އަލީ ވަހީދު ހައްޔަރުކުރުން: އެއްވެސް އިދާރާއަކަށް ނޭނގޭ!

ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު އުފުލިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، އިނގިރޭސިވިލާތުގައި ހުންނަވަނިކޮށް މިއަދު ހައްޔަރުކުރި ކަމުގެ މައުލޫމާތު ރާއްޖޭގެ ކަމާބެހޭ އެއްވެސް އިދާރާއަކަށް ލިބިފައި ނުވާ ކަމަށް އެ އިދާރާތަކުން ބުނެފިއެވެ.
އިނގިރޭސިވިލާތުގައި ހުންނަވަނިކޮށް އަލީ ވަޙީދު ހައްޔަރު ކޮށްފައިވާ ކަމަށް މިއަދު ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.
ނަމަވެސް ފުލުހުން ވިދާޅުވީ އަލީ ވަޙީދު ހައްޔަރު ކުރި ކަމުގެ މައުލޫމާތެއް ފުލުހުންނާ ގުޅޭ އެއްވެސް ފަރާތަކުން ހިއްސާ ކޮށްފައި ނުވާ ކަމަށެވެ. އަދި އެފަދަ މައުލޫމާތެއް ފުލުހުންނަށް ލިބިފައި ނުވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
ފުލުހުންގެ އިތުރުން ފޮރިން މިނިސްޓްރީން ވެސް ވިދާޅުވީ އަލީ ވަޙީދު ހައްޔަރުކުރިކަން އެނގިފައި ނުވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި އިނގިރޭސިވިލާތުން އަލީ ވަހީދު ހައްޔަރުކުރި ކަމަށް މީޑިއާތަކަށް މިއަދު މައުލޫމާތު ދިނީ އޭނާގެ ވަރަށް ގާތް މީހެކެވެ.
އަލީ ވަޙީދު ހައްޔަރުކުރި ކަމަށް ބުނީ އޭނާއަށް ކުރާ ދައުވާތަކާ ބެހޭ ގޮތުން ރާއްޖޭގެ ބައެއް މީޑިއާތައް ބައިވެރިކޮށްގެން އޮންލައިންކޮށް މިއަދު ހަވީރު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން އުޅެނިކޮށެވެ.
ތިގާތް މީހަކީ އަޑުބަރޭ ދޯ! ތެދެއް ނަހަދާނެ! އަން ކިޔައިފިއްޔާ އަންނާރެއްވެސް އޯކޭވާނެ! ދެން މިކިޔަނީ ފްރޭމް ކުރިއްޔޭ!