ލުއި ޚަބަރު

ބަޑި އީޖާދު ނުކުރިނަމަ ދުނިޔެ ސުލްހަވާނެތަ؟

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ދުނިޔޭގެ އެކި ހިސާބަށް ނަޒަރު ހިންގައިލާއިރު ދުނިޔޭގެ ހަމަޖެހުމަށް ހުރަސް އަޅާ އެކައްޗަކީ ބަޑިއެވެ. ދުނިޔޭގެ ތަރައްޤީ ވެފައިވާ ކަމަށް ދަޢުވާ ކުރާ ޤައުމުތަކަށް، މިސާލަކަށް އެމެރިކާއަށް ބަލައިލިޔަސް ބަޑި ގެންގުޅޭ މީހުންގެ އިންސައްތަ ވަރަށް ގިނައެވެ. އަދި އަހަރެއްގެ މައްޗަށް 100 އެއްހާ މީހުން ބަޑިން ލިބުނު ޒަޚަމެއްގެ ސަބަބުން މިދުނިޔެއާ ވަކިވެގެން ދެއެވެ. އަދި ދުނިޔޭގެ ނިސްބަތުން ކޮންމެ އަހަރަކު 5 ލައްކަ މީހުން ބަޑީގެ ހަމަލާތަކުގެ ސަބަބުން މަރުވެގެން ދެއެވެ.

Ads by Sosun Fihaara

ނަމަވެސް ބަޑި އީޖާދު ނުކުރި ނަމަ ދެންވާނީ ކީއް ހެއްޔެވެ؟ ދުނިޔެ މިއަށް ވުރެ އަމާން ވާނެ ހެއްޔެވެ؟ ދުނިޔޭގައި މިހާރު ވެސް ކުރަމުން މިދާ ބޮޑެތި ހަނގުރާމަތައް ހުއްޓުމަކަށް އަންނާނެ ހެއްޔެވެ؟

ތާރީޚަށް ނަޒަރު ހިންގައިލާއިރު ބަޑިއަކީ މީގެ ވަރަށް ކުރީ ޒަމާނުއްސުރެ ބޭނުން ކުރަމުން އަންނަ އެއްޗެކެވެ. 1300 ގެ އަހަރު ތަކުގައި ވެސް ބަޑީގެ ބޭނުން ކުރެވުނު ކަމަށް ތާރީޚީ ފޮތްތަކުން ހާމަވެއެވެ. އޭރު ބަޑި ބޭނުން ކުރަމުން ދިޔައީ ކެނޮންގައެވެ. ބަޑި ބޭސް ބޭނުން ކޮށްގެން ބޯޅަ އުކާ ދުޝްމަނުންގެ ސަފުތައް އޭރު ރޫޅަމުން ދިޔަ ނަމަވެސް، ބޮޑު ހަނގުރާމައިގެ ދުވަސްވަރު ބަޑިޔަށް ވަރަށް ތަފާތު އިންޤިލާބެއް އައެވެ. ހަނގުރާމައިގައި ޤައުމުތަކުން ދިޔައީ އެ ޤައުމެއްގެ ބައިވެރިންނަށް ބޭނުން ކުރެވޭނެ އެންމެ ފަސޭހަ ވައްތަރުގެ އާލާތް ތަޢާރަފް ކުރަމުންނެވެ. އެތައް ފަސޭހަ ލުއި ބަޑި ތަކާއި ބޮޑެތި ގެއްލުންދޭ ބަޑިތައް ވެސް އީޖާދު ކުރެވިގެން ދިޔައެވެ. ބަޑި މުޅި ދުނިޔެއަށް އާއްމުވެގެން ދިޔައީ މިދުވަސްވަރުއޭ ބުނެވިދާނެއެވެ.

ބަޑީގެ ސަބަބުން ކޮންމެ އަހަރަކު އެތައް ކުޑަކުދިންނާއި އަންހެނުން ވެސް މަރުވަމުން ދާއިރު، ބަޑި ތަޢާރަފް ނުކުރިނަމަ ނުވަތަ ދުނިޔޭގައި ބަޑި ނުގެންގުޅޭ ނަމަ ދުނިޔޭގައި ހިނގާފައިވާ ބޮޑެތި ހަނގުރާމަތައް ނުހިނގާނެ ހެއްޔެވެ؟

1996 ވަނަ އަހަރު އޮސްޓްރޭލިޔާގައި ހިނގި ބަޑި ޖެހުމުގެ ހާދިސާއެއްގައި ގިނަ ބަޔަކު މަރުވުމާ އެކު އެޤައުމުގެ ސަރުކާރުން ބަޑި ގެންގުޅޭނެ އުސޫލްތަކެއް ޤާއިމް ކުރިއެވެ. އަދި ބަޑި އުފައްދާ ކުންފުނިތައް ބަންދުކޮށް ބަޑި ގެންގުޅޭ މީހުން ރެގިއުލޭޓް ކުރަން ފެށިއެވެ. މިއާ އެކު އެޤައުމުގެ ކުށުގެ އިންސައްތަ 76 ޕަސެންޓް ދަށްވި ކަމަށްވެއެވެ.

ނަމަވެސް ބަޑި އީޖާދު ނުކުރި ނަމަ ހަނގުރާމަތައް ނޯންނާނެއެކޭ ނުދެންނެވޭނެއެވެ، ސަބަބަކީ ބަޑި އީޖާދު ކުރުމުގެ ކުރިން ވެސް ކަނޑިން ވެސް ހަނގުރާމަކޮށް އުޅުނެވެ. އެހެން ނަމަވެސް ބަޑި އީޖާދު ނުކުރި ނަމަ އެތައް ބައެއްގެ ފުރާނަ ސަލާމަތްވާނެ ކަމީ ދެބަސް ނުވެވޭނެ ޙަޤީޤަތެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!