އެފްރިކާ ދުނިޔެ

އިތިއޯޕިޔާގެ ބޮޑުވަޒީރު އެކުލަވައިލި އައު ސަރުކާރަށް މަޖިލީހުން ރުހުންދީފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

އިތިއޯޕިޔާގެ ބޮޑުވަޒީރު އަބީ އަހުމަދު އެކުލަވައިލި އައު ސަރުކާރަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ރުހުން ދީފިއެވެ.

Ads by Sosun Fihaara

މިދިޔަ ޖޫން މަހު ބޭއްވި އިންތިހާބު ކާމިޔާބުކޮށް ދެވަނަ ފަހަރަށް ބޮޑުވަޒީރުކަމުގެ ހުވާ ކުރައްވާފައިވާ ބޮޑުވަޒީރު އަބީ އެކުލަވައިލި އައު ސަރުކާރުގެ ކެބިނެޓުގައި 22 މިނިސްޓަރުން ހިމެނެއެވެ. ބޮޑުވަޒީރުގެ މިކެބިނެޓަށް އިތިއޯޕިޔާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެއިން ވަނީ ފުރިހަމަ ރުހުން ދީފައެވެ.

ބޮޑުވަޒީރު އަބީގެ އައު ސަރުކާރުގެ ޑިފެންސް މިނިސްޓަރަކަށް ހަމަޖައްސަވައިފައި ވަނީ އަބްރަހަމް ބެލޭއެވެ. އޭނާއަކީ ކުރިން ޓްރިގޭގެ އުތުރުގެ ސަރަހައްދަށް ކަނޑައަޅައިފައިވާ މަންދޫބެވެ. އަބީގެ ސަރުކާރުގެ ޕީސްް މިނިސްޓަރުކަން ހަވާލު ކޮށްފައި ވަނީ ބިނަލްފް އަންދުއަލިމްއާއެވެ. އޭނާ ކުރިން މަސައްކަތް ކޮށްފައި ވަނީ އިތިއޯޕިޔާގެ އުތުރުގެ ސަރަހައްދުތަކަށް ކަނޑައަޅައިފައިވާ ހިޔުމެނިޓޭރިއަން އޮޕަރޭޝަންގެ ޕަބްލިކް ފޭސްގެ ގޮތުގައެވެ. އާ ސަރުކާރުގެ ފިނޭންސް މިނިސްޓަރުކަމަށް އައްޔަނުކޮށްފައި ވަނީ އަހުމަދު ޝިދީއެވެ.

ބޮޑުވަޒީރު އަބީ އިތިއޮޕިއާގެ ވެރިކަމާ ހަވާލުވެފައި ވަނީ 2018 ވަނަ އަހަރުގައެވެ. 2019 ވަނަ އަހަރު ނޮބެލް ޕީސް ޕްރައިޒްވެސް ހާސިލްކޮށްފައިވާ އަބީ ވެރިކަމަށް އައިސްފައި ވަނީ އޭރުގެ ސަރުކާރާ ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ކުރުމަށް ފަހުއެވެ.

100 މިލިއަން މީހުން އާބާދީއެއް އޮންނަ އިތިއޯޕިޔާއަކީ އިރުމަތީ އެފްރިކާގެ އެންމެ ބޮޑު އެއްގައުމެވެ. އެފްރިކަން ޔުނިއަން (އޭޔޫ)ގެ މައި މަރުކަޒު ހުންނަނީ އިތިއޮޕިޔާގެ ވެރިރަށް އެޑިސްއަބާބާގައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!