ވާހަކަ

ހައްޤަކަށް ތީމަގޭ ވުން.. ( ނަވާވީސްވަނަ ބައި)

އަޒްކީ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ޙައްޤަކަށް ތީމަގޭ ވުން... (ޓްރައިލާ) ހައްޤަކަށް ތީމަގޭ ވުން (ފުރަތަމަ ބައި) ޙައްޤަކަށް ތީމަގޭ ވުން.. (ދެވަނަބައި) ޙައްޤަކަށް ތީމަގޭ ވުން..(ހަތަރުވަނަ ބައި) ޙައްޤަކަށް ތީމަގޭ ވުން...(ފަސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން..(ހަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ހަތްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން..(ނުވަވަނަ ބައި) ހައްޤަކަށް ތީމަގޭވުން (ދިހަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(އެގާރަ ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...( ބާރަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން ..... (ތޭރަވަނަ ބައި) (ހައްޤަކަށް ތީމަގޭވުން....( ސޯޅަވަނަ ބައި ހައްޤަކަށް ތީމަގޭވުން..(ސަތާރަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ނަވާރަވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ވިހިވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އެކާވިސް ވަނަބައި) ހައްޤަކަށް ތީމަގޭ ވުން..(ބާވިސް ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން.. (ތޭވީސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ސައްވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން....(ފަންސަވީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން ..(ސައްބީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ހަތާވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން ...( އަށާވީސް ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން.. ( ނަވާވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން ...(އެއްތިރީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ބައްތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ތެއްތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސައުރަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން... (ފަންސަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސަތު ތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އަށުތިރީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން....(އޮނަސާޅިސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން ..(ސާޅިސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އެކާޅީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ބަޔާޅީސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ފަހުބައި)

" އަދީމް އަހަރެން ދޫކޮށްފަ ނުދާތި.." ތުރުތުރު އަޅަމުން ދިޔަ އަޑުން ޝަހާ ބުނެލިއެވެ.

Ads by Sosun Fihaara

" ނުދަމެއްނު.. އިހަށް ދޫނި ނިދާބަލަ.. ޓްރަސްޓްމީ.. ލޯބި ހޭލާއިރުވެސް އަހަރެން މިހެން އޮންނާނަން އިންޝާﷲ.." ޔަގީންކަން ދޭފަދަ ގޮތަކަށް އަދީމް ބުންޏެވެ. އަދީމް ގައިގައި ބާރަށް ބައްދައިލަމުން ޝަހާ ދެލޯ މަރައިލިއެވެ.

އަދީމަށް ނިދުނުއިރުވެސް ޝަހާއަކަށް ނުނިދުނެވެ. އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ ފެނުނު ހުވަފެނެވެ. ހުވަފެނުގައި އަދީމާއެކު ޝަހާ އިނީ ބޮއްކުރަލެއްގެ ތެރޭގައެވެ. ވަށައިގެންވަނީ މާސިންގާ ކަނޑެވެ. ކަނޑުގެ ލޮނުގަނޑު އޮތީ އެކަށް ފާންވެފައެވެ. އުޑުމަތި ސާފު ރީތި ދުވަހެކެވެ. ބޮއްކުރަލުގެ ދެފަރާތުގައި ދެމީހުން ތިބިއިރު ތިބީ އެކަކު އަނެކަކަށް ބަލަހަައްޓައިގެންނެވެ. އަދީމް އިނީ ހުދު ކުލައިގެ ގަމީހެއްގައެވެ. ޝަހާ އިނީ އޭނާގެ ކައިވެނީގެ ހެދުމުގައެވެ. ފަލިޖަހަމުން ދިޔައީ އަދީމް އެކަންޏެވެ. އަދީމްގެ ތޫނު ބެލުމުގެ ސަބަބުން ޝަހާ ލަދުގަނެފައި އިނެވެ. އަދީމް ވަރަށް ލޯބިން ގޮވައިލި އަޑު ޝަހާއަށް އިވުނެވެ. ޝަހާ އަދީމަށް ނިތްއަރުވައިލިއެވެ. އެހިނދު އަދީމް ހިިނތުންވެލިއެވެ. އުޑުމަތި ބަނަކޮށްލީ ހަމަކުއްލިއަކަށެވެ. މުޅި ސަރަހައްދަށް އަނދިރިކަން ވެރިވީ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ. އިސާހިތަކު ވައިގަދަވެ ކަނޑު ގަދަ ވެއްޖެއެވެ. އަދީމް އަތުން ފަލިވެސް ދޫވެއްޖެއެވެ. ޝަހާ ބިރުގަނެފައި އިނދެ އަދީމަށް ގޮވައިލިއެވެ. އެހިނދު ކައިރިއަށް އައުމަށްބުނެ އަދީމް ޝަހާ އާ ދިމާލަށް އަތް ދިއްކޮށްލަމުން އިންތަނުން ތެދުވިއެވެ. ޝަހާއަށް އަދީމްގެ އަތުގައި ނުހިފިގެން އުޅެނިކޮށް ބޮއްކުރާ އަރިއަޅައިލިއެވެ. އެހިނދު އަދީމްގެ ހަށިގަނޑު ކޮންޓްރޯލްނުވެ ކަނޑުގެ ވަރުގަދަ ރާޅުތަކުގެ ތެރެއަށް ވެއްޓުނެވެ. ޝަހާއަށް އަދީމްއޭ ކިޔާ ހަޅޭއްލަވައިގަނެވުނެވެ. ހިތްވަރުކޮށްފައި އިންތަނުން ތެދުވި ހިނދު ޝަހާ އަރިއަޅާލައި ބޮއްކުރާ ތެރެއަށް ވެއްޓުނެވެ. އޭރުވެސް ހުއްޓުމެއް ނެތި ޝަހާ އަދީމަށް ގޮވަމުން ދިޔައީ ރޮމުންނެވެ. ބޮއްކުރާ ދެފަރާތަށް ފުރޮޅޭވަރުން އޮތްތަނުން ތެދުވަން ޝަހާއަށް އުނދަގޫވިއެވެ. ތެދުވުމަށް ޝަހާއަށް ހިތްވަރެއް ލިބުނީ އަދީމް އޭނާގެ ނަމުން ގޮވައިލި އަޑުއިވިފައެވެ. ޝަހާ ވަށައިގެން ހޯދަލިއިރު އަދީމް ވަރަށް ދުރުގައި އޮއްވައި ފެނުނެވެ. ރަނގަޅަށް ބަލައިލުމުން އޮޔާވަޔާ އެކު އަދީމް ހައްތަހާ ދުރަށް ގެންދާކަށް އެނގުނެވެ.

" ޝަހާ.. ޝަހާ އަހަރެން ސަލާމަތްކުރޭ... " އަދީމް ގޮވައިލި އަޑުއިވުނެވެ. ޝަހާއަށް އެމަންޒަރު ބަލާކަށް ކެތެއްނުވިއެވެ. ކޮންމެ ގޮތެއްވިޔަސް ހެޔޮކަމަށް ފުންމައިލިއެވެ. އޮޔާ ދެކޮޅަށް ފަތަންވުމުން އުނދަގޫވިޔަސް ޝަހާ ހިތްވަރުކުރިއެވެ.

" ޝަހާ.. ސޭވް މީ ޕްލީޒް..." އަނެއްކާވެސް އަދީމް ގޮވައިލި އަޑުއިވުނެވެ. ހިތްވަރުކޮށްފައި ފަތަމުން ގޮސް ޝަހާ އަދީމް އޮތް ހިސާބާއި ނުހަނު ގާތްވިއެވެ. ކިރިޔާ އަތްޖެހޭ ފަށައް އާދެވުމާއެކު ޝަހާ އަދީމާ ދިމާލަށް އަތްދިއްކޮށްލިއެވެ. އަދީމް ޝަހާގެ އަތުގައި ހިފުމަށް މަސައްކަތް ކުރަމުން ދިޔައެވެ. ނަމަވެސް އޮޔާއެކު އަނެއްކާވެސް އަދީމް ދުރަށް ދަމައިގަތެވެ. ޝަހާއަށް ހޭލެވުނީ އެހިސާބުންނެވެ.

*****************

އަދީމާ ދުރުވެލުމަށްފަހު ޝަހާ ތެދުވިއެވެ. އެނދުން ފޭބުމަށްފަހު ފާހާނާއާ ދިމާލަށް މިސްރާބުޖެހިއެވެ. ހިތަށް ހަމަޖެހުމެއް ލިބޭނީ ނަމާދުކޮށްލުމުންކަން އެނގޭތީ ފެންވަރައިގެން ނިކުމެ ނަމާދަށް އެރިއެވެ. ދެރަކުއަތުގެ ނަމާދެއް ކުރުމަށްފަހު އަދީމްގެ ރައްކާތެރިކަމަށް އެދި ﷲގެ ހަޟްރަތުގައި ދެންނެވިއެވެ. އެތައް އިރަކު އެގޮތުގައި ދުޢާ ކުރުމުގައި ޝަހާ އިނެވެ. ދެލޯ ފޮހެލުމަށްފަހު ޝަހާ ފޯނުން ގަޑި ބަލައިލިއެވެ. ފަތިސް ނަމާދަށް ބަންގި ގޮވަން ވަގުތު އޮތުމުން މުސްހަފު ހިފައިގެން ޤުރުއާން ކިޔަވަން ފެށިއެވެ. ފަތިސް ނަމާދުކޮށް ނިންމާލުމަށްފަހު ޝަހާ އަދީމަށް ގޮވިއެވެ. ނިދީ ތެރޭގައި އަދީމް ހޫން އަޅުވައިލުމުން ފެންވަރައިގެން މިސްކިތަށް ދިއުމަށް ޝަހާ ބުންޏެވެ. ކަންނެތް ކަމާއެކު އަދީމް ތެދުވެ އިށީނެވެ. ދެލޯ ފޮހެމުން ގޮސް ފާހާނާއަށް ވަނެވެ. ނުނިދުމުގެ ސަބަބުން ކޮންމެވެސް ވަރެއްގެ ލޮޑުކަމެއް އިހުސާސް ކުރެވޭތީ ޝަހާ އެނދުގައި އޮށޯވެލިއެވެ. ހެނދުނުގެ ޒިކުރުތައް ކިޔަން އޮއްވައި އިސާހިތަކު ޝަހާއަށް ނިދިއްޖެއެވެ. އަދީމް ފާހާނައިން ނިކުމެ މިސްކިތަށް ދާން ތައްޔާރުވެލިއެވެ. ކޮޓަރިން ނިކުތުމުގެ ކުރިން ނިދާފައި އޮތް ޝަހާއަށް ބަލައިލުމަށްފަހު ހިނިތުންވެލިއެވެ. ޝަހާއާ ދިމާލަށް ގުދުވެލުމަށްފަހު ޝަހާގެ ކޮލުގައި ބޮސްދިނެވެ. ޝަހާގެ އިސްތަށިގަނޑުގައި ފިރުމައިލުމަށްފަހު ތެދުވެ ހިނދެމިލިއެވެ. އެއަށްފަހު މިސްކިތަށް ދިއުމަށް ކޮތަރިން ނިކުތެވެ.

********************

އެނދުގައި އޮތް ޝެރީން އޭރުއްސުރެން ނުނިދިފައި އޮތެވެ. އޭނާގެ ރޭވުން ނާކާމިޔާބު ކޮށްލީތީ ހިތުން ޝަހާއަށް ކުދިކިޔަމުން ދިޔައެވެ. މީގެ ދެދުވަސް ކުރިން ޝަހާ އޭނާއާ ދެއްކި ވާޙަކައަށްފަހު ޝެރީންގެ ހިތުގައި ޝަހާއަށްޓަކައި ފޫހިކަމެއް އުފެދިއްޖެއެވެ. މިހާރު ޝެރީންގެ ނަޒަރުގައި ޝަހާ އެއީ މުއްސަނދި ކިބުރުވެރި ބޮޑާ އަންހެނެކެވެ. ޝަހާ މުއްސަނދިވީމައި ދެން ތިބި މީހުންނާ ދިމާލަށް ބޭނުން އެއްޗެއް ކިޔުމުގެ ހައްޤެއް ނޯންނާނޭ ހިތަށް އެރިއެވެ.

" ޝެރީ.. ހަމަ ހެޔޮއެދޭތީ ދެތިން ވާހަކައެއް ބުނެލަން ބޭނުން.. އެންމެ ފުރަތަމަ ކަމަށް ޝެރީން ނަމާދު ނުކުރާތީ އަހަރެން ވަރަށް ކަންބޮޑުވޭ...ނަމާދު ނުކޮށް ހުއްޓާ މަރުވެއްޖިއްޔާ އޮތީ ނަރަކަ.. އަހަރެން ދެކެނީ ޝެރީ ތީ އަހަރެންގެ ވަރަށް ގާތް ކުއްޖެއްގެ ގޮތަށް.. އެހެންވެ މިގޮތަށް އެޑްވައިސް މިދެނީ.. ޝެރީ ރޭގަނޑު ނުނިދާ އުޅޭތީވެސް އެކަމާ ނަސޭހަތެއް ދޭނަން.. މުހިންމު ކަމެއް ނެތްނަމަ ބޭކާރު ކަންކަމުގައި ވަގުތު ހޭދަ ނުކޮށް ވީހާވެސް އަވަހަކަށް އަހަރުމެންގެ ލޮބުވެތި ރަސޫލާ ވަނީ އިރުޝާދު ދެއްވާފައި...އަނެއްކާ އެއީ ސިއްހަތަށްވެސް އެހާ ރަނގަޅުކަމެއް ނޫން.. ދެން އަދި އެއްވާހަކަ ބުނަން ބޭނުން.. ޝެރީ އެއްޗެއް ހީނުކުރާތި.. އަހަރެންގެ މަލާކް އަހަރެން ބޮޑުކުރީ ވަރަށް ރަނގަޅަށް ތަރުބިއްޔަތު ދީގެން.. ޝެރީ ނިދާއިރު ހެދުން އަޅާގޮތް މަލާއަށް އެއްވެސް ވަރަކަށް ކަމަކުނުދޭ.. އަދި އެއީ ރަނގަޅު ގޮތެއްވެސް ނޫން.. އެކަމުން މަލާއަށް ނޭދެވޭ އަސަރެއް ކޮށްފާނެތީ އަހަރެން ޖެހިލުންވޭ.. ހީކުރަން އަހަރެން މިދެއްކި ވާހަކަ ތަކާ މެދުން ވަރަށް ފުންކޮށް ޝެރީ ވިސްނާނެ ކަމަށް.." ޝަހާގެ މިވާހަކަތަކުން ޝެރީން އިންތިހާއަށް ރުޅިއެވެ. އެވާހަކަތަކުން އޭނާއަށް ފަހުމުވީ އެންމެ ކަމެކެވެ. އޭނާ އެގޭގައި އުޅޭތީ ޝަހާއަށް އުނދަގޫވަނީއެވެ. ނޫނީ އޭނާގެ މޮޑަން ކަމުގެ ސަބަބުން ޝަހާ ކައިރިއަށް ދެރައަރަނީއެެވެ. މިހާރު ޝެރީން ބޭނުންވަނީ ކޮންމެ ގޮތެއް ހަދާފައި ވިޔަސް އެގެއިން ނިކުންނާށެވެ. ވަޒީފާއެއް ހޯދުމަށްފަހު އެހެން ދިރިއުޅުމެއް ފަށާށެވެ.

މަޑުމަޑުން ޝެރީންގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވާން ފެށީ އަދީމް މަތިން ހަނދާންވުމުންނެވެ. ރޭގައި އަދީމާއެކު ހޭދަކުރެވުނު އެވަގުތުކޮޅުގެ ސަބަބުން އޭނާގެ ނުތަނަވަސް ހިތަށް ހިތްހަމަޖެހުމެއް ލިބުނެވެ. އަދީމާ ދެކެވުނު ވާހަކައިން އެއްކަމެއް ޝެރީންއަށް ސާފުވެގެން ދިޔައެވެ. ޝެރީން މީހަކާ އިންކަމާއި ދަރިއަކު ހުންނަ ވާހަކަ އަދީމް ބުނުމުން އެނގުނީ އަދީމް އޭނާގެ ޙަބަރު ބަލާކަމެވެ. އޭނާ ރޯކަން އެނގުމުން އަދީމް އޭނާ ކައިރީގައި ވީކިހިނެއްތޯ ސުވާލުކުރުމުން އެނގެނީ އަދިވެސް އަދީމް އޭނާއަށް އަޅާލާ ކަމެވެ. އަދީމް އަދިވެސް ލޯބިވަނީ އޭނާ ދެކެ ކަމުގައި ޝެރީން އަށް ޝައްކު ކުރެވުނެވެ. ކުރިން އަދީމްއާ މެދު އެފަދަ ނަޒަރަކުން ޝެރީން ނުދެކުނު ނަމަވެސް މިހާރު އޭނާގެ ހިތުގެ ރާގު ބަދަލުވާހެން ހީވެއެވެ. އަދީމާ މެދު އޭނާއަށް ކުރެވެމުން ދިޔައީ ގާތް ރަޙުމަތްތެރިކަމަށްވުރެ މާގާތް އިހުސާސެކެވެ.

**********************

ހުވަފެނުގެ ވާހަކަ އެއްވެސް މީހަކާ ހިއްސާ ކުރާކަށް ޝަހާ ބޭނުމެއްނުވިއެވެ. އެހުވަފެން ހިތަށް އެރިޔަސް އޭނާ ގައިން ހީބިހި ނަގައިގެން ދެއެވެ. އަދީމް ހަވީރު ޑިއުޓީއަށް ދިއުމުން ޝަހާ ދިޔައީ މައިރާ ކައިރިއަށެވެ. މައިރާއާ ވާހަކަ ދައްކައިލުމުން ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ހިތަށް ލިބޭނެކަމުގެ އުއްމީދުގައެވެ. ނަމަވެސް ޝަހާއަށް ވުރެ މައިރާގެ ހާލަތު ގޯސްކަން އެނގުނެވެ. މައިރާ އާއި ފާތިކް އާ ދެމެދު ހިނގި ބޮޑު ޒުވާބަކަށް ފަހު އަނެއްކާވެސް ފާތިކް ފުރައިގެން ރިސޯޓަށް ދިޔައީއެވެ. ކަންތައްތައް ވަމުން ދިޔަ ގޮތުން ފާތިކް މައިރާއަށް ޝައްކު ކުރަން ފެށީއެވެ. ފާތިކް ބުނާ ގޮތުގައި މައިރާ ފާތިކްއަށް ފުރުސަތު ނުދެނީ ނޫނީ އެއިހުސާސް މައިރާއަށް ނުކުރެވެނީ މައިރާ ހިތާއި ސިކުނޑީގައި އެހެން މީހަކު ރަސްކަން ކުރާތީއެވެ.

" ﷲ ގަަންދީ ހުވާކޮށްފައި ބުނަން ޝަހާ.. އަހަރެން ހިތުން ފާތިކް ނޫން އެހެންވެސް މީހަކަށް ޖާގައެއް ނެތް.. އަހަރެން ލޯބިވަނީ ހަމައެކަނި ފާތިކް ދެކެ.. ފާތި އަހަރެން ދެކެ ހަޤީޤީ ލޯބިވާނަމަ އަހަރެން ދައްކާ ވާހަކަ ޤަބޫލު ކުރާނެ.. މެޑިކަލް ރިޕޯޓުން އެއްވެސް ކަމެއް ނުދެއްކިނަމަވެސް ކޮންމެވެސް ކަމެއް އުޅޭތީ އަހަރެންނަށް މިހެންވާނީ.. އެކަމަކު ފާތި ޤަބޫލުކުރަނީ އެމެޑިކަލް ރިޕޯޓްގަ ބުނާ ވާހަކަ.. އަހަރެންގެ އެއްވެސް މައްސަލަ ނެތް ކަމަށް ފާތި ވެސް ބުނަނީ.." މައިރާ ރޮމުން ކިޔައިދިނެވެ.

" އަހަރެން ބުނާކަމެއް މައި ކޮށްފާނަންތަ؟ " ވަރަށް ވިސްނަން އިނުމަށްފަހު ޝަހާ ބުނެލިއެވެ. މައިރާ ބޯޖަހައިލިއެވެ.

" ތިވެދާނެ ސިހުރު ނޫނީ އެސްފީނާ ހަސަދައަށް ވެސް.. އާންމުކޮށް ޑޮކްޓަރީ ރިޕޯޓްތަކުން ނުދައްކާނީ އެފަދަ މައްސަލައަކަށްވީމަ.. އަހަރެންގެ ހިތް ބުނަނީ ތިކަމަށް ޝިފާ ލިބޭނީ ޤުރުއާނުންނޭ.. އަހަރެން ފޮނުވާނަން މައި އަށް އެއްޗެއް.. އޭތި ބަލައިގެން އޭގެ އޮތްގޮތަށް ކަންތައް ކުރެވޭތޯ ބަލާބަލަ.. އެމީހަކު އަމިއްލައަށް ކުރުން އެންމެ މޮޅު ގޮތަކީ.. ދެން ދޮންބެ އަމިއްލައަށް ފެނިގެން ގުޅަންދެން ބަހައްޓާ..." ޝަހާ ބުންޏެވެ. ޝަހާގެ ވާހަކަތައް ޤަބޫލުކުރަމުން މައިރާ ބޯޖަހައިލިއެވެ.

********************

އަދީމާއި ހުސެން ވާހަކަ ދައްކަން ތިބި ހޮސްޕިޓަލުގެ ކެންޓީނުގައެވެ. ވަގުތުގެ ގޮތުން ފުދޭ ވަރަކަށް މީހުން އެތަނުގައި ތިއްބެވެ.

" ބައި ދަ ވޭ.. އަދީމް ބުނީމެއްނު ކޮންމެވެސް ވާހަކައެއް ދައްކަންވެފައި އެބައޮތޭ.. " ހުސެން ބުނެލިއެވެ.

" އާނ.. އަހަރެން ބުނަން އުޅުނީ... ހުސެން ވެއްޖެ އަހަރެންނަށް ވަރަށް ބޮޑު ކަމެއް ކޮށްދޭން.. " ދެފަރާތަށް ނަޒަރު ހިންގައިލަމުން އަދީމް ބުނެލިއެވެ.

" ކިޔާބަލަ..." ވަރަށް ހަމަޖެހިލާފައި ހުސެން ބުންޏެވެ.

" މި ހޮސްޕިޓަލުގައި އެބައޮތެއްނު ހުސްވެފައި އޮތް ރިސެޕްޝަނިސްޓެއްގެ ވަޒީފާ.. އެވަޒިފާ އަހަރެންގެ ވަރަށް ގާތް އެކުވެރިއަކަށް ލިބޭގޮތް ވެދާނެތަ؟ " އަދީމް އެހެން ބުނެލީ ތަންކޮޅެއް މަޑުންނެވެ.

" ކޮން އެކުވެރިއެއް؟ ފިރިހެން ސޮރެއްތަ؟" ހުސެން އަހައިލިއެވެ.

" ނޫން.. އަންހެންކުއްޖެއް... ވަރަށް ދުވަސްވީ އެކުވެރިއެއް.. އަހަރެންގެ ވައިފްގެ ގޭގަ އެކުއްޖާ ހުންނަނީ. ވަޒީފާއެއް ބޭނުންވެގެން އުޅޭތީ..'" އަދީމް ބުނެލިއެވެ. ހުސެންގެ ތުންފަތަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ/

" އަދީމް... ޔަގީންތަ ފްރެންޑެއްކަން.." ދިމާކުރާ ފާޑަކަށް ހުސެން ބުންޏެވެ.

" އާނ ހަމަ ފްރެންޑެއް.. ޝަހާގެ މަގާމް ނުލިބޭނެ އެއްވެސް އަންހެނަކަށް.." ހުސެން އެބުނި އެއްޗެއްގެ މާނަ ދޭހަވެ އަދީމް ބުނެލިއެވެ. ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރި ކުރުވައިގެން އިނަސް ހުސެންގެ ހިތް އެތެރެއިން އަނދަމުން ދިޔައެވެ. ޝަހާގެ ލޯބި ކާމިޔާބު ކުރަން ރަނގަޅު ގޮތެއް އޭނާގެ ހިޔާލަށް އައެެވެ. ވަރަށް ހެޔޮއެދޭކަމަށް އެދިގެން އަދީމްއަށް އެކަން ކޮށްދޭނެކަމަށް ވަޢުދުވިއެވެ.

 

-ނުނިމޭ-

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!