ޚަބަރު

ރިޔާސީ ބަޔާނަށް ޖަވާބު ދެވޭނީ އިދިކޮޅު ލީޑަރު އެނގިގެން: ނަޝީދު

ދެން އެމްވީ ، ދެން އޮންލައިން

މި އަހަރަށް ރައްޔިތުން މަޖިލިސް ހުޅުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެ މަނިކުފާނުގެ ރިޔާސީ ބަޔާން މިއަދު މަޖިލީހަށް އިއްވަވާފައިވާއިރު، އެ ބަޔާނަށް މަޖިލީހުން ޖަވާބު ދެއްވާނެ ބޭފުޅަކު ހޯދަންޖެހިފައިވާ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ރިޔާސީ ބަޔާން އިއްވަވައި ނިންމެވުމުން ދެއްކެވި ވާހަކަފުޅުގައި ނަޝީދު ވިދާޅުވީ މަޖިލީހުގެ ގަވައިދު ބުނާ ގޮތުން ރިޔާސީ ބަޔާނަށް ޖަވާބުދެއްވާނީ ރައީސް ނިސްބަތްވާ ޕާޓީ ފިޔަވައި ދެން އެންމެ މެމްބަރުން ގިނަ ޕާޓީން ކަމަށެވެ. އެގޮތުން ޖަވާބު ދެއްވާނީ ރިޔާސީ ބަޔާން އިއްވާ ޖަލްސާއަށް ފަހު އޮންނަ ޖަލްސާއެއްގައި ކަަމަށް ވެސް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ 14 ދުވަހުގެ ތެރޭގައި އެ ބަޔާނަށް ޖަވާބު ދިނުމުގެ މަސްއޫލިއްޔަތު އާންމު އުސޫލުގެ ދަށުން އޮންނަނީ މަޖިލީހުގެ އިދިކޮޅު ލީޑަރަށް ކަމަށެވެ.

"މަޖިލީހުގައި މިހާރު ސިޔާސީ ޕާޓީތައް ތަމްސީލުވާ ގޮތުން، މައިނޯރިޓީ ލީޑަރަކީ ކޮން ބޭފުޅެއްކަމެއް އަދި ކަނޑައެޅިފައެއް ނުވޭ. އެހެންކަމުން ރިޔާސީ ބަޔާނަށް ޖަވާބު ދެއްވާނީ ކޮން ބޭފުޅެއްކަން އަޅުގަނޑުމެންނަށް ސާފުކުރެވުނީމާ، ޖަވާބު ދިނުމުގެ މަސައްކަތް ކުރާނަން،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދުގެ ވާހަކަފުޅުގައި ރައްދު ދެއްވީ، ރިޔާސީ ބަޔާން އިއްވަވަމުން ގެންދެވި އިރު، ކުރީގެ ރައީސް އަބަދުﷲ ޔާމީން ދޫކޮށްލަން ގޮވާލާ ބޯޑުތަކެއް ހިއްޕަައިގެން އިދިކޮޅު ބައެއް މެމްބަރުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކުރިފުޅުމަތީގައި ތިއްބެވި ތިއްބެވުމަށެވެ.

އެ ޖަލްސާއަށް އިދިކޮޅު މެންބަރުން ވަޑައިގަތީ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައި ކަރުދާސްތަކާއެކުގަ އެވެ. އަދި ރައީސް ސޯލިހު ރިޔާސީ ބަޔާން އިއްވަން ފެއްޓެވުމުން އެމަނިކުފާނު ކުރިފުޅުމަތީގައި އިދިކޮޅު ފަސް މެންބަރަކު ހިމޭން އިހުތިޖާޖެއް ކުރި އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!