ޚަބަރު ރައްޔިތުންގެ މަޖިލިސް

ސިންގަލް-ޔޫސް ޕްލާސްޓިކް ރާއްޖެއަށް އެތެރެކުރުން މަނާ ކުރަން މަޖިލީހުން ފާސްކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
މޫދަށް އުކާލާފައި ހުރި ޕްލާސްޓިކް/ ފޮޓޯ: ރާއްޖެ އެމްވީ

ތިމާވެއްޓަށް ގެއްލުންދޭ އެއްޗެހީގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ކަނޑައަޅުއްވާ ސިންގަލް-ޔޫސް ޕްލާސްޓިކްގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމާއި، އެތަކެތި ރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުން މަނާކުރުމަށް ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

Ads by STELCO

މި ބިލު ރަައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ހޯރަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމެވެ. އަދި މި ބިލު މަޖިލީހުގެ ދިރާސާކޮށްފައި ވަނީ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީންނެވެ. ކޮމިޓީން އެ ރިޕޯޓް ފާސްކޮށްފައި ވަނީ ބުދަ ދުވަހުގެ ޖަލްސާގައި އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 49 މެމްބަރުންގެ އިއްތިފާގުންނެވެ.

އެ ރިޕޯޓްގައިވާގޮތުން، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ސިންގަލް-ޔޫސް ޕްލާސްޓިކްގެ ބާވަތްތަކުގެ ލިސްޓު އެކި މަރުހަލާތަކަށް ބަހައިލައިގެން ކަނޑައެޅުމުގެ އިޚުތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގެންވެއެވެ.

މިގޮތުން ރައީސް ކަނޑައަޅުއްވާ ފުރަތަމަ ލިސްޓު 1 ޖެނުއަރީ 2022ގެ ކުރިން ކަނޑައަޅުއްވައި، ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރަންވާނެކަމަށް ބިލްގައި ބަޔާންކޮށްފައިވެއެވެ. އަދި މިލިސްޓް އާންމުކުރާއިރު، މިބާވަތްތައް ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުން މަނާވާނެ ތާރީޚެއް ކަނޑައަޅައިފައި އޮންނަންވާނެކަމަށް ވެސް މި ފާސްކުރި ބިލުގައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!