ސަރުކާރު

ފިޔަވަތި މައްސަލައިގައި ނޫސްތަކުގެ އެސެސްމަންޓެއް ހަދަނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ދައުލަތުގެ ބެލުމުގެ ދަށަށް ގެންދާ ކުޑަކުދިން ބަލަހައްޓަން ހުޅުމާލޭގައި ގާއިމްކޮށްފައިވާ "ފިޔަވަތި"ގައި ތިބި ކުދިން ހަލަބޮލިވެގެން އުޅުނު ވަގުތު، އެ ކުދިންގެ ކަރާމާތަށް ގެއްލުންވާ ގޮތަށް އެއްވެސް ކޮންޓެންޓެއް ޝާއިއުކޮށްފައި ވޭތޯ ބެލުމަށް މޮނިޓަރކޮށް ނޫސްތަކުގެ އެސެސްމަންޓެއް ހަދަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން ނިންމައިފިއެވެ.

Ads by MWSC

އެމްއެމްސީން ނިންމައިފައި ވަނީ މި އަހަރުގެ 37ވަނަ ޖަލްސާގައެވެ. އެ ކައުންސިލުން ވަނީ ކުޑަކުދިންގެ ޚަބަރާއި މައުލޫމާތު ފެތުރުމުގައި އަދި ފިޔަވަތީގެ ހާދިސާ ކަވަރު ކުރުމުގެ ތެރޭގައި ނޫސްވެރިންގެ ފަރާތުން ފާހަގަވެފައިވާ އަޚްލާގީ މިންގަނޑާ ޚިލާފު ކަންކަން ނޫސްތަކުގެ އެޑިޓަރުންގެ ސަމާލު ކަމަށް ގެނައުމަށް ވެސް ނިންމައިފައެވެ.

ފިޔަވަތީ މައްސަލައިގައި މީޑިއާ ކައުންސިލުން މިފަދައިން ފިޔަވަޅު އަޅަން ނިންމައިފައި މި ވަނީ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން އެ ކޮމިޝަނަށް މައްސަލަ ހުށަހަޅައިފައިވާތީއެވެ. އެގޮތުން ފިޔަވަތީ މައްސަލައިގައި މިދިޔަ އާދިއްތަ ދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު މުމްތާޒް ވަނީ މީޑިއާއިން އަމަލު ކުރި ގޮތާ މެދު ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ.

މެންބަރު މުމްތާޒް ވިދާޅުވީ، ފިޔަވަތީގައި ހިނގައިދިޔަ ކަންތައްތަކުގެ ފޮޓޯއާއި ވީޑިއޯތައް ބައެއް ނޫސްވެރިން މީސް މީޑިއާގައި ހިއްސާ ކޮށްފައިވާ ކަމަށާއި އެއީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!