ދުނިޔެ

ފައިޒާ ވެކްސިންގެ އުކާލަން ޖެހިދާނެކަމަށް ހޮންކޮންގްއިން ބުނެފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ކޮވިޑް-19އިން ދިފާއުވުމަށް ވެކްސިން ޖެހުމަށް ހޮންކޮންގްގައި ލިބެމުން އަންނަ ތަރުހީބު ކުޑަ ކަމަށާއި މިހާރު ކުރިއަށްދާ ރޭޓްގައި ވެކްސިން ޖެހުމުގެ ކަންކަން ހިނގާ ނަމަ ވެކްސިން އުކާލަން ޖެހިދާނެ ކަމުގެ އިންޒާރު އެ ޤައުމުން ދީފިއެވެ.

Ads by Sosun Fihaara

3 މަސް ދުވަހުން މުއްދަތު ހަމަވާ ފައިޒާ ވެކްސިންގެ 2 މިލިޔަން ޑޯޒް ހޮންކޮންގްގައި އެބަހުރި ކަމަށް އެ ޤައުމުން ބުނެއެވެ. އެ ޤައުމުގައި މިހާތަނަށް ވެކްސިންގެ އެންމެ ޑޯޒެއް ވެސް ޖަހައިފައި ވަނީ އާބާދީގެ އެންމެ 20 އިންސައްތައެވެ.

ހޮންކޮންގްގައި ވެކްސިން ޖަހާ މީހުންގެ އަދަދު މަދުވެފައި ވަނީ އެޤައުމުގެ ސަރުކާރަށް އެޤައުމުގެ ރައްޔިތުން އިތުބާރު ނުކުރާތީއާއި އެޤައުމުގައި ކޮވިޑް-19ޖެހޭ މީހުންގެ އަދަދު މަދުވުމުގެ ސަބަބުން ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓް ކުރެއެވެ.

ހޮންކޮންގްގެ ވެކްސިން ޓާސްކް ފޯސްގެ އޮފިޝަލަކު ވިދާޅުވީ، ތިން މަސް ދުވަހުގެ ތެރޭގައި 2 މިލިޔަން ޑޯޒް ނުޖެހިއްޖެ ނަމަ ވެކްސިން އުކާލަން ޖެހިދާނެ ކަމަށެވެ. އަދި އެހެން ޤައުމުތަކުން ވެކްސިން ހޯދުމަށް އާދޭސް ކުރާ މިދަނޑިވަޅުގައި ހޮން ކޮންގްއަށް ލިބިފައިވާ ވެކްސިން ނުޖަހާ މުއްދަތު ހަމަވާން ދޫކޮށްލުމަކީ ވަރަށް ނާތަހްޒީބްކަމެއް ކަމަށާއި މި ވެކްސިން ސްޓޮކް މުއްދަތު ހަމަވެއްޖެނަމަ މިހާ ގިނަ އަދަދެއްގެ ވެކްސިން އަވަސް މުސްތަޤްބަލެއްގައި ދެވަނަ ފަހަރަށް ގަންނަން ނުލިބޭނެކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ހޮންކޮންގްގެ އާބާދީއަކީ 7.5 މިލިޔަން މީހުންނެވެ. އާބާދީގެ ދެގުނައަށް ވާވަރަށް އެ ގައުމުން ވަނީ ވެކްސިން ގަނެފައެވެ. މިގޮތުން ޗައިނާގެ ސިނޮވަކް ވެކްސިންގެ 7.5 މިލިޔަން ޑޯޒްއާއި ފައިޒާ ވެކްސިންގެ 7.5 މިލިޔަން ޑޯޒް އެޤައުމުން ވަނީ ގަނެފައެވެ. ހޮންކޮންގްގައި ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި ވަނީ އާބާދީގެ އެންމެ 14 އިންސައްތަ މީހުންނެވެ.

ހޮންކޮންގްގެ އާއްމުންގެ އިތުރުން ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ގިނަ ބަޔަކު ވެސް ވެކްސިން ނުޖަހައެވެ. މިގޮތުން އެޤައުމުގެ ހޮސްޕިޓަލް އޮތޯރިޓީން މިދިޔަ މަހު އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އެ ގައުމުގެ ސިއްހީ ދާއިރާގެ ތިން ބައިކުޅަ ދެބައި މީހުން ވެކްސިން ނުޖަހައެވެ.

Ads by Ooredoo
  1. އިބުރާހިމް ރަޝީދު

    ފައިޒާ ވެކްސިންގެ 9 ލައްކަ ޑޯޒް ހޯއްދުމުން ރާއްޖެއަށް ފުދޭނެ ވީމާ ހޮންކޮންގ އަށް އެހީ އަށް އެދި ހުށަަެޅުމަށް ރަނގަޅުވާނެދޯ

  2. މައުލޫމާތު

    ހޮންގކޮންގަކީ ވަކި “ގައުމެއް” ނޫން. އެއީ ޗައިނާގެ “ސްޕެޝަލް އެޑްމިނިސްޓްރޭޓިވް ރީޖަން” އެއް. އެއް ގައުމެއް. އިދާރީ 2 ސިސްޓަމެއް އޮންނަނީ..!