ޚަބަރު ރައްޔިތުންގެ މަޖިލިސް

މަލީޙް މަގާމުން ދުރުކޮށްފި ،އިތުބާރު އޮތް ކަމަށް ވޯޓް ދެއްވީ އެންމެ މެންބަރެއް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީޙް ޖަމާލު މަޤާމުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅައިފިއެވެ. މިގޮތަށް ކަނޑައަޅާފައި ވަނީ ވޯޓްގައި ބައިވެރިވި މެންބަރުންގެ ތެރެއިން 59 މެންބަރުންގެ ތާޢީދާއެކުގައެވެ. ތާޢީދު އޮތް ކަމަށް ވޯޓް ދެއްވާފައި ވަނީ އެންމެ މެންބަރެކެވެ.

Ads by MWSC

މިނިސްޓަރ މަލީޙް އެމަގާމުން ވަކި ކުރަން މިއަދު ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެ ތިބީ 70 މެންބަރުންނެވެ. އޭގެ ތެރެއިން މަލީޙް އެ މަގާމުން ވަކިކުރަން 59 މެންބަރުންނަށް ފެނިފައިވާއިރު، ނުފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ. އަދި ވަކި ގޮތަކަށް ވޯޓު ނުދެއްވާ ހަތަރު މެންބަރުން ތިބިއިރު މިވޯޓުގައި ބައިވެރިވީ 60 މެންބަރުންނެވެ.

ޖުމްހޫރީ ޕާޓީގެ ސްލޮޓްގައި މިނިސްޓަރކަމުގެ މަޤާމު އަދާ ކުރައްވަމުން ގެންދެވި މަލީޙްގެ އިތުބާރު ނެތްކަމުގެ މައްސަލަ،މަޖިލީހަށް ހުށަހަޅާފައިވަނީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމެވެ.

މިއީ މިސަރުކާރުގެ ވަޒީރަކު ރައްޔިތުންގެ މަޖިލީހުން އިތުބާރު ނެތް ކަމަށް ކަނޑައެޅި ފުރަތަމަ ފަަހަރުކަން ފާހަގަކޮށްލެވެއެވެ.

މަލީޙްގެ އިތުބާރު ނެތް ކަމަށް މިދިޔަ އަހަރު އެމްޑީޕީގެ ޕީޖީ ގްރޫޕްއިން ނިންމާ ރައީސް ޞާލީހަށް ވަނީ ހުށަހަޅާފައެވެ. ނަމަވެސް އެމައްސަލައިގައި ވަކި ގޮތަކަށް ރައީސް އަމަލު ނުކުރެއްވުމުން، ޕީޖީ ގްރޫޕްގެ ފަރާތުން އެމައްސަލަ މަޖިލީހަށް ވެއްދީއެވެ.

މަލީހުގެ އިތުބާރު ނެތްކަމަށް މިއަދު ވޯޓު ނެގުމުގެ ކުރިން، އޭނާ ވަނީ މަޖިލިސް ޖަލްސާއަށް ހާޒިރު ކޮށްފައެވެ.

އެގޮތުން މިއަދުގެ ޖަލްސާގައި މަލީޙް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތަޢުލީމީ ފެންވަރު ކަނޑައަޅަން ޖެހޭ ކަމަށާއި އެކަމަށް ތަކުރާރުކޮށް ވަކާލާތު ކުރައްވަމުން ގެންދަވާ ކަމަށެވެ.

"ތަކުރާރުކޮށް އަޅުގަނޑުމެން ވަކާލާތު މިކުރަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތަޢުލީމީ ފެންވަރު ކަނޑައެޅެން އެބަޖެހޭ. އެކަން ކުރަން އެބަޖެހެއޭ." މަލީޙް ވިދާޅުވިއެވެ.

މަޖިލީހުން ވަޒީރުގެ އިތުބާރު ނެތް ކަމަށް ނިންމެވިއިރު، މިމައްސަލައިގައި ރައީސް ޞާލިޙް އަދި ވަކިއެއްޗެއް ހާމަކުރައްވާފައެއް ނުވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!