ޚަބަރު

ސަރުކާރަށް މިއަދު ހިޔާ ފްލެޓް ރަނަށްވެ، ބްރިޖު "ޖަޒީރާ"ވެ ނިމިއްޖެ: ސައީދު

ދެން އެމްވީ ، ދެން އޮންލައިން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރިން ކޮތަރު ކޮށީގެ ގޮތުގައި ސިފަ ކުރި ހިޔާ ފްލެޓުތައް މިއަދު ރަނަށްވެ، ބްރިޖު "ޖަޒީރާ"ވެ ނިމިއްޖެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

Ads by STELCO

ކުރީ ސަރުކާރުން ފެށި ހިޔާ މަޝްރޫއުގެ 7000 ފްލެޓު އޭގެ ހައްގުވެރިންނާ ވަރަށް އަވަހަށް ހަވާލުކުރާނެ ކަމަށް މިއަދު ދެއްވި ރިޔާސީ ބަޔާނުގައި ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ. އަދި މާލެ-ތިލަފުށި ގުޅުވައިދޭ ބްރިޖްގެ ޑިޒައިނާއި ސާވޭގެ މަސައްކަތް މިހާރު ނިމިފައިވާކަމަށާއި ބްރިޖްގެ އަމަލީ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށިގެންދާނެކަން ވެސް ރައީސް ވިދާޅުވިއެވެ. އޭގެ އިތުރުން ކޮރޯނާ ވައިރަސްގެ ނުރަނގަޅު އަސަރު ޓޫރިޒަމަށް ކުރާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސްގެ މި ވާހަކަތަކާ ގުޅުވައި ކުރެއްވި ޓްވީޓުތަކެއްގައި ސައީދު ވިދާޅުވީ، ހުޅުމާލޭގައި ފްލެޓުތައް އަޅުއްވައި މުޅި ރާއްޖެ ބަދަލުކޮށްދެއްވީ ރައީސް ޔާމީން ކަމަށެވެ. އަދި ކުރިން "ކޮތަރު ކޮށި" ކަމަށް ބުނެ އުޅުނު އެ ފްލެޓުތައް މިހާރުގެ ސަރުކާރަށް "ރަނަށް"ވެއްޖެ ކަމަށް އޭނާ ވިދާޅުވިއެވެ.

މާލެ ބްރިޖަކުން ތިލަފުއްޓާ ގުޅާލުމަކީވެސް ރައީސް ޔާމީންގެ ވިސްނުންފުޅެއް ކަމަށް ސައީދު ވިދާޅުވިއެވެ. އަދި ބްރިޖު އެޅުމަށްޓަކައި އެމަނިކުފާނުގެ ސަރުކާރުގައި ޑިޒަައިނު ހަދައި، ފައިނޭންސްކޮށް، ދަރަނި އަދާ ކުރާނެ ގޮތްވެސް ރޭވި ކަމަށް ސައީދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މިހާރުގެ ސަރުކާރުގައި ތިބި ބޭފުޅުން އޭރު ބްރިޖު އެޅުމާ ފާޅުގައި ދެކޮޅު ހެއްދެވި ކަމަށެވެ.

ކޮރޯނާވައިރަހުން ޓޫރިޒަމަށް ނުރަނގަޅު އަސަރުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވުމާ ގުޅީގެން ސައީދު ވިދާޅުވީ، އެމްޑީޕީ އިދިކޮޅުގައި އޮންނަ ކޮންމެ ފަހަރަކު ޓޫރިޒަމް ބޮއިކޮޓް ކުރަން ގޮވާލާ ކަމަށެވެ.

"ޓޫރިޒަމް އަށް ހިޔަނި އެޅޭކަން އެމްޑީޕީއަށް އެނގެނީ ސަރުކާރު ލިބުމުންތޯ؟ ސަރުކާރު ނެތް ކޮންމެ ހާލަތެއްގައި "ބޮއިކޮޓް". "ކޮތަރު ކޮށި"- ހިޔާ ގެ 7000 ފްލެޓް މިއަދު ރަނަށްވެސް ވެއްޖެ. މީގެ ކުރިން ބްރިޖަ ގޯސް، މިއަދު ބްރިޖު "ޖަޒީރާ" ވެ ނިމިއްޖެ. "ރޮޓެން" ލޮޖިކް ބައި އެމްޑީޕީ." ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ، ރިޔާސީ ބަޔާނުން އެނގެނީ މުޅި ދައުލަތް ވަނީ އޮޅުންބޮޅުމުގެ ތެރޭގައި އޮތްކަން ކަމަށާއި އިޖްތިމާއީ އިންސާފުން އެކަހެރިވެ، މުޅި ގައުމުގެ އިގްތިސޯދު ދަށަށް ގޮސްފައިވާކަން ކަމެވެ. އެކަން ހަމަ މަގަށް އެޅުވޭނެ ގާބިލްކަން ސަރުކާރުގައި ނެތްކަން އެނގިވަޑައިގެންނެވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!