ވާހަކަ

ދުރުގާވުން ހިތްނޭދޭ! (އަށާވީސްވަނަ ބައި)

އަޒްކީ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ދުރުގާވުން ހިތް ނޭދޭ! (ފުރަތަމަ ބައި) ދުރުގާވުން ހިތް ނޭދޭ! (ދެވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ތިންވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ހަތަރުވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ފަސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ހަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ހަތްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އަށްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ނުވަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ދިހަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! ( އެގާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ބާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ތޭރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސާދަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ފަނަރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސޯޅަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސަތާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އަށާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ނަވާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ވިހިވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އެކާވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ބާވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ތޭވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސައްވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ފައްސަވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސައްބީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ހަތާވީސް ވަނަބައި) ދުރުގާވުން ހިތްނޭދޭ! (އަށާވީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ނަވާވީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ތިރީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އެއްތިރީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ބައްތިރީސް ވަނަ ބައި) ދުރުގާވުން ހިތްނޭދޭ! ( ތެއްތިރީސްވަނަ ބައި)

ނުރޯން މަސައްކަތް ކުރަމުން ޖީނާ ތުންފަތުގައި ދަަތް އަޅައިލިއެވެ. އަނީކްގެ ޖަވާބަކަށް އިންތިޒާރު ކުރަމުން ދިޔައިރު އޭނާގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ.

Ads by STELCO

" އަހަރެން...." އަނީކް ބުނަން އުޅެފައި ހުއްޓައިލިއެވެ. އޭނާ ބަލައިލީ ޖީނާގެ މޫނަށެވެ. އެވަގުތު ޖީނާގެ ނަޒަރު ވެސް ހުއްޓިފައި ހުރީ ސީދާ އަނީކްގެ މޫނަށެވެ. ޖީނާ މޫނުން ނަޒަރު ވަކިކޮށްލަމުން އަނީކް އިސްޖަހައިލީ އެ މޫނަށް ބަލަން އުނދަގޫކަމުންނެެވެ. ޖީނާގެ މޫނުން ދެނެގަންނާންވީ ކޮންކަމެއް ކަމެއް އަނީކަކަށް ނޭނގުނެވެ. އެނގޭހާ ވެސް އެއްޗަކީ ޖީނާގެ ހިތުގައި ވަނީ އެހެން މީހެއް ކަމެވެ. އެކަން ވަރަށް ރަނގަޅަށް އަނީކަށް އެނގި ސާފުވެއްޖެއެވެ. އޭގެ ހެއްކަކަށް އަނީކްގެ ފޯނުގައިވާ ޒިދާނާއި ޖީނާގެ ފޮޓޯއާއި ޖީނާގެ ޑައިރީގެ ބައެއް ފޮޓޯތައް ފުދެއެވެ.

އެންމެން ތިބީ އަނީކްގެ ޖަވާބަކަށް ކެތްމަދުވެފައެވެ. އެހެން ނަމަވެސް ދާނިޔާލްއަށް އުނދަގޫ ވަމުން ދިޔައީ ޖީނާ އަނީކަށް ބަލަހައްޓައިގެން އިންނާތީއެވެ. އަނީކް ވެސް ޖަވާބުދޭން އުޅެފައި ޖީނާއަށް ބަލައިލިގޮތުން ދާނިޔާލްގެ ހިތުގައިވާ އަލިފާނުގެ ހުޅުގަނޑު ބޮޑުވެގެން ދިޔައެވެ.

އަނީކް އިސްޖަހައިގެން އިންނަން ފެށުމުން އެންމެ ކަންބޮޑުވީ ސާއިރާއެވެ. ކޮންމެ ވެސް ސަބަބަކާ ހުރެ އަނީކް ކައިވެންޏާ ދެކޮޅުހެން ސާއިރާއަށް ހީވަނީއެވެ. ދަރިއެއްގެ އިހުސާސްތައް އެންމެ ބޮޑަށް ދެނެގަނެވޭނެ އެކަކީ މައިމީހާއެވެ. ޔަގީނުން ވެސް ސާއިރާއަށް އަނީކްގެ މޫނުމަތިން ފެންނަމުން ދިޔައީ ތަފާތު އަސަރެކެވެ. ކުރިން ތާޝާގެ ނަން ކިޔައިލިޔަސް އުފަލުން ފޮޅޭ ކުއްޖާ މިއަދު ތާޝާއާ އޭނާގެ ކައިވެނީގެ ވާހަކަ ދެއްކޭއިރު ހިމޭނުން އެ އިންނަނީ ކީއްވެބާއޭ ސާއިރާގެ ހިތަށް އެރިއެވެ.

" ދަރިފުޅު ކީއްވެ އެއްޗެއް ނުބުނެ ތި އިންނަނީ؟ ދަރިފުޅު ތާޝާއާ ކައިވެނި ކުރަން ބޭނުން ނުވަނީތަ؟" އަނީކްގެ ކޮނޑުގައި އަތް ބާއްވައިލަމުން ސާއިރާ އަހައިލިއެވެ. އަނީކް ސާއިރާއަށް ބަލައިލީ ސިހިފައެވެ. އޭނާގެ އިހުސާސްތައް ސާއިރާއެއް އެނގުނީ ކިހިނެއް ހެއްޔޭ ހިތަށް އެރިއެވެ. އެ ސުވާލަށް ޖަވާބު ދިނީ ވެސް ޚުދު އޭނާގެ ހިތެވެ. ސާއިރާއަކީ އޭނާގެ މަންމައެވެ. މަންމައަކަށް ދަރިއެއްގެ އިހުސާސްތައް ނޭނގުނިއްޔާ ދެން ފަހެ އެނގޭނީ ވަކި ކާކަށް ހެއްޔެވެ؟ އަނީކްގެ ދެ ލޯ ފެންކަޅިވިއެވެ. ބޭނުންވީ އެ މަންމަގެ އުނގުގައި ބޯ އަޅައިލައިގެން އޮވެ ހިތްފުރޭ ވަރަށް ރޯލުމަށެވެ. އެ ހިތުގައި ވާހާ ޝަކުވާއެއް އެ މަންމަގެ ކުރިމަތީގައި ބަންޑުންކޮށްލުމަށެވެ.

އަނީކްގެ ހިތާއި ސިކުނޑި އެ ވަގުތު ދިޔައީ ވަރުގަދަ ހަނގުރާމައެއް ކުރަމުންނެވެ. ސިކުނޑީގައި އެނބުރެމުން ދިޔައީ މިއަދު އޭނާގެ ފޯނަށް ލިބުނު ފޮޓޯތަކެވެ. އެ ހިނދު އެ ސިކުނޑި ބުނަމުން ދިޔައީ ޖީނާ މަތިން ހަނދާން ނައްތައިލުމަށް ފަހު ތާޝާއާ ކައިވެނި ކުރުމަށެވެ. މިވަގުތު ތާޝާއަށް ވެސް ލިބިފައި ވަނީ ހިތްދަތި ކަމެކެވެ. އެންމެ ދެރަ ވަނީ ތާޝާއަށް އެ ލިބުނު ހިތްދަތިކަމުގައި އޭނާއަށް ވެސް ބޮޑު ރޯލެއް އަދާކުރެވިފައި ވާތީއެވެ. ތާޝާގެ ހަނދާންތައް ގެނައުމުގައި އޭނާއަށް އެހީ ނުވި ނަމަ މިއަދު ތާޝާ ހުންނާނީ އުފަލުންނެވެ. ހުރިހާ ކަމެއް ވެސް ވީ ޖީނާ އޭނާއަށް ކިޔައިދިން ހަޤީގަތެއް ނެތް ވާހަކަތަކެއްގެ ސަބަބުންނެވެ. އެ ވާހަކަތައް އަނީކަށް ޤަބޫލު ކުރެވުނީ އޭނާގެ މޮޔަކަމުންނެވެ.

އޭނާގެ ހިތް ބުނަނީ މުޅިން އިދިކޮޅަށެވެ. ޖީނާ ޒިދާން ދެކެ ލޯބިވާއިރު ވެސް ތާޝާއާ ގުޅުވަން މަސައްކަތް ކުރަނީ ކީއްވެ ހެއްޔެވެ؟ އެސުވާލުގެ ޖަވާބު ދިނީ އޭނާގެ ސިކުނޑިއެވެ. އޭނާ ހަނދާންވީ އެއް ދުވަހު ޖީނާ އޭނާ ކައިރީގައި ބުނެފައިވާ ވާހަކައެވެ.

" ބައެއް ފަހަރު ލޯތްބަކީ ހާސިލް ކުރުމެއް ނޫން. އަނެކާގެ އުފަލަށް އެދެވުމަށް ވެސް ލޯތްބޭ ކިޔާ!" ޖީނާ އެ ބުނި ބަސް އަނީކްގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. ޒިދާންގެ އުފަލަކީ ތާޝާކަން އެނގޭތީ ޖީނާ ޒިދާނަށް އެހީ ވަނީއެވެ. އެކަމަކު ޒިދާންގެ އުފާ ހޯދައިދިނުމަށް ޓަކައި އެންމެ ގާތް އެކުވެރިޔާ ޤުރުބާންކޮށްލާނީ ޖީނާ ހާދަހާ އަމިއްލަ އެދުން ބޮޑުވީމައޭ ހިތަށް އެރިއެވެ.

" ދަރިފުޅާ ކިހިނެއްވެފަތަ ތި އިންނަނީ؟" އަނީކް ސިހިގެން ދިޔައީ ސާއިރާ އޭނާގެ ކޮނޑުގައި ދެ ފަހަރަކު ޖަހައިލުމުންނެވެ. އޭނާގެ ޖަވާބަކަށް އިންތިޒާރުކޮށްގެން އެތާ ތިބި މީހުންނާ މެދު އަނީކަށް ވިސްނައިލެވުނީ ދެނެވެ. ކުރިން އެމީހުންގެ ތުންފަތްމަތިން ފެންނަމުން ދިޔަ ހިނިތުންވުން ވަނީ ފަނޑުވެފައެވެ. އަނީކް ކައިރީގައި އިން ތާޝާއަށް ބަލައިލިއެވެ. އިސްޖަހަލައިގެން އިން ތާޝާއާ މެދު އޭނާގެ ހިތުގައި ހަމްދަރުދީ އުފެދިގެން ދިޔައެވެ. ތާޝާ ޒިދާން ދެކެ ލޯބިވާވަރު އަނީކަށް އެނގެއެވެ. އެހެނަސް އޭނާއާ ކައިވެނި ކުރަން ތާޝާ އެއްބަސް ވާނީ ޒިދާން މަތިން ހަނދާން ނައްތައިލަން ބޭނުންވާތީއެވެ.

" އަހަރެންވެސް ބޭނުން ވަނީ ވީހާވެސް އަވަހަކަށް ކައިވެނި ކުރަން.." އަނީކްގެ އެ ބަސް ތީރެއް ފަދައިން ގޮސް ހެރުނީ ޖީނާގެ ހިތަށެވެ. ޖީނާ ހިންދިރުވައިލަމުން ދެލޯ މަރައިލިއެވެ. އޭނާގެ ހަޔާތުގައި ވެވުނު ފުރަތަމަ ލޯބި ނާކާމިޔާބުވީއެވެ. އެހެނަސް ކެތްތެރިވާން ޖީނާ ދަނެއެވެ. އޭނާގެ ތަޤުދީރުގައި އަނީކްގެ ނަން ލިޔެވިފައި ނެތީ އެއަށް ވުރެ މޮޅު ގޮތެއް އޭނާއަށް އިރާދަކުރައްވާފައިވާތީކަން އޭނާއަށް ވިސްނެއެވެ. އަނީކް ލޮލުގެ ކަނަކުން ޖީނާއަށް ބަލައިލަން އުޅެފައި ވެސް އިސްޖަހައިލީ ބަލައިލައިފި ނަމަ އޭނާގެ ޚިޔާލު ބަދަލު ވެދާނެތީއެވެ.

މުބާރަކް ބާދީގެ އަޑުން މުޅިގެ ވަނީ ގުގުމައިލައިފައެވެ. އެންމެ ބޮޑު އުފާވެރިކަމެއް ލިބުނީ ދާނިޔާލް އަށެވެ. ޒަމާންތަކަަކަށް ފަހު އޭނާގެ އެދުން ފުރިހަމަވާން އުޅޭތީއެވެ.

މޫނުމަތިން ހިނިތުންވުމެއް ދައްކައިގެން އިން ޝާމިންގެ ހިތް އަނދަނީއެވެ. އެތާ އިންނަން އުނދަގޫވެގެން ޝާމިން ތެދުވެގެން ކޮޓަރިއަށް ދިއުމަށް ހިނގައިގަތެވެ. އެތަނުން ދާން ބޭނުންވެފައި އިން ޝާނާ ވެސް އަވަހަށް ތެދުވެގެން ޝާމިންގެ ފަހަތުން ދިޔައެވެ. ޖީނާ ވެސް އިން ތަނުން ތެދުވިއެވެ. އެތަނުގައި އޭނާ އިނުމުގެ ބޭނުމެއް ނެތެވެ. ދާން ހިނގައިގަންނަން އުޅުނު ވަގުތު ހުއްޓުނީ ދާނިޔާލް ގޮވައިލި އަޑަށެވެ.

" ތާޝާއަށް މުބާރިކްބާދީ ވެސް ނުދީ ދަނީތަ؟ އަހަރެން ހީކުރީ އެންމެ އުފާވާނީ ޖީނާ ކަމަށް.. ކުޑަބައްޕަ ބޭނުން ވަނީ ކައިވެނީގެ ހުރިހާ ހަފްލާއެއް ޖީނާގެ ބެލުމުގެ ދަށުން ކުރިއަށް ގެންދަން.. އޭރުން ތާޝާ ވެސް ނުލާހިކު އުފާވާނެ.." ދާނިޔާލް ބުންޏެވެ. އެހިނދު އޭނާގެ ތުންފަތްމަތީގައި ކުޅެލީ ވިހަ ހިނިތުންވުމެކެވެ. ޖީނާ ތާޝާއަށް ބަލައިލިއެވެ. އެވަގުތު ތާޝާ ވެސް އިނީ ޖީނާއަށް ބަލަހައްޓައިގެންނެވެ. ތާޝާގެ މޫނުމަތިން ޖީނާއަށް އަދިވެސް ފެންނަމުން ދިޔައީ ހިތްހަމަނުޖެހުމެވެ.

" ކޮން..ކޮންގްރޭޓްސް ތާޝާ.." ދެ ހިޔާލެއްގައި ހުރެފައި ޖީނާ ބުންޏެވެ. އެހެން ބުނެފައި އަނެއްކާ ވެސް ހިނގައިގަތް ވަގުތު އަންފޫޒާގެ އަޑުއިވިފައި ހުއްޓެން ޖެހުނެވެ.

" އަނީކަށް ވެސް މަރުހަބާ ކިޔަންވާނެއްނު... އަނީކް ވެސް އެއީ ޖީނާގެ ގާތް އެކުވެރިއެއްނު.. މިހާރު އެ އުޅެނީ ޅިޔަނަކަށް ވާން" އަންފޫޒާ ބުނެލިއެވެ. އެވަގުތު ޖީނާއަށް އަންފޫޒާގެ މޫނުމަތިން ފެނުނީ ތަފާތު ކުލަވަރެކެވެ. އަންފޫޒާގެ ބެލުމުގައި ދުރު ގޮތެއް ހުރިކަން ޖީނާއަށް ފާހަގަވިއެވެ. ދާނިޔާލްގެ ތުންފަތްމަތީގައި ވެސް ކުޅެލީ މަލާމާތުގެ ހިނިތުންވުމެކެވެ.

ކައިވެންޏަށް އަނީކް އާނ ބަސް ބުނި ހިސާބުން ފެށިގެން އޭނާއަށް ބަލަން ޖީނާއަށް އުނދަގުލެވެ. އަނީކް ވެސް އިނީ އިސްޖަހައިގެންނެވެ. ދުރު ބަލަހައްޓައިގެން ހުރެ ތާޝާގެ ގާތުގައި ބުނި ފަދައިން އަނީކަށް ވެސް ޖީނާ ބުނެލިއެވެ. އެއަށް ފަހު މަޑުނުކޮށް ގޮސް ސިޑިން އަރަން ފެށިއެވެ.

ޖީނާއަށް ކޮޓަރިއަށް ވަދެވުމާ އެކު ބޮލުގައި އޮތް ބުރުގާ ދަމައިގަތުމަށް ފަހު އެނދުމައްޗަށް އެއްލައިލިއެވެ. އޭނާގެ އަތުގައި އޮތް ފޯނަށް ބަލައިލީ ޒިދާން އެތައް ފަހަރަކު ގުޅައިފައި އޮތުމުންނެވެ. އަނެއްކާ ވެސް ޒިދާން ގުޅީ ޖީނާ އެ ގޮތަށް ފޯނަށް ބަލަހައްޓައިގެން ހުއްޓައެވެ. ތާޝާ އަނީކާ އިންނަން އުޅޭ ޚަބަރު ޒިދާނަށް ދޭނެ ގޮތެއް ޖީނާއަކަށް ނުވިސްނުނެވެ. ޒިދާން ވާނެ ދެރަ އިހުސާސް ކުރެވޭތީއެވެ. ކޯލު ކެނޑުނުއިރު ވެސް ޖީނާ ހުރީ ފޯނަށް ބަލަހައްޓައިގެންނެވެ. އަދިވެސް ޒިދާން ގުޅާނެކަން އެނގޭތީ ޖީނާ ފޯނު ނިއްވައިލިއެވެ. އެއަށް ފަހު އެނދުމައްޗަށް ވެއްޓިގަތެވެ.

ޖީނާގެ ބޯދަށުގައި އޮތް ބާލީސް ފޯވަމުން ދިޔައީ އޭނާގެ ލޮލުން އޮހޭ ހޫނު ކަރުނައިންނެވެ. އެ ގޮތަށް އޭނާ ރޯން އޮންނަތާ ކިތަންމެ އިރެއްވެއްޖެއެވެ. ހަޔާތުގައި އޭނާއަށް ފުރަތަމަ ފަހަރަށް ވެވުނު ލޯބި ނާކާމިޔާބުވީއެވެ. ހަޔާތުގެ އެ ބާބު ރަނގަޅަށް ނުފެށެނީސް ނިންމައިލާން ޖެހުނީއެވެ. ލޯތްބަކީ މިހާ ވިހަ ގަދަ އެއްޗެއްކަން އިހުސާސް މިވީ އަދި ކިރިޔާއެވެ. އެ ވިހައިގެ ސަބަބުން އޭނާގެ ހިތް ކުދިކުދި ވެއްޖެއެވެ. އޭނާގެ ދެލޯ ތެންމައިލައިފިއެވެ. ތުންފަތްމަތީގައިވާ ހިނިތުންވުން ގެއްލުވައިލައިފިއެވެ. އަނީކް އޭނާއާ އެ ވަރުގެ ބޮޑު ސަމާސާއެއް އެކުރީ ކީއްވެ ހެއްޔެވެ؟ އޭނާގެ ހިތާ ކުޅުނީ ކޮން އުފަލެއް ބޭނުންވެގެން ހެއްޔެވެ؟ ތާޝާއާއި ޒިދާން ގުޅުވަން އުޅުމުން އަނީކް އެކަމުގެ ބަދަލު ހިފީ ހެއްޔެވެ؟ ކުއްލިއަކަށް ޖީނާ އޮތް ތަނުން ތެދުވިއެވެ. އޭނާއަކީ އަނީކްގެ އެ ހީކުރާ ކަހަލަ ފިނޑިމީހެއް ނޫނެވެ. އަނީކް ޖެހޭނީ އޭނާ ކުރާ ސުވާލުތަކަށް ޖަވާބުދާރީ ވާށެވެ. އެނދުމަތީގައި އޮތް ބުރުގާ އަލުން ބޮލަށް މަހައިލުމަށް ފަހު ޖީނާ ކޮޓަރިން ނިކުތެވެ. އޭރު މުޅިގެއަށް ވެރިވެފައި ވަނީ މަރު ފަދަ ހިމޭން ކަމެކެވެ. އެހިނދު އެންމެން ނިދީކަން ޖީނާއަށް އެނގުނެވެ. ގޭތެރެއަށް ވެރިވެފައިވާ ފަނޑުއަލީގެ ތެރެއިން ޖީނާ ގޮސް ހުއްޓުނީ އަނީކްގެ ކޮޓަރީ ދޮރުމަތީގައެވެ. ރަނގަޅު ވަގުތެއް ނޫންކަން އެނގޭއިރު ވެސް ޖީނާ އަނީކް ކޮޓަރީގެ ދޮރުގައި ޓަކި ޖެހީ އޭނާގެ ސުވާލުތަކަށް ޖަވާބު ނުލިބެނީސް ނުނިދޭނެކަން އެނގުމުންނެވެ. ހީކުރި ވަރަށް ވުރެ އަވަހަށް އަނީކް ދޮރު ހުޅުވައިލިއެވެ. އަނީކްގެ މޫނުމަތިން ނިދީގެ އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ. އެ ފަދަ ވަގުތެއްގައި ޖީނާ ފެނުމުން އަނީކް ކުޑަކޮށް ހައިރާންވިއެވެ.

" މިގަޑީގަ ކީކޭ ކިޔަން ތިއައީ؟" އަނީކްގެ އަޑުގައި ވަނީ ރުޅިއާއި ނަފްރަތެވެ. އެވަގުތު އޭނާގެ ދެ ބުމަ ގޮށްޖެހިގެން ދިޔަ ގޮތުން ވެސް އޭނާ ރުޅި އައިސްފައި ހުރިވަރު ހާމަވެގެން ދިޔައެވެ.

" ކީއްވެ އަހަރެން ދެކެ ރުޅި އައިސްގެން ތިއުޅެނީ؟" ލަހެއްފަހެއް ވެސް ނެތި ޖީނާ ސުވާލުކޮށްލިއެވެ.

" ހަމަ ނޭނގިގެންތަ ތި އަހަނީ؟" އަނީކްވެސް ކޮށްލީ ސުވާލެކެވެ.

" އާނ ހަމަ ނޭނގިގެން... ކީއްވެ އޮޅުވައިލަން ތި މަސައްކަތް ކުރަނީ؟" ޖީނާ ބުންޏެވެ.

" އަދިވެސް އަހަރެންތަ އޮޅުވައިލަން މަސައްކަތް މިކުރަނީ؟ ޔޫ ނޯވ ވަޓް. މިގަޑީގަ އެއްވެސް މީހަކާ ޒުވާބު ކުރާކަށް އަހަރެން ބޭނުމެއް ނޫން.. މިތަނުން ދޭ!" ދޮރު ލައްޕަން ދިމާކޮށްލަމުން އަނީކް ބުންޏެވެ. އެހެން ނަމަވެސް އޭގެ ކުރިން ޖީނާ އެ ދޮރުގައި އަތްއެޅިއެވެ. އެއަށް ފަހު އަވަސް ހަރަކާތަކާ އެކު އަނީކްގެ ކޮތަރިތެރެއަށް ދެމިގަތެވެ. ޖީނާގެ އެ އަމަލުން އަނީކަށް ލިބުނީ ހައިރާންކަމެކެވެ.

" ޖީނާ ކިހިނެއްވެގެންތަ ތިއުޅެނީ.. މާ އަހްލާޤް ރަނގަޅު މީހަކަށް ވެގެން އުޅެނީ ދައްކަން ދޯ.. މިއޮއް ދަންވަރު ހިލޭ ފިރިހެނެއްގެ ކޮޓަރީގަ ހުންނަން ލަދެއް ނުގަނޭތަ.." އަނީކްގެ ރުޅިގަނޑު އިތުރުވިއެވެ.

" އަހަރެން ކޮންކަމެއް އަނީކަށް އޮޅުވައިލައިގެންތަ ތިއުޅެނީ.. " ދެ އަތް އުރައިލަމުން ޖީނާ އަހައިލިއިރު އެ ދެ ލޮލުން ފެންނަނީ ސާބިތުކަމެވެ.

" ބުނެބަލަ.. ދޮންތައާއި ޒިދާންގެ ވާހަކަ އަހަރެން އަނީކަށް ކިޔައިދިނީމެއް ނޫންތަ؟ ދެން ކީއްވެ އޭރު އަހަރެން ކިޔައިނުދެއޭ ބުނީ... ތާޝާއަށް ދައްކަން ވެގެންތަ؟ ބުނެބަލަ.. އަނީކް އަދިވެސް ތާޝާ ދެކެ ލޯބިވާއިރު ކީއްކުރަން ކޮންމެހެން އަހަރެންގެ އިހުސާސްތަކާ ކުޅުނީ؟" ޖީނާގެ އަޑު ކުރެހިގެން ދިއުމާ އެކު ދެލޯ ފުރިގެން އައެވެ.

" ޖީނާ އަހަރެންގެ އިހުސާސްތަކާ ކުޅުނީ... ޒިދާނާއި ޖީނާ ދެމީހުންވެގެން އަހަރެންގެ އިހުސާސްތަކާ ކުޅުނީ.. އެ ދޮގު ވާހަކަތައް ޖީނާ އަހަރެންނަށް ކިޔައި ނުދިން ނަމަ ޒިދާނަށް ތާޝާއާ ގާތްވަން ލާހިކެއް ނޫން.. ޖީނާ ޒިދާނާ މެދު ދެކޭގޮތް އަހަރެންނަށް އެނގިއްޖެ... ތީ ވަރަށް އަމިއްލަ އެދުން ބޮޑު މަކަރުވެރި އަންހެނެއް.. ބުނާގޮތުން ވިއްޔާ ތާޝާ އެއީ ކޮއްކޮއެއްގެ އިތުރުން އެންމެ ގާތް އެކުވެރިޔާ... އެކަމަކު އެ ޒިދާނަށް ޓަކައި އެންމެ ގާތް އެކުވެރިޔާއަށް ކެހިދޭން އުޅުނީ.. ތާޝާއަށް ވުރެ ޖީނާއަށް މުހިންމުވީ ޒިދާން.. " ވީހާވެސް މަޑުން ބުނެވޭތޯ މަސައްކަތް ކުރި ނަމަވެސް އަނީކަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ. އަނީކް ދައްކަމުން ދިޔަ ވާހަކަތަކުން ޖީނާ ހުރީ ކިޔާނެ ބަހެއް ނޭނގިފައެވެ.

" އަސްލު މީ ޖީނާ އުފާ ކުރަންވީ ވަގުތެއްނު.. އަހަރެން ތާޝާއާ އިނީމަ ޖީނާއަށް ޒިދާންގެ ހިތުން ޖާގައެއް ލިބިދާނެ ކަންނޭނގެ... އުނހު ވެއިޓް.. ނޫނީ ޖީނާ އެ ވަރަކަށް ތާޝާގެ ހަނދާންތައް ގެންނަން ބޭނުންވެގެން އުޅުނީ ހަމަގަސްދުގަތަ.. އޭރުން ޖީނާގެ ރާސްތާ ސާފުވީއެއްނު... ޖީނާއަށް ޒިދާން ލިބޭނެއްނު އޭރަށް.. ނޫންތަ؟" އަނީކްގެ ވާހަކަތަކުން ޖީނާގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ.

" ހުއްޓާލާ އަނީކް!! ތިހާ ދަށު ދަރަޖައިގެ ވިސްނުން ގެންގުޅޭ މީހެއް އަހަރެން ދުވަހަކު ވެސް ނުދެކެން... ކާކު ކާކަށް އޮޅުވައިލީކަން މިހާރު ވަރަށް ރަނގަޅަށް އެބައެނގެއެއްނު.. ހަޤީޤީ ލޯބި ވެވުނީ އަހަރެން ދެކެއޭ ކިޔާފަ ހަމަ ތާޝާ ކައިވެންޏަށް އެއްބަސްވާއިރަށް ވަގުތުން ކައިވެނި ކުރަން ބޭނުންވީ.. މިވީހާ ދުވަހު ޔޫ ޖަސްޓް ޕްލޭއިޑް ވިތު މީ... އައި ހޭޓް ޔޫ" ފަހު ޖުމްލަ ބުނެލިއިރު ޖީނާއަށް ރޮވިއްޖެއެވެ. އެހެން ނަމަވެސް އަނީކްގެ ތުންފަތްމަތީގައި ކުޅެލީ ހިނިތުންވުމެކެވެ.

" ހާދަ މޮޅޭ އެކްޓް ކުރަން ވެސް... ހަމަ އެއްވަނަ ދޭ ވަރު ވޭ... އުފާކޮށްބަލަ އަހަރެން ޖީނާއަށް މަގުފަހި ކޮށްދިނީތީ.. ދެން ވެސް ދޭބަލަ ޒިދާން ކައިރިއަށް.. އެއެއްނު ތިނުވެގެން އުޅޭ ކަމަކީ.. މިހާރު ނެތެއްނު އެއްވެސް ހުރަހެއް.. " އަނީކް ބުންޏެވެ.

" އިނަފް އަނީކް!! " ޖީނާގެ އަޑު ބާރުވެގެން ދިޔައީ ބޭއިޚްތިޔާރުގައެވެ. އެހެން ނަމަވެސް ދެވަނަ ހިނދުގައި އޭނާގެ އަމިިއްލަ ނަފްސު ހަމައަކަށް އަޅުވައިލިއެވެ.

" އާނ ތެދެއް ތިބުނީ.. އަހަރެން ލޯބި ވަނީ ޒިދާން ދެކެ... ކަލޭ ހީކުރީ ކަލޭ ޖެއްސި މަޅީގަ އަހަރެން ޖެހޭނެކަމަށްތަ... ޒިދާނޭ ކިޔާފަ އަނގަހުޅުވަން ކަލޭ ލަދުގަންނަން ޖެހޭނެ.. އެއީ ކަލެއަށް ވުރެ އެތައް ގުނައެއްް ރަނގަޅު އިންސާނެއް.. ކަލޭ ކަހަލަ މަކަރާ ހީލަތް ހަދަން އޭނާއެއް ނުދަންނާނެ.. ހަނދާން ކުރާތި.. މީގެ ފަހުން އަހަރެންނާ ވާހަކަ ދައްކަން މަސައްކަތް ކޮށްފިއްޔާ އަހަރެންނަށް ވުރެ ނުލަފާ މީހަކު ނެތްކަން ދައްކާލާނަން.. ކަލޭގެ ކުރެވެން އުޅެވޭ ކައިވެންޏަށް މަރުހަބާ" ޖީނާ އެހެން ބުނީ ރުޅިއައިސްގެން ނަމަވެސް އޭނާގެ ދެލޮލުން އޮހެމުން ދިޔައީ ވޭނީ ކަރުނައެވެ. އެންމެ ހިނދުކޮޅަކު ވެސް އެތާ މަޑުނުކޮށް ދިޔައިރު އަނީކް ބަހެއް ވެސް ނުކިޔާ ހުއްޓެވެ. ޖީނާގެ ދުލުން ޒިދާން ދެކެ ލޯބިވާ ވާހަކަ ބުނި އަޑު ތަކުރާރުކޮށް އަނީކްގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. އައިސްފައިވާ ހުރިހާ ރުޅިއެއް އަނީކަށް ބޭލުނީ ކޮޓަރީގެ ފާރަށެވެ.

*****

ތާޝާ މިރޭ ބޭނުންވީ އަންސޫދާ ގާތުގައި ނިދުމަށެވެ. އަންސޫދާއާއި ތާޝާ އެނދުގައި އޮތްއިރު ދާނިޔާލް އޮތީ ސޯފާގައެވެ. ދަތުރު ވަރުބަލިކަމުން އެ ދެ މީހުންނަށް މާލަސްތަކެއް ނުވެ ނިދިއްޖެއެވެ. ނިދި ގެއްލިފައި އޮތީ ތާޝާއެވެ. ޒިދާންގެ ސަބަބުން ހިތަށް ލިބިފައިވާ އަނިޔާއަށް ކިރިޔާ ވެސް ލުޔެއް ލިބުނީ މައިމީހާގެ ފަރާތުން ލިބުނު އަޅާލުމާއި އޯގާތެރިކަމުގެ ސަބަބުންނެވެ. މިވީހާ ދުވަހު އޭނާގެ މައިންބަފައިން އޭނާ މާލެ ނުފޮނުވަން އުޅުނު ސަބަބު މިއަދު ތާޝާއަށް އެނގިއްޖެއެވެ. ނުނިދިފައި އޮތް ތާޝާ ސަައިޑު ކަބަޑުމަތީގައި އޮތް އޭނާގެ ފޯނު ނެގިއެވެ. ގެއަށް އައި ގޮތަށް އޭނާ ފޯނު ނިއްވައިލީ ޒިދާން ގުޅާ ވަރުންނެވެ. ތާޝާ އޭނާގެ ފޯނު ހުޅުވައިލިތާ މާގިނައިރު ތަކެއް ނުވަނީސް އަނެއްކާ ވެސް ޒިދާން ގުޅަން ފަށައިފިއެވެ. ފޯނު ނަގާކަށް ތާޝާ ބޭނުމެއް ނުވިއެވެ. ފޯނަށް އަރައިފައި އޮތް ޒިދާންގެ ނަމަށް ބަލަހައްޓައިގެން އޮތްއިރު ތާޝާގެ ދެ ލޮލުން ކަރުނަ އާދެއެވެ. ޒިދާން އޭނާއަށް އެވަރުގެ ބޮޑު ލަނޑެއް ދިނުމަށް ފަހު އަނެއްކާ ވެސް އޭނާގެ ހިތާ ކުޅެން ގަސްދުކުރީ އަނެއްކާ ވެސް އޭނާގެ ހިތްހަލާކުކޮށްލަން ހެއްޔެވެ؟ ތާޝާ ބަލަބަލައި އޮއްވައި ފޯނު ކެނޑުނެވެ. އިރުކޮޅެއް ވެސް ނުވެ އަނެއްކާ ވެސް ޒިދާން ގުޅިއެވެ. މި ފަހަރު ވެސް ތާޝާ ފޯނަށް ބަލަހައްޓައިގެން އޮތީއެވެ. ކޮންމެ ރެއެއްގެ މިވަގުތަކީ އޭނާ ޒިދާނާ ލޯބީގެ އެތައް ވާހަކައެއް ދައްކާ ވަގުތެކެވެ. އެހެން ރޭތައް ފަދައިން މިރޭ ވެސް ޒިދާން ބޭރުގައި ހުރެދާނެ ހެއްޔެވެ؟ އެހެން ހިތަށް އެރުމާ އެކު ތާޝާ އޮތް ތަނުން ތެދުވިއެވެ. މަޑު ފިޔަވަޅުތަކެއް އަޅަމުން ގޮސް ކުޑަދޮރު ކައިރީގައި ހުއްޓި ކުޑަކޮށް ފަރުދާ އެއް ފަރާތް ކޮށްލުމަށްފަހު ބޭރު ބަލައިލިއެވެ. އޭނާއަށް ހީވީ ރަނގަޅަށެވެ. ޒިދާން ކުރިން ވެސް އޭނާ ހުންނަ ތަނުގައި އެބަހުއްޓެވެ. ނަމަވެސް އެކޮޓަރިން ޒިދާން ފެންނަނީ ޖީނާގެ ކޮޓަރިއަށް ވުރެ ދުރުންނެވެ. ޒިދާން ފޯނު ކަންފަތުގައި ޖަހައިގެން ހުރިއިރު އޭނާގެ ދެލޯ އަމާޒުވެފައި ހުރީ ޖީނާގެ ކޮޓަރީގެ ކުޑަދޮރާ ދިމާލަށެވެ. އެމަންޒަރު ވަރަށް ރަނގަޅަށް ތާޝާއަށް ފާހަގަވިއެވެ. ފަރުދާއިން ދޫކޮށްލުމަށް ފަހު ތާޝާ އެނބުރި އައިސް އެނދުގައި އިށީނެވެ. ޒިދާން އޭނާއަށް އެހާ ބޮޑު އޮޅުވައިލުމެއް އޮޅުވައިލައިފައި ވެސް އެވަރަށް ތާޝާއަށް ގުޅަންވީ ކޮން ބޭނުމެއްގައި ހެއްޔެވެ؟ ޒިދާން ބޭނުންވެގެން އެއުޅެނީ ކޮންކަމެއް ހެއްޔެވެ؟

*****

ފަތިސް ނަމާދުކޮށްގެން ޒިކުރުތައް ކިޔާލުމުން ޖީނާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. ކޮފީއެއް ބޯން ތިރިއަށް ދާން ބޭނުންވި ނަމަވެސް އެހިޔާލު ދޫކޮށްލުމަށް ފަހު އެނދަށް އަރަން އުޅުުނު ވަގުތު ކޮޓަރީގެ ދޮރުގައި ޓަކި ޖަހައިލި އަޑުއިވުނެވެ. އެވަގުތު އެންމެ ފުރަތަމަ ވެސް ހިތަށް އައީ ތާޝާގެ ނަމެވެ. އަވަހަށް ގޮސް ދޮރުހުޅުވައިލިއިރު ކުރިމަތީގައި ހުރި އަންފޫޒާ ފެނިފައި ޖީނާގެ މޫނުމަތިން ހައިރާންކަން ފެނުނެވެ.

" މަންމާ މިވަގުތު؟؟ އަނެއްކާ މަންމަ ރަނގަޅުތަ؟" ޖީނާ އެހެން އަހައިލީ ކަންބޮޑުވެފައެވެ. އަންފޫޒާ ވަކި ޖަވާބެއް ނުދީ ކޮޓަރިތެރެއަށް ވަނެވެ. ޖީނާވެސް ދޮރުލައްޕައިލުމަށް ފަހު ގޮސް އަންފޫޒާ ކައިރީގައި ހުއްޓުނެވެ. އަންފޫޒާ ޖީނާއާ ދިމާލަށް ބަލައިލިއިރު އެބެލުމުގައިވި ހިތްހަމަނުޖެހުން ފެނި ޖީނާގެ ހިތަށް ނުތަނަވަސް ކަމެއް ވެރިވިއެވެ.

" މަންމ......." ޖީނާއަށް ރަނގަޅަށް އެއްޗެއް ނުބުނެވެނީސް އޭނާގެ ކޯތާފަތް މައްޗަށް އަރައިގެން ދިޔައީ ހޫނު އެތިފަހަރެކެވެ. ޖީނާއަށް ކޯތާފަތްމަތީގައި އަތްއަޅައިލެވުނީ ވީތަދުންނެވެ. އަންފޫޒާއާ ދިމާއަށް ބަލައިލީ ޝަކުވާގެ ނަޒަރަކުންނެވެ. އެއްޗެއް ބުނަން އަނގަހުޅުވާލުމާ އެކު އަނެއްކާ ވެސް އަންފޫޒާގެ އަތުގެ ހޫނުކަން ޖީނާގެ ކޯތާފަތްމައްޗަށް އަރައިގެން ދިޔައެވެ.

  1. ވަރަށް ރީތި ވާހަކަ ❤❤ ވެއިޓިން