ޚަބަރު ސިޔާސީ

ޖަޕާނު މަހެއްހެން ޕާޓީތައް އުފަން ވިޔަސް ކަންބޮޑުވުމެއް ނެތް: ޝުޖާއު

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
އިބްރާހިމް ޝުޖާއު / ފޮޓޯ: ދެން އިމޭޖްސް

މިދުވަސްވަރާ ދިމާކޮށް ގިނަ ސިޔާސީ ޕާޓީތައް އުފަންވަމުން އަންނަ ކަމަށާއި އެހެން ނަމަވެސް އެކަމާ މެދު ކަންބޮޑުވެ، ނުލައްވާކަމަށް ޕީއެންސީގެ ނާއިބް ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މިއަދު އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސިޔާސީ ޕާޓީތައް އުފެދެމުންދާތީ، އެކަމާމެދު ދެކެވަޑައިގަންނަވަނީ ކިހިނެތްތޯ ސުވާލު ކުރެއްވުމުން ޝުޖާއު ވިދާޅުވީ، މިއަދު ރާއްޖޭގައި އުފެދެމުން އަންނަ ސިޔާސީ ޕާޓީތައް އުފެދެމުން އަންނަނީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިހް ދެވަނަ ދަރުރަކަށް އިންތިޚާބުވުމަށް ޓަކައި ވާދަ ކުރައްވާނެ ޕާޓީއަކަށް ވުމަށް ކަމަށެވެ. އަދި ދެވަނަ ދައުރަކަށް ރައީސް ޞާލިޙަށް އެމްޑީޕީއިން ޖާގަ ނުލިބި، އެހެން ޕާޓީއަކަށް ދާން ޖެހޭނެ ފަދަ މޭރުމަކުން އޭނާ ވާހަކަފުޅު ދެއްކެވިއެވެ.

"މި ދުވަސްވަރަކީ ޖަޕާނު މަހެއްހެން ޕާޓީތައް އުފަންވަމުންދާ ދުވަސްވަރެއް. އަޅުގަނޑުމެން އެ ކަމަކާ ކަންބޮޑެއް ނުވޭ. އަޅުގަނޑުމެންނަށް އެބަ އެނގޭ ދިވެހި ރާއްޖޭގައި އުފަންވާ ކޮންމެ ޕާޓީއަކީ، ވެރިކަމުގައި ހުންނެވި ބޭފުޅާ އަރާނެ ގޮޅި ހުސްވަމުން ދާތީ އުފެދެމުންދާ ޕާޓީތަކެއްކަން." ޝުޖާއު ވިދާޅުވިއެވެ.

ޝުޖާގެ ވާހަކަފުޅުގައި ވިދާޅުވީ، މިއަދު އުފައްދާ ޕާޓީތަކަކީ ހެޔޮ ނިޔަތެއްގައި ރައްޔިތުންނަށް ޚިދުމަތް ކުރަން އުފައްދާ ޕާޓީތަކެއް ނޫންކަން، އެ ޕާޓީތަކުން ރައީސް ޞާލިޙަށް ސަނާ ކިޔުމުން ދޭހަވާ ކަމަށެވެ. އަދި ރައީސް ޔާމީން އަނބުރައި ވެރިކަމަށް ގެނައުމަށް ރައްޔިތުން ކުރާ މަސައްކަތުގައި ދެމި އޮތް ހަމައެކަނި ޕާޓީއަކީ ޕީޕީއެމްކަމަށާއި އިތުރު ސިޔާސީ ޕާޓީތަކަށް އެއްވެސް ސަމާލު ކަމެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެން ނަމަވެސް އަލަށް އުފަންވާ ޕާޓީތައް ވެސް އުފެދިފައި ހުރި ޕާޓީތައް ވެސް، ރައީސް ޔާމީންގެ ޕީޕީއެމް/ޕީއެންސީ ފިޔަވާ، މި ސަރުކާރުހާ ރަނގަޅު، ޤައުމު އަޅުވެތި ނުކޮށް، އިޤްތިޞާދީ ބައިވަރު މަސައްކަތްތަކެއް ކުރައްވާ ބޭފުޅެއްގެ ގޮތުގައި ސިފަ ކުރައްވަމުން އެ ގެންދަވަނީ." ޝުޖާއު ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަނުން މީގެ ކުރިން ވެސް ވަނީ އަލަށް އުފެއްދުމަށް މަސައްކަތް ކުރާ ސިޔާސީ ޕާޓީތަކަކީ، ރައީސް ޞާލިޙްގެ އެދުމުގެ މަތިން އުފައްދަވާ ޕާޓީތަކެއް ކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް، އެ ޕާޓީތަކުން އެކަން ދޮގު ކުރެއެވެ.

ޕީޕީއެމްއިން މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފައި ވަނީ އެ ޕާޓީން "މަވެސް ޕީޕީއެމް" ގެ ނަމުގައި ކުރިޔަށް ގެންދާ، އަތޮޅު ދަތުރުތަކުގެ މައުލޫމާތު ދިނުމަށެވެ. މި ކެންޕެއިންގައި އެންމެ ފުރަތަމަ ދަތުރު ކުރުމަށް ނިންމަވައިފައި ވަނީ ހއ އަތޮޅަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!