ކުރިން ވިސާ ހެއްދުމަކާ ނުލައި ރާއްޖެއިން ތުރުކީއަށް ދަތުރުކުރެވޭ ގޮތް ހަދަނީ

ދުރާލައި ވިސާ ހެއްދުމަކ ނުލައި ރާއްޖެއިން ތުރުކީއަށް ދަތުރުކުރެވޭ ގޮތުން ހެދުމަށް މަޝްވަރާކޮށް އެކަމަށް ތުރުކީން އެއްބަސްވެއްޖެއެވެ.
މިކަން އިއުލާން ކުރެއްވީ ރާއްޖެއާއި ތުރުކީއާ ދެމެދު ފަސް އެއްބަސްވުމެއްގައި ސޮއިކުރުމަށް އާދިއްތަ ދުވަހު ބޭއްވި ރަސްމިއްޔާތަށް ފަހު ދެގައުމުގެ ފޮރިން މިނިސްޓަރުން ދެއްވި ޖޮއިންޓް ޕްރެސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.
ޝާހިދު ވިދާޅުވީ ތުރުކީއަށް ދަތުރުކުރާ ދިވެހިންނަށް މިހާރު ހަމަޖެހިފައިވާ އީ-ވިސާގެ އިންތިޒާމުތައް ފާހަގަކުރައްވައި އޭގެ ބަދަލުގައި ވިސާ-ފްރީ އެއްބަސްވުމެއް އެކުލަވައިލުމަށް ތުރުކީގެ ފޮރިން މިނިސްޓަރު މެވްލުތު ޗަވްޝޯލްއާ އެކު އާދިއްތަ ދުވަހު ބޭއްވެވި މަޝްވަރާތަކުގައި ހުށަހެޅުއްވި ކަމަށެވެ. އެހުށަހެޅުމަށް އިޖާބަ ދެއްވައި ތުރުކީން ވަނީ އެގައުމަށް ދަތުރުކުރާ ދިވެހިންނަށް ދުރާލައި ވިސާ ހެއްދުމަކާ ނުލައި ދަތުރުކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް އެއްބަސްވެފައިކަމަށް ޝާހިދު ވިދާޅުވިއެވެ.
"ތުރުކީގެ މިނިންމުމަށް އެގައުމުގެ ސަރުކާރަށް ޝުކުރު ދަންނަވަން. މިނިންމުމުގެ ސަބަބުން ދެގައުމުގެ ދެމެދުގައި މިހާރު ވެސް އޮތް ގާތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ." ޝާހިދު ވިދާޅުވިއެވެ.
ތުރުކީގެ ފޮރިން މިނިސްޓަރު ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އާދިއްތަ ދުވަހު ވަނީ ފަސް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
ތުރުކީގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގެން އާދިއްތަ ދުވަހު ވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއެކު ވެސް މަޝްވަރާ ބައްދަލުވުމެއް ބާއްވަވައިފައެވެ.