ޚަބަރު ރައްޔިތުންގެ މަޖިލިސް

ބާރު އޮތް ދުވަހު، އިދިކޮޅުން ޖޭއެސްސީ އިސްލާހެއް ނުކުރި: ޒަރީރު

ފަތޯނާ ފާއިޒު ، ދެން އޮންލައިން
މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު--

އާރާއިބާރު ލިބުނު ދުވަހު، އިދިކޮޅު ފަރާތްތަކުން ޖުޑީޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ) އިސްލާހު ނުކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖޭއެސްސީ އިސްލާހު ކުރުމަށް، ގާނޫނު އަސާސީއަށް ބަދަލު ގެނައުމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގު ހުށަހެޅުއްވި ބިލަށް ބަހުސް ކުރައްވަމުން ޒަރީރު ވަނީ، އެ އިސްލާހު ހުށަހެޅުއްވުމުގެ ނިޔަތާ މެދުގައި ސުވާލު އުފައްދަވައިފައެވެ.

އޭނާ ވިދާޅުވީ އޭރު ޕީޕީއެމްއަށް ބާރު އޮތްއިރު، ޖޭއެސްސީއަށް ނުފޫޒު ފޯރުވަމުން ދިޔަ ކަމަށާއި، މިއަދު ގެންނަން އެ ވަކާލާތު ކުރާ ހެޔޮ ބަދަލުތަކެއް އޭރު ނުގެންނަ ކަމަށެވެ.

"ކުޑަމިނުން، ގާނޫނު އަސާސީ އޮއްވާ، ގާނޫނު އަސާސީއާ ތައާރުޟުވާ ގަވައިދުތައް ރައީސް އޮފީހުން ހަދައިގެން، ދިވެހިރާއްޖޭގެ ފަޅުތަކާ ބިންތަކާ ވިއްކައިލީ ވެސް އެބޭފުޅުން." އޭނާ ވިދާޅުވިއެވެ.

ޒަރީރު ވިދާޅުވީ ޖޭއެސްސީ އިސްލާހު ކުރަން ހުށަހެޅީ އިދިކޮޅު ލީޑަރު، ރައީސް ޔާމީންގެ މައްސަލައަށް ނުފޫޒު ފޯރުވާ ކަމަށް ކުރާ ތުހުމަތުތަކާ ގުޅުވައިގެން ކަމަށެވެ.

ޖޭއެސްސީގައި އިސްލާހުކޮށް ގާނޫނު އަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް މީގެ ކުރިން ވިދާޅުވިއެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ.

ނަމަވެސް ޖޭއެސްސީއަށް ބަދަލު ގެނައުމަށް ސަރުކާރުން މިހައިތަނަށް މަޖިލީހަށް އެއްވެސް ހުށަހެޅުމެއް އަދި އެއްވެސް ބިލެއް ހުށަހަޅައިފައެއް ނުވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!