ޚަބަރު

ވޯޓު ފޮށި ހުރިހާ ޕާޓީއަކަށް ވެސް ދޫކުރާނެ: އީސީ

ދެން އެމްވީ ، ދެން އޮންލައިން

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައަޅުމުގެ ޕްރައިމަރީ ބޭއްވީ އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މުދާ ބޭނުންކޮށްގެން ކަމަށް، އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ކުރެއްވި ތުހުމަތަށް އެ ކޮމިޝަނުން ރައްދު ދީފި އެވެ.

Ads by STELCO

އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައަޅުމުގެ ޕްރައިމަރީ ބޭއްވީ އީސީގެ މުދާ ބޭނުންކޮށްގެން ކަމަށް، އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވަނީ ވިދާޅުވެފައެވެ.

ޝުޖާއު ވިދާޅުވީ އެމްޑީޕީއަށް އެ ފުރުސަތު ދޭނަމަ ޕީޕީއެމް އަށް ވެސް އެ ފުރުސަތު އޮންނަން ވާނެ ކަމަށެވެ. އަދި އީސީގެ ނައިބު ރައީސް އަކްރަމް އަކީ އެމްޑީޕީން ބޭނުންވާ ގޮތަކަށް ކަންކަން ހަމަޖައްސައިދިނުމަށް އެ ކޮމިޝަނުގައި ހުންނަ އެ ޕާޓީގެ އެޖެންޓެއް ކަމަށް ވެސް ޝުޖާއު ތުހުމަތު ކުރެއްވި އެވެ.

އީސީގެ މެމްބަރު އިސްމާއިލް ހަބީބް ރައްދު ދެއްވައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕާޓީތަކާއި ސްކޫލުތަކާއި އެހެން މުއައްސާސަތަކަށް ވޯޓު ފޮށި އަބަދު ވެސް އެތަނުން ދޫކުރާ ކަމަށާއި އެކަމުގައި އީސީން ތަފާތު ނުކުރާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ވޯޓުފޮށި ހޯދުމަށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ޝަކީލް ވަޑައިގަތް ކަމަށާއި އަދި އެ ދޫކުރާނެ ކަމަށް އަންގާފައިވާ ކަމަށެވެ.

އަންނަ އޭޕްރީލް ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް އިދިކޮޅު ޕީޕީއެމުން ނެރޭނެ ކެންޑިޑޭޓުން ކަނޑައެޅުމުގެ ޕްރައިމަރީ އަންނަ ހުކުރު ދުވަހު ބާއްވަން ވަނީ ތާވަލް ކޮށްފަ އެވެ. އެ ޕްރައިމަރީ އޮންނާނީ ދަރުބާރުގޭގަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!