ޚަބަރު

ކަރަންޓީނު ކުރެވޭ ސިވިލް ސާވެންޓުންނަށް ހާއްސަ ޗުއްޓީއެއް

ދެން އެމްވީ ، ދެން އޮންލައިން

ކޮރޯނާ ވައިރަހާ ގުޅިގެން ކަރަންޓީނު ކުރެވޭ ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހާއްސަ ޗުއްޓީއެއް ދިނުމަށް ސިވިލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ.

Ads by Sosun Fihaara

ސިވިލް ސާވިސް ކޮމިޝަނުން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނީ ދުނިޔޭގައި މިހާރު ފެތުރެމުންދާ ނޮވެލް ކޮރޯނާވައިރަސް ރޯގާއާ ގުޅިގެން ރައްކާތެރިވުމުގެ ގޮތުން ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅެއްގެ ގޮތުގައި މި ރޯގާއަށް ޝައްކުކުރެވޭ މީހުން ކަރަންޓީނުކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން މި ރޯގާއާ ގުޅިގެން ކަރަންޓީނު ކުރެވޭ ސިވިލް ސާވިސްގެ މުވައްޒަފުން، ކަރަންޓީނު ކުރެވިފައި ހުންނަ މުއްދަތުގައި އޮފީހަށް ހާޒިރުނުވެވޭނެތީ، އެ ދުވަސްތަކަށް ހާއްސަ ޗުއްޓީއެއް ހަމަޖައްސައި ދިނުމަށް ނިންމާފައިވާ ކަމަށް ސީއެސްސީން ބުނެއެވެ.

އަދި ކަރަންޓީނު ކުރެވޭ މުވައްޒަފުން ކަރަންޓީނު ކުރެވޭ މުއްދަތަށް ޗުއްޓީގެ ކަންތައްތައް އެ މުވައްޒަފަކު މަސައްކަތްކުރާ އިދާރާއަކުން ހަމަޖައްސައިދިނުމަށް ދަންނަވާ ކަމަށްވެސް ބުނެފައިވެއެވެ.

ރާއްޖެ އިން ކޮރޯނާ އަށް ޝައްކު ކުރެވޭ އެކަކު މިދިޔަ ބުރާސްފަތި ދުވަހުގެ ރެ އިން ފެށިގެން އެކަހެރިކޮށް، އޭނާގެ ޓެސްޓުތައް ހަދަން ސާމްޕަލް ވަނީ ބޭރަށް ފޮނުވައިފަ އެވެ. ޗައިނާ އަށް ދަތުރުކުރި އުމުރުން 20 އަހަރުގެ ދިވެހި އެ ފިރިހެންމީހާ އަށް ކޮރޯނާވައިރަސް ޖެހިފައިވޭތޯ ނުވަތަ ނޫންތޯ ކަށަވަރު ކުރުމަށް އޭނާގެ ސާމްޕަލްތައް ފޮނުވީ އިންޑިއާގެ ޕޫނޭ އަށެވެ. އެ ޓެސްޓުތަކުގެ ނަތީޖާ ލިބޭނީ މާދަމާ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!