ރައްޔިތުންގެ މަޖިލިސް

ޗާޕް ކުރި ފައިސާތައް ރައްޔިތުންނަށް ބަހަން ޝިޔާމް ގޮވައިލައްވައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
އަޙްމަދު ޝިޔާމް / ފޮޓޯ: ދެން އިމޭޖްސް

4.4 ބިލިއަން ރުފިޔާއާ ހަމައަށް ޕަބްލިކް އެކައުންޓް އޯވަޑްރޯ (ފައިސާ ޗާޕް) ކުރަން މަޖިލީހުން ހުއްދަ ދީފައިވާއިރު، މި ހުއްދަ އިތުރު އެއް އަހަރު ދުވަހަށް ދަމާލަން ފިނޭންސްއިން މަޖިލީހުގައި އެދުމުން، ޗާފް ކުރި ފައިސާ ރައްޔިތުންނަށް ބަހަން ނައިފަރު ދާއިރާގެ މަޖިލިސް މެންބަރު އަޙްމަދު ޝިޔާމް ގޮވައިލައްވައިފިއެވެ.

Ads by Sosun Fihaara

އެމްއެމްއޭގެ ޕަބްލިކް އެކައުންޓުން އޯވަޑްރޯ ކުރުމުގެ ހުއްދަ ހޯދުމަށް ޓަކައި، ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ ވަކި މާއްދާތަކަކަށް ޢަމަލުކުރުން ހުއްޓައިލާފައި އޮތް އޮތުން އިތުރު އެއް އަހަރުގެ މުއްދަތަކަށް އިތުރުކުރުމުގެ ހުއްދައަށް ފިނޭންސް މިނިސްޓަރ މަޖިލީހުގައި މިއަދު ވަނީ އެދިފައެވެ.

މިކަމަށް ބަހުސް ކުރައްވަމުން ޝިޔާމްވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ވާހަކަފުޅު ދައްކަވައިފައެވެ. މިގޮތުން ފައިސާ ޗާޕްކޮށްގެން ކުރީ ކޮން ކަމެއްތޯ ޝިޔާމް ވަނީ ސުވާލުކުރައްވައިފައެވެ. އަދި ޗާޕް ކުރި ފައިސާ ޚަރަދުކޮށްފައިވާ ގޮތް ހޯދުމަށް ފަހު ނޫނީ، އިތުރަށް ޗާޕް ކުރަން މުއްދަތު ނުދިނުމަށް މަޖިލީހުގެ މެންބަރުންގެ ކުރެން ޝިޔާމް އެދިލެއްވިއެވެ.

ޝިޔާމްގެ ވާހަކަފުޅުގައި ވިދާޅުވީ، ސަރުކާރުން ފައިސާ ޗާޕްކުރާއިރު، ރައްޔިތުން މިއަދު ތިބީ ގޭގެ ކުލި ނުދެއްކިފައި ކަމަށެވެ. އަދި ބޮޑެތި ލޯނުތައް ނަގައިގެން ރައްޔިތުން ދަރަނިވެރިވަމުން އަންނަ ކަމަށާއި އެ ޗާފް ކުރި ފައިސާއިން ރައްޔިތުންގެ ލޯނުތައް ދައްކައިދިނުމަކީ ބުއްދިވެރި ނިންމުމެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"ޗާޕްކޮށް ބަހައްޓާފައި، މި ފައިސާ ބަދަލުގެ ގޮތުގައި ދޭން ޖެހޭ ފައިސާއާއި ސިޔާސީ މީހުންނަށް ދޭން ޖެހޭ ފައިސާގެ ގޮތުގައި. މިޔަށް ވުރެ މާ ރަނގަޅުވާނެ ނޫންތޯ ޗާފްކޮށްފައި ރައްޔިތުންނަށް ބެހިއްޔާ. ޔަޤީނުން ވެސް ރައްޔިތުން މުއްސަދިވާނެ." ޝިޔާމް ވިދާޅުވީ، ޗާޕްކުރި ފައިސާއިން ބޭންކްރަޕްޓްވެފައިވާ ވިޔަފާރިތައް ކޮޅަށް ޖެހުމަށް އެހީތެރިވެދިނުން ވެސް ބުއްދިވެރި ކަމަށެވެ.

"ރައްޔިތުން އުންމީދުތަކަކާ އެކު އެމްޑީޕީއަށް ސަރުކާރު ދިނީ. ޔަޤީނުން ވެސް އެންޑީޕީގެ މެންބަރުންގެ ވެސް އުންމީދުތަކެއް އެބަހުރި. އެހެން ނަމަވެސް އެމްޑީޕީގެ މެންބަރުންނަށް، ދިވެހި ރައްޔިތުންނަށް ކޮން އުންމީދެއްތޯ ހާސިލްވީ." ޝިޔާމްގެ ވާހަކަފުޅުޅުގައި ވިދާޅުވީ، ޕެންޑަމިކް ނިނުމުން ސަރުކާރުގެ ދުވެލި އަވަސްވާނެ ކަމަށް ރައްޔިތުން ޤަބޫލު ކުރި ކަމަށާއި އެހެން ނަމަވެސް އެގޮތަށް ކަންވެފައި ނުވާ ކަމަށެވެ. "ޕެންޑަމިކް ނިމުނީމާ އަޅުގަނޑުމެން ހީކުރީ ވަރަށް މަސައްކަތުގައޭ އުޅުއްވާނީ. އެހެން ނަމަވެސް ބޯޑަރުތައް ހުޅުވާލީމާ މި ބިމުގައި ފައި ނުޖެހޭ. މި ޤައުމުގައި މަޑުކޮށްލާނެ ވަގުތު ނުލިބޭ. އަބަދުވެސް މަތީގައި. ފައިސާ ޗާޕްކޮށްކޮށްގެން އުދުހެނީ"

ޝިޔާމް ވިދާޅުވީ ރާއްޖޭގައި މިހާރު ކުރީ ޒިންމާދާރުކަން ކުޑަ ފިނޭންސް މިނިސްޓަރަކާއި ރައީސެއް ކަމަށެވެ. އަދި އެ ބޭފުޅުން މިއަދު ނިންމާ ނިންމުުންތަކުގެ ސަބަބުން ދެމިގެން އަންނަ ޖީލުތަކަށް އެކަމުގެ ނުބައި އަސަރު ކުރާ ކަަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

"އަޅުގަނޑަށް ފެންނަނީ މިސަރުކާރު ނިމޭ ހިސާބުގައި ދިވެހި ރާއްޖޭގެ ރައްޔިތުން، ސޯމާލިއާ ކަނޑު ފޭރޭ މީހުން އުޅޭ ގޮތަށް ދިވެހި ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުން ބައްޓަން ކުރަން މި ސަރުކާރުން ނިންމާފައި އޮތްތަން." ޝިޔާމް ވިދާޅުވިއެވެ

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!