ޚަބަރު

ރާއްޖެއަށް ހެލިކޮޕްޓަރު އޮޕޮރޭޓް ނުކުރެވެންވީ ސަބަބެއް ނެތް: ކެޕްޓަން އަމީން

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖެއަށް ހެލިކޮޕްޓަރު އޮޕަރޭޓް ނުކުރެވެންވީ އެއްވެސް ސަބަބެއް ނެތް ކަމަށް އޭވިއޭޝަން ދާއިރާގައި 26 އަހަރު ޚިދުމަތް ކުރައްވާފައިވާ އައިލެންޑް އޭވިއޭޝަންގެ ކުރީގެ ޑިރެކްޓަރ އޮފް އޮޕޮރޭޝަންސް ކެޕްޓަން މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ހެލިކޮޕްޓަރު އޮޕަރޭޓް ކުރުމުގެ ގާބިލް ކަމެއް ދިވެހި އަސްކަރިއްޔާގައި ނެތް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެފައި ވަނިކޮށް، މިއަދު ކުރެއްވި ޓްވީޓެއްގައި ކެޕްޓަން އަމީން ވިދާޅުވީ އެކި އެއާކްރާފްޓްގެ އިންޖިނިއަރުންނާއި ކެޕްޓަނުން ރާއްޖޭގައި އެބަތިބި ކަމަށެވެ.

ހަމައެހެންމެ ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޝަންސް ވެސް އޮތީ ރާއްޖޭގައި ކަމަށާއި އެހެންކަމުން ދިވެހީންނަށް ހެލިކޮޕްޓަރު އޮޕޮރޭޓް ނުކުރެވެންވީ ސަބަބެއް ނެތް ކަމަށް ކެޕްޓަން އަމީން ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު ހެލިކޮޕްޓަރު އޮޕަރޭޓް ކުރަނީ އިންޑިއާ ސިފައިންނެވެ. އިންޑިއާ ސިފައިން އޮޕަރޭޓް ކުރަނީ އެ ގައުމުން ރާއްޖެއަށް ހަދިޔާކުރި ހެލިކޮޕްޓަރުތަކެކެވެ.

އިންޑިއާގެ ސިފައިން ރާއްޖޭގައި ހެލިކޮޕްޓަރު އޮޕަރޭޓްކުރުން ހުއްޓުވަންޖެހޭ ކަމަށް އިދިކޮޅު ބައެއް ސިޔާސީ ލީޑަރުން އަންނަނީ ގޮވަމުންނެވެ. އެކަމާ ދެކޮޅަށް އެންމެ ބޮޑަށް އަޑުއުފުލަމުން ގެންދަވަނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.

އުމަރު ވިދާޅުވެފައި ވަނީ އިންޑިޔާ އާއި ރާއްޖެއާ ދެމެދު އޮތީ ވަރަށް ގާތް، ރަނގަޅު ގުޅުމެއް ކަމަށާއި އެ ގުޅުން ހީނަރުވާން ފެށީ 2008 ވަނަ އަހަރު ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމާ ހަވާލުވެވަޑައިތުމަށް ފަހުގައި ކަމަށެވެ.

އޭނާ ވިދާޅުވީ ރައީސް ނަޝީދު ވަނީ އިންޑިޔާގެ "ޖީބަށް ފުންމާލާފައި" ކަމަށެވެ. އެއަށްފަހު އެ ގައުމުގެ ސިފައިން ރާއްޖޭގައި ހަރަކާތްތެރިވާން ފަށާފައިވާ ކަމަށް އުމަރު ވިދާޅުވި އެވެ.

ހެލިކޮޕްޓަރެއް "ހަދިޔާ" ކުރުމަށް ފަހު އެއާއެކު ގިނަ އަދަދެއްގެ ސިފައިން ރާއްޖޭގެ ފަސްގަނޑަށް އެރުވި ކަމަށް އުމަރު ވިދާޅުވި އެވެ. އެ މީހުން ގެނެސްފައި ވަނީ ހެލިކޮޕްޓަރު އުދުހުމުގެ ނަމުއްގައި ކަމަށާއި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށް އުމަރު ވިދާޅުވި އެވެ.

"ދިވެހިންނަށް އޭ380 އެއާކްރާފްޓު ދުއްވޭ އިރު އަދި ކޮންމެ ފްލައިޓެއް ދުއްވޭ އިރު އަދި ދިވެހިންނަށް ސަބްމެރީން ދުއްވޭ އިރު ހެލިކޮޕްޓަރު ނުދުއްވެންވީ ކީއްވެ، އިންޑިޔާއިން މިއީ އަޅުގަނޑުމެންނަށް ދިން ހަދިޔާއެއް ނަމަ އޭތި ޖެހޭނީ ދިވެހިންނަށް ދޫކޮށްލަން، އަޅުގަނޑުމެން އޭތި އުދުއްސާނަން އަދި ބަލަހައްޓާނަން،" އުމަރު ވިދާޅުވި އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!