ޙައްޤަކަށް ތީމަގޭ ވުން (ތިންވަނަ ބައި)
އޭނާ ކޮންމެ ގޮތަކަށް އަދީމާ ދޭތެރޭގައި ކަންތައް ކުރިނަމަވެސް އަދިވެސް އަދީމްގެ ހިތުގައި ރަސްކަން ކުރަމުން ދަނީ އެރީތި ސޫރައެވެ. އަދީމްގެ ހިތުގައި އޭނާއަށްޓަކައިވާ ލޯތްބަށް ކުޑަވެސް ބަދަލެއް ނާދެއެވެ.އެހިޔާލުތަކުން ދުރުވުމަށްޓަކައި އަދީމް އޮތްތަނުން ތެދުވިއެވެ. ކޮޓަރީގެ ލައްޓް ޖައްސައިލުމަށްފަހު ފޮތް ހަރުގަނޑުން ފޮތެއް ހިފައިގެން އައިސް ކިޔަން ފެށިއެވެ.
******************
އެނދުމަތީގައި އުއްޑުން އޮތް ޝަހާގެ ނަޒަރު ހުއްޓިފައިވަނީ ސީލިންގަށެވެ. އެއްއަތުން ފަތުރާލެވިފައިވާ ފަން އިސްތަށިގަނޑާ ކުޅެމުން ދިޔައިރު އަނެއް އަތް އޮތީ ބަނޑުމަތީގައި ބާއްވައިލެވިފައެވެ. އެއްފަޔާއި އަނެއްފައި އޮޅައިލެފައިވާއިރު ތުންފަތްމަތީގައި ވަނީ ލުއި ހިނިތުންވުމެކެވެ. ދަންވަރުގެ އެހަމަހިމޭން ވަގުތުގައި ޝަހާގެ ދެލޮލުގައި ނިދީގެ ކަންފުޅެއްވެސް ނެތެވެ. އޭނާގެ ހިތާއި ސިކުނޑީގައި ރަސްކަން ކުރަމުން ދިޔައީ އެންމެ ސޫރައެކެވެ. އޭނާއަށް އުނގަދޫ ކުރަމުން ދިޔައީ އަދީމްގެ ހަނދާންތަކެވެ. މިއަދު ލިބިގެން ދިޔަ އުފާވެރި ޙަބަރާއެކު އެނާގެ ނަފްސަށް ބަދަލުތަކެއް އައިސްފިކަން ޔަގީނެވެ.
އަދީމް އެނބުރި ރަށައް އަންނާނެ ދުވަހަކަށް އޭނާ ދިގު އިންތިޒާރެއް ކޮށްފިއެވެ. އެއިންތިޒާރު ގެ ނަތީޖާ އަންނާނީ ކިހިނެއް ކަމެއް އޭނާއަކަށް ނޭނގެއެވެ. ކޮންމެ ގޮތަކަށް ނަތީޖާ އައި ނަމަވެސް އޭނާގެ ހިތުގައި އަދީމަށްޓަކައި ވާ ލޯތްބާއި ދެވިފައިވާ މަތިވެރި މަގާމާއި ޤަދަރު އެންމެ ތަންކޮޅެއްވެސް މަދު ނުވާނެ ކަން އެއީ އޭނައަށް ޔަގީންވާ އެއްކަމެކެވެ. އޭނާ އަދީމް ދެކެ ވަނީ އިންސާނަކު އެނެއް އިންސާނާދެކެ ލޯބިވާނޭ އެންމެ މައްޗަކަށެވެ. އެލޯބީގެ ޒައްރެއްގެ މިންވަރުގެ ހިލަމެއްވެސް އަދީމަކަށްވެސް އަދި އެހެންމީހަކަށްވެސް ނުވާނެއެވެ. އެސިއްރު ދެނެވޮޑިގެންވާނީ ހެއްދެވިފަރާތާއި އޭނާގެ ހިތެވެ.
ޝަހާ ހަނދާން ހުންނަން ފެށީއްސުރެންވެސް އޭނާގެ ހިތުގައި އަދީމަށްޓަކައި ޙާއްސަ މަގާމެއް ދެވިފައިވެއެވެ. އޭނާގެ ހިތް އަދީމަށް ހިބައިން ދެވުނީ އެކަން އަދީމަށް ނުވެސް އެނގޭ ހާލުގައެވެ. އަދީމްގެ އާއިލާ އެރަށުގައި އުޅުނު ދުވަސްވަރުގައި ކިތަންމެ ފަހަރަކު ޝަހާ އެގެއަށް ގޮސް ހެދިއެވެ. ކޮންމެ ދުވަހަކުވެސް އެކި ކަހަލަ ބަހަނާތަކުގައި ދިޔަނަމަވެސް ހަޤީގަތަކީ ޝަހާ އެގެއަށް ދަނީ އަދީމް ދެކިލަން ކަމެވެ. އެންމެ ދުވަހަކުވެސް އަދީމްގެ އެރީތި ސޫރަ ނުފެނިއްޖެނަމަ ޝަހާގެ މުޅި ދުވަސް ޙަރާބުވެގެން ދެއެވެ. ސްކޫލަށް ދިއުމުގެ ކުރިންވެސް ޝަހާ އެންމެ ފުރަތަމަ ދެކެން ބޭނުންވާނީ އަދީމެވެ. ކޮންމެ ދުވަހަކުވެސް ޝަހާ ސްކޫލަށް ދަނީ އަދީމްގެ ފަސް ފަހަތުންނެވެ. އަދި އެނބުރި އަންނަނީވެސް އަދީމްގެ ފަހަތުން އޭނާއާ ދިމާލަށް ބަލަހައްޓައިގެން ހުރެއެވެ. އަދީމަށް ވުރެ ކުރިން އޭނާއަށް ސްކޫލުން ނިކުމެވިއްޖެނަމަ ކޮންމެވެސް ބަހަނާއެއް ދައްކާފައި އޭނާ އަދީމް ނިކުންނަންދެން ސްކޫލް ކައިރީގައި މަޑުކުރެއެވެ. ކޮންމެ ދުވަހަކުވެސް އަދީމް ފުޓުބޯޅަ ކުޅެ ނިންމާފައި ގެއަށް އަންނަ ވަގުތު ޝަހާވެސް ކޮންމެގޮތެއް ހަދާފައިވެސް ގެއިން ނިކުންނާނެއެވެ. ހޫނުވެގެން އޮށްދާ ހިއްލާލައިފައިވާ އަދީމްގެ ހަށިގަނޑު ފެނުމުން ޝަހާއަށް ކުރުވަނީ އާދަޔާ ހިލާފު އަސަރުތަކެކެވެ. ކޮންޑުމައްޗަށް ލައިގެން ހުރި ޖަރޒީ އެއްލައިގެން ހުރެ ފިރިހެންވަންތަ ހިނގުމުގައި ހިނގާލާފައި އަންނައިރު ޝަހާގެ ހިތް ކަތިލެވޭފަދައެވެ. އަދީމް އެރަށުން ފުރައިގެން ދިއުމުން ޝަހާ މުޅިން މާޔޫސްވިއެވެ. އަބަދުވެސް ދުޢާ ކުރެވެމުން ދިޔައީ އަދީމް އެނބުރި އަންނާނެ ދުވަހަކަށެވެ. އެދުވަހަކުން ޙުދު ޝަހާ އަދީމަށް ލޯބި ހުށަހަޅާ އޭނާގެ މިލްކަކަށް ވުމަށް އެދޭނެއެވެ.
ކުއްލިއަކަށް އިވުނު ފޯނުގެ އެލާމްގެ އަޑާއެކު ޝަހާ އަށް ލިބުނީ ސިހުމެކެވެ. އަވަސް އަވަހަށް ސައިޑް ކަބަޑް މަތީގައި އޮތް ފޯނު ނެގުމަށްފަހު އެލާމް ކަނޑައިލިއެވެ. ގަޑިން ފަތިހު ހަތަރެއް ޖަހާފައިވާތަން ފެނުމާއެކު ޝަހާއަށް ލިބުނީ ހައިރާން ކަމެކެވެ. އެހުރިހާއިރު ވަންދެން އޭނާއަށް އެއްވެސް ފޫހިކަމެއް ނެތި އޮވެވުނީ އަދީމްގެ ޙިޔާލުތަކަށް ގެއްލިފައެވެ. އަމިއްލަ މޮޔަކަށް ހިތަށް އަރާފައި ޝަހާއަށް ހެވުނެވެ. އިތުރަށް ނިދާކަށް ޝަހާއެއް ނޫޅުނެވެ. އެނދުމަތިން ތެދުވެގެން ގޮސް ހަރުގައި އަޅުވާފައި އޮތް ތުވާލި ހިފައިގެން އޭނާ ވަނީ ފާހާނާއަށެވެ. ފާހާނައިން ނިކުމެ ތެތްވެފައިވާ ތުވާލި ހަރުގައި އަޅުވާލުމަށްފަހު ޑެރެސިންގް ޓޭބަލް ކައިރިއަށް ޖެހުނެވެ. ކޮލޯން ކޮޅެއް އަތަށް އަޅައިލުމަށްފަހު ދެއަތާ ހެދުމުގައި ހާކައިލިއެވެ. އެއަށްފަހު އިސްތަށިގަނޑުގައި ހުޅިއެއް ޖަހައިލަމުން އޭނާގެ ކޮޓަރިން ނިކުމެ އެކޮޓަރިއާ އިންވެގެން ވާތް ފަރާތަށް ހުރި މަލާކްގެ ކޮޓަރިއަށް ވަނެވެ.
އެނދުމަތީގައި އުއްޑުން އޮވެ ނިދިފައި އޮތް މަލާކްގެ މޭމަތީގައި އޭނާ ކިޔަން ގެންގުޅުނު ފޮތް އޮތެވެ. ކޮޓަރީގެ ލައިޓްވެސް ނިއްވައިނުލާ ހުރީތީ މަލާކްއަށް ނިދުނީ ފޮތް ކިޔަން އޮއްވައި ކަން ޝަހާއަށް އެނގުނެވެ. ޝަހާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވީ މަލާކް ކިޔެވުމަށް ހުންނަ ޝައުޤުވެރިކަން ފެނުމުންނެވެ. އޭނާގެ އުއްމީދަކީ އޭނާ ފަދައިން މަލާކްވެސް މަސައްކަތްތެރި ކާމިޔާބު އަންހެނަކަށް ވުމެވެ.
އެނދުގެ މަގަތުގައި އިށީންނަމުން ޝަހާ މަލާކްގެ މޫނުގައި ފިރުމައިލިއެވެ. ދެތިން ފަހަރަކު މަލާކް ނަމުން ގޮވައިލުމާއެކު މަލާކްއަށް ހޭލެވިއްޖެއެވެ.
" ހަތަރެއް ޖެހީތަ؟" ނިދި ބަރުވެފައިވާ އަޑަކުން މަލާކް އަހައިލިއެވެ.
" ހަތަރެއް ޖަހާ ބޮޑުވެސް ވެއްޖެ.. ހަތަރު ގަޑި ބައިވާން ކައިރިވަނީ.. ދެންވެސް އަވަހަށް ތެދުވެ ފެންވަރާލައިގެން ދަމުނަމާދުގެ ދެރަކުޢަތް ނަމަވެސް ކުރެވޭތޯ ބަލާބަލަ.. " ލޯތްބާއެކު މަލާކްގެ ބޮލުގައި ފިރުމައިލަމުން ޝަހާ ބުންޏެވެ. ހަށިގަނޑުގައި ލޮޑުކަމެއް ވީ ނަމަވެސް ގަދަކަމުން ކަހަލަ ގޮތަކަށް މަލާކް ތެދުވިއެވެ. އެނަމާދުގެ މާތް ކަމަކީ އަބަދުވެސް މަލާކް ކައިރީގައި ޝަހާ ކިޔައިދޭ ވާހަކަތަކެކެވެ. އެހެންކަމުން އެނަމާދު ނުކޮށް ދޫކޮށްލާނީ އެނަމާދުގެ މުހިންމުކަން ނުވިސްނޭ މީހެއްކަން މަލާކްއަށް ވިސްނެއެވެ. އޭނާގެ ދޮންތަގެ ކާމިޔާބާއި ހިތްވަރާއި އަޒުމުގެ ސިއްރަކީ އެހެން ނަމާދުތައް ބަރާބަރަށް ކުރުމާއި އެކު ސުންނަތް ނަމާދުތައް ކުރުންކަން މަލާކްއަށް އެނގޭތީ އޭނާވެސް ބޭނުންވަނީ އޭނާގެ ދޮންތަ ކަހަލަ މީހަކަށް ވުމަށް ހިތްވަރާއެކު މަސައްކަތް ކުރުމަށެވެ. މަލާކް ފާހާނާއަށް ވަނުމުން ޝަހާވެސް އެނބުރި ކޮޓަރިއަށް އައިސް ދަމުނަމާދަށް އެރިއެވެ.
******************
ދަތުރަށް ތައްޔާރު ވުމަށްޓަކާ އެންމެންވެސް އުޅުނީ އަވަދިނެތިއެވެ. އެންމެންގެ ތެރެއިންވެސް ކަމީލާ އުޅުނީ މާ ބުރަކޮށްލައިގެންނެވެ. އެކުޑަ ކުޑަ ދަތުރަށް ތައްޔާރުވުމަށްޓަކާ ދެފޮށްޓާއެކު ދަބަހެއް އޭނާ ތައްޔާރުކޮށްފައި ހުއްޓެވެ. އެކަމާ ރުޅިއައިސްގެން ކައުސަރު ކަމީލާއާ ދިމާލަށް ކުދިކީ ނަމަވެސް އެގެންދިޔުން މަނައެއް ނުކުރެއެވެ. ފޮށްޓަށް އެއްޗެހި އެޅުމުގައި ކައުސަރަށް އެހީތެރި ވެދިނުމުގައި ރާފިޤު އުޅުނެވެ.
ފަސޭހަ ކަމާއެކު އެމީހުންގެ ފޮށި ތައްޔާރު ކުރުމަށްފަހު ފާތިކާއި އަދީމް ތިބީ ސޯފާގައި ވާހަކަ ދައްކާށެވެ. އެއްފައި މައްޗަށް އަނެއް ފައި އަރުވައިގެން ތަޅުވާލަ ތަޅުވާލާ އަދީމް އިން އިރު ފާތިކް އޮތީ ސޯފާއަށް ވެއްޓިގަނެގެން ކަހަލަ ގޮތަކަށެވެ.
" އައި ކާންޓް ބިލީވް ދޮންބޭ!! އިންނަން އުޅޭ ކުއްޖާ ކައިރީގައި ނުވެސް ބުނެ ތި ދަނީ.. ދޮންބެ ތިހާ އުއްމީދުގައި އެރަށައް ދާ ފަހުން އޭނާ ކައިވެންޏަށް މަނާ ކުރިއްޔާ ދޮންބެ އަށް ކިހާ ބޮޑު ލަނޑެއް ލިބޭނެ.. ހަހަހަ.. އެކަހަލަ ކަމެއް ވިއްޔާ ހުވާ މިބުނީ އަހަރެން ވަރަށް ހޭނަން.." ހިނިގަނޑެއް ޖަހައިލަމުން އަދީމް ބުންޏެވެ.
" އެހެން އަދި މަނައެއް ނުކުރެވޭނެއްނު.. މަނާކޮށްފިއްޔާ އަހަރެން މާލެ އަންނާނީ އޭނާ ގޯންޏަކަށް ލައިގެން ހިފައިގެން.. ހެހެހެހެ.. އޭނަ މަނާ ނުކުރާނެކަން އަހަރެންނަށް ސަތޭކަ ޕަރސެންޓް ޔަގީން.. އަހަރެންނަށްވުރެވެސް ބޮޑަށް މިކައިވެނި ކުރަން ބޭނުންވެފައި ހުރީ އޭނަ.. އާދު ބަލަން ހުންނާތި އަހަރެން ފެނުނީމަ އޭނާ އުފާވާ ވަރު.." ސޯފާގައި ހަމަޖެހިގެން އިށީންނަމުން ފާތިކް ބުންޏެވެ.
" ތިއެއް އެނގިދާނެތާ ދޯ! އިހަށް ބުނެބަލަ ކޮން ނަމެއް ކިޔާ ކުއްޖެއްތަ އެއީ.. އޭނަ އޭނަ ކިޔުމަށްވުރެ ރަނގަޅެއްނު ނަން ބުނިއްޔާ.. އަހަރެން ދަންނަ ކުއްޖެއްތަ އެއީ؟" އަދީމް އަހައިލިއެވެ.
" އެނގޭނެ ކަންނޭނގެ.. މައިރާ ކިޔަނީ... " ފާތިކް ބުންޏެވެ. އަދީމް ދެލޯ ހަނިކޮށްލަމުން ނިތަށް ރޫއަރުވައިލީ ފަނޑު ހަނދާނެއް ވުމުންނެވެ.
" މައިރާ... އާނ އެނގިއްޖެ.. އެއްކަލަ ކުރިމަތީ ހުންނަގޭ ޝަހާއާ އެއްކޮށް އަހަރުން ގެއަށް އަންނަ ކުއްޖެއްދޯ؟" ހަނދާންކޮށްލަމުން އަދީމް ބުންޏެވެ. ފާތިކް ހީނލަމުން ބޯޖަހައިލިއެވެ.
" ޑޯންޓް ޓެލް މީ އޭރުއްސުރެ ތިދެމީހުން........؟؟؟؟" ޝައްކެއްގައި ހުރެ އަދީމް އަހައިލިއެވެ. މިފަހަރުވެސް ހިނިގަނޑެއް ޖަހައިލަމުން ފާތިކް ބޯޖަހައިލީއެވެ.
" އަދީމް ހަނދާން ގަދަ އެނގޭ... " ފާތިކް ބުންޏެވެ. އަދީމް ވަކި އެއްޗެއް ނުބުނެއެވެ. ހިތަށް އެރި ވާހަކަ ފާތިކްގެ ކުރިމަތީގައި ފާޅުކުރާކަށް އޭނާ ބޭނުމެއް ނުވިއެވެ. އޭނާގެ ތުންފަތްމައްޗަށް ލާނެތް ހިނިތުންވުމެއް ވެރިވުމާއެކު ދެފަރާތަށް ބޯހޫރާލެވުނެވެ.
****************
މެންދުރުފަހު މަލާކާއި ނީމާ އާ އެކުގައި ކެއުމަށްފަހު އޮފީހަށް ދިއުމުގެ ބަދަލުގައި ޝަހާ މިސްރާބު ޖެހީ އެކުވެރި މައިރާގެ ގެއަށް ދިއުމަށެވެ. ޝަހާގެ ތުންފަތްމަތީގައި ހިނިތުންވުމެއްވީ ނަމަވެސް ހިތާހިތުން ޝަކުވާ ކުރެވެމުން ދިޔައީ އެހާ އުފާވެރި ޙަބަރެއް މައިރާ އޭނާއާ ޙިއްސާ ނުކުރީތީއެވެ. އެގޭ ކައިރީގައި ސައިކަލު ޕާކުކޮށްލުމަށްފަހު ގޭތެރެއަށް ވަންނަން ދިޔައެވެ. ކުޑަކޮށް ހުޅުވިފައި ހުރި ދޮރޯށި ކައިރީގައި ހުއްޓި އޭނާ ސަލާމް ގޮވައިލިއެވެ. ކޮންމެ މީހެއްގެ ގެޔަށް ވަނުމުގެ ކުރިންވެސް ސަލާމް ގޮވައިލުމަކީ ޝަހާގެ އާދައެކެވެ. ކިތަންމެ ގާތް މީހެއް ނަމަވެސްމެއެވެ. ސަލާމުގެ ޖަވާބު ދިނީ ގޯތި ތެރޭގައި ހަވާދު ދަވަން އިން މައިރާގެ މަންމަ ސަބިނާއެވެ. ޝަހާ ދޮރު ހުޅުވާލާފައި އެތެރެއަށް ވަނެވެ. ސަބިނާއަށް ހިނިތުންވުމެއް ހަދިޔާކޮށްލަމުން ޝަހާ ގޮސް ސަބީނާ ކައިރީގައި ހުއްޓުނެވެ. މުޅިތަން އެއްވަސް ވެފައިވީ ސަބިނާ ހަދަމުން ދިޔަ ހަވާދު ގަނޑުގެ މީރުވަހުންނެވެ.
" އެކޮއެ ހާދަ ނުގަޑިއެއްގަ ތިއައީ... މިއަދު އޮފީހަށް ނުދާ ދުވަހަކީތަ؟ " ކައިރީގައި ހުރި ޓިޝޫ ފޮށިން ޓިޝޫއެއް ނަގައި ނިތްކުރިމަތިން ހިއްލާފައި ހުރި ދާތައް ފޮހެލަމުން ސަބީނާ އަހައިލިއެވެ.
" ނޫނޭ.. މި ހަމަ މައި ކައިރިއަށް ނާދޭވާތަ ގިނަ ދުވަސްވީމާ އައިސްލީ.. ކޮބާތަ އާމިރުބެ.. ރަނގަޅުތަ" ޝަހާ އެއަހައިލީ ސަބީނާގެ ފިރިމީހާ އަދި މައިރާގެ ބައްޕަގެ ވާހަކައެކެވެ. އާމިރަކީ ކުޅަދާނަ މަސްވެރިއެކެވެ. މަސައްކަތުގެ ގޮތުން އާމިރަށް ރަށުގައި ހުރެވެނީ ހަފްތާއަކު ދެތިން ދުވަހުއެވެ.
" އަލްޙަމްދުލިﷲ ރަނގަޅު.. އަދި މިހަފްތާގަ ރަށަކަށް ނާދޭ.. ހީވަނީ ބުދަ ދުވަހުހެން އަންނާނި.." ސަބީނާ ބުންޏެވެ.
" މަލާކް ކޮބާ.. އެމަންޖެ ރަނގަޅުތަ.. ވަރަށް ދުވަސްވެއްޖެ އެމަންޖެވެސް ނުފެންނަތާ.." ސަބީނާ އަހައިލިއެވެ،.
" ދެން މިހާރު ސްކޫލް ހުޅުވުނިމަ ގިނަވަގުތު އެ ހޭދަ ކުރަނީ ކިޔެވުމުގަ.. ކޮބާތަ މައި.. ވަރަށް އަވަހަށް ދާންވެސް އެބަޖެހޭ..." އަތުކުރީގައި އޮތް ގަޑިއަށް ބަލައިލަމުން ޝަހާ ބުންޏެވެ.
" އަވަހަށް ދޭ.. އެބައުޅޭ ކޮޓަރީގަ.. އިރުކޮޅަކުން އެމަންޖެވެސް ބިޒީވާނެ.. އަނެއްކާވެސް ޓިއުޝަން ދޭން ފަށައިގެން އެއުޅެނީ.." ސަބީނާ ބުންޏެވެ. އެއްޗެއް ނުބުނެ ހިނިތުންވެލަމުން އެތެރެއަށް ވަންނަން ޝަހާ ހިނގައިގަތެވެ.
ކޮޓަރީގެ ދޮރުހުޅުވާލުމާއެކު ޑްރެސިންގް ޓޭބަލް ކައިރީގައި ރީތިވާން ހުރި މައިރާ ފުރަތަމަ ސިހުނު ނަމަވެސް ޝަހާ ފެނުމާއެކު ތުންފަތަށް ވެރިވީ ފުޅާ ހިނިތުންވުމެކެވެ.
" ވަޓް އަ ޕްލެޒެންޓް ސަޕްރައިޒް... މެޑަމް ޝަހާ މިގެއަށް ތިދުރުވީ ހާދަ ދުވަހެއް ފަހުންނޭ.. " އިސްތަށިގަނޑުގައި ހުޅިއެއް ޖަހައިލަމުން މައިރާ ބުންޏެވެ.
" އަހަރެން މިހިރީ މައި ދެކެ ރުޅި އައިސްފައި.. އަހަރެން ހިޔެއް ނުކުރަން މައި އަހަރެންނަށް އެވަރުގެ ބޮޑު ކަމެއް ސިއްރުކޮށްފާނެ ކަމަކަށް.. " އެނދުމަތީގައި އިށިންނަމުން ޝަހާ ބުންޏެވެ. މައިރާގެ ނިތަށް ރޫގިނަވެގެން ދިއުމާއެކު މޫނުމަތިން ފެނުނީ ހައިރާން ކަމެކެވެ.
" ކީކޭ؟ އަހަރެން ކޮން ކަމެއް ސިއްރުކުރީތަ؟ " ޝަހާ ކައިރީގައި އައިސް އިށީންނަމުން މައިރާ އަހައިލިއެވެ.
" އަދިވެސް އަހަރެން ކައިރީގައި ބުނާކަށް ނުވޭތަ.. މައި ނުބުންޏަސް އަހަރެންނަށް އެނގިއްޖޭ ފާތިކްއާ އޭނާ ގޭމީހުން އަންނަން އުޅޭކަން.." މައިރާއަށް އެކަން ނޭނގޭކަން، ނޭނގޭ ހާލުގައި ޝަހާ ބުންޏެވެ. މައިރާގެ ހިތްތެޅިގަތީ އޮބި ނޯންނަވަރަށެވެ.
" ހަމަ އަސްލުވެސްތަ؟ އެމީހުން އަންނަނީތަ؟ ކިހިނެއް ޝަހާއަށް އެނގުނީ؟" އުފަލުން ގޮސް ހުރިހާ ދަތްތަކެއް ފެންނަވަރަށް ހީނލައިގެން އިނދެ މައިރާ އަހައިލިއެވެ. މައިރާ އެހެން ބުނިގޮތުން ޝަހާ މައިރާއާ ދިމާލަށް ބަލައިލީ ހައިރާންވެފައެވެ.
" މައި އަށް ނޭނގެނީތަ ނޫނީ ނޭނގޭ ކަމަށް ހެދެނީތަ؟" ޝައްކެއްގެ މަތީގައި އިނދެ ޝަހާ އަހައިލިއެވެ.
" ގޯޑް ޕްރޮމިސް އަހަރެންނަކަށް ނޭނގޭ.. ފާތި ނުވެސް ބުނޭ ތިކަހަލަ ވާހަކައެއް.. އަޅެ ބުނެބަލަ ކާކުތަ ޝަހާ ކައިރީގައި ބުނީ؟" ކެތްތެރިކަން ކުޑަވެފައި އިނދެ މައިރާ އަހައިލިއެވެ.
" އޯހް ފިޝް.... އަހަރެންނަށް ފްލޮޕް މިކޮށްލެވުނީ ސަޕްރައިޒެއް ކަންނޭނގެ.. ސޮފިއްޔާއްތަ ބުނީ.. ކައުސަރުދައްތަ ބުނެގެން އެގެ ސާފުކުރިއްޔޯ.. އެމީހުން އަންނަނިއްޔޯ.." ޝަހާ ބުންޏެވެ.
" އަސްލުތަ.. ޔޭ... އައިމް ސޯ ހެޕީ" ތެދުވެ ފުންމައިގަންނަމުން މައިރާ ބުންޏެވެ. މައިރާ އުޅުނު ގޮތުން ޝަހާއަށް ހެވުނެވެ.
" ފައިނަލީ އަހަރެން މެރީ ކުރަނީ.. ޝަހާ އަހަރެން ވަރަށް އުފާވެއްޖެ.. ނޭނގިނަމަވެސް ތި ދިން ޙަބަރަށްޓަކާ ޝުކުރިއްޔާ.." އަނެއްކާވެސް އިށީނދެ ޝަހާ ގައިގައި ބައްދައިލަމުން މައިރާ ބުންޏެވެ. މައިރާއަށްޓަކައި ހިތުގެ އެންމެ ފުންމިނުން ޝަހާ އުފާކުރިއެވެ. އެއަށްވުރެވެސް ބޮޑަށް ޝަހާ އުފާވަނީ އެހިތުގެ ވެރިޔާ އަންނަން އުޅޭތީއެވެ.
********************
ދުވަސްވީ ގާތް އެކުވެރިއެއްގެ ފޯނުކޯލެއް ލިބުމާ އެކު އަދީމް ބޭރަށް ދިޔައީ އިރުއޮއްސުމުގެ ކުރިން އަންނާނެ ކަމަށް ބުނުމަށްފަހުއެވެ. މާލޭގައި އަދީމް ކިޔެވި ދުވަސްތަކުގައި އެންމެ އެއްކޮށް އުޅުނު ގާތް ރަޙުމަތްތެރިޔާ ފަޒަލްއާއި އަދީމް ބައްދަލުކުރީ ކެފޭ އަކުންނެވެ. އަދީމް ރާއްޖޭން ބޭރުގައި ހޭދަކުރި ދުވަސްތަކުގައިވެސް މެދުކެނޑުމެއް ނެތި ޙަބަރުވަމުން ދިޔައީ ފަޒަލް އެކަންޏެވެ. އެހާ ދުވަސް ފަހުން ބައްދަލުވުމުން ދެމީހުންގެ ދެމެދުގައި ވަރަށް ބައިވަރު ވާހަކަތަކެއް ދެކެވެމުން ދިޔައެވެ.
" އަހަރެންނަށް އަދިވެސް ޤަބޫލު ނުކުރެވޭ ދީމް އަދިވެސް އޭނާއާ ހެދި އުޅެޔޭ ބުނީމަ.. މިހާރު ކިހާ ދުވަހެއް.. އަހަރެންގެ ނަސޭހަތެއް ޤަބޫލުކުރަންޏާ އޭނާ މަތިން ހަނދާން ނައްތާލާ... " އާވި އަރަ އަރާ ހުރި ކޮފީތަށިން ކޯވަރެއް ބޯލަމުން ފަޒަލް ބުންޏެވެ.
" ތިކަމެއް ނުވި.. އަދި ނުވެސް ވާނެ.. ކިހިނެއް އެނގެނީ މިހާރު އޭނާ އެއްބަސްވެސް ވެދާނެއްނު.." އުއްމީދީ ގޮތަކަށް އަދީމް ބުންޏެވެ. ފަޒަލްގެ މޫނުމަތި ބަނަވެގެން ދިޔައީ އެކުވެރިޔާއަށްޓަކާ ހިތާމަ ކުރާ ހާލުގައެވެ. ހަޤީގަތް އެނގިއްޖެނަމަ އަދީމްގެ ހިތް ކުދި ކުދި ވާނެކަން ޔަގީނެވެ. އެހެންނަމަވެސް ހަޤީގަތް ފޮރުވައިފިނަމަ އަދީމްގެ ހިތުގައި އާލާވެގެން ދާނީ ބޭކާރު އުއްމީދުތަކެކެވެ.
" ދީމް.. އޭނަ ލިބުމުގެ އުއްމީދުގަ ނުހުރޭ.. އެއީ މިހާރު މީހެއްގެ އަނތްބެއް.. އެދެމީހުންގެ ވަރަށް ލޯބި ދަރިއަކުވެސް ހުރޭ.." ފަޒަލްގެ ވާހަކަ އަދީމަށް އިވުނީ ހޮނުގުގުރިއެއް ފަދައިންނެވެ. ހީވީ މީހަކު މޫނުމަތީގައި ވިހެލި ހެންނެވެ. ކުރަމުން އައި ފޮނި އުއްމީދު ހިނދުކޮޅެއްގެ ތެރޭގައި ފުނޑުފުނޑުވީއެވެ. ހިތަށް ކުރި ފުންއަސަރު ކަރުނައިގެ ސިފައިގާ ލޮލުން ފާޅުވީ އެއްވެސް އިޙްތިޔާރެއް ނެތިއެވެ.
-ނުނިމޭ-