ޚަބަރު ރައްޔިތުންގެ މަޖިލިސް

މަޖިލީހަކީ ސިއްރު ހިފެހެއްޓޭ ތަނެއް ނޫން، އުތުރު ތިލަފަޅު އެއްބަސްވުން ކޮމިޓީއަށް ގެނައުމާ ދެކޮޅު: ރޮޒައިނާ

ރައުފާ ރަޝީދު ، ދެން އޮންލައިން

އުތުރު ތިލަފަޅުގައި ޑޮކްޔާޑަކާއި ބަނދަރެއް ތަރައްޤީ ކުރުމާ ގުޅޭ ގޮތުން ދިވެހިރާއްޖެއާއި އިންޑިޔާގެ ދެމެދުގައި ހަދާފައިވާ އެއްބަސްވުން ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހުށަހަޅަން ތާޢީދު ނުކުރާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރޮޒައިނާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަކީ ސިއްރު ހިފެހެއްޓޭ ތަނެއް ނޫން ކަމަށާއި ސިޔާސީ ބޭނުމަށްޓަކައި މަޖިލީހުން ނުކުރާނެ ކަމެއް ނޯންނަ ކަމަށެވެ. މިގޮތުން މަޖިލީހަށް ލިބޭ ސިއްރު ލިޔެކިޔުންތައް ލީކުވެފައިވާ ކަމަށާއި ސިއްރު ކޮށްގެން ބާއްވާ ކޮމިޓީ ބައްދަލުވުންތަކުގައި ދައްކާ ވާހަކަތައް ވެސް ލީކުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ސިޔާސީ ބޭނުމަށްޓަކައި ނުކުރާނެ ކަމެއް މިތާކު ނޯވޭ، މި ރައްޔިތުންގެ މަޖިލީހުން ތަކުރާރުކޮށް ސިއްރު ނުހިފެއްޓޭކަން ރައްޔިތުންނަށް ހާމަ ކުރަމުން އެބަދޭ. ސިއްރު ކޮމިޓީތަކުގެ ޑޮކިއުމެންޓްތައް ލީކް އެބަ ކުރޭ. ސިއްރު ކޮމިޓީތަކުގެ ވާހަކަތައް ގޮސް މީޑީއާ ތަކަށް އެބަދޭ. މިތަނަށް ލިބޭ ޑޮކިއުމެންޓްތައް އެބަ ބޭރުކުރޭ" ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ އިތުރަށް ވިދާޅުވީ، މަޖިލީހުން ކުރާ ސިޔާސީ ވާދަވެރިކަމުގެ ތެރެއަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއަށް ވަދެގެން ނޫޅެވޭނެ ކަމަށެވެ. އަދި އެފަރާތްތަކުން ކުރާ މަސައްކަތްތަކަކީ ވަރަށް ސީރިއަސް މަސައްކަތްތަކެއް ކަމަށާއި ބޭރު ޤައުމުތަކާ ގުޅިގެން ކުރާ މިފަދަ މަސައްކަތް ސިޔާސީ އޮއިވަރުގެ ތެރޭގައި އެބޭފުޅުން ހަދާ އެގްރީމެންޓްތައް މަގުމަތިވާން ފުރުސަތު ދެވިގެން ނުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން މިފަދަ އެގްރީމެންޓްތައް ލީކްވާނަމަ ރާއްޖޭގެ ޤައުމީ ދިފާޢާ ބެހޭ ސިއްރުތައް ހުރިހާ ޤައުމުތަކަށް އެނގޭނެ ކަމަށާއި އެއްވެސް ޤައުމެއްގެ ޑިފެންސް ފޯސްއިން ކުރާ މަސައްކަތްތަކަކީ އޭގެ ހުރިހާ ތަފްސީލްތައް މީޑިއާތަކުގައި ޝާއިރުކޮށް އެވާހަކަ ދައްކާ މަސައްކަތްތަކެއް ނޫން ކަމަށް ވެސް ރޮޒައިނާ ވިދާޅުވިއެވެ. އަދި ދިވެހި ރާއްޖެ މީގެ ކުރިން ވެސް ޤައުމުތަކާ ގުޅިގެން މަސައްކަތް ކޮށްފައިވާ ކަމަށާއި އެވާހަކަތައް ނުދައްކަނީ ކީއްވެތޯ ރޮޒައިނާ ސުވާލު އުފެއްދެވިފައެވެ.

"އަޅުގަނޑުމެންގެ ޤައުމަކީ ވޭތުވެދިޔަ ތަނުގައިވެސް ޤައުމުތަކާ ގުޅިގެން މިފަދަ މަސައްކަތް ކުރަމުން އަންނަ ބައެއް" ރޮޒައިނާ ވިދާޅުވިއެވެ.

އުތުރު ތިލަފަޅު އެއްބަސްވުމުގެ ސޮއިކުރި އަސްލު ލިޔުން ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ ނުވަތަ 241 ކޮމިޓީއަށް ގެނެސް އެ އެއްބަސްވުމުގައި ކަންބޮޑުވާން ޖެހޭ ފަދަ ކަންތައްތަކެއް ހުރިތޯ ބެލުމަށް ރައްޔިތުންގެ މަޖިލިހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު އިއްޔެ ވަނީ މަޖިލިހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ފޮނުއްވި ސިޓީއެއްގައި އެދިވަޑައިގެންފައެވެ.

Ads by Allied Insurance
  1. ޢީސަދަރި

    މަޖިލީހެއް ކަމަކު ސިޔާސީ ބޭނުމަށް ޤައުމުގެ މިނިވަންކަން ވިއްކައެއް ނުލެވޭނެ. ބޭނުން ކޮންމެ ކަމެއް ކުރާކަށް މަޖިލީހަށް އިޚުތިޔާރެއް ނޯންނާނެ. ސަބަބަކީ، ދިވެހިރާއްޖެ އަކީ ދިވެހިންގެ ރާއްޖެ. ތިލަފަޅުގެ އެގްރިމެންޓް ނިއްމުމުގެ ކުރިން ރައްޔިތުނަނަށް އެގެން ޖެހޭނެ. ކޮބައިތޯ ތިޔަ ކަމަށް ބޭނުންވާ އެއްކަލަ ރައްވެހި ރީދޫ ހޮޅުއަށި. ކީއްވެގެންތޯ މަޝްވަރާކޮށްލަން ނުކެރެންވީ. ގޯހެއް ނެތް ނަމަ ފާޅުކޮއްލަބަލަ.

  2. އަލިބެ

    ހުސްވަގުން

  3. މަނިއްޕުޅު

    ބަލަ ރޮޒޭނާ ކަލޭމެން މެމްބަރުން މަޖިލިހަށް ހޮވީ ދިވެހި ރައްޔިޔުން. އެމީހުންނަށް ސިއްރުން ކޮންކަމެއް ކުރަން ތިއުޅެނީ. ދެތިންމީހަކުވެގެން. ފުރަތަމަވެސް ތިޔަފަދަ އެއްބަސްވުމެއް ހަދަންޖެހޭނީ ރައްޔަތުންނަށް ސާފްކޮށް ވާނުވާ އެނގިގެން. ވީމާ ތިޔަ އެއްބަސްވުމަކީ ބާތިލް އެއްބަސްވުމެއްކަމަށް ރައްޔިތުންނަށް ދައުވާ ކުރެވޭނެ. އަދި ބާތިލްވެސް ކުރެވޭނެ.