ޚަބަރު

ދާންދޫ ކައުންސިލަރު ޝަމްހީދު އެރަށުގައި 98 ޑަސްބިން ބަހައްޓައިދީފި

ގއ. ދާންދޫ ކައުންސިލް މެމްބަރު ޝަމްހީދު އިބްރާހީމް އޭނާގެ އަމިއްލަ ޚަރަދާއި އަދި އަމިއްލަ އިންތިޒާމް ތަކުގެ ދަށުން ދާންދޫގައި 98 ޓަސްބިން ބަހައްޓައިދީފިއެވެ.

އެ ޑަސްބިންތައް ބަހައްޓާފައިވަނީ އޭނާއާއި އަދި އޭނާ އެކުލަވާލި ޓީމުގެ އަމިއްލަ ފަރުމާއާއި މަސައްކަތުން ތައްޔާރުކުރި އަމިއްލަ ޑިޒައިނަކަށެވެ.

"ސާފު މަގު ދާންދޫ" މި ނަމުގައި ޝަމްހީދު ހިންގެވި އެ ޕްރޮގްރާމަކީ މަގުތަކުގައި ތަފާތު ކުޅިވަރު ހަރަކާތްތައް ހިންގާހިރު އުފެދޭ އާދައިގެ ކުނި ބުނި ތަކާއި ދަޅު، ޕެކެޓް، އަދި ސިގަރެޓް ފިލްޓަރ ފަދަ ލުއި ކުނިބުނިތައް މަގުމައްޗަށް އެޅުން ހުއްޓުވައި ދާންދޫ އަކީ ސާފު ތާހިރު ރަށެއްގެ ގޮތުގައި ބޭއްވުމަށްޓަކައި ހިންގި ޕްރޮގްރާމެކެވެ.

ދާންދޫ ކައުންސިލްގެ އިދާރާގެ ޑިރެކްޓަރ މުހައްމަދު އަލީ ވިދާޅުވީ ކައުންސިލަރު ޝަމްހީދަކީ ވަރަށް ފަންނުވެރި ކައުންސިލަރެއް ކަމަށާއި އޭނާގެ ހުނަރުވެރިކަމުގެ ފަންނު ރަށުގެ ތަފާތު ދިމަދިމާލުން ފެންނަމުންދާކަމަށެވެ. މިގޮތުން އެ ޕްރޮގްމަކީ އޭގެ ލާމަސީލު މިސާލެއް ކަމަށް މުހައްމަދު އަލީ ފާހަގަކުރެއްވިއެވެ.

ކުރު މުއްދަތެއްގެ ތެރޭގައި އެ ޑަސްބިންތައް ތައްޔާރުކޮށް ރަށުގެ އެދުރުގެ ތަކާއި ސްކޫލް މަދުރަސާތަކާއި އަދި ސަރުކާރުގެ އޮފީސް އިމާރާތްތަކާއި އާންމުން ނުކުމެއުޅޭ ދިމަދިމާ އާއި ހޮޓާ ރެސްޓޯރެންޓް ފިހަރާރަ އަދި އާންމު ޕާކުތަކާއި ބަނދަރު ސަރަޙައްދުގައި އާއި ކުޅިވަރު ކުޅޭ ސަރަހައްދު ތަކާއި ދާންދޫ ރަށްކަންނާ ސްޓޭޑިއަމް ކައިރީގައި އާއި ދާންދޫ އިޖުތިމާއީ ސެންޓަރު ކައިރީގައިވެސް އެ ޑަސްބިން ތައް ވަނީ ބަހައްޓާފައެވެ.

އެ ޕްރޮގްރާމުގެ ދަށުން ޝަމްހީދު ވަނީ ދާންދޫ ސްކޫލަށް 16 ޑަސްބިން ހަދިޔާކުރައްވާފައެވެ.

"މި ޕްރޮގްރާމުގެ ޚަރަދަށް ބަލާ އަގުކޮށްލާނަމަ ގާތްގަޑަކަށް ތިންލައްކަ ރުފިޔާ އާއި ގާތްކުރާ އަދަދަކަށް ޚަރަދުވާނެ ކަމަށް ލަފާކުރެވޭ،" މުހައްމަދު އަލީ ވިދާޅުވިއެވެ.

އެ ޕްރޮގްރާމުގެ އިތުރުން ދާންދޫ ބަނދަރު ސަރަހައްދުގައި ހަދާފައިވާ ބަނދަރު ޕާކުތެރޭގައި ޝަމްހީދު އާއި އޭނާގެ ޓިމުގެ އަމިއްލަ ޚަދުގައި އެތަނުގައި ޖޯލިތައް ބަހައްޓައި އަދި އެތަނުގައި ހައްދާފައިވާ ގަސްތަކުގެ އޮފިތަކުގައި އުނދޯލިތައް އެލުވާ އެތަނަށް އަންނަ މީހުންނަށް ފަސޭހައިން ގަސްތަކުގެ ހިޔަލުގައި އެކިއެކި ކަންކަމާއި ސައްލާކޮށްލަން ތިބޭނެ ފަސޭހަ ގޮތްތަކެއް ފަހިކޮށްދީފައިވާ ކަމަށް ވެސް މުހައްމަދު އަލީ ވިދާޅުވިއެވެ.

މިހާރު ރަށުގެ ވަރަށް ގިނަމީހުން އެތަނުގެ ހިތްގައިމުކަން ލިބިގަންނަމުންދާކަން ފާހަގަކޮށްލެވެއެވެ.

މިކަމާ ގުޅޭގޮތުން ކައުންސިލަރު ޝަމްހީދު ވިދާޅުވީ މިއީ ދާންދޫ ރައްޔިތުންނަށް ކޮށްދޭން ރާވާފައިވާ ކަންކަމުގެ ތެރެއިން ކުޑަމިން ވަރެއް ކަމަށާއި އަދި ކުރިއަށްއޮތްތަނުގައި އަމިއްލަ ޚަރަދުގައި ކުރުމަށް ތަފާތު އެތައްކަންކަމެއް ރާވާފައި އެބަހުރިކަމަށެވެ.

"މިކަމުގައި އަޅުގަނޑަށް ތަފާތު ގޮތްގޮތުން އެހީތެރިކަން ދެއްވި އެންމެހާ ފަރާތްތަކަށް މިފުރުޞަތުގައި ޝުކުރު ދަންނަވަން. ޚާއްސަކޮށް މި މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިން ގއ. ދާންދޫ ސަނީސައިޑް އުސާމަތު މުޙައްމަދު އަށް ޚާއްސަ ޝުކުރެއް ދަންނަވަން،" ޝަމްހީދު ވިދާޅުވިއެވެ.

އަބަދުވެސް ދާންދޫ ތަފާތު ދާއިރާތަކުން ކުރި ހޯދުމަށް ކުރާ މަސައްކަތްތަކުގައި އަމިއްލަ އިސްނެގުމާއެކު މި ގޮތަށް ކުރެވޭ ކޮންމެ ކަމަކީ އޭނާއަށް ލިބިގެންދާ ވަރަށްބޮޑު ހިތްހަމަޖެހުމެއްކަމުގައި ވެސް ޝަމްހީދު ވިދާޅުވިއެވެ.

ޝަމްހީދަކީ ދާންދޫގެ ތާރީޚުގައި ވެސް މިހާތަނަށް އަމިއްލަ ގޮތުން ކައުންސިލަށް އިންތިޚާބުވެވަޑައިގެންނެވި ހަމައެކަނި ބޭފުޅާއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!