މަލީހަށް ދައުވާ ކުރަން ކޮމިޓީން ފާސްކޮށްފި

ކުރީގެ ، ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރ މުހައްމަދު މަލީހް ޖަމާލް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އަދި މަޖިލީހުގެ ސުލޫކާއި އިމްތިޔާޒް ކޮމިޓީއަށް އޮޅުވާލާފައިވާ ކަމަށް ކަނޑައަޅައި އޭނާއާ ދެކޮޅަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެެރަލް (ޕީޖީ) އޮފީހަށް ފޮނުވަން އެ ކޮމިޓީއިން ނިންމައިފިއެވެ.
އިމްތިޔާޒް ކޮމިޓީން މަލީހުގެ މައްސަލައެއް ބަލައި ދިނުމަށް އެދިލެއްވީ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދެވެ. އެއީ މަލީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް ޖަވާބުދާރީވުމަށް ބޭއްވި ޖަލްސާގައި، މަޖިލީހުގެ މެމްބަރުންނަށް ތުހުމަތު ކުރައްވާ މަލީހު ވާހަކަ ދެއްކެވި މައްސަލައިގައެވެ. އެގޮތުން މަޖިލީހުގެ މެމްބަރުން ބައެއް ވަޒީރުންނަށް ބިރުދައްކަމުންދާ ކަމަށް މަލީހު ވަނީ އެ ދުވަހު ތުހުމަތު ކުރައްވާފައެވެ.
މަޖިލީހުގެ ސުލޫކު ކޮމިޓީން މި މައްސަލަ ދިރާސާކޮށް ނިންމައި، އެކުލަވާލި ރިޕޯޓްގައިވާ ގޮތުން ކޮމިޓީއަށް މަލީހް ހާޒިރުކޮށް އޭނާއާ ކޮމިޓީގެ މެންބަރުން އަމާޒު ކުރި ސުވާލުތަކަށް ޖަވާބު ދީފައި ނުވާތީ، މަލީހު ކޮމިޓީއަށް އޮޅުވާލާފައިވާ ކަމަށް ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި ހަ މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.
ސުލޫކު ކޮމިޓީން އެކުލަވާލި މި ރިޕޯޓު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފައެވެ. ނަމަވެސް އެޖެންޑާގެ ތަރުތީބަަށް ބަލާއިރު މި މައްސަލަ އޮތީ އެޖެންޑާގެ ވަރަށް ފަހަތުގައި ކަމަށްވާތީ، މިއަދުގެ ޖަލްސާގައި މި ރިޕޯޓަށް ބަހުސް ކުރަން ނުފެށިދާނެ ކަމަށް ވެސް ބެލެވެއެވެ.