެ ހިޔާލު ފާޅުކޮށް އަޑު އުފުލާފައެވެ.

އައުސަމް އާއި އޭނާގެ އެކުވެރިން ހެދި މި ގްރޫޕުގައި މިހާރު ފަސްހާހަށް ވުރެ ގިނަ މެމްބަރުން ތިބި އިރު މި ގްރޫޕްގައި އެތައް ބަޔަކު ދަނީ ޖިންސީ ގޯނާޔާ ދެކޮޅަށް އަޑު އުފުލަމުންނެވެ.

މިއީ އުމުރުން އެންމެ 17 އަހަރުގެ ކުއްޖަކު ޖިންސީ ގޯނާޔާ ދެކޮޅަށް ތެދުވެ ކުރި މަސައްކަތެވެ. އަދި އިތުރަށްވެސް ކުރެވެން އޮތް ކޮންމެ މަސައްކަތެއް ކުރާނެ ކަމުގައި އައުސަމް ބުންޏެވެ. އުމުރުން އެންމެ 17 އަހަރުގެ މި ކުއްޖާ އަދި އޭނާގެ އެކުވެރިން މި ކުރާ ފަދަ މަސައްކަތް ގައުމުގެ ގިނަ ފަރުދުންތަކެއް ކުރަން ފަށައިފި ނަމަ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ތަފާތު ފެންނާނެއެވެ. ޖިންސީ ގޯނާގެ މައްސަލަ ތައް މަދުވެގެން ދާނެއެވެ.

އުމުރުން އެންމެ 17 އަހަރުގައި އައުސަމް ކުރަމުން އެގެންދާ މަސައްކަތަށް ޝުކުރު ހައްގެވެ. އަދި އައްސަރިބަހާއި ސާބަސް ރައްދު ކުރަމެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!