މިނިވަން މުއައްސަސާތަކުގެ ނިންމުންތަކަށް މަޖިލީހުގެ ރައީސް ނުފޫޒު ފޯރުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން: ހައިލަމް

މިނިވަން މުއައްސަސާތަކުގެ ނިންމުންތަކަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނުފޫޒު ފޯރުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ޤާޞީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.
ހައިލަމް މިފަދައިން ވިދާޅުވީ ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއާ ގުޅޭ މައްސަލައެއްގައި ކުރީގެ ޖެންޑާ މިނިސްޓަރު، ޒެނީޝާއާ ދެކޮޅަށް ދައުވާ ކުރުމަށް ހިއުމަންރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން ޕްރޮސެކިއުޓާ އޮފީހަށް ފޮނުވުމާ ގުޅިގެން އޭނާއަށް ކުރާ ދައުވާ އަނބުރާ ގެންދިއުމަށް ރައީސް ނަޝީދު ގޮވައިލެއްވުމާ ގުޅިގެންނެވެ.
ރައީސް ނަޝީދުގެ ވިދާޅުވީ ކުރީގެ ޖެންޑާ މިނިސްޓަރު، ޒެނީޝާއަށް ކުރާ ދައުވާގެ ސަބަބުން ދިވެހި މުޖުތަމައަށް ލިބޭނެ އިތުރު ރަނގަޅެއް ފެނިވަޑައިނުގަންނަވާ ކަމަށާއި ދައުވާ އަނބުރާ ގެންދިއުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވުމާ ގުޅިގެން ހައިލަމް ވިދާޅުވީ ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމުގެ ޒިންމާ މަތިކުރެވިފައިވާ ފަރާތްތަކުން އިހުމާލުވާ ނަމަ ދައުވާކުރުމަކީ އެ ފަރާތްތައް ޒިންމާދާރުކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި މިނިވަން މުއައްސަސާތަކުގެ ނިންމުންތަކަށް މަޖިލީހުގެ ރައީސް ނުފޫޒުފޯރުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ހައިލަމް ވިދާޅުވިއެވެ.
ޒެނީޝާއާ ދެކޮޅަށް ދައުވާ ކުރުމަށް ހިއުމަންރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން ޕްރޮސެކިއުޓާ އޮފީހަށް މިހާރު ވަނީ ފޮނުވައިފައެވެ. އޭނާއަށް ދައުވާ ކުރަނީ ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއާ ގުޅޭ މައްސަލައެއްގައެވެ. އެހެން ނަމަވެސް އެމައްސަލައިގެ ތަފްސީލެއް ޕީޖީން ހާމަކޮށްފައެއް ނުވެއެވެ.
މި މައްސަލައާ ގުޅިގެން ޒެނީޝާ ވިދާޅުވެފައި ވަނީ ޖިނާއީ ކުށުގެ އެއްވެސް ޢަމަލެއް އޭނާ ހިންގަވައިފައި ނުވާނެ ކަމަށެވެ. އަދި އެފަދަ އެއްވެސް ޢަމަލެއްގައި ބައިވެރިވެފައި ވެސް ނުވާނެކަމުގެ ފުރިހަމަ ޔަޤީންކަން އޭނާ ވަނީ ދެއްވައިފައެވެ.
އޭނާ ވިދާޅުވީ ހިއުމަންރައިޓްސް ކޮމިޝަނުން ދައުވާ ކުރަން ފޮނުވައިފައިވާ މައްސަލައަކީ ޒާތީ ތައައްސަބުން އުފަންވެފައިވާ މައްސަލައެއް ކަމަށެވެ.






ކޮމެންޓް