ޚަބަރު

މަރުގެ މައްސަލަތަކުގައި އަންހެނުންގެ ހެކިބަސް ގަބޫލު ކުރެވޭނެ: ހައިކޯޓު

ދެން އެމްވީ ، ދެން އޮންލައިން

މަރުގެ މައްސަލަތަކުގައި އަންހެނުންގެ ހެކި ބަސް ވެސް ގަބޫލު ކުރެވޭނެ ކަމަށް ހައިކޯޓުން މިއަދު ކަނޑައަޅައިފި އެވެ.

Ads by Sosun Fihaara

ހައި ކޯޓުން އެގޮތަށް ކަނޑައެޅީ މީގެ ނުވަ އަހަރު ކުރިން ވިލިމާލޭގައި ގްރޫޕަކުން ހަމަލާދީ މަރާލި ނ. މާޅެންދޫ ވައިޓްހައުސް، އަހުމަދު މިރުޒާ އިބްރާހިމްގެ މަރުގެ މައްސަލާގައި މަރަން ހުކުމް ކޮށްފައިވާ ދެ މީހުންގެ ތެރެއިން ޏ. ފުވައްމުލަކު ޒާވިއާ އަބްދުﷲ ނަޒީފްގެ މަރުގެ ހުކުމް ދަމަހައްޓައި، އެ ކޯޓުން ކުރި ހުކުމުގަ އެވެ.

މައްސަލަ ނަޒީފުގެ ފަރާތުން އިސްތިއުނާފުކޮށް ހައްދާއި މަރުގެ މައްސަލަތަކުގައި ކުށް ސާބިތު ކުރެވޭނީ ދެ ފިރިހެނެއްގެ ހެކި ބަހުން ކަމަށް އިސްލާމީ ޝަރީއަތުގައިވާ ބުނެފައިވާއިރު އޭނާގެ މައްޗަށް ކުށް ސާބިތު ކުރުމަށް އަންހެންގެ ހެކި ބަސް ގަބޫލު ކޮށްފައިވާ ކަމަށް ބުނެ ނުކުތާއެއް ފާހަގަކޮށްފައިވެ އެވެ.

ތިން ފަނޑިޔާރުން ހިމެނޭ ބެންޗުން އިއްތިފާގުގައި ނިންމީ ޒިނޭ ފިޔަވައި އެހެން މައްސަލަތަކުގައި މަދުވެގެން ދެ ފިރިހެނުންގެ ހެކިބަހުން ކުށް ސާބިތުވުމަކީ އިސްލާމީ ފިގުހުގެ އާންމު އުސޫލު ކަމަށް ވިޔަސް، އެއީ ޚިލާފެއް ނެތް އުސޫލެއް ނޫން ކަމަށެވެ. އަދި މަރުގެ މައްސަލަތަކުގައި ފިރިހެނަކާއި ދެ އަންހެނެއްގެ ހެކިބަސް ވެސް ބަލައިގަނެވިދާނެ ކަމަށް ބައެއް އިލްމުވެރިން ވިދާޅުވާ ކަމަށް އެ ހުކުމުގައިވެ އެވެ.

މިހާރު އަމަލު ކުރާ ގާނޫނުގައިވާ ގޮތުން ގުރުއާނުގައި ކަނޑައަޅާފައިވާ ކަންކަން ފިޔަވައި އެހެން ކަންކަމުގައި އަންހެނުންނާއި ފިރިހެނުންގެ ހެކި ބަސް ހަމަހަމަ އެވެ. ހުކުމްގައި ބުނީ ޝަރީއަތް ކުރުމާ ބެހޭ ގަވައިދުގައި ވެސް ވާ ގޮތުން ފިރިހެނުންގެ އެކަނި ހެކި ބަހުން ސާބިތުވާނީ ޒިނޭގެ މައްސަލަތައް އެކަންޏެވެ. އެހެންވެ މަރުގެ މައްސަލަތައް ސާބިތު ކުރެވޭނީ ހަމައެކަނި ފިރިހެނުންގެ ހެކި ބަހުން ކަމަށް ނުބުނެވޭނެ ކަމަށެވެ.

"ޒިނޭ ފިޔަވައި ހައްދާއި ގިސާސްގެ މައްސަލަތަކުގައި ހެކިބަސް އަދާކުރާ މީހަކީ ކަނޑައެޅިގެން ދެ ފިރިހެނުން ކަމުގައި މުތުލަގަށް ބުނެވެން ނެތް ކަމާއި، ވީމާ ކީރިތި ގުރުއާނުގައި ކަނޑައެޅި ބަޔާން ވެފައިވާ ކަންކަން ފިޔަވައި އެހެން ކަންކަމުގައި އަންހެނުންނާއި ފިރިހެނުންގެ ހެކިބަސް ހަމަހަމަ ކުރުމަށް ގާނޫނުގައި ކަނޑައެޅިފައިވާ މި އުސޫލަކީ ކަނޑައެޅިގެން އިސްލާމީ ފިގުހާ ޚިލާފް އުސޫލެއް ނޫން" ކަމަށް، ފަނޑިޔާރު މުހައްމަދު ނިޔާޒް ރިޔާސަތު ބެލެހެއްޓެވި ބެންޗުން އިއްވެވި ހުކުމުގައިވެ އެވެ.

މީގެކުރިން ވެސް މަރުގެ މައްސަލަތަކުގައި އަންހެނުންގެ ހެކި ބަސް ބަލައިގެންފައި އެބަހުއްޓެވެ. ނަމަވެސް އެކަމާ ގުޅިގެން ވަކި ނިންމުމެއް މަތީ ކޯޓަކުން ނިންމާފައެއް ނުވެ އެވެ. އެހެންކަމުން މި ހުކުމްގެ މި އުސޫލު ވެގެން ދަނީ މިކަމުގައި އަމަލު ކުރަން ކަނޑައެޅި އުސޫލަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!