ޚަބަރު ސަރުކާރު

ތުޅާދޫ ކައުންސިލަރުންނާ ރައީސް ބައްދަލުކުރައްވައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ބ،ތުޅާދޫ ކައުންސިލްގެ މެމްބަރުންނާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ބައްދަލު ކުރައްވައިފިއެވެ.

Ads by STELCO

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ތުޅާދޫ ކައުންސިލުން ވަނީ އެރަށުގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައި، އެ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރައްވައިފައެވެ.އެ ގޮތުން، ތުޅާދޫގައި ޤާއިމުކުރުމަށް ނިންމައިފައިވާ އެއަރޕޯޓާ ގުޅިގެން ރައްޔިތުންގެ ހުރި ހުށަހެޅުންތަކާއި، ޞިއްޙީ ޚިދުމަތް ފުޅާކުރުމާ ގުޅޭގޮތުންނާއި، ބަނދަރަށް ދިމާވެފައިވާ މައްސަލަތަކާއި، ބިމުގެ ދަތިކަމާ ގުޅޭގޮތުން ކައުންސިލްގެ ފަރާތުން މަޢުލޫމާތު އަރުވައިފައެވެ. އަދި ރަށުގެ ބިން ހިއްކުމާ ގުޅޭ ގޮތުންނާއި، ރަށުގައި އަޅައިފައިވާ 50 ހައުސިން ޔުނިޓާއި، ބާކީ އަޅަން ނިންމައިފައިވާ 50 ހައުސިންގ ޔުނިޓާ ގުޅިގެން ދިމާވެފައިވާ މައްސަލަތަކާއި ކަންބޮޑުވުންތަކާއި، ކައުންސިލަށް ދިމާވެފައިވާ ދަތިތަކާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރައްވައިފައިވެއެވެ.

މީގެ އިތުރުން ވެސް ކައުންސިލްގެ ފަރާތުން ވަނީ ރަށުގެ ތަރައްޤީއަށް ސަރުކާރުން ކުރިޔަށް ގެންދަވާ ބައެއް މަޝްރޫޢުތަކާއި ކައުންސިލުން ކުރިޔަށް ގެންދަވާ ބައެއް ކަންކަމުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވައިފައެވެ. މިގޮތުން ކައުންސިލުން ވަނީ ރަށުގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢާއި ބޯޅަ ދަނޑު ހެދުމުގެ މަޝްރޫޢު ކުރިޔަށްދާކަމުގައި ދަންނަވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ތުޅާދޫގައި ކުރިޔަށްގެންދާ މަޝްރޫޢުތަކާ ބެހޭ ފަހުގެ މަޢުލޫމާތުތައް އެބޭފުޅުންނާ ހިއްސާކުރައްވައިފައެވެ. މިގޮތުން 50 ހައުންސންގ ޔުނިޓްގެ މައްސަލައިގައި ކަމާގުޅޭ މިނިސްޓްރީން އެ ޔުނިޓްތައް އިވެލުއޭޓްކުރުމަށް ފަހު ރަނގަޅު ޙައްލެއް ހޯއްދެވުމަށް މަސައްކަތް ކުރައްވާނެކަމަށާއި، އެއަރޕޯޓް އޮތީ ބިޑް އިވެލުއޭޝަންގެ މަރުޙަލާގައި ކަމުގައި ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ ކައުންސިލުން އިތުރަށް ފާހަގަކުރެއްވެވި ކަންކަމުގައި، ކަމާގުޅޭ ފަރާތްތަކާ އެކު މަޝްވަރާކޮށްގެން މައްސަލަތަކަށް ޙައްލު ހޯދައިދެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ރަށް ތަރައްޤީކުރުމުގައި ސަރަޙައްދީ ތަރައްޤީއަށް ވެސް ވިސްނައިގެން ކުރިޔަށްދިޔުމަށް އެދިވަޑައިގެންފައެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!