ޚަބަރު ސިޔާސީ

ނާޒިމާއި ރިޔާޒަށް އިދިކޮޅުގެ ހޫނު ރައްދުތައް!

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
އިންޑިއާ އައުޓް ކެމްޕެއިނަކީ ޖަރީމާއެއްކަމަށް ބުނުމުން އިދިކޮޅުން ރައްދު ދީފި

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ހިންގާ "އިންޑިއާ އައުޓު" ކެމްޕެއިނަކީ ޖަރީމާއެއްގެ ގޮތުގައި ސިފަކުރެއްވުމުން އެމްއެންޕީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމަށް އިދިކޮޅުގެ ހޫނު ރައްދުތަކެއް އަމާޒުވެއްޖެއެވެ.

Ads by Hajj Corporation

އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނާޒިމް ވިދާޅުވީ އިންޑިއާއާ ދެކޮޅަށް އިދިކޮޅުން ހިންގާ ކެމްޕެއިނަކީ ރައީސް ޔާމީންގެ ސަރުކާރުގައި ހިންގައިފައިވާ އެކި ކަންކަން ފޮރުވުމަށް މަތިއަޅަން ހިންގާ ކެމްޕެއިނެއް ކަމަށެވެ. އަދި އެއީ ގައުމީ ކެމްޕެއިނެއް ނޫންކަމަށާއި އެ ކެމްޕެއިނަށް އެމްއެންޕީން އެއްވެސް ވަރަކަށް ތާއީދު ނުކުރާކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމްގެ މިވާހަކަތަކަށް އިދިކޮޅަށް ނިސްބަތްވާ މަޖިލިސް މެމްބަރުން ވަނީ ރައްދު ދެއްވައިފައެވެ. އެގޮތުން ޕީއެންސީގެ ނައިބުރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ ނާޒިމް ނިސްބަތްވެވަޑައިގަންނަވާ ކޯލިޝަން ސަރުކާރުން އިންޑިއާއާ އެކު ހެދި އުތުރުތިލަފަޅު އެއްބަސްވުމަކީ ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިންގި އެންމެ ބޮޑު ޖަރީމާކަމަށެވެ. އޭނާ ސިފަކުރެއްވީ އެއީ މުޑުދާރު ގޯސް ކަމެއްގެ ގޮތުގައެވެ.

"ސިޔާސި މަގުބޫލުކަން ހޯދަންވީ ތިހާ ފިނޑިކޮށެއް ނޫން" ނާޒިމަށް ނިސްބަތްކޮށް ސައީދު ވިދާޅުވިއެވެ.

ސައީދުގެ މިވާހަކަތަކަށް އެމްއެންޕީގެ ނައިބު ރައީސް އަބްދުﷲ ރިޔާޒު ރައްދު ދެއްވިއެވެ. އެގޮތުން ވިދާޅުވީ ޔޫޓީއެފް އެގްރީމެންޓުގެ ފެށުމަކީ 2016ވަނަ އަހަރު ރާއްޖެއާއި އިންޑިއާއާ އެކު ސޮއިކުރި ޑިފެންސް ކޯޕަރޭޝަން އެކްޝަން ޕްލޭންކަމަށެވެ. އެހެންވެ ރިޔާޒް ވިދާޅުވި ގޮތުގައި ޔޫޓީއެފްގެ އެގްރިމެންޓުގައި ސައީދުގެ ނިސްބަތްވާ ޕާޓީގެ ސަރުކާރުގެ ދައުރެއް ވެސް އެބައޮތްކަން ވަރަށް ސާފު ކަމަށް ރިޔާޒު ވިދާޅުވިއެވެ.

"ކޮންމެ ކަމެއްގައި އޮޅުވާލަން ނޫޅުއްވާ" ސައީދަށް ރައްދު ދެއްވަމުން ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒުގެ މިވާހަކަތަކަށް އިދިކޮޅުން އަނެއްކާ ވެސް ރައްދު ދެއްވިއެވެ. ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި އެކުލަވައިލި ޑިފެންސް އެކްޝަން ޕްލޭނަކީ ދެކެވުނު ވާހަކަތަކެއްގެ ޔައުމިއްޔާ ކަމަށެވެ. އޭރު ވެސް އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާއި ރައީސް ޔާމީނާއި އެ މަނިކުފާނުގެ ސަރުކާރުން ދެކޮޅުކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.

"ރައީސް ޔާމީން އެދިވަޑައިގަތީ ތިބި މީހުން ވެސް އަނބުރާ ގެންދަން. ވިސާ އައުކޮށްނުދީ ފޮނުވައިލާން ބޭނުންވީމަ އެ މައްސަލަ ވަނީ ޔޫއެންއަށް ވެސް ހުށައަޅާފައި" ކަން ހިނގާ ދިޔަގޮތް ކިޔައިދެއްވަމުން ޝިޔާމް ވިދާޅުވިއެވެ.

ޔޫޓީއެފް އެގްރީމެންޓުގެ ދަށުން އުތުރުތިލަފަޅުގައި އަސްކަރީ ބަނދަރަކާއި ޑޮކްޔާޑެއް ތަރައްގީ ކުރަން އިންޑިއާއާ ވަނީ ހަވާލުކޮށްފައެވެ. އިދިކޮޅުން ތުހުމަތު ކުރަނީ މި އެއްބަސްވުމުގެ ދަށުން ގިނަ އަދަދެއްގެ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމުގެ ހުއްދަ ސަރުކާރުން ދީފައިވާ ކަމަށެވެ. ސަރުކާރުން ބުނަނީ ރާއްޖޭގައި ތިބޭނީ އިންޑިއާ ސިފައިންގެ ޓެކްނިކަލް ބޭފުޅުން ކަމަށެވެ. އެހެން ނަމަވެސް 75 އިންޑިއާ ސިފައިން މިހާރު ރާއްޖޭގައި ތިބިކަމަށް ސަރުކާރުން ވަނީ އެއްބަސްވެފައެވެ. އެއީ ހަނގުރާމަމަތީ ސިފައިން ނޫންކަމަށް ސަރުކާރުން ބުނެއެވެ.

އިދިކޮޅުން ހިންގާ "އިންޑިއާ އައުޓު" ކެމްޕެއިންގެ ސަބަބުން ސަރުކާރަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތިވެފައިވާކަމަށް އިދިކޮޅުން ބުނެއެވެ. އާދިއްތަ ދުވަހު ވެސް ސަރުކާރުން ވަނީ މިކެމްޕެއިން ހުއްޓައިލުމަށް ގޮވައިލައި ބަޔާނެއް ނެރެފައެވެ. އިދިކޮޅުން ބުނަނީ އެފަދަ ބަޔާންތަކުގެ އަސްލަކީ އިންޑިއާ ސަރުކާރު ކަމަށެވެ.

އިދިކޮޅުން ގެންދަނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅު "އިންޑިއާ އައުޓް"ކެމްޕެއިން ފުޅާ ކުރަމުންނެވެ.

Ads by Ooredoo
  1. އިބްރާހިމް

    އިންޑިއާ ސިފައިން ބޭރުކުރަން ލިބިފައިމިވާ ފުރުސަތުގައި އިންޑިއާ އެމްބަސީވެސް ބޭރުކުރަންޖެހޭނެ. އެހެންނޫނީ ދިވެެހީން އަބަދަދުގެ އަބަދަށް ހިތާމަކުރަންޖެހިދާނެ. އިންޑިއާ އެމްބަސީއަކީ ދިވެހިރާއްޖޭގެ ދާޚިލީ ކަންކަމުގެތެރެއަށް ފާޅުގައި ވަންނަ ބައެއްކަމަށް ރާއްޖޭގައި ވެރިކަންކޮށްފައިވާ ދެ ރައީސުން ވަނީ ވާހަކަދައްކަވާފައި. އަދި ރ ނަޝީދު އިންޑިއާ އެމްބަސީއަށް ވައްދައި ދިވެހި ފުލުހުންނަށް ފިލުވިކަން ނޭނގޭ އެއްވެސް ދިވެއްސަކު ނެތް.