ވާހަކަ

ހައްޤަކަށް ތީމަގޭވުން ...(އެއްތިރީސް ވަނަ ބައި)

އަޒްކީ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ޙައްޤަކަށް ތީމަގޭ ވުން... (ޓްރައިލާ) ހައްޤަކަށް ތީމަގޭ ވުން (ފުރަތަމަ ބައި) ޙައްޤަކަށް ތީމަގޭ ވުން.. (ދެވަނަބައި) ޙައްޤަކަށް ތީމަގޭ ވުން..(ހަތަރުވަނަ ބައި) ޙައްޤަކަށް ތީމަގޭ ވުން...(ފަސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން..(ހަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ހަތްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން..(ނުވަވަނަ ބައި) ހައްޤަކަށް ތީމަގޭވުން (ދިހަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(އެގާރަ ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...( ބާރަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން ..... (ތޭރަވަނަ ބައި) (ހައްޤަކަށް ތީމަގޭވުން....( ސޯޅަވަނަ ބައި ހައްޤަކަށް ތީމަގޭވުން..(ސަތާރަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ނަވާރަވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ވިހިވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އެކާވިސް ވަނަބައި) ހައްޤަކަށް ތީމަގޭ ވުން..(ބާވިސް ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން.. (ތޭވީސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ސައްވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން....(ފަންސަވީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން ..(ސައްބީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ހަތާވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން ...( އަށާވީސް ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން.. ( ނަވާވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން ...(އެއްތިރީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ބައްތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ތެއްތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސައުރަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން... (ފަންސަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސަތު ތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އަށުތިރީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން....(އޮނަސާޅިސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން ..(ސާޅިސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އެކާޅީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ބަޔާޅީސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ފަހުބައި)

ހުސެން ދެއްކި ވާހަކަތަކުގެ ސަބަބުން ޝަހާއަށް ގެއަށް އާދެވުނީ އެހެން ދުވަސްތަކަށް ވުރެ ބާރަށް ސައިކަލް ދުއްވާފައެވެ. ކޯޑު ޖަހާލުމާއެކު ގޭތެރޭގެ ދޮރު ހުޅުވިގެން ދިޔައެވެ. ގޭތެރެއިން ޝަހާއަށް މަރުހަބާ ކިއީ ހަމަހިމޭންކަމެވެ. ދުނިޔެމަތިން ވިއްސާރަވާން އުޅޭ ކަމުގެ ނިޝާންތައް ފަޅުވާން ހުރުމުން ގޭތެރެއަށް ވަނީ އަނދިރިކަމެއް ވެރިވެފައެވެ. އެހެންކަމުން ގޭތެރެއަށް ވަންގޮތަށް ޝަހާގެ އެންމެ އިސް ކަމަކަށްވީ ހުރިހާ ލައިޓްތަކެއް ޖެއްސުމެވެ. އެ އަނދިރިކަން ދެކެވެސް ޝަހާ ރުޅި އައިސްފައިވާ ކަހަލައެވެ. ކޮޓަރިއަށް ދިޔުމުގެ ބަދަލުގައި ޝަހާ މިސްރާބުޖެހީ ބަދިގެ އާ ދިމާލަށެވެ. ކާ މޭޒު މަތީގައި ދަބަސް ބާއްވާފައި ޝަހާ މަޑުކޮށްލީ ކޮފީ މެޝިން ކައިރީގައެވެ. ކަޅު ކޮފީއެއް ތައްޔާރުކޮށްގެން އައިސް ޝަހާ މަޑުކޮށްލީ މޭޒު ކައިރީގައެވެ. ކަޅު ކޮފީހުގެ ހިތްގައިމު ވަހުން މުޅި ސަރަހައްދު އެހާ އަވަހަށް އެއްވަސް ކޮށްލައިފިއެވެ.

Ads by Sosun Fihaara

ކޮފީތަށިން ކޯވަރެއް ބޯލާފައި ޝަހާ ނަޒަރު ސީދާކޮށްލީ ކުރިމަތީގައި ހުރި ހުދު ކުލައިގެ ފާރަށެވެ. ހުސެންގެ ފަރާތުން އިވުނު ވަހަކަތަކާ ގުޅިގެން ޝަހާގެ ހަނދާނަށް އައީ މީގެ ދުވަސްތަކެއް ކުރިން ޝެރީނު އާ ގުޅުވައިގެން މަލާކް ދެއްކި ވާހަކަތަކެވެ. ޝެރީން ލައި އުޅޭ ހެދުންތަކާ މެދު މަލާކް ހިތްހަމަނުޖެހޭ ވާހަކައެވެ. މަލާކަށް އިވޭ ހިސާބުގައި ޝެރީނު ފިރިހެނުންނަށް ގުޅައިގެން ދައްކާ ވާހަކަތަކާ ގުޅުވައިގެން މަލާކް ދެއްކި ވާހަކަތަކެވެ. މަލާކާ އެކު ޝެރީނު އެއްކޮށްޓަރި ހިއްސާކުރަންޖެހޭތީ އެކަމާވެސް މަލާކް ހިތްހަމަނުޖެހިގެން ވާހަކަދެއްކިއެވެ. އޭގެފަހުން ޝެރީނާ ގުޅުވައިގެން އަސްމާ ދެއްކި ވާހަކަތަކެވެ. ޝަހާގެ ބޮލުގައި ރިހުމެއް އުފެދިއްޖެއެވެ. އެހުރިހާ މީހުން ޝެރީނާ ގުޅުވައިގެން ވާހަކަދައްކާނީ ޔަގީނުންވެސް ކަމެއްވެގެންކަން ޝަހާއަށް ޔަގީނެވެ. އަނެއްކޮޅުން ޝެރީނަށް ހޮސްޕިޓަލުން ވަޒީފާ ހޯދައިދިނީ އަދީމްކަން އިނގުމުން ޝަހާ ހިތްހަމަނުޖެހުނެވެ. ޝެރީނަކީ އަދީމަށް ހަމަ އެހާ މުހިންމު މީހެއް ހެއްޔެވެ؟ އެވަރުގެ ކަމެއް އަދީމް ނިންމިއިރު އެންމެ ފަހަރަކުވެސް އަނބިމީހާ ކައިރީގައި ބުނެލުން މުހިންމު ނުވި ހެއްޔެވެ؟ ގައިމުން ޝަހާއަކީ ދިރއުޅުމުގެ ކިތަންމެ ކުޑަ ކަމެއް ނިންމަން ޖެހުނަސް ފިރިމީހާ ހިޔާލާ މަޝްވަރާ ހޯދާ މީހެކެވެ. އެވަރު އަދީމް ނުވިސްނީތީ ޝަހާ ހިތުގައިޖެހުނެވެ. ހާއްސަކޮށް އެވާހަކަތައް ޝަހާގެ ކަންފަތާ ހަމައަށް ގެނެސްދިން މީހާގެވެސް ގޮތުންނެވެ. އަދީމާ މެދު ޝަހާގެ ހިތުގައި ޝަކުވާ އުފެދުނެވެ.

ކޮފީ ބޮއެނިމިގެން ޝަހާ ކޮޓަރި އާ ދިމާލަށް ހިނގައިގަތެވެ. ގޭދޮރު ހުޅުވާލާފައި ބޭރުން އައި މަލާކްވެސް ވަނީ އެވަގުތުގައެވެ. މަލާކް ފެނުމުން ޝަހާ ކަމެއްގެ މަތިން ހަނދާންވިއެވެ. އަތުކުރީގައި އޮތް ގަޑިއަށް ބަލާލާފައި ދެން ބަލައިލީ ކުރިމަތީގައި އައިސް ހުއްޓުނު މަލާކަށެވެ.

"ސޮރީ މަލާ... ދޮންތަ ހަނދާންނެތިފަ ހުރީ" ޝަހާ ބުންޏެވެ.

"އިޓްސް އޯކޭ. އިނގޭ ދޮންތަ ގަސްދުގަ ބަލާނައިސް ނުުހުންނާނެކަން" މަލާކް ބުންޏެވެ.

މަލާކް ކޮޓަރިއަށް ވަނުމުން ޝަހާގެވެސް މިސްރާބު ބަދަލުކޮށްލީ ކޮޓަރި އާ ދިމާލަށެވެ. މެންދުރުފަހު ސްކޫލުން އައި ގޮތަށް އިތުރު ހަރަކާތެއްގައި ބައިވެރިވާންޖެހޭތީ ހަވީރު ސްކޫލަށް ދާންޖެހޭ ވާހަކަ ޝަހާ ކައިރީގައި މަލާކް ބުންޏެވެ. އޮފީހުގައި ހުރެފައި އެތަނަށް މަލާކް ލާންވެސް ދިޔައީ ޝަހާއެވެ. ނިމޭ ގަޑިއަށް ބަލާދާނަމޭ ބުނި ހަނދާން ޝަހާ ވިއެވެ. އޮފީހުގައި ކިތަންމެ ބުރަކޮށް އުޅެން ޖެހުނަސް މަލާކްގެ އެއްވެސް ކަމެއްގައި ދުވަހަކުވެސް ޝަހާ ފަރުވާކުޑަކޮށްފައެއް ނުވެއެވެ. މިއަދު ފުރަތަމަ ފަހަރަށް ޝަހާގެ ހަނދާނުން މަލާކްގެ ކަމެއް ކައްސާލައިފިއެވެ. އެހެންވީ ސަބަބު ޝަހާއަށް އިނގެއެވެ. ދުވަހަކުވެސް ބޮލުގަ ނުރިހޭ ވަރަށް ރިހެން ފަށައިފިއެވެ.

ކޮޓަރިއަށް ވަންގޮތަށް ޝަހާ ފެންވެރިއެވެ. ނިކުމެ އަސުރުކޮށްލިއެވެ. ހަވީރުގެ ޒިކުރުތައް ކިޔަމުން އެނދުގައި އޮށޯވެލިއެވެ. ޝަހާގެ ދެލޮލުގެ އެސްފިޔަތަކަށް ބަރުވާން ފެށީ އެހެން އޮށްވައެވެ. ނިދުނީ ކިހާ އިރަކު ކަމެއް ޝަހާއަށް ނޭނގުނެވެ.

 

މިސްކިތުން އައިސް ގެއަށް ވަން ރާފިގުގެ ނޭފަތުގައި އައިސް ޖެހުނީ ބަނޑުފުރޭ ކަހަލަ މީރުވަހެކެވެ. މޭފުރިގެން އައުމާއެކު ނޭފަތް އެތެރެއަށް ދަމާލާފައި ވަދެގެން ދިޔައީ ބަދިގެ އާ ދިމާލަށެވެ. ކާމޭޒު ކައިރީގައި މައިރާ ހުއްޓެވެ. ރާފިގުގު ދެފަރާތް ހޯދައި ބަލާލީ އަނބިމީހާ ފެންނަން ނެތުމުންނެވެ.

"ބައްޕަތަ؟" ބަތްކާ ތަށިތައް ހިފައިގެން އެނބުރުނު މައިރާއަށް ރާފިގު ފެނުމުން ވާހަކަދެއްކިއެވެ.

"މިއަދު މަންމަ ނުނިކުންނަ ދުވަހެއްތަ؟" ރާފިގު އެހިއެވެ.

"އަޅުގަނޑު ބަދިގެއަށް އަންނަމުން ބަލާލިއިރު މަންމަ ނެތް ފެންނާކަށް. ފާހަނައިގަ ކަންނޭނގެ" މައިރާ ބުންޏެވެ.

ރާފިގު ކޮޓަރިއަށް ވަންއިރު ކައުސަރު އިނީ އެނދުގައި އިށީނދެގެންނެވެ. އަތުގައި ބުރުގާ އޮތެވެ. ބޭރަށް ނިކުންނަން ކައުސަރު ތައްޔާރުވަނީކަން ރާފިގަށް އިނގުނެވެ. ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލައިގެން އައިސް ރާފިގު ކައުސަރު ކައިރީގައި އިށީނެވެ.

"ކޮބާ ގަޑި އެބަ ހިނގައޭ" ރާފިގު ބުންޏެވެ. ވިސްނުތަކާ ފިކުރުތަކުން ކައުސަރަށް ނިކުމެވުނީ ރާފިގު ގެ އަޑު އިވުނު ހިނދުއެވެ.

"ހިނގާ ކާން. އަހަރެން މިތާ މިއިނީ ރާފިގު އަންނަންދެން" ކައުސަރު ބުންޏެވެ. ރާފިގަށް ހެވުނެވެ. ކައުސަރު އެބުނީ ތެދެއް ނޫންކަން ވަގުތުން ރާފިގަށް އިނގުނެވެ. އެހެނީ ކައުސަރަކީ މީގެކުރިންވެސް ރާފިގު މިސްކިތުން އައި އިރެއް ވަންދެން މޭޒު ކައިރީގައި އިންތިޒާރުގައި އިންނަ މީހެކެވެ. ފިކުރުތަކެއް ކައުސަރުގެ ސިކުނޑި ތެރޭގައި ނޭނބުރޭނަމަ އެކަނި ތަނެއްގައި ހިޔާލުތަކެއްގެ ފުން ކަނޑަކަށް ގެނބިފައި ކައުސަރު ނީންނާނެއެވެ.

"އަހަރެމެންގެ ދަރިންނަނީ ހެޔޮގޮތް ނޭނގޭ ކުދިބައެއް ނޫން. އެކުދިން ޅަ އެއްޗެއް ނާޅާނެކަމުގެ ޔަގީންކަން އަހަރެންނަށް އެބައޮތް. އަހަރެމެން ދަރިންގެ ތެރެއިން އަދީމަކީ އަބަދުވެސް ތަންކޮޅެއް ރުޅިގަދަ ކުއްޖެއް. އެހެންނަމަވެސް އެއީ ގޯސް ދަރިއެއްނޫން. އަދީމްގެ އެކަހަލަ ވިސްނުމެއް ހުންނާނީ ކައްމިއަށް ރަނގަޅަކަށް. ހުރިހާކަމެއް ހެއްދެވިފަރާތާ ވަކީލު. ހިނގާ ކާއެއްޗެއް ދޭން. އަހަރެން ވަރަށް ހައިވެއްޖެ" ކައުސަރުގެ އަތްމަތީގައި އަތް ބާއްވަމުން ރާފިގު ވާހަކަދެއްކިއެވެ.

 

ކާމޭޒު ކައިރިން ކަމީލާ ފެންނަން ނެތުމުން ކައުސަރަށް ކެއުން ކުރިއަށް ނުގެންދެވުނެވެ. އެހެންރޭތަކާ ހިލާފަށް ކާމޭޒު ކައިރިއަށް ވެރިވެފައިވަނީ ފަޅުކަމެވެ. ކަމީލާ ނެތްކަމުގެ އިހުސާސް އާއިލާގެ ކޮންމެ މީހަކަށް ކުރުވަމުން ދިޔައެވެ. އެންމެފަހުން ކައުސަރު ތެދުވެގެން ހިނގައިގަތެވެ. ރާފިގު ބަލައިލުމުން ކަމީލާ ގޮވައިގެން އަންނާނެ ކަމުގައި ބުންޏެވެ.

ކަމީލާގެ ކޮޓަރި ތަޅުގައި ކައުސަރު ހިފާލިއެވެ. އެތެރެއިން ތަޅުލާފައި ހުރުމުން ހުޅުވޭގޮތެއް ނުވިއެވެ. ކައުސަރު ދެތިންފަހަރު ދޮރުގައި ޓަކި ޖަހާލާފައި ކަމީލާއަށް ގޮވާލިއެވެ. ޖަވާބެއް ނައެވެ.

"މަންމައޭ ދަރިފުޅާ. ހުޅުވަބަލަ" ކައުސަރު ބުންޏެވެ.

ކަމީލާގެ ހަބަރެއް ނުވުމުން ކައުސަރު މާޔޫސްވިއެވެ. ދާން ހިނގައިގަތްތަނާ ދޮރު ހުޅުވައިފިއެވެ. ރަތްކުލައިގެ ނިދާ ބޮކީގެ ފަނޑު އަލީގެ ތެރެއިން ކުރިމަތީގައި ހުރި ކަމީލާގެ މޫނުމަތި ކައުސަރަށް ވަކި ތަފާތެއް ފާހަގަނުވިއެވެ.

"ނިދާފަތަ؟" ކައުސަރު އެހިއެވެ. ޖަވާބެއްނުދީ ކަމީލާ އެތެރެއަށް ވަދެގެން ދިޔައެވެ. ކަމީލާގެ ފަހަތުން ކޮޓަރިއަށް ވަދެ ހުރިހާ ލައިޓްތައް ޖެއްސިއެވެ. ހުދު އައްޔަކުން މުޅި ކޮޓަރިތެރެ އަލިވެގެން ދިޔުމާއެކު އެނދުގައި ބަނޑުން އޮތް ކަމީލާ ކައުސަރުގެ ލޮލުގައި އަޅައިގަތެވެ.

"ކައްމި؟ ބަލީތަ؟" ކަމީލާގެ މަގަތުން އިށީންނަމުން ކައުސަރު އެހިއެވެ.

"ބައްޔެއްނޫން" ކަމީލާ ބުންޏެވެ.

"ކައްމި ތިއުޅޭގޮތެއް މަންމައަކަށް އެއްގޮތަކަށްވެސް ކަމަކުނުދޭ. ރަނގަޅަށް ކަނީކީނުން. އަބަދު ތިއޮންނަނީ ކޮޓަރީގަ" ކައުސަރު ވާހަކަދެއްކިއެވެ.

"މަންމަ ކީއްކުރަން ތިއައީ؟" ރުންކުރުގޮތަކަށް ކަމީލާ އެހިއެވެ.

"ކާން ބަލާ" ކަމީލާ ބުންޏެވެ.

"ނުވޭ ބަނޑުހައެއް" ކަމީލާ ބުންޏެވެ.

"ތިހެން ނޫޅެބަލަ ދަރިފުޅާ. ކަމެއް ވާއިރަށް ނުކައި އޮންނާކަށް ނުވާނެއްނު. ވެދިޔަ ކަންތަކަށްފަހު މަންމަވެސް ބައްޕަވެސް ކައްމިއަށް އެއްޗެކޭ ކިއިންތަ؟ ކީއްވެތަ ރަނގަޅު ގޮތް ކައްމިއަށް ނުވިސްނެނީ" ކައުސަރު ވާހަކަދެއްކިއެވެ. އެއް އަތުން ކަމީލާގެ ބުރަކަށީގައި ފިރުމަމުން ދިޔައީ މައިމީހާގެ ހިތުގައި ދަރިފުޅަށް އޮތް ފުން ލޯބި އަންގައިދިނުމުގެ ގޮތުންނެވެ.

"ކައްމިއަށް އެކަނިތަ ނުވިސްނެނީ" ކަމީލާ ފުންމައިގެން އެނދުން ތެދުވިއެވެ. "މަންމައަށް ތިއްތިގެ އެއްވެސް ކުށެއް ނުފެނޭ ދޯ. ތިއްތި ކަންތައްއެކުރީ އެންމެ ރަނގަޅަށްތަ؟"

ކަމީލާގެ ލޮލުން ވެއްޓިގެންދިޔަ ކަރުނަތިކި ކައުސަރަށް ފެނި ހިތުގައި ޖެހުނެވެ.

"ތިއްތި އެކުރީ ގޯސްކަމެއް. މަންމަ އެކަމަށް ތިއްތިއަށް ހިތްވަރެއް ނުދެން. ތިއްތި އެކަމަށް އަލީފްގެ ކިބައިން މަޢާފަށްވެސް އެދެންޖެހޭނެ އަދި ތައުބާވެސް ވާންޖެހޭނެ. އެކަމަކު ތިއްތިގެ ނިޔަތް ގޯހެއްނޫން. މަންމަ ކައިރީގައި ތިއްތި ބުނި ކައްމިއާއި އަލީފް ތިބި ގޮތް. އެއީ މަގުމަތި. ތިއްތި ނޫން މީހަކަށް ފެނުނު ފެތުރޭނީ ކޮންކަހަލަ ވާހަކައެއް ކަމެއްވެސް ނޭނގޭ. އެއީ ރަނގަޅު ގޮތެއްވެސް ނޫން. ކައިވެނީގެ ކުރިން އަންހެނަކާ ފިރިހެނަކާ ދެމެދު އެފަދަ ގުޅުމެއް އޮންނަން ހަގީގަތުގައި ނުވެސްޖެހޭ. އެކަަމަކު ބައެއްމީހުން އިސްލާމީދީނުގެ އެ ފަލްސަފާ ބަދަލުކޮށްގެން އުޅެނީ. މަންމަ ކައްމިއަށް ނަޞޭޙަތްތެރިމިވަނީ ބޭރުތެރެއިން އަލީފް އާ ބައްދަލުނުކޮށް ގޭތެރޭގައި ބައްދަލުކުރާށޭ. ކައްމިގެ ތިގުޅުން ކުރިއަށް ގެންދަން ބޭނުމިއްޔާ ކައިވެނި ކުރާށޭ. ކައްމި މީހަކާ އިނުމަކަށް މަންމަވެސް ބައްޕަވެސް ނުގަބޫލެއްނޫން. ތިއްތި އާ މަންމަ ވާހަކަދައްކާނަން" ކަމީލާ އިސްއުފުލާ ކައުސަރުގެ މޫނަށް ބަލައިލިއެވެ. ކައުސަރު ބޯޖަހާލި ދާދި ދެންމެއަކު އަންހެން ދަރިފުޅަށް ކައުސަރު ކިޔައިދިން ވާހަކަތަކުގެ ތެދުކަން އަންގައިދިނުމުގެ ގޮތުންނެވެ. އެހިނދު ކަރުނައިގެ ތެރެއިން ކަމީލާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.

 

އަދީމް ކޮޓަރިއަށް ވަނީ އިޝާނަމާދަށް ވުޟޫކޮށްގެން ޝަހާ ފާހާނައިން ނިކުތް ވަގުތުގައެވެ. ދެމަފިރިންގެ ނަޒަރު އެކަކު އަނެކަކާ ބައްދަލުވެގެން ދިޔައެވެ. އަދީމް ހީލަން އުޅުނެވެ. އެހެންނަމަވެސް ޝަހާ ނޭނގޭކަމަށް ހަދާފައި ގޮސް ހުއްޓުނީ ތުވާލި އަޅާފައި އޮތް ހަރު ކައިރީގައެވެ. މޫނުގައި ހުރި ފެންތައް ފޮހެލުމަށްފަހު އަލަމާރި މަތީގައި އޮތް މުސައްލަ ހިފައިގެން އައިސް ނަމާދަށް އެރިއެވެ. އަދީމް ބަލަހައްޓައިގެން އިންކަން އިނގޭއިރުވެސް ޝަހާ ހެދީ ނޭނގޭ ކަމަށެވެ. އަދީމް ފެނުމާއެކު ޝަހާގެ ކަންފަތުގެ ހިނދުރީގައި އެނބުރެންފެށީ އަދީމާ ގުޅުވައިގެން ގާތް މީހުން ދައްކާފައިވާ ވާހަކަތަކެވެ. އަދީމަށް ބަލާނުލާ ނޭނގޭކަމަށް ހަދައިގެން ހުރުން އެއީ ހައްލެއް ނޫން ކަން އިނގޭ އިރުވެސް ކުއްލިއަކަށް އަދީމް ފެނުމުން އެވާހަކަތައް ފަށަން ޝަހާއަށް ފަސޭހަނުވިއެވެ.

ޝަހާ ނަމާދުކޮށް ނިމެންދެން އިންތިޒާރުގައި އެނދުގައި އިށީނދެގެން އަދީމް އިނެވެ. ރޭގައި ހިނގައި ދިޔަ ކަންތަކުގެ ސަަބަބުން އަދިވެސް ޝަހާ އިނީ ހިތްހަމަނުޖެހިފައި ކަމުގައި އަދީމަށް އިހުސާސް ކުރެވުނެވެ. އެހެންނުވާންވީ ސަބަބެއްވެސް ނެތެވެ. އަލީފަކީ ޝަހާއާ އެއްބަނޑު އެއްބަފާ ނޫނަސް ޝަހާ އިންތިހާއަށް ލޯބިވާ ކޮއްކޮއެއްކަން އަދީމަށް އޮޅިފައެއް ނެތެވެ. އެހެންނަމަވެސް ކަމީލާއާއި އަލީފް ތިބިގޮތް ފެނި ވީގޮތެއްވެސް އަދީމަކަށް ނޭނގުނެވެ. ހަމަހޭވެރިކަން ވީއިރު ވަގުތު ފާއިތުވެއްޖެއެވެ. އަތުންފައިން ގޯސް ހެދިއްޖެއެވެ. ޝަހާގެ ކުރިމަތީގައި އަލީފަށް މުޙާތަބު ކުރެވުނު ގޮތުން އިންތިހާއަށް ދެރަވެ ލަދުގަނެއްޖެއެވެ.

ނަމާދުކޮށް ނިންމާލުމަށްފަހު ޝަހާ ތެދުވިއެވެ. މުސައްލަ ފަތް ޖަހައިލުމަށްފަހު އެއޮންނަ ތަނުގައި ބޭއްވިއެވެ. ނަމާދު ދޮޅި ކޮނޑެއްގައި އަޅުވައިލުމަށްފަހު އަލަމާރިއަށް ލިއެވެ. އެއަށްފަހު އެނދުމަތީގައި އިން އަދީމަށް ބަލައިލުމެއްވެސް ނެތި އެނދުމަތީގައި އޮތް ލެޕްޓޮޕް ހިފައިގެން ނިކުންނަން ދިޔައެވެ. ޝަހާގެ އެދުރުކަމަށް އަދީމަށް ކެތެެއް ނުކުރެވުނެވެ. ކުރަކިވެފައިވާ އަޑަކުން ޝަހާއަށް ގޮވައިލެވުނެވެ. ހިތްހަމަނުޖެހިފައި ހުރި ނަމަވެސް އަދީމް އެގޮވާލުމަށް ފުރަގަސްދޭކަށް ޝަހާއަކަށް ނުކެރުނެވެ. އަމުދުން ޝަހާގެ ހިތްހަމަނުޖެހުމުގެ އަސްލު ސަބަބު އަދީމަކަށް ނުވެސް އެނގޭނެއެވެ. ފުންނޭވައެއް ދޫކޮށްލުމަށްފަހު ޝަހާ އަދީމާ ވީކޮޅަށް އެނބުރުނެވެ. ސިހުމެއް ލިބުނީ އަދީމް ކިރިޔާ ގައިގައި ޖެހޭ ނުޖެހޭ ހިސާބުގައި ހުރުމުންނެވެ.

" ޝަހާ....... " އަދީމް ގޮވައިލިއެވެ.

" ކަމަކުތަ؟" ޝަހާގެ އަޑުގައި ރުންކުރު ގޮތެއް ހުއްޓެވެ. އަދީމް ޝަހާގެ ހަށިގަނޑުގައި ބައްދައިލީ ކުއްލިއަކަށެވެ. ދެން އިވެން ފެށީ އަދީމްގެ ގިސްލުމުގެ އަޑެވެ. އެއަޑުއިވިފައި ޝަހާގެ ހިތް މަޑު ކަފަކޮޅަކަށްވެގެން ދިޔައެވެ.

" ސޮރީ ޝަހާ... އަހަރެންނަށް ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫން.. އަހަރެން ކައްމި އަދި އަލީފް ކައިރިން މައާފަށް އެދޭނަން.. އެކަމަކު ޝަހާ އަހަރެން ދެކެ ރުޅި އައިސްފައި ހުންނަތަން ބަލާކަށް އަހަރެންނަކަށް ކެތެއް ނުވާނެ.. ޕްލީޒް ޝަހާ ފޮގިވް މީ..." ކުރެހިފައިވާ އަޑަކުން އަދީމް ބުންޏެވެ. އިތުރަކަށް ޝަހާއަކަށްވެސް ކެތެއް ނުވިއެވެ. ހުރިހާ ކަމެއް މަތިން ހަނދާން ނައްތާލުމަށްފަހު އަދީމް ގައިގައި ބާރަށް ބައްދައިލިއެވެ. އެހިނދު ކަރުނައިގެ ރޮނގެއް ޝަހާގެ ލޮލުންވެސް ފޭބިއެވެ.

***********************

ޖިހާދާ ގޮސް އަލީފް ކޮޓަރީގައި ޓަކި ޖެހީ ކާން ނުނިކުމެ ލަސްވެގެންނެވެ. މިއަދު ހަތަރުދަމު އަލީފް އެއިންނަނީ އެކޮޓަރީގައި ބަންދުވެގެންނެވެ. މެންދުރު ކާން ގޮވުމުން ބަނޑުހައި ނުވާކަމަށް އަލީފް ބުނުމުން މާބޮޑު ކަމަކަށް ޖިހާދާ ނުހެދިއެވެ. އެހެންނަމަވެސް މިހާރު އޭނާ ކަންބޮޑުވާން ފަށައިފިއެވެ. ކޮންމެވެސް ބޮޑުކަމެއްވެއްޖެ ކަމުގައި އޭނާގެ ހިތްބުނަން ފަށައިފިއެވެ.

" އަލީފް! ދަރިފުޅާ މިދޮރު ހުޅުވަބަލަ..!" ދޮރުގައި ޖަހައިލަމުން ޖިހާދާ ގޮވައިލިއެވެ.

" އަހަރެން ކާހިތެއް ނުވެޔޭ މާމާ.. ދޭބަލަ މާމަ ނިދަން.." އެތެރެއިން އަލީފް ގޮވައިލި އަޑުއިވުނެވެ. ނަމަވެސް އެވަރަކުން ޖިހާދާގެ ހިތެއް ހަމަނުޖެހުނެވެ.

" އަލީފް ދޮރު ހުޅުވާނީތަ ނޫނީ މާމަ ޑަބަލް ތަޅުދަނޑި ހިފައިގެން އައިސް މިދޮރު ހުޅުވަންވީތަ؟" އިންޒާރެއް ދޭފަދަ ގޮތަކަށް ޖިހާދާ ބުންޏެވެ. އަލީފް ވަކި ޖަވާބެއް ނުދިނެވެ. ހިމޭންކަމުގެ ވަގުތުކޮޅެއް ފާއިތުވެގެން ދިޔައެވެ. އެތަނުން ދިއުމަށް ޖިހާދާ ތަޅުން ދޫކޮށްލި ވަގުތު އެތެރެއިން އަލީފް ދޮރު ހުޅުވައިލިއެވެ. އަވަސް އަވަހަށް ޖިހާދާ އެތެރެއަށް ދެމިގަތެވެ. ތަނަށް ވެރިވެފައިވަނީ ކަނު އަނދިރިކަމެވެ. އަނދިރީގެ ތެރެއިން އަލީފް ގޮސް އެނދުގައި އިށީންތަން ޖިހާދާއަށް ފެނުނެވެ. ފާރުގައި އަތްހާކަމުން ގޮސް ސްވިޗް ބޯޑުގައި އަތް ޖެހުމުން ލައިޓްތައް ދިއްލައިލިއެވެ. ތަނަށް އަލިވެގެން ދިޔަ ހިނދު އަލީފް އިސްޖަހައިލިއެވެ. އޭނާގެ މޫނު ޖިހާދާއަށް ދައްކަން ބޭނުންނުވާތީއެވެ. ޖިހާދާ ގޮސް އަލީފް ކައިރީގައި އިށީނެވެ. އަލީފް އިސްޖަހައިގެން އިނުމުން ކޮންމެވެސް ބޮޑުކަމެއް ވެއްޖެކަން އޭނާއަށް ޔަގީންވިއެވެ.

" ކިހިނެއްވެގެންތަ ތިއުޅެނީ ދަރިފުޅާ.. ކޮންކަމެއް ގޯސްވީ؟" އަލީފްގެ ބުރަކަށީގައި ފިރުމައިލަމުން ޖިހާދާ އަހައިލިއެވެ.

" ކަމެއް ނުވެޔޭ މާމާ.. އަހަރެން މިއަދު ހަމަ އެއްވެސް ކަމެއް ކުރާހިތް ނެތީ.." އެއިން ގޮތަށް އިނދެ އަލީފް ބުންޏެވެ.

" އެހެންނުވާނެ.. ކޮންމެވެސް ކަމެއް ވެއްޖެ.. އެހެންނޫންނަމަ އިސް ދަށައް ޖަހައިގެން އިނދެ މާމައާ ތިގޮތަށް ވާހަކައެއް ނުދައްކާނެ..." ޖިހާދާ ބުނެލިއެވެ. " އަޅެ ދައްކަބަލަ މާމަ ތިމޫނު ބަލާލަން.."

ގަދަކަމުން ކަހަލަ ގޮތަކަށް ޖިހާދާ އަލީފް މޫނު އޭނާއާ ދިމާލަށް އަނބުރުވައިލިއެވެ. މިލާފައިވާ އަލީފްގެ މޫނާއި ރަތްވެފައިވާ އަލީފްގެ ދެލޯ ފެނުމުން ޖިހާދާގެ ހިތަށް އިންތިހާއަށް އަސަރު ކުރިއެވެ. ފަޅައިގެން ގޮސްފައިވާ އަލީފްގެ ތުންފަތް ފެނުމުން ޖިހާދާގެ ދެލޮލުން ކަރުނަ ހިލުނެވެ.

" ކާކު މިހެން ހެދީ... ބުނެބަލަ.. އަސްމާތަ؟ އޭނާ އަނެއްކާވެސް ދަރިފުޅަށް އަނިޔާ ކުރަން ފެށީތަ؟ " ޖިހާދާގެ ސިކުނޑިއަށް ފުރަތަމަވެސް އައީ އަސްމާގެ ނަމެވެ. ކުޑައިރިވެސް އެތައް ފަހަރަކު އަލީފަށް އަނިޔާކުރި މަންޒަރު ލޮލަށް ފެނިފައި ހުރީމައެވެ. ކަންތައްވީ ގޮތް ފެށުނީއްސުރެން ނިމެންދެން އަލީފް ޖިހާދާއަށް ކިޔައިދިނެވެ. އަލީފްގެ ވާހަކަތައް ނިންމައިލުމުން ޖިހާދާ ފުން ނޭވައެއް ދޫކޮށްލިއެވެ.

" ތިކަމުގައި މުޅިއަކުން އަދީމުވެސް ގޯހެއް ނޫން.. އޭނާ ކައިރިއަށް އެއައީ ބޭބެއެއްގެ ހައިސިއްޔަތުން އަންނަން ޖެހޭފަދަ ރުޅިއެއް.. އެކަމަކު އޭނާ އެކީ އެއްޗެއްސާ އަލީފް ގަޔަށް އަތް އިސްކުރުން މާމައަކަށް ބަލައެއް ނުގަނެވޭނެ.. އަދި އެއަސްމާ ކަންތައް ކުރިގޮތުން މާމަ އިތުރަށް ރުޅިއައިސްފި.. ހިތަށް އަރާ ގޮސް ހޭއަރުވާލަފާނަމޭ... އަލީފާ ދިމާލަށް އެއްވެސް އެއްޗެއް ބުނުމުގެ ހައްޤެއް އެއަންހެނާއަކަށް ނޯންނާނޭ... މިހާރު މިވަގުތު އަހަރެން މިދަނީ އެގެއަށް.. " ޖިހާދާ އިންތަނުން ތެދުވަން އުޅުމުން އަލީފް ޖިހާދާގެ އަތުގައި ހިފިއެވެ.

" ނޫން މާމާ. ކަންތައްތައް އިތުރަށް ގޯސްވާކަށް އަހަރެން ބޭނުމެއްނޫން... ވަގުތާއެކު ހުރިހާކަމެއްވެސް ހަމައަކަށް އެޅޭނެ ކަމަށް އަހަރެން އުއްމީދު ކުރަނީ.. ކައްމިއަށް އަހަރެން ފުރިހަމަ އިތުބާރު ކުރަން.. އޭނާ އެގޭ މީހުންނަށް ވިސްނައިދޭނެ.." އުއްމީދީ ގޮތަކަށް އަލީފް ބުންޏެވެ. ބޯޖަހައިލަމުން ޖިހާދާ އަލީފްގެ ބޮލުގައި ފިރުމައިލިއެވެ.

*******************

" ހަޔާތުގައި ބައިވެރިޔާ އިޙްތިޔާރު ކުރުމުގެ ހައްޤު ކައްމިއަށްވެސް ލިބިގެންވޭ... އަދީމަށް ތިފެނުނު މަންޒަރު އަހަރެންނަށް ފެނުނުނަމަވެސް ބަލައެއް ނުގަނެވޭނެ.. އެކަމަކު އަލީފް އެއީ ގޯސް ކުއްޖެއް ނޫން... އެއީ އަޙްލާޤު ރަނގަޅު ކިޔަމަންތެރި ކުއްޖެއް.. ބަލާބެލުމަށް ހަޑިވެސް ކުއްޖެއް ނޫން... މިވީހާ ދުވަހު އަލީފް ވަޒީފާއަކަށް ނުގޮސް ހުރީ އޭނާގެ ކިޔެވުން ނުނިމޭތީ.. އެކަމަކު މިހާރު އެކަން ނިމި އަލީފަށް ވަޒީފާއެއްވެސް ލިބިއްޖެ.. އަލީފަކީ ޒިންމާދާރު ހަރުދަނާ ކުއްޖެއް... " އަދީމްގެ އުނގުތެރޭގައި އިން ޝަހާ ބުންޏެވެ.

" އަހަރެން ޖެހިލުންވަނީ އެއީ ޝަހާގެ ކޮއްކޮއަކަށް ވެފައި ކުރިއަށް އޮތްތަނުގައި މައްސަލައެއް ދިމާވިއްޔާ އަހަރުމެންގެ ގުޅުމަށް ބުރޫ އަރައިފާނެތީ.. " އަދީމް ބުންޏެވެ.

" ކޮންމެ އާއިލާއެއްގައިވެސް އެކި ކަހަލަ މައްސަލަތައް ކުރިމަތިވާނެ... އެހެން ބަޔަކަށް ކުރިމަތިވާ މައްސަލައަކުން އަހަރުމެންގެ ގުޅުމަށް ބުރޫ އަރަންޏާ އެއީ އަހަރުމެންގެ ގުޅުމުގެ ބަލިކަށިކަން.. އަހަރެންގެ ފަރާތުން އެބަލިކަށިކަމެއް ނެތްކަން އަހަރެންނަށް ޔަގީން.... " އެއިން ގޮތަށް އިނދެ އަދީމްގެ މޫނަށް ބަލައިލަމުން ޝަހާ ބުންޏެވެ.

" އެންމެ ރަނގަޅު.. އެހެންމީހަކަށް އިތުބާރު ނުކުރިޔަސް އަހަރެން ޝަހާއަށް އިތުބާރުކުރަން... މާދަން އަހަރެން ގޮސް ކަމީލާ އަދި އަލީފް ކައިރިން މައާފަށް އެދޭނަން... " ޝަހާގެ މޫނުގައި ފިރުމައިލަމުން އަދީމް ބުންޏެވެ. ކުއްލިއަކަށް ވަރަށް ބާރަށް ކޮޓަރީގެ ދޮރުގައި ޓަކި ދިން އަޑަށް އަދީމާއި ޝަހާ ސިހިފައި އެދިމާލަށް ބަލައިލިއެވެ. ދެވަނަ ފަހަރަށްވެސް އެހާ ބާރަށް ޓަކި ދިނުމުން ޝަހާ އަވަސް އަވަހަށް އެނދުމަތިން ތެދުވެގެން ދޮރާ ދިމާލަށް ހިނގައިގަތެވެ. ޝަހާގެ ފަހަތުން އަދީމްވެސް އިންތަނުން ތެދުވެގެން ހިނގައިގަތެވެ. ދޮރު ހުޅުވާލިއިރު ކުރިމަތީގައި ހުރި މީހަކު ފެނިފައި ޝަހާ ދެބުމަ ގޮށްޖަހައިލިއެވެ.

" ކިހިނެއްތަ ވީ؟" ޝަހާ އެހެން އަހައިލީ ހިތްހަމަނުޖެހިފައެވެ.

 

-ނުނިމޭ-

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!