ޚަބަރު ރައްޔިތުންގެ މަޖިލިސް

ރައްޔިތުން ބޭނުންވާ ކަންކަމަށް ބަލާއިރު ބަޖެޓް ބޮޑެއް ނޫން: ސިޔާމް

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު

ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ދިނުމަށާއި، ރައްޔިތުންނަށް މުއްސަނދިކަން ހޯދައިދިނުމަށް ކޮށްދޭންޖެހޭ ކަންކަމާ އަޅާ ބަލާއިރު، ސަރުކާރުން 2022 ވަނަ އަހަރަށް ހުށަހެޅި 36.9 ބިލިއަން ރުފިޔާގެ ބަޖެޓު އެހާ ބޮޑުކަމަށް ދެކިނުލައްވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

މޯލްޑިވިއަން ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)ގެ ލީޑަރު ، މަޝްހޫރު ވިޔަފާރިވެރިޔާ ސިޔާމް މިއަދުގެ މަޖިލިސް ޖަލްސާގައި ވިދާޅުވީ ކޮންމެ ސަރުކާރެއް އޮތްކަމުގައިވީ ނަމަވެސް ވިސްނަން ޖެހިފައި އޮތް އެއްކަމަކީ ރައްޔިތުންގެ ކުރި ފޯރުމާއި އެ ރައްޔިތުންގެ ތަރައްގީއަށާއި ހިތްހަމަޖެހުމަށް ކޮށްދޭންޖެހޭ ކަންކަން ކޮށްދިނުމަށް ކަމަށެވެ. އެހެންކަމުން މި ބަޖެޓަކީ މިހާރު ރައްޔިތުން ބޭނުންވާ ކަންކަމާ އަޅާ ބަލާއިރު އެހާ ބޮޑު ބަޖެޓެއް ނޫންކަމަށް ސިޔާމް ވިދާޅުވިއެވެ. އެހެން ނަމަވެސް އެންމެ މުހިންމު ކަމަކީ ބަޖެޓުން ދެކޮޅު ޖެއްސުންކަމަށް ސިޔާމް ވިދާޅުވިއެވެ.

އަންނަ 2022ވަނަ އަހަރަކީ ރާއްޖޭގެ އިގްތިސޯދަށް ކިހާވަރެއްގެ އެދެވޭ އަސަރުތަކެއް ކުރާނެ އަހަރެއްތޯ ވިސްނާލަން ޖެހޭ ކަމަށް ވިދާޅުވެ ސިޔާމް ވަނީ ރާއްޖޭގައި ބައިނަލްއަގުވާމީ އެއާލައިންތަކުން ދަތުރުކުރާ އެންމެ އެއާޕޯޓެއް އޮތުމުން އެކަމާ ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ. އެގޮތުން ވިދާޅުވީ އަންނަ ޑިސެމްބަރު މަހަކީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރާތްކުރާ މަސް ކަމަށާއި އެއާލައިންތަކުން ބުނާ ގޮތުން ނަމަ ރާއްޖެއަށް ޖައްސަން އަންނަ ފްލައިޓުތައް ހަތަރު ގަޑިއިރު ވަންދެން މަތީގައި އޮންނަން ޖެހޭނެކަމަށް ލަފާކުރާ ކަމަށެވެ. އެއާޕޯޓު އޮޕަރޭޝަންގައި ހުރި ދަތިތައް ފާހަގަކުރައްވަމުން ސިޔާމް ވިދާޅުވީ މިކަމުގެ ސަބަބުން ފަތުރުވެރިން ރިޒޯޓުތަކަށް ނުދެވި މާލޭގައި މަޑުކުރަން ޖެހުމުން އެއާލައިންތަކަށާއި ރިޒޯޓުތަކަށް ވެސް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ.

"އަޅުގަނޑު ފިނޭންސް މިނިސްޓަރަށް ވަރަށް އިލްތިމާސްކޮށް ވަރަށް ހިތްހަމަޖެހުމާ އެކު ދަންނަވާލަން މާފަރު އެއާޕޯޓު އެއީ ދެވަނަ ހަބަކަށް ހައްދަވާށޭ. އެހެން ނޫނީ އަޅުގަނޑުމެންނަކަށް ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ފަތުރުވެރިކަމެއް ކުރިއަކަށް އަރައިގެނެއް ނުދާނެކަން އަޅުގަނޑު ހަމަ ޔަގީންކަމާއެއްކޮށް ދަންނަވަން" ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ ރާއްޖޭގެ އެންމެ ބޮޑުބައެއް ހިއްސާކުރަނީ ފަތުރުވެރިކަމުގެ ސިނާއަތުން ކަމަށާއި ރައްޔިތުންގެ ޖީބަށާއި ދައުލަތަށް ވެސް އެންމެ ގިނަ ފައިސާ ވަންނަނީ މި ސިނާއަތުން ކަމަށެވެ. އެހެންކަމުން ބަޖެޓުން ބޮޑު ހޭދައެއް މިސިނާއަތް ތަރައްގީކުރަން ހާއްސަކުރަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ސިޔާމް ވަނީ ސިއްހީ ދާއިރާ ތަރައްގީކުރަން ބޮޑު ހޭދައެއް ކުރަންޖެހޭކަމަށް ވެސް ވިދާޅުވެފައެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައި މެޝިނަރީޒްއާއި، ޑޮކްޓަރުން ތަމްރީނު ކުރުމުގެ އިތުރުން އެހެން ވެސް ވަސީލަތްތައް ތަރައްގީކުރަންޖެހިފައިވާކަމަށް ވިދާޅުވިއެވެ. ހަމައެއާ އެކު ތައުލީމީ ދާއިރާއަށް ކުރާ ހަރަދު ވެސް އިތުރުކުރަން ޖެހޭކަމަށް ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއަށް ސިޔާމް ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ. އެގޮތުން ކައުންސިލްތަކުން ބައްދަލުކުރަން އެދުމުން މިނިސްޓަރުގެ ވަގުތު ނޯންނަކަމަށް ވިދާޅުވިއެވެ. އެހެން ނަމަވެސް ސިޔާމްގެ ވާހަކަފުޅުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައި ވާހަކަފުޅު ދެއްކެވިއެވެ. އެގޮތުން އަމީރުގެ ކުޅަދާނަކަމުން ކޮވިޑުގެ ހާލަތުގައި ވެސް ހުރިހާ ލޯނެއް ދައްކަވަމުން ގެންދެވިކަމަށް ސިޔާމް ވިދާޅުވިއެވެ.

"ފިނޭންސް މިނިސްޓްރީން އެކުރައްވާ ކަންތައް، މި ބަޖެޓަކީ އަޅުގަނޑު ސައްތައިން ސައްތަ ތާއީދު ކުރާ ބަޖެޓެއް. އަޅުގަނޑުގެ ދާއިރާގެ އެންމެން ވެސް މިބަޖެޓަށް ވަރަށް ބޮޑަށް ތާއީދު ކުރޭ." ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ އޭނާ ނިސްބަތްވެވަޑައިގަންނަވާ ދާއިރާގެ ހުރިހާ ރަށަކަށް ވެސް ކަންކަން ކުރުމަށް ބަޖެޓުގައި ހިމަނައިފައިވާ ކަމަށެވެ. އެހެންކަމުން ސިޔާމް އެދިވަޑައިގެންނެވީ ބަޖެޓުގައިވާ ގޮތަށް ކަންކަން ކުރިއަށް ގެންގޮސް ދާއިރާގެ މަޝްރޫއުތައް ހިންގެވުމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!