އެޑްވަޓޯރިއަލް

ސްޓެލްކޯއިން ދެން ޕްލާސްޓިކް ފުޅީގައި ފެންބަންދެއް ނުކުރާނެ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އެއް ފަހަރު ބޭނުންކޮށް އުކައިލާ ޕްލާސްޓިކް ނުވަތަ "ސިންގަލް ޔޫސް ޕްލާސްޓިކް" ބޭނުން ކުރުން ހުއްޓައިލުމަށް ސްޓޭޓް އިލެކްޓިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)އިން ނިންމައިފިއެވެ

Ads by MWSC

އެ ކުންފުނިން ބުނީ، މި ނިންމުމާ އެކު ޕްލާސްޓިކް ފުޅީގައި ބަންދުކޮށްގެން ވިއްކަމުން ގެންދިޔަ ފެން ވިއްކުން ސްޓެލްކޯއިން މިހާރު އެއްކޮށް ހުއްޓައިލައިފައިވާ ކަމަށެވެ.

ސްޓެލްކޯއިން ބުނީ "ފެހި ދިރިއުޅުން" ޕްރޮގްރާމްގެ ދަށުން އެ ކުންފުނިން ހިންގަމުން އަންނަ 35 އިންޖީނުގެއަކީ ސިންގަލް ޔޫސް ޕްލާސްޓިކް ނުވަތަ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ވެއްދުން މަނާ ތަންތަނަށް މި އަހަރުގެ އޭޕްރީލް މަހުގެ ފުރަތަމަ ދުވަހު ހަދާފައި ކަމަށެވެ.

މި ނިންމުމާ އެކު، ސްޓެލްކޯއިން އަމާޒު ހިފީ ކައިރި މުސްތަގުބަލެއްގައި އެ ކުންފުނީގެ "ސްޓެލްކޯ ފެން" ބްރޭންޑްގެ ދަށުން ޕްލާސްޓިކް ފުޅީގައި ބަންދުކޮށްގެން ވިއްކަމުން ގެންދިޔަ ފެން ވިއްކުން ހުއްޓާލުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ކަމަށާއި އެގޮތުން އެ އަމާޒަށް ވާސިލްވުމަށް މިހާރު ވަނީ ޕްލާސްޓިކް ފުޅީގައި ފެން ބަންދުކުރުން އެއްކޮށް ހުއްޓައިލައިފައި ކަމަށް ވެސް ސްޓެލްކޯއިން ބުނެއެވެ.

ސްޓެލްކޯއިން ޕްލާސްޓިކް ފުޅީގައި ފެންބަންދުކުރުން ހުއްޓައިލުމާ ގުޅިގެން މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވީ، އެ ނިންމުމަކީ އަޅުގަނޑުމެންގެ ވަށައިގެންވާ މާހައުލަށް ޕްލާސްޓިކްގެ ސަބަބުން ލިބެމުން އަންނަ ގެއްލުން ކުޑަކުރުމަށް ވަރަށް މުހިއްމު ނިންމުމެއް ކަމަށާއި، ސްޓެލްކޯއިން މި ދެއްކި ނަމޫނާއާއި އެއްގޮތަށް އެހެން ފަރާތްތަކުން ވެސް އަމަލު ކުރަމުން ގެންދަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"ޕްލާސްޓިކް ފުޅީގައި ފެން ބަންދު ކުރުން ހުއްޓައިލި ނަމަވެސް، އަޅުގަނޑުމެން ވަރަށް ކައިރި މުސްތަގުބަލެއްގައި ތިމާވެއްޓާ ރައްޓެހި ފެނުގެ އިތުރު ޕްރޮޑަކްޓެއް، އާދެ ބިއްލޫރި ފުޅީގައި ފެން ވިއްކަން ފަށާނަން" މުޣުނީ ވިދާޅުވި އެވެ.

ސްޓެލްކޯގެ ގްރީން ލައިފް އިނިޝިއޭޓިވްގެ ދަށުން ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުން ކުރުން ހުއްޓައިލުމަށް ކުރެވުނު މަސައްކަތުގައި މުވައްޒަފުން ބައިވެރި ކުރުމަށް ކޮންމެ މުވައްޒަފަކަށް ވެސް ރީ-ޔޫސަބަލް ފެންފުޅިއާއި ފޮތި ދަބަސް ވަނީ ހަވާލު ކޮށްފައެވެ. އަދި މަސައްކަތުގެ މާހައުލުގައި ފެން ބުއިމުގެ އާދަ އަށަގަންނަވައި ދުޅަހެޔޮ ސިއްހަތެއްގައި މުވައްޒަފުން ތިބުމަށް ބާރުއެޅުމަށް އެ ކުންފުނީގެ މައި އޮފީހުގެ ވަކިވަކި ޑިޕާޓްމަންޓުތަކުގައި ވޯޓަރ ޑިސްޕެންސަރ ނުވަތަ ބޯފެން ފުޅިއަށް އަޅައިގެން ބޭނުން ކުރެވޭނެ އިންތިޒާމުތައް ވެސް ވަނީ ހަމަޖައްސާފައި ކަމަށް ވެސް އެ ކުންފުނިން މައުލޫމާތު ދެއެވެ.

މީގެ އިތުރުން އެ ކުންފުނީގެ ވިޔަފާރި ޚިދުމަތްތަކުގައި ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ޕްލާސްޓިކް ކޮތަޅުގެ ބަދަލުގައި ކަރުދާސް ކޮތަޅު ފޯރުކޮށްދީ، ކުންފުންޏަށް ވަންނަ ފަރާތްތަކުން ވެސް ސިންގަލް ޔޫސް ޕްލާސްޓިކް ކުންފުނީގެ އިމާރާތުގެ ތެރެއަށް ނުވެއްދުމާއި ބޭނުން ކުރުން ހުއްޓުވުމުގެ ގޮތުން، އިމާރާތުގެ ތެރެއަށް ވެއްދުން މަނާ ޕްލާސްޓިކް ހެޑްއޮފީހުގެ އިމާރާތުގެ އެތެރެއަށް ވަންނައިރު ބެހެއްޓޭނެ ނުވަތަ ރައްކާކުރެވޭނެ އިންތިޒާމްތައް ވެސް ވަނީ ޤާއިމް ކޮށްދީފައިވާނެ ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!