ލުއި ޚަބަރު

މީހެއްގެ ރޯދަ ސަލާމަތް ކޮށްދިނުމުން ހަދިޔާއެއްގެ ގޮތުގައި މި މީހާއަށް ލިބުނީ އައިފޯން 12 ޕްރޯ މެކްސްއެއް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޓިއުނީޝިއާގެ އަވަށެއްގައި ޒުވާން މުސްލިމު ފިރިހެނަކު، އެހެން މީހެއްގެ ރޯދަ ސަލާމަތް ކޮށްދީގެން، ހަދިޔާއެއްގެ ގޮތުގައި އަގުހުރި އައިފޯނެއް ހާސިލު ކޮށްފިއެވެ.

Ads by STELCO

ޓިކްޓޮކްގައި ވައިރަލް ވެފައިވާ މި ވީޑިއޯއިން ފުރަތަމަ ފެންނަނީ ޔޫސުފް ކަބާނީ ކިޔާ މީހަކު އޭނާގެ ސްކޫޓަރުގައި އަންނަނިކޮށް އަންހެނަކު އޭނާ ހުއްޓުވާ މަންޒަރެވެ. އެ އަންހެން މީހާ ބުނަނީ ތިމަންނާއަކީ ޔޫޓިއުބްގައި ވީޑިއޯ އުފައްދާ މީހެއް ކަމަށާއި، އޭނާ ބުނާ ކަމެއް ކޮށްފިނަމަ އައިފޯން 12 ޕްރޯ މެކްސް ފޯނެއް ދޭނެ ކަމަށެވެ.

ވަރަށް އުފަލާއެކު ޔޫސުފް އެއްބަސްވެ، ކުރަންވީ ކޮންކަމެއްތޯ އެހުމުން، ފެން ފުޅިއެއް ދީފައި އެ އަންހެން މީހާ ބުނަނީ އޭގެން ފެންފޮދެއް ބޮއެފިނަމަ ޔޫސުފްއަށް އެ ފޯނު ދޭނެ ކަމަށެވެ. ވަގުތުން ޔޫސުފް ނޫނެކޭ ބުނެ އެތަނުން ދާން މަސައްކަތް ކުރެއެވެ. އަންހެން މީހާ އޭނާ ހުއްޓުވައި، ފޯނު ލިބޭނެ ކަމަށް ބުނުމުން ވެސް އޭނާ ބުނަނީ އޭނާ ހުރީ ރޯދައަށް ކަމަށާއި ފޯނަކަށް ޓަކައި ރޯދަ ދޫކޮށް ނުލާނެ ކަމަށެވެ. އެތަނުން އޭނާ ދާން އުޅުމުން އެ އަންހެން މީހާ އޭނާ ހުއްޓުވައެވެ.

އެވަގުތު އެތަނުން، ޖުއްބާއެއް ލައިގެން ހުރި ފިިރިހެނަކު ދިޔުމުން އެ އަންހެން މީހާ އޭނާ ގާތު ވެސް ޔޫސުފް ކައިރީ ބުނިހެން ބުނެއެވެ. ފެން ފޮދެއް ބޮއެފިނަމަ ފޯނު ލިބޭނެ ކަމަށެވެ. ޔޫސުފްއާ ޚިލާފަށް އެ ފިރިހެން މީހާ އުޅުނީ އެ ފެން ފުޅިން ފެން ބޯން މަސައްކަތް ކުރެއެވެ. ނަމަވެސް ޔޫސުފް އެ މީހާގެ އަތުގައި ޖަހާ ފެންފުޅި އެއްލާލައި މަންޒަރު ވެސް ފެނެއެވެ.

އެކަމާ އެ ދެ މީހުންގެ މެދުގައި ކޮންމެވެސް ވަރަކަށް ހިތްހަމަ ނުޖެހުން ކުރިމަތިވެއެވެ. ފުޅީގެ ބާކީހުރި ފެން ފޮދު ބޯން ވެގެން އުޅުމުން ވެސް، ޔޫސުފް އަތުން ޖަހައި އެ ފެންފުޅި އެއްލައިލައެވެ. އަދި ފޯނަކަށް ޓަކައި ރޯދަ ގެއްލުވާލަން އުޅެނީއޭ ބުނެ ރުޅިއައިސްގެން އެތަނުން ދާން އުޅުމުން، އެ ފިރިހެން މީހާއާއި ޝޯ ހުށަހަޅަން ހުރި އަންހެން މީހާ އޭނާ ހުއްޓުވައިފައި ބުނަނީ އެއީ އެ ދެ މީހުން ރާވައިގެން ކުރިކަމެއް ކަމަށާއި އެ މީހުން ބޭނުންވީ ޝޯގެ ބައިވެރިން ކަންތައް ކުރާ ގޮތް ބަލައިލަން ކަމުގައެވެ.

ޔޫސުފްގެ އީމާންތެރިކަމާއި ހިތްވަރުގަދަ ކަމުގެ ސަބަބުން އޭނާއަށް އެ ފޯނު ލިބުން ޙައްޤުވާ ކަމަށް ބުނެ އެ މީހުން އޭނާއަށް ހަދިޔާއެއްގެ ގޮތުގައި އައިފޯން ޕްރޯ މެކްސް ދޭ ތަން ވެސް ވީޑިއޯއިން ފެނެއެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!