ދީނުގައި ކަނޑައެޅިފައިވާ އިންތަކުން ބޭރު މައުލޫމާތެއް އިސްލާމް ފޮތްތަކުގައި ހިމަނައިފައެއް ނުވޭ: ޢިލްމުވެރިންގެ ގުޅުން
"އިސްލާމް"މާއްދާ ކިޔަވައި ދިނުމަށް ސްކޫލުތަކުގައި މިހާރު ބޭނުން ކުރަމުންދާ ފޮތްތަކުގައި، އިސްލާމް ދީނުގައި ކަނޑައެޅިފައިވާ އިންތަކުން ބޭރުން މީސްތަކުންނާ މެދުގައި ނަފުރަތު އުފެދޭ ފަދަ އެއްވެސް މަޢުލޫމާތެއް ވެސް ހިމަނައިފައި ނުވާ ކަމަށް ޢިލްމުވެރިންގެ އިއްތިހާދުން ވިދާޅުވެއްޖެއެވެ.
މިކަމާ ގުޅިގެން އެ އިއްތިހާދުން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ ދިވެހިރާއްޖޭގެ އިސްލާމް މުޤައްރަރަކީ ވޭތުވެދިޔަ ދިގު މާޒީގައި ވަރަށް ގިނަ ޢަދަދެއްގެ ޢިލްމުވެރިންނާއި ފަންނީ އެތައް މާހިރުންނެއްގެ މިންނެތް މަސައްކަތާއި ހަރުދަނާ ޕޮލިސީތަކެއްގެ ތެރެއިން އެކުލަވައިލައިފައިވާ މުހިއްމު މުޤައްރަރެއް ކަމަށާއި އެ މުޤައްރަރަށް ހެދިފައިވާ އިސްލާމް ފޮތްތަކަކީ މާތް ﷲ ބާވައިލައްވައިފައިވާ އިސްލާމް ދީނުގެ އަޞްލުތަކާއި އަސާސްތައް ވަށައި ޖެހޭނޭ ފަދައަކުން ދަރިވަރުންގެ ހިތްތަކުގައި އިސްލާމީ ޢިލްމު އަށަގެންނުވާ ފަދަ ވައްޓަފާޅިއަކަށް އެކުލަވައިލެވިފައިވާ ޢިލްމީ ގޮތުން ހަރުދަނާ ފޮތްތަކެއް ކަމަށެވެ.
އެހެނިހެން މުޤައްރަރުތަކާއި އެ މުޤައްރަރުތަކަށް ހެދިފައި ހުންނަ ފޮތްތަކެކޭ އެއްފަދައިން، ޒަމާނަށް އަންނަ ބަދަލުތަކާއި ކިޔަވައި ދިނުމުގެ ވައްޓަފާޅިއަށް އަންނަ ތަރައްޤީއާ އެއްގޮތަށް އެ މާއްދާތައް ކިޔަވައި ދިނުމުގައި ވެސް ގެންނަން ޖެހޭ އެކިއެކި އިންސާނީ ފަންނީ ކުރިއެރުންތައް ގެނައުމުގެ މަޖާލު ރާއްޖޭގެ އިސްލާމް މުޤައްރަރަށް އިސްލާމް ފޮތްތައް އެކުލަވާލެވި، ކިޔަވައި ދިނުމުގައި ވެސް ހުޅުވިފައި އޮންނަން ޖެހޭކަމީ ދެބަސްވުމެއް އޮތް ކަމެއް ނޫން ކަމުގައި ވެސް ބަޔާނުގައި ވިދާޅުވެފައިވެއެވެ.
"އެހެން ނަމަވެސް، އިސްލާމް ދީނާ ދެކޮޅު ލާދީނީ ރިޕޯޓު ނެރެފައިވާ އެމް.ޑީ.އެންއާއި އެފަދަ ލާދީނީ ޖަމާޢަތްތަކާއި އެފަރާތްތަކަށް ވާގިދޭ ސިޔާސީ މަދު ފަރުދުންތަކެއް، މިރާއްޖޭގެ އިސްލާމް މުޤައްރަރާއި އިސްލާމް ފޮތްތަކުގައި ހަރުކަށި ކަމަށާއި ޙައްދު ފަހަނައެޅުމަށް ބާރުދޭ ފަދަ ފިލާވަޅުތައް ހުރިކަމަށް ބުނެ ދައްކާ އަޞްލެއް ނެތް ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް، ދިވެހި ދަރިންނަށް އިސްލާމް ދީން އުނގަންނައިދޭން ހެދިފައިވާ މުޤައްރަރާއި ކިޔަވައި ދެވޭ ފޮތްތަކަށް ބަދަލު ގެނައުމަކީ ކުރެވިގެންވާނެ ކަމެއްނޫނެވެ." ބަޔާނުގައި ވިދާޅުވެފައިވެއެވެ.
ޢިލްމުވެރިންގެ ގުޅުމުން އިތުރަށް ވިދާޅުވެފައި ވަނީ، ހަރުކަށިކަމާއި ނަފުރަތު އުފެއްދުމުގެ ތުހުމަތު ތަކުރާރު ކުރަން ފެށުމާ އެކު، އެ ޖަމިއްޔާގެ لجنة الدراسات والبحوث العلمية (ޢިލްމީ ދިރާސާއާއި ބަޙުޘްތަކާ ބެހޭ ކޮމިޓީ) ގެ ފަރާތުން ވަނީ، ރާއްޖޭގައި ގްރޭޑު 1އިން ފެށިގެން ގްރޭޑު 12އާ ހަމައަށް ކިޔަވައި ދެމުން ގެންދާ ހުރިހާ އިސްލާމް ފޮތްތަކެއް އެއްކޮޅުން އަނެއްކޮޅަށް ބަލައި ޢިލްމީ ދިރާސާއެއް ކުރަން ފަށައިފައި ކަމަށެވެ. އަދި މާތް ﷲގެ ތަނަވަސް ރަޙްމަތްފުޅާ އެކު މިހާރު ވަނީ، އެ ޢިލްމީ ދިރާސާ ޢާންމު ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ ފަހު މަރުޙަލާއާ ހަމައަށް ގެނެވިފައި ކަމަށް ވެސް އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
އިސްވެ ދެންނެވި ޢިލްމީ ދިރާސާ ކުރިއަށް ގެންދިއުމުގައި ޢިލްމުވެރިންގެ ގުޅުމުގެ ފަރާތުން ވަނީ، ސަރުކާރުގެ ރަސްމީ ކަމާބެހޭ ގިނަ މުއައްސަސާތަކާ ބައްދަލު ކުރުމުގެ އިތުރުން، އިސްލާމް މުޤައްރަރާއި އިސްލާމް ފޮތްތައް އެކުލަވާލެއްވުމުގައި އިސްކޮށް އުޅުއްވި ތަޖުރިބާކާރު ޢިލްމީ އަދި ފަންނީ އެތައް މާހިރުންނަކާއި، ވޭތުވެދިޔަ މާޒީގައި އެތަކެއް ދިވެހި ޖީލެއް ބިނާ ކުރެއްވުމުގައި ގިނަ ޒަމާންތަކެއް ވަންދެން އުޅުއްވި ތަޖުރިބާކާރު އިސްލާމް މުދައްރިސުންނާއި، ލެކްޗަރަރއިންނާއި، މުޅި ދިވެހިރާއްޖޭގެ އެންމެހާ ކަންކޮޅުތަކުގައި ތިއްބެ ތަޢްލީމީ ދާއިރާގެ ބޭފުޅުންނާ ބައްދަލުކޮށް އެބޭފުޅުންގެ ޚިޔާލުތައް ވެސް ހޯދައި ހިމަނައިފައިކަމަށް އެ ޖަމިއްޔާއިން ވިދާޅުވެފައިވެއެވެ.
ޢިލްމުވެރިންގެ ގުޅުމުން ތައްޔާރުކުރި ޢިލްމީ ރިޕޯޓުން ކަށަވަރުވެ ފައިޞަލާ ކުރެވިފައިވާ ޚުލާސާ ނަތީޖާއަށް ބަލާއިރު އެނގެންހުރި މުހިންމު ބައެއް ކަންތައްތައް:
1- ރާއްޖޭގައި މިހާރު މިއޮތް އިސްލާމް މުޤައްރަރާއި އިސްލާމް ފޮތްތަކަކީ އެފަދަ ބޮޑު މަޝްރޫޢެއް ހިންގުމުގެ ޤާބިލުކަމާއި ހުނަރުވެރިކަން އޭގެ އެންމެ މަތީ ފެންވަރުގައި ހޯއްދަވައިގެން ތިއްބެވި ޢިލްމީ ފަންނުވެރި ބޭފުޅުން އެކަށައަޅުއްވައިފައިވާ މުޤައްރަރެއްކަމާއި ފޮތްތަކެއް ކަމެވެ. މާތް ﷲ އެބޭފުޅުންނަށް ހެޔޮ ޖަޒާ ދެއްވާށިއެވެ.
2- އަދި، އެ މުޤައްރަރާއި ފޮތްތަކުގެ ބައިތައް އެކުލަވައިލައިފައިވާ ގޮތަށް ބަލާއިރު އޭގައި އެއްވެސް ބާވަތެއްގެ ހަރުކަށި ކަމެއް ނުވަތަ ޙައްދު ފަހަނަ އެޅުމަކަށް ބާރު ލިބޭ ފަދަ އެއްވެސް މަޢުލޫމާތެއް ހިމަނައިފައި ނުވާކަމެވެ.
3- އަދި، އިސްލާމް ދީނުގައި ކަނޑައެޅިފައިވާ އިންތަކުން ބޭރުން، މީސްތަކުންނާ މެދުގައި ނަފުރަތު އުފެދޭ ފަދަ އެއްވެސް މަޢުލޫމާތެއް ވެސް މިހާރު މިއޮތް އިސްލާމް މުޤައްރަރާއި އިސްލާމް ފޮތްތަކުގައި ހިމަނައިފައި ނުވާކަމެވެ.
"ވީމާ، މިހާރު ކިޔަވައި ދެމުން ގެންދާ އިސްލާމް މުޤައްރަރާއި އިސްލާމް ފޮތްތަކަށް ނިސްބަތްކޮށް ދެކެވޭ ހަރުކަށިކަމާއި ޙައްދު ފަހަނަ އެޅުމާއި ނަފުރަތު ފަތުރާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ އޭގައި އެއްވެސް މިންވަރެއްގެ ޙަޤީޤަތެއް ނެތް ވާހަކަތަކެއް ކަމުގެ ޔަޤީންކަން އެންމެހާ ދިވެހި ރައްޔިތުންނަށާއި ކަމާ ބެހޭ އެންމެހާ ފަރާތްތަކަށް ޢިލްމުވެރިންގެ ގުޅުމުގެ ފަރާތުން އަރުވަމެވެ." އެ ޖަމްއިއްޔާއިން ވިދާޅުވެފައިވެއެވެ.
އެފަދައިން ރައްޔިތުންގެ ތެރޭގައި އިސްލާމް މުޤައްރަރާއި އިސްލާމް ފޮތްތަކާ މެދުގައި ޝައްކާއި ބިރުވެރިކަން އުފެދޭ ބީދައިން ފަތުރަމުން ދާ ވާހަކަތަކަކީ، މި ޤައުމުގެ ދީނީ ވަޙްދަތާ ދެކޮޅަށް ތަޢުލީމީ ނިޒާމުގެ ތެރެއިން ބަޔަކު ހިންގަން މަސައްކަތް ކުރާ ނުރައްކާތެރި ޢަމަލުތަކެއް ކަމަށް އެ ގުޅުމުން ދެކޭ ކަމަށާއި އެފަދަ ކޮންމެ ކަމަކަށް ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުން ހޭލުންތެރިވެ ތިއްބެވުމަށް ވެސް އެ ޖަމިއްޔާގެ ފަރާތުން ވަޞިއްޔަތް ކުރާކަމުގައި ވިދާޅުވެފައިވެއެވެ.
މުގައްރަރު ނިންމާ އޭގްރޭޑް ހޯދާ ދަރިވަރުން ގިނަވާއިރު ދީން ރަނގަޅަށް ޕްރެކްޓިސް ނުކުރެވުމަކީ މުގައްރަރު އިސްލާހުކުރަންޖެހޭ ކަން ހާމަވާކަމެއް.