ވާހަކަ

ދުރުގާވުން ހިތްނޭދޭ! (ބައްތިރީސް ވަނަ ބައި)

އަޒްކީ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ދުރުގާވުން ހިތް ނޭދޭ! (ފުރަތަމަ ބައި) ދުރުގާވުން ހިތް ނޭދޭ! (ދެވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ތިންވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ހަތަރުވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ފަސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ހަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ހަތްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އަށްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ނުވަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ދިހަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! ( އެގާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ބާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ތޭރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސާދަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ފަނަރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސޯޅަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސަތާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އަށާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ނަވާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ވިހިވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އެކާވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ބާވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ތޭވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސައްވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ފައްސަވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސައްބީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ހަތާވީސް ވަނަބައި) ދުރުގާވުން ހިތްނޭދޭ! (އަށާވީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ނަވާވީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ތިރީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އެއްތިރީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ބައްތިރީސް ވަނަ ބައި) ދުރުގާވުން ހިތްނޭދޭ! ( ތެއްތިރީސްވަނަ ބައި)

ޝާނާ، ތާޝާގެ އަތުގައި ހިފައިގެން ދުރަށް ހިނގައިގަތުމުން ދާނިޔާލްއަށް ބަލައިލެވުނީ ތަފާތު ނަޒަރަކުންނެވެ. އެހިތުގައި އުފެދިގެން ދިޔައީ ނުތަނަވަސް ކަމެކެވެ. އަންފޫޒާ ވެސް އެ ވަގުތު އިނީ ޝާނާ ތާޝާ ގޮވައިގެން ދާ ދިމާލަށް ބަލަހައްޓައިގެންނެވެ. އިރުކޮޅަކުން ދާނިޔާލަށް ބަލައިލި ވަގުތު ދާނިޔާލްގެ ލޮލުން ކޮށްލި އިޝާރާތާ އެކު އަންފޫޒާ އިން ތަނުން ތެދުވެގެން ހިނގައިގަތެވެ.

Ads by Hajj Corporation

ތާޝާގެ ކެތްތެރިކަން ކޮޅުންލީ އެމީހުން ތިބި ތަނާ ފުދޭ ވަރަކަށް ދުރަށް ދެވުމުންނެވެ. ތާޝާ ހުއްޓެމުން ޝާނާގެ އަތް ފޮޅުވައިލިއެވެ.

" ކިހިނެއްވެގެންތަ ތިއުޅެނީ؟ ތިގޮތަށް އަހަރެންގެ ހުއްދައަކާ ނުލާ އަހަރެންގެ އަތުގައި ހިފައިގެން މިތަނަށް ގެނައުމުގެ އެއްވެސް ހައްޤެއް ކަލެއަކަށް ނޯންނާނެ!" ތާޝާގެ އަޑުގައި ވަނީ ރުންކުރު ކަމެވެ. ޝާނާ ހައިރާންވީ މީގެ ކުރިން ދުވަހަކު ވެސް ތާޝާ އެފަދަ ގޮތަކަށް އޭނަ އާ ވާހަކަ ދައްކާފައިނުވާތީއެވެ.

" އަހަރެން މިއުޅެނީ ވަރަށް މުހިންމު ވާހަކައެއް ދައްކަން ވެގެން.. " ޝާނާ ބުންޏެވެ.

" ކަލޭ އަހަރެންނާ ދައްކަން ޖެހޭ މުހިންމު ވާހަކައެއް ނޯންނާނެ.. އެހެން ނޫނަސް ތިހާ މުޑުދާރު މީހުން ދައްކާ ވާހަކަ ޤަބޫލުކުރާކަށް ބޭނުމެއް ވެސް ނޫން.." ޝާނާގެ މޫނުން ނަޒަރު ވަކިކޮށްލައި ދުރަށް ބަލައިލަމުން ތާޝާ ބުންޏެވެ. އެމޫނުމަތިން ފެންނަން ހުރި ރުޅިވެރިކަން ފެނި ޝާނާ ހުރީ ހައިރާންވެފައެވެ. އެންމެ ބޮޑު ހައިރާންކަމެއް ލިބުނީ ތާޝާ އޭނައާ އެފަދަ މޭރުމަކުން ވާހަކަ ދެއްކުމުންނެވެ.

" ތާޝާ ޕްލީޒް.. ތަންކޮޅެއް ރީތިކޮށް ވާހަކަދައްކަބަލަ.. އަހަރެން ވެސް ނުލާހިކު ރީތިކޮށް ދޯ މި ވާހަކަ ދައްކަނީ.. އަހަރެން ޤަބޫލުކުރަން ވޭތުވެދިޔަ ދުވަސްތަކުގައި އަހަރެންނަށް ތާޝާއާ ދޭތެރޭގައި ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫންކަން.. އެކަމަކު އެއީ ސަބަބެއް ނެތިއެއް ނޫން.... އަހަރެންނަށް ތާޝާއާ ފޭސްކުރަން އުނދަގޫ ވާތީ.. އަހަރެންގެ އަމިއްލަ ކުށް ޤަބޫލުކުރެވުމުގެ ބަދަލުގަ އަހަރެންނަށް ރުޅި އިސްކުރެވުނީ އެއްވެސް އިޚްތިޔާރަކާ ނުލާ.. އެހެންވީމަ އަހަރެން ބޭނުން ތާޝާ ކައިރީގަ މައާފަށް އެދެން.." ވީހާ ވެސް މަޑުމައިތިރިކޮށް ވާހަކަ ދެއްކޭތޯ މަސައްކަތް ކުރަމުން ޝާނާ ބުންޏެވެ. އެވަގުތު ތާޝާގެ ތުންފަތްމަތިން ފެނިގެން ދިޔައީ މަލާމާތުގެ ހިނިތުންވުމެކެވެ.

" މައާފޭ... ކަރުގަ ހިފައި މަރައިލައިފަ ވެސް ބުނަންވީނު މައާފުކުރާށޭ.. އެހެން ނޫނަސް ކަލޭ ކުރީ ކުށެއްތަ؟ ކަލޭ ކުރީ ބޮޑު ފާފައެއް... ތިހާ ލަދު ހަޔާތް ކުޑަ އަންހެނެއް އަހަރެން ދުވަހަކު ވެސް ނުދެކެން.. އެހެންވެގެނެއްނު ކޮއްކޮ އިންނަން އުޅޭ މީހާއާ އެކު އެއް އެނދުގައި.... ޗި.. ބުނަން ވެސް ލަދުގަނޭ... " އަނގަޔަށް ވައްތަރެއް ޖައްސައިލަމުން ތާޝާ ބުންޏެވެ. އެހެން ނަމަވެސް އެ ދެ ލޮލުން ފާޅުވަމުން ދިޔައީ އިންތިހާ ދަރަޖައިގެ ވޭނެވެ. ޝާނާގެ މޫނުމަތިން ފެނިގެން ދިޔައީ ސިހުމެކެވެ. ތާޝާ ހުރިހާ ކަމެއް ހަނދާންވީބާއޭ ހިތަށް އެރިއެވެ.

" ތާޝާ ކީކޭތަ ތި ކިޔަނީ؟"ޝާނާ އަހައިލީ ހައިރާންވެ ހުރެއެވެ.

" މިކިޔާ އެއްޗެއް ރަނގަޅަށް އެނގޭނެ.. ހީކުރީތަ އަހަރެން އަދިވެސް މިހުރީ ހުރިހާ ކަމެއް ހަނދާން ނެތިފައޭ.. އަހަރެން ހުރިހާ ކަމެއް ރަނގަޅަށް ހަނދާން އެބަހުރި.. ޒިދާންގެ އަތުތެރޭގަ ކަލޭ އޮތް ގޮތް އަހަރެން ދުވަހަކު ވެސް ހަނދާނެއް ނުނެތޭނެ.. ތީ އަންހެނުންނަށް ވެސް ހުރި ބޮޑު ހުތުރެއް.." ތާޝާ ދަތްކުނޑި ވިކާލަމުން ބުންޏެވެ. ޝާނާއަށް ސިހުމަކަށް ފަހު ސިހުމެއް ލިބެމުން ދިޔައެވެ. އެންމެ ފަހުން ތާޝާ ބުނެލި ޖުމްލައާ އެކު ދެރަ ވެސް ވިއެވެ.

" ތާޝާ އަހަރެން މިއުޅެނީ ތި ވާހަކަ ދައްކަން ވެގެން.. ޕްލީޒް އަހަރެން މިދައްކާ ވާހަކަ އަޑުއަހާބަލަ!" ޝާނާ އާދޭހާ އެކު ބުންޏެވެ.

" އަނހަ ތާޝާ މިހިރީ ދޯ.. ދެކުދިން މިތާނގަ ކީއްތަ ތިކުރަނީ.. ދޭބަލަ ތާޝާއަށް ޑާޑާ އެބަގޮވައޭ.." ތާޝާ ބަހެއް ބުނުމުގެ ކުރިން އެތަނަށް އައިސް ހުއްޓުނު އަންފޫޒާ ބުންޏެވެ. ތާޝާ ޝާނާއާ ދިމާލަށް ލޯ އަޅައިލުމަށް ފަހު އެނބުރި ދާން ހިނގައިގަތެވެ. ލިބިފައިވާ ނުތަނަވަސްކަމާ އެކު ޝާނާ ވެސް ހިނގައިގަތެވެ. އެ ވަގުތު އަންފޫޒާ ޝާނާގެ އަތުގައި ހިފައި ހުއްޓުވިއެވެ.

"ޝާނާ ހަނދާން ނައްތައިނުލައްޗެ މިހާ އަރާމުގަ ތިއުޅެވެނީ ދާނިޔާލްގެ ހިތްހެޔޮކަމުންކަން.. އެހެންކަމުން ސިއްރުން އޭނާގެ ރޭވުން ނާކާމިޔާބުކުރަން ވިސްނައިގެން ވެސް ނުވާނެ.... އަހަރެން ހީކުރީ ޖީނާއާ ހިލާފަށް ޝާނާ ހުރީ އަހަރުމެންގެ ކޮޅަށް ކަމަށް.. އެކަމަކު އެހެނެއް ނުވި.. ހަނދާންކުރާތި!! ތާޝާއަށް އެއްވެސް ވާހަކައެއް ކިޔައިދޭން އުޅެފިއްޔާ ޝާނާ ޖެހޭނީ މިއަރާމު ދިރިއުޅުމާއި ހުރިހާ ފައިސާއެއް ދޫކޮށްލާފައި ދާން.. ޝާނާއަށް ގޮސް ފިރިމީހާގެ ގޭގަވެސް އުޅެވިދާނެ.. އެކަމަކު އަހަރެންނާއި ޖީނާ ޖެހޭނީ މަގުމަތިވާން... މީ އަހަރެން ދޭ އެންމެ ފަހުގެ އިންޒާރުކަމަށް ހީކޮށްލާ!!" އަންފޫޒާ ބުންޏެވެ. ޝާނާއަށް ބުނާނެ ބަހެއް ނޭނގުނެވެ. އަންފޫޒާ އޭނާގެ އަތުން ދޫކޮށްލާފައި ދިޔައިރު ވެސް ޝާނާއަށް ހުރި ގޮތަށް ހުރެވުނީއެވެ.

*****

ކޮޓަރިއަށް އައިސް ވަން އަނީކްގެ ސިކުނޑީގައި ވަނީ ބޮޑު ހައިޖާނުގަނޑެއް އުފެދިފައެވެ. ދެންމެ އޭނާއަށް އިވުނު ވާހަކަތަކުގެ ހަޤީގަތަކީ ކޮބައިބާއޭ ހިތަށް އަރަމުން ދިޔައެވެ. ޝާނާ ތާޝާގެ އަތުގައި ހިފައިގެން ދާ މަންޒަރު ފެނުމުން އެމީހުންނަށް ސިއްރުން އަނީކް ވެސް އެމީހުންގެ ފަހަތުން ދިޔައެވެ. ޝާނާ ތާޝާ ކައިރީގައި ދައްކަން އުޅުނީ ކޮންވާހަކައެއް ހެއްޔެވެ؟ އެންމެ ބޮޑު ހައިރާން ކަމެއް ލިބުނީ އަންފޫޒާ ޝާނާ ކައިރީގައި ދެއްކި ވާހަކަތައް އަޑުއިވިފައެވެ. ތާޝާއަށް އެއްވެސް ވާހަކައެއް ކިޔައިނުދިނުމަށް އެބުނީ ކީއްވެ ހެއްޔެވެ؟ ދާނިޔާލް ރާވަނީ ކޮންކަމެއް ހެއްޔެވެ؟ އެއާ އެކު ޖީނާ އޭނާ ކައިރީގައި ބުނެފައިވާ ވާހަކައެއް ވެސް ހަނދާންވިއެވެ. ތާޝާގެ މާޒީގެ ވާހަކަ ކިޔައިދިން ދުވަހު މަގުމަތިވެދާނެ ކަމަށް އެއްވެސް ވާހަކައެއް ތާޝާއަށް ކިޔައިނުދެން އަންފޫޒާ އެމީހުންނަށް އެންގި ވާހަކައެކެވެ. މިރޭ އަންފޫޒާގެ ދުލުން ވެސް އެ އިވުނީ އެފަދަ ވާހަކަތަކެކެވެ. އަދިވެސް އޭނާއަށް ނޭނގޭ އެތައް ސިއްރުތަކެއް ވަނީ ހެއްޔެވެ؟ ޖީނާ ދެއްކީ ރަނގަޅު ވާހަކަތަކެއް ހެއްޔެވެ؟ ނަމަވެސް ޝާމިން އޭނާ ކައިރީގައި ބުނީ ޖީނާ ހެދީ ދޮގު ކަމަށެވެ. ނޫނީ ދޮގު ހަދަނީ ޝާމިން ހެއްޔެވެ؟ އެހެންވެއްޖެ ނަމަ އޭނާގެ އަތުގައި ހުރި ފޮޓޯތަކުގެ ހަޤީގަތަކީ ކޮބައި ހެއްޔެވެ؟ މިހުރިހާ ސުވާލުތަކުން އަނީކްގެ ސިކުނޑި ސުމަކަށް ދާވަރުވިއެވެ. އޭނާ ޖެހޭނީ މިހުރިހާ ސުވާލުތަކުގެ ޖަވާބު ހޯދާށެވެ. އެހެން ނޫނީ އިންސާފުގެ ތިލަފަތް ހަމަހަމަ ނުވެދާނެއެވެ.

*****

" ތާޝާ ހުރިހާ ކަމެއް ހަނދާންވެއްޖެހެން ހީވަނީ.." އަންފޫޒާ ވާހަކަ ދެއްކީ އެނދުމަތީގައި އިން ދާނިޔާލްއާއެވެ. ދެކަކުލުގައި އަތް ވިދެލައިގެން އިން ދާނިޔާލް މޫނުމަތިން ފެންނަމުން ދިޔައީ ސީރިއަސް ކަމެވެ.

" ހުރިހާ ކަމެއް ހަނދާންވި ނަމަ އޭނާ މި ކައިވެންޏަށް އެއްބަހެއް ނުވާނެ... އެކަމަކު ދެން ހުރިހާ ކަމެއް ހަނދާންވާން މާގިނަ ދުވަހެއް ނެތްހެން ހީވަނީ.. އޭގެ ކުރިން އަހަރުމެން ޖެހޭނީ ކައިވެނި އަވަސް ކުރުވަން...،" ދާނިޔާލް ބުންޏެވެ.

" ކައިވެނީގެ ފަހުން ވެސް ތާޝާ ދާން ބޭނުންވިއްޔާ ދާނެ. ދެން ކިހިނެއް ހުއްޓުވާނީ..؟" އަންފޫޒާ އަހައިލިއެެވެ.

"އެ ފުރުސަތު އަހަރެންގެ ހަށީގައި ފުރާނަ ހުރިހާ ދުވަހަކު ނުދޭނަން.. މީ ތާޝާއަށް މާލޭގައި ހުރެވޭނެ އެންމެ ފަހު ފަހަރު.. އަނީކާ އިނދެގެން ތާޝާއަށް ރާއްޖޭގައި ކީއްކުރަން މެލޭޝިޔާގައި ވެސް ނުހުރެވޭނެ.. އެ ހުރިހާ އިންތިޒާމެއް އަހަރެން ހުންނާނީ މާކުރިން ހަމަޖައްސައިފައި.. އެހެން ނޫނަސް ޒިދާން ކައިރިއަށް ތާޝާއަށް އާދެވޭނީ އެ ޒިދާން ދުނިޔޭގަ ހުރެގެނެއްނު.." ދާނިޔާލް މަލާމާތުގެ ގޮތަކަށް ހީނލަމުން ބުންޏެވެ. ދާނިޔާލްގެ ފަހު ޖުމްލައާ އެކު އަންފޫޒާއަށް ލިބުނީ ހައިރާންކަމެކެވެ.

" މާނައަކީ؟' އަންފޫޒާ އަހައިލިއެވެ.

" އެ ޒިދާންގެ ހުރި ހިތްވަރެއް ބަލާބަލަ.. ކޮންމެ ރެއަކު އައިސް އޭނާ ހުންނަނީ މިގޭ ބިއްދޮށު މަގުގަ.. އަހަރެންނަށް އެކަން އެނގުނީ ކޮންމެ ރެއަކު އެންމެން ނިދާ ފަހުން ތާޝާ އިރުއިރުކޮޅާ ކުޑަދޮރުން ބޭރު ބަލައިލާތީ! އެހެންވެ އަހަރެން ވީޑިއޯ ފޫޓޭޖް ބެލިއިރު ކޮންމެ ރެއަކު ވެސް އޭނާ ހުރޭ އެތާ.. އިރުއެރީމަ ގެއަށް ދަނީ... އަންފޫޒާމެން ވެސް ފަރުވާ ކުޑަކޮށްލީ.." ހިތްހަމަނުޖެހިފައި ދާނިޔާލް ބުންޏެވެ. އަމިއްލަ ކުށް އިހުސާސް ކުރެވި އަންފޫޒާ އިސްޖަހައިލިއެވެ.

" އެކަމަކު އޭނާ ދެން އެ ތަނުން ދުވަހަކު ވެސް ނުފެންނާނެ.. އަހަރެން އޭނާގެ ދުވަސް ދުއްވައިލައިފިން..ހަހަހަ.." ބާރު ހިނިގަނޑެއް ޖަހައިލަމުން ދާނިޔާލް ބުންޏެވެ. އަންފޫޒާއަށް ލިބުނީ ސިހުމެކެވެ.

" ކީކޭ ތިބުނީ.. ؟"" ޝައްކެއްގެ މަތީގައި ހުރެ އަންފޫޒާ އަހައިލިއިރު އޭނާގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ.

" ނިކަން ފޯނުން އެންމެ ފަހުގެ ޚަބަރު ބަލާލަބަލަ.. އޭރުން އެނގޭނެ.." ދާނިޔާލް ބުންޏެވެ. އެނދުގައި ދެއަތް ވިއްދައިލައި އެއްފައި އަނެއްފައި މައްޗަށް ލައިގެން ތަޅުވާލަ ތަޅުވާލަ އިންއިރު ކުރެވުނު ކަމަކާ އޭނާ އުފާކުރާ ކަހަލައެވެ. އަންފޫޒާ އަވަސް އަވަހަށް ފޯނު ނެގުމަށް ފަހު ނޫސް ވެބްސައިޓަކަށް ވަދެލިއެވެ.

" މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު ޒަހަމް ކޮށްލައިފި.." އެންމެ ފަހުގެ ކުއްލި ޚަބަރު ފެނިފައި އަންފޫޒާއަށް އަނގަމަތީގައި އަތް އަޅައިލެވުނެވެ. އެޒުވާނަކީ ކާކުކަން ވަގުތުން އަންފޫޒާއަށް އެނގުނެވެ.

" ދާނިޔާލް މޮޔަވީތަ.. ތި ކުރެވުނީ ކިހާވަރެއްގެ ކަމެއްކަން އެނގޭތަ؟ އަހަރެން ހިއެއް ނުކުރަން ދާނިޔާލްއަށް މީހެއްގެ ފުރާނަ ދުއްވައިލަން ކެރިދާނެ ކަމަކަށް.. އެހެން ނޫނަސް ފުލުހުން މިކަން ތަހުގީގު ކުރާނެ.. އޭރުން ދާނިޔާލް އޮންނަން ޖެހޭނީ ޖަލުގެ ތޭރިތަކުގެ ފަހަތުގަ.." ހާސްވެފައި ހުރެ އަންފޫޒާ ބުނިއިރު އޭނާ ދާހިއްލައިލައިފިއެވެ. ދާނިޔާލް އެވަރުގެ ބޮޑު ފިޔަވަޅެއް އަޅައިފާނެކަމަކަށް އަންފޫޒާ ހިޔެއް ނުކުރެއެވެ.

" އަހަރެން ބިރެއް ނުގަނޭ! ފުލުހުންނަށް ހިނގާނީ ބޮޑަށް އަހަރެންގެ ބާރު.. މި ހުރިހާ ކާމިޔާބީއަކާ ފައިސާ މިހޯދަނީ ކޮންމެވެސް ކަމެއްވެގެންނޭ އަންފޫޒާ.. ހަހަހަ.." ދާނިޔާލް ހެމުން ބުންޏެވެ. އެހެން ނަމަވެސް އަންފޫޒާގެ މޫނުމަތިން ފެންނަމުން ދިޔައީ ބިރުވެރި ކަމެވެ. އަންނަން އުޅެނީ ކޮންކަހަލަ ތޫފާނެއްބާއޭ އަންފޫޒާގެ ހިތަށް އެރިއެވެ.

*****

އަންސޫދާއާއި ދާނިޔާލް އައި ފަހުން ކޮންމެ ރެއަކު ވެސް ތާޝާ ނިދަނީ އަންސޫދާ ކައިރީގައެވެ. އެމީހުން ކައިރީގައި ނިދާ ހިތްވާ ވާހަކަ ބުނުން އެއީ ބަހަނާއެކެވެ. ޖީނާގެ ކޮޓަރިއަށް ތާޝާ ދާން ބޭނުން ނުވަނީއެވެ. ފާޚާނާއިން ފެންވަރައިގެން ނިކުތްގޮތަށް އެންމެ ފުރަތަމަ ވެސް ތާޝާއަށް ބަލައިލެވުނީ ކުޑަދޮރާ ދިމާލަށެވެ. ވަގުތަކީ އަންސޫދާ އަދި ދާނިޔާލް ވެސް ކޮޓަރީގައި ނެތް ވަގުތެކެވެ. ބޮލުގައި އޮޅައލައިފައި އޮތް ތެތް ތުވާލި ނައްޓައިލުމަށް ފަހު ހަރުގައި އަޅުވައިލިއެވެ. އެއަށް ފަހު ގޮސް ކުޑަދޮރުކައިރީގައި ހުއްޓި ފަރުދާ އެއްކައިރިކޮށްލުމަށް ފަހު ބޭރު ބަލައިލިއެވެ. އެހެން ރޭތަކާ ޚިލާފަށް މިރޭ ޒިދާން ފެންނަން ނެތުމުން ތާޝާ މާޔޫސްވީ ބޭއިޚްތިޔާރުގައެވެ. އެންމެ ހައިރާންވީ ފުލުހުންގެ ޓޭޕް އެ ހިސާބުގައި ދަމައިލައިފައި ހުރުމުންނެވެ. ބިންމަތީގައި ހުރި ލޭތައް ތާޝާގެ ލޮލުގައި އަޅައެއް ނުގަތެވެ. އަންސޫދާއާއި ދާނިޔާލް ވާހަކަ ދައްކަމުން އައިސް ކޮޓަރިއަށް ވަނީ އެވަގުތުއެވެ.  ތާޝާ ސިހިފައި ފަރުދާ ރަނގަޅުކޮށްލުމަށް ފަހު ކުޑަދޮރާ ދުރަށް ހިނގައިގަތެވެ. އެނދުގައި އޮށޯތުމުގެ ކުރިން ތާޝާ އޭނާގެ ފޯނު ހޯދައިލިއެވެ. އެހެން ނަމަވެސް އެއްވެސް ތާކުން އޭނާގެ ފޯނު ފެންނަގޮތެއް ނުވިއެވެ. ބޭރުގައި ބާއްވައިފައި އާދެވުނީ ކަމަށް ހީކޮށް ކޮޓަރިން ނިކުންނަން އުޅުނު ވަގުތު ދާނިޔާލް ގޮވައިލި އަޑު އިވިފައި ހުއްޓުނެވެ.

" ކޮންތާކަށް މި ވަގުތު ތިދަނީ؟" ދާނިޔާލް އަހައިލިއެވެ.

" ފޯނު ނުފެނިގެން ބޭރުގަ އޮތްތޯ ބަލައިލަން ވެގެން" ތާޝާ ބުންޏެވެ.

" ސޮރީ ތާޝާ ޑާލިންގ.. އަސްލު ޑާޑާ އަތުން ތާޝާގެ ފޯނު ވެއްޓި ހަލާކުވީ... ދެން އިރާދަކުރެއްވިއްޔާ މާދަން ގޮސް އާ ފޯނެއް ގަންނާނީ.." ތާޝާގެ ހަލާކުވެފައި އޮތް ފޯނުން އޭނާގެ ޖީބުން ނަގައި ދައްކައިލަމުން ދާނިޔާލް ބުންޏެވެ. އެ ފޯނު ހަލާކުވީތީ ތާޝާ ދެރަވިއެވެ. ޒިދާނާ އެކު ދެކެވުނުހާ ވާހަކައެއް އެ ފޯނުގައި ހުންނާނެއެވެ. އެހެން ނަމަވެސް ފަހުން އެހެންވީ ރަނގަޅަށޭ ތާޝާގެ ހިތަށް އެރިއެވެ. މާދަމާ އޭނާ އަނީކާ އިންނަން ރަން ކިޔާނެއެވެ. އެއަށް ފަހު އެހެން ފިރިހެނަކާ މެދު ވިސްނާކަށް އޭނާ ބޭނުމެއް ނުވެއެވެ. ޚާއްސަކޮށް ޒިދާން ކަހަލަ ބޭވަފާތެރިއަކާ ދޭތެރޭގައެވެ.

" އިޓްސް އޯކޭ ޑާޑާ... " ހިނިތުންވެލަމުން ތާޝާ ބުންޏެވެ. ދާނިޔާލްގެ ތުންފަތްމަތީގައި ކުޅެލީ ފަތަހައިގެ ހިނިތުންވުމެކެވެ. ތާޝާގެ ފޯނު އޭނާ އަތުން ހަލާކުވީއެއް ނޫނެވެ. ހަލާކު ކޮށްލީއެވެ. އެއްވެސް ގޮތަކުން ޒިދާންގެ ޚަބަރު ތާޝާއަށް ލިބެން ނޭދޭތީއެވެ.

*****

ކޮންމެ މީހަކު ކޮންމެ ގޮތަކަށް ކަންތައްތައް ރޭވި ނަމަވެސް އެ ކަމެއް އެންމެ މަތިވެރި ﷲ ތަޢާލާއަށް ސިއްރުވެގެނެއް ނުވެއެވެ. އެކަލާނގެއީ ހުރިހާ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވާ އެއްކައުވަންތަ އިލާހެވެ. ދާނިޔާލްގެ މަޤްސަދަކީ ޒިދާން މަރައިލުން ކަމުގައިވިޔަސް އެކަން އެހެން ވާން އޮންނާނީ ﷲ ތަޢާލާގެ އިރާދަފުޅުގައި ވަންޏާއެވެ.

ކާމިޔާބު އޮޕަރޭޝަނަކަށް ފަހު ޒިދާންގެ ހާލު ރަނގަޅުވަމުން އައީ ހީވެސް ނުކުރާހާ އަވަހަށެވެ. އަނެއް ދުވަހުގެ މެންދުރު ވީއިރު ޒިދާންގެ ހާލު ބޮޑުތަނުން ރަނގަޅުވެ ވަރޑަށް ބަދަލުކުރެވުނެވެ. އެހެން ނަމަވެސް ނިދާ އިންޖެކްޝަން ދީފައިވާތީ ޒިދާނަށް އޮތީ ނިދިފައެވެ. ޒިދާން އެތަނަށް ގެނައީއްސުރެ ޒައިނާއާއި މާދިހު އަދި ރާއިފް ވެސް އެންމެ ހިނދުކޮޅަކަށް ވެސް އެ ތަނުން ދުރަށް ނުދެއެވެ. އެމީހުން އެންމެ ކަންބޮޑުވަމުން ދިޔައީ ފުލުހުންގެ ފަރާތުން އެކަށީގެންވާ އެއްބާރުލުމެއް ނުލިބޭތީއެވެ. އެހެން ނަމަވެސް ޒިދާނަށް އަވަސް ޝިފާއެއް ލިބުނީތީ އެކަމާ އެމީހުން އިންތިހާއަށް އުފާކުރިއެވެ.

ޒައިނާއާއި މާދިހު ގެއަށް ފޮނުވައިލުމަށް ފަހު ޒިދާން ކައިރީގައި މަޑުކުރީ ރާއިފެވެ. ޒިދާން އޮތް އެނދު ކައިރީގައި ހުރި ގޮނޑީގައި އިށީނދެގެން އިން ރާއިފްގެ ނަޒަރު ހުއްޓިފައި ވަނީ ނިދިފައި އޮތް ޒިދާންގެ މޫނަށެވެ. އޭނާ އިންތިޒާރު ކުރަމުން ދިޔައީ ޒިދާން ހޭއަރާނެ އިރަކަށެވެ. އަވަހަށް ޒިދާން ކައިރީގައި މައާފަށް އެދި އޭނާއާ ސުލްހަ ކުރެވޭނީ އޭރުންނެވެ. އިރުގަނޑެއްވީ ތަނާ ރާއިފަށް ވެސް ނިދި ޖެހުނެވެ. ޒިދާން އޮތް އެނދުގެ ތަންކޮޅެއްގައި ބޯއަޅައިލައިގެން ރާއިފަށް އޮތީ ނިދިފައެވެ. އިރުކޮޅަކުން ރާއިފަށް ހޭލެވުނީ ޒިދާން ކޮންމެވެސް އެއްޗެއް ކިޔާ އަޑުއިވިގެންނެވެ. އޭނާ ހީކުރީ ޒިދާން ހޭ އެރީ ކަމަށެވެ. އެހެން ނަމަވެސް ތެދުވެ ޒިދާންގެ މޫނަށް ބަލައިލިއިރު އަދިވެސް އޮތީ ނިދައިފައެވެ. އެކަމަކު އޭނާ އަނގައިން ކޮންމެ ވެސް ވާހަކަތަކެއް އެބަދައްކައެވެ. ރާއިފް އޭނާގެ ކަންފަތް ކުޑަކޮށް ޒިދާންގެ އަނގަޔާ ކައިރިކޮށްލީ ޒިދާންގެ އެކިޔާ އެއްޗެއް އަޑުއަހައިލުމުގެ މަޤްސަދުގައެވެ.

" ތާޝާ.. ތާޝާ... އަހަރެން ކުށެއް ނުކުރަމޭ ތާޝާ.. ޕްލީޒް ތާޝާ އަހަރެންނާ ވާހަކަ ދައްކަބަލަ!" ޒިދާން ކިޔަމުން ގެންދިޔައެވެ. ރަހުމަތްތެރިޔާގެ ހާލާ މެދު ވިސްނައިލެވުމުން ރާއިފް ހިތުގައި ރިއްސައިލިއެވެ. ޒިދާންގެ އެ ހާލުގެ ފަހަތުގައި ކޮންމެވެސް ވަރަކަށް އޭނާގެ ކުށް ވެސް ވެއެވެ. ތާޝާ ކައިރީގައި އެ ދުވަހު އެ ވާހަކަތައް ކިޔައިނުދެވުނު ނަމައެވެ. މިއަދަކީ ތާޝާ އެހެން މީހަކާ އިންނަން ރަން ކިޔާ ދުވަހެވެ. އެ ވާހަކަ އޭނާ ޒިދާން ކައިރީގައި ބުނާނީ ކިހިނެއް ހެއްޔެވެ؟ ޒިދާންގެ ހިތްހަލާކުވާނެކަން ޔަގީނެވެ. ރާއިފް ޖެހޭނީ ކޮންމެ ގޮތެއް ހަދާފައި ވިޔަސް ތާޝާއާ ވާހަކަ ދައްކާށެވެ. އެހެން ނޫނީ ޒިދާންގެ ދިރިއުޅުން ބަރުބާދު ވެދާނެއެވެ.

*****

ޒުވާނަކަށް ޙަމާލާދީ ޒަޚަމްކޮށްލައިގެން އުޅޭކަން ޖީނާއަށް އެނގުނީ އެދުވަހުގެ މެންދުރެއް ހާއިރުއެވެ. ނަމަވެސް އެއީ ޒިދާން ކަމެއް ކުޑަކޮށް ވެސް ޖީނާއަކަށް ރޭކާނުލައެވެ. ރަންކިޔުމުގެ ހަފްލާއަށް ގެ ތައްޔާރުކުރުމަށް ޓަކައި އޭނާ އުޅުނީ އަވަދިނެތިއެވެ. ސިޑިކައިރީގައި ހުރި ތަނބުތަކުގައި މާތައް ހަރުކުރާނެ ގޮތް އެކަން ކުރާ މީހުންނަށް ޖީނާ ކިޔައިދެމުން ދިޔައިރު އަނީކް ސޯފާގައި ފޯނާ ކުޅެން އިނެވެ. އެހެން ނަމަވެސް ފޯނަށް ވުރެ ބޮޑަށް އޭނާގެ ސަމާލުކަން ހުއްޓިފައި ވަނީ ކުރިމަތީގައި ހަރަކާތްތެރިވަމުން ދިޔަ ޖީނާއަށެވެ. އަނީކްގެ މޫނުމަތިން އިންތިހާއަށް މާޔޫސްކަން ފެންނަމުން ދިޔަ ނަމަވެސް ޖީނާގެ މޫނުމަތިން ފެންނަނީ މަސައްކަތަށް ސަމާލުކަން ދީފައިވާ ތަނެވެ. މިރެއަށް ފަހު ކޮންމެ ގޮތަކުން ވިޔަސް އޭނާ ޖެހޭނީ ޖީނާ މަތިން ހަނދާން ނައްތައިލާށެވެ. އެކަމަކު އެކަން ވެދާނެބާއޭ އެއީ އޭނާގެ ހިތުގައި އުފެދޭ އެންމެ ބޮޑު ސުވާލެވެ. ސިޑިން ފައިބައިގެން އަންނަ ޝާނާ އަނީކްގެ ލޮލުގައި އަޅައިގަތީ އެ ވަގުތުއެވެ. ޝާނާގެ މިސްރާބު ހުރީ ގޭގެ ބޮޑުދޮރާ ދިމާލަށެވެ. ހިތަށް އެރި އެއްޗަކުން އަނީކް އިން ތަނުން ތެދުވެގެން ޝާނާގެ ފަހަތުން ހިނގައިގަތެވެ.

ޝާނާ ފޯނާ ކުޅެމުން ގޮސް އިށީނީ ފެން އަރުވާ ވަޑާމުގެ ކުރިމަތީގައި ހުރި ހިލަގޮނޑީގެ މަތީގައެވެ. ގެއަށް އަންނާނީ ކޮންއިރަކުންތޯ އަހާ ޝާމިނަށް މެސެޖެއް ކުރުމަށް ފަހު އޭގެ ޖަވާބު ލިބެންދެން ފޯނާ ކުޅެލަކުޅެލާ އިނީއެވެ.

" އަހަރެން ބޭނުން ވާހަކައެއް ދައްކަން؟" ކުރިމަތީގައި އައިސް ހުއްޓުނު އަނީކް ބުންޏެވެ. ޝާނާ އަނީކަށް ބަލައިލީ ހައިރާން ވެފައެވެ. އަނީކް އޭނާ ކައިރީގައި ދައްކަން އޮންނާނީ ކޮން ވާހަކައެއްތޯ ހިތަށް އެރިއެވެ.

" ކޮންވާހަކައެއް؟" ޝާނާ އިން ތަނުން ތެދުވަމުން އަހައިލިއެވެ. އޭނާގެ މޫނުމަތީގައި ވަނީ ސުވާލުމާކެއް ޖެހިފައެވެ. އަނީކް ފުން ނޭވައެއް ދޫކޮށްލުމަށް ފަހު އޭނާގެ ފޯނުން ވައިބަރ ހުޅުވައިލިއެވެ. އެއަށް ފަހު ޝާމިންގެ މެސެޖްތައް ހުޅުވައިލުމަށް ފަހު ޝާނާ އަތަށް ފޯނު ދިއްކޮށްލިއެވެ. ޝާނާ އަނީކްގެ މޫނަށް ބަލައިލީ ހައިރާންވެ ހުރެއެވެ.

" ކީއްކުރަން އަހަރެންގެ އަތަށް ތިދެނީ؟" ޝާނާ ކޮށްލީ ސުވާލެކެވެ.

" މީގަ މިވާ މެސެޖުތަކުގެ ހަޤީގަތަކީ ކޮބައިކަން އެނގެން ބޭނުން ވަނީ.. ﷲއަށް ޓަކައި އެއްވެސް ދޮގެއް ނުލައި ކިޔައިދީފާނަންތަ؟" އަނީކްގެ އަޑުގައިވީ އާދޭހެވެ. ޝާނާ ހައިރާންވެ ހުރެ އަނީކްގެ ފޯނުގައި ހިފިއެވެ. އެއަށް ފަހު ސްކްރީނުން ފެންނަމުން ދިޔަ މެސެޖްތައް ކިޔައިލިއެވެ. ޝާނާގެ ނިތަށް ރޫއަރައިގެން ދިޔައީ މެސެޖް ފޮނުވައިފައި އޮތް މީހާގެ ނަން ފެނުމުންނެވެ. މެސެޖްތަކުގައިވާ ފޮޓޯތަކާއި ބުނެފައިވާ ވާހަކަތައް ފެނުމުން ޝާނާއަށް ލިބުނީ އިތުރު ހައިރާން ކަމަކާއި ނުތަނަވަސް ކަމެކެވެ. މީގެ ހަތަރު އަހަރު ކުރީގެ ވާހަކަތައް ޝާމިނަށް އެނގުނީ ކިހިނެއްތޯ ހިތުގައި ސުވާލު އުފެދުނެވެ. އެކަންތައްތަކަކީ އޭނާ ޝާމިނަަށް ސިއްރުކޮށްފައިވާ ކަންތައްތަކެވެ. ދެން ހުރީ ފޮޓޯތަކެވެ. އެފޮޓޯތަކަކުގެ ހަޤީގަތް މުޅިން އެ ވަނީ އޮޅުވައިލެވިފައެވެ.

" ޝާމިން ކީއްވެ މިވާހަކަތައް އަނީކް ކައިރީގައި ދައްކާފައި މިހުރީ.. ކީއްވެ ޖީނާގެ ޑައިރީއާއި މި ފޮޓޯ ފޮނުވާފަައި މި ހުރީ" ޝާނާ ވެސް ކޮށްލީ ސުވާލެކެވެ.

" ތީގަ ތިހުރީ ހަމަ ތެދު ވާހަކަ ތަކެއްތަ؟ ޖީނާ އަސްލު ވެސް ލޯބި ވަނީ ޒިދާން ދެކެތަ؟" އަނެއްކާ ވެސް އަނީކް އަހައިލިއެވެ.

" އަނީކް ތިހާ މޮޅަށް ކިޔަވައިގެން ހުރި މީހަކަށް އަސްލާއި ފޭކު ނޭނގުމުން އަހަރެން ހަމަ ހައިރާންވެއްޖެ.. ޒިދާން ގައިގައި ބައްދައިގެން އެ ހުރީ ޖީނާއެއް ނޫން.. އެއީ ތާޝާ.. ޤަބޫލު ނުކުރެވެންޏާ ބަލާބަލަ.." ޝާނާ އޭނާގެ ފޯނުން ފޯޓޮއެއް ދައްކަމުން ބުންޏެވެ. ދެ ފޮޓޯގައި ހުރި އެއްގޮތްކަން ފެނި އަނީކް ހައިރާންވެ އަންތަރީސް ވާވަރުވިއެވެ. ތަފާތަކީ ހަމައެކަނީ ޖީނާގެ މޫނެވެ.

" ތާޝާއާއި ޒިދާންގެ މިފޮޓޯ ނެގީ އަހަރެން.. ދެން މި ޑައިރީ އަކީ ޖީނާގެ އުފަންދުވަހު އަހަރެން ޖީނާއަށް ދިން ހަދިޔާއެއް. މީގެ ކޮންމެ ޕޭޖެއްގައި ޖީނާގެ ނަން އިންނަ ގޮތަށް ޕްރިންޓްކުރުވީ އަހަރެން.. އެކަމަކު ޖީނާއަކީ އުފަންދުވަސް ފާހަގަ ކުރާ ކުއްޖަކަށް ނުވާތީ އޭނާ އަހަރެން ދިން މި ހަދިޔާ ބޭނުމެއް ނުވި.. ތީގަ ތިވާ ލިޔުމަކީ ވެސް ޖީނާގެ ލިޔުމެއް ނޫން... އަދި މީގަ ޝާމިން ބުނެފަައި މިއޮތީ އެއްވެސް ހަޤީގަތެއް ނެތް ވާހަކަތަކެއް.. " ޝާނާ ހަޤީގަތް ބުނެދިނެވެ. އަނީކަށް ކިޔާނެ ބަހެއް ނޭނގުނެވެ. އެންމެ ފުރަތަމަ ވެސް ކަމުގެ ދެކޮޅު ނުބަލާ ޖީނާއަށް ޝައްކުކުރެވުނީތީ ދެރަވިއެވެ. ދެން އޭނާ ޖީނާ ކައިރީގައި މައާފެއް އެދޭނީ ކޮން މޫނަކައިގެން ހެއްޔެވެ؟

" ދެން ކީއްވެ ޝާމިން އަހަރެން ކައިރީގައި މިވަރުގެ ބޮޑު ދޮގެއް އެ ހެދީ؟" އަނީކް ބޮލުގައި ހިފަހައްޓައިލަމުން އަހައިލިއެވެ. އޭރު އޭނާގެ ދެލޯ ފެންކަޅި ވެއްޖެއެވެ.

" އަހަރެން ވެސް އަހައިލަން އޮތީ ތި ކަހަލަ ސުވާލެއް.. ޝާމިން ކީއްވެހޭ މިފަދަ ފޮޓޯތަކަކާ ވާހަކަތަކެއް އަނީކް ކައިރީގައި ދައްކަންވީ...؟" ޝާނާ އަހައިލިއެވެ.

" އަހަރެން ތާޝާ ދެކެ ލޯތްބެއް ނުވޭ! އަހަރެން ލޯބި ވަނީ ޖީނާ ދެކެ.. " އަނީކް ބުންޏެވެ. އެ ވަގުތު އޭނާގެ ލޮލުން ރޮނގަކަށް ކަރުނަ ތިއްކެއް ވެއްޓުނެވެ. ޝާނާއަށް އަނގަމަތީގައި އަތް އަޅައިލެވުނީ ލިބުނު ސިހުމަކުންނެވެ.

" ތި މީހުން ކަންތައް ތިކުރަނީ ރަނގަޅަކަށް ނޫން.. އަހަރެންނަށް މިހާރު އެނގިއްޖެ އަންފޫޒާއްތައާއި ޑެނީ އަންކަލް ކޮންމެވެސް ކަމެއް ސިއްރުކުރާކަން.. އަދި މީގެ ހަތަރު އަހަރު ކުރިން ޝާނާގެ އުފަންދުވަހު ހިނގި ހާދިސާގައި ޒިދާންގެ ކުށެއް ނެތްކަން ވެސް އެނގިއްޖެ.. ތި މީހުންގެ ސަބަބުން ބަރުބާދުވެގެން އެދަނީ އެންމެ ދިރުއުޅުމެއް ނޫން.. އެތައް ބައެއްގެ ދިރިއުޅުން... " އަނީކް ކައިރިއަށް ރުޅި އަންނަ ގޮތްވިއެވެ. ޝާނާ ވެސް އިސްޖަހައިލީ އަނީކާ ހަތަރު ކަޅި ހަމަކުރަން ނުކެރިގެންނެވެ.

" އަހަރެންނަށް އަހަރެންގެ ކުށް އިހުސާސް ކުރެވޭ.. ތާޝާއަށް ހުރިހާ ވާހަކައެއް ކިޔައިދޭން ވެސް ބޭނުން.. އެކަމަކު..." ޝާނާ ކުރެހިފައިވާ އަޑަކުން ބުންޏެވެ.

" އަންފޫޒައްތަ މަޖުބޫރުކުރީ.. ނޫންތަ؟" އަނީކް ބުނިއެއްޗަކުން ޝާނާއަށް ބަލައިލެވުނީ ސިހިފައެވެ. އޭނާއަށް އެނގުނީ ކިހިނެއް ހެއްޔެވެ؟

" އަހަރެންނަށް ރޭގައި ތި މީހުން ދެއްކި ވާހަކަ އަޑު އިވުނު... އެކަމަކު ބުނަންތަ ވާހަކައެއް... މަގުމަތިވެދާނެ ކަމަށް ބިރު ތިގަންނަނީ އިންސާނެއް ދެކެ.. އަސްލު ބިރުގަންނަވީ ހަމައެކަނި ފަރާތަކީ މާތްﷲ... އަޅުންނަށް ރިޒްޤުދެއްވާ ފަރާތަކީ އެއީ،... އެހެންވީމަ ދާނިޔާލްގެ މައްޗަށް ބަރޯސާވެގެން އުޅުމަކީ ކުރެވޭ ބޮޑު މޮޔަކަމެއް.." އަނީކް ބުންޏެވެ، އެއަށް ފަހު މަޑުނުކޮށް އޭނާ ހިނގައިގަތީ ގެއިން ބޭރަށް ދިއުމަށެވެ. އަނީކް ބުނި ވާހަކަތަކާ މެދު ޝާނާއަށް ފުންކޮށް ވިސްނައިލެވުނެވެ. އެހިނދު ކަންތައްކުރަންވީ ގޮތް އޭނާއަށް ވިސްނުނެވެ.

*****

ހަވީރު ވާން އުޅެނިކޮށް މާދިހު އައިސް ރާއިފް ކައިރީގައި ގެއަށް ގޮސް އަރާމުކޮށްލައިގެން އައުމަށް ބުންޏެވެ. އެހެން ނަމަވެސް ގެއަށް ދިއުމުގެ ބަދަލުގައި ރާއިފް މިސްރާބު ޖެހީ ތާޝާ އުޅުނު ގެއާ ދިމާލަށެވެ. އޭނާއަށް ދެވުނީ ތާޝާ ކުރިން އުޅުނު ގެއަށެވެ. އެ ގޭގައި މިހާރު އެއްވެސް މީހެއް ނޫޅޭކަން އެނގުނު ހިނދު ރާއިފް މުޅިން މާޔޫސްވިއެވެ. ނަމަވެސް ދެވަނަ ހިނދުގައި ޝާނާ މަތިން ހަނދާންވުމުން އޭނާގެ ނަމްބަރަށް ގުޅައިލިއެވެ.

ރާއިފްގެ ކޯލެއް ލިބުމުން ޝާނާގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އެންމެ ފުރަތަމަ ވެސް ފޯނު ނެގުމަށްފަހު އަހައިލެވުނީ ޒިދާންގެ ހާލު ކިހިނެއްތޯއެވެ.

" ޒިދާން މިހާރު ރަނގަޅު ﷲ އިރާދަކުރެއްވީތީ.. ޝާނާ އަހަރެން ބޭނުން ތާޝާއާ ބައްދަލުކުރަން... ތާޝާ ރަންކިޔުމުގެ ކުރިން ހުއްޓުވަން ޖެހޭނެ.. އެހެން ނޫނީ އެއީ އަހަރެމެންނަށް އެނގި ތިބެ ހެދޭ ބޮޑު ގޯހެއް.." ރާއިފް ބުންޏެވެ.

" އިރާދަކުރެއްވިއްޔާ މިކައިވެންޏެއް ނުކުރެވޭނެ.. އެންމެ ފަހު ފަހަރަށް އަހަރެންނަށް އިތުބާރުކޮށްދީ.. ކަންތައްކުރަންވީ ގޮތް އަހަރެން މެސެޖް ކުރާނަން!" ޝާނާ އެހެން ބުނީ ފުރިހަމަ ސާބިތުކަމާ އެކީގައެވެ. ރާއިފް ވެސް އެންމެ ރަނގަޅޭ ބުނުމަށް ފަހު ފޯނު ބޭއްވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!