ޅ.އަތޮޅު ކައުންސިލުން އެންމެ ބޮޑަށް ބޭނުންވާ ކަންކަން ހިމެނޭ ކަރުދާހެއް ރައީސަށް އަރުވައިފި
ޅ.އަތޮޅު ކައުންސިލުން އެންމެ ބޮޑަށް ބޭނުންވާ ކަންކަން ހިމެނޭ ކަރުދާހެއް ރައީސް އިބްރާހީމް މުހައްމަދު ޞާލިޙަށް އަރުވައިފިއެވެ.
ރައީސް ޞާލިޙް މިއަދު ވަނީ ޅ.އަތޮޅު ކައުންސިލުގެ މެމްބަރުންނާ ބައްދަލު ކުރައްވައިފައެވެ. ރައީސް އޮފީހުން ބުނީ މި ބައްދަލުކުރެއްވުމުގައި އަތޮޅު ކައުންސިލުގެ ކައުންސިލަރުން ދެއްކެވި ވާހަކަފުޅުގައި އަތޮޅުގައި ހުރި ފަރުތަކާއި ފަޅުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތަށް ބޭނުންކުރުމުގައި އަތޮޅު ކައުންސިލުން އެދޭ ގޮތް ރައީސާ ހިއްސާ ކުރެއްވި ކަމަށެވެ.
މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި އަތޮޅު ކައުންސިލުން އެންމެ ބޮޑަށް ބޭނުންވާ ކަންކަން އެކުލެވޭ ކަރުދާހެއް ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ.
މި ކަރުދާހުގައި އަތޮޅުގައި ވޮކޭޝަނަލް ތަމްރީނުދޭ މަރުކަޒެއް ޤާއިމުކުރަން އެދޭކަމާއި އަތޮޅު ފެންވަރުގައި ކުނި މެނޭޖުކުރުމުގެ ނިޒާމެއް ޤާއިމްކުރުމާ ޞިއްޙީ ނިޒާމު ހަރުދަނާކުރުމާއި ބޯހިޔާވަހިކަމާއި ވަޒީފާގެ ފުރުޞަތު އަތޮޅުގެ ރައްޔިތުންނަށް ފަހިކުރުން ފަދަ ކަންކަން ހިމެނެއެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަތޮޅު ކައުންސިލުން ހުށަހެޅުއްވި ކަންކަމުގައި ސަރުކާރުގެ އިދާރާތަކާ މަޝްވަރާ ކުރައްވާނެ ކަމުގައެވެ.
މި ބައްދަލުކުރެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ނައިފަރު ކައުންސިލުގެ އައު އިމާރާތަށް ޒިޔާރަތް ކުރައްވައި އެތަން ބައްލަވައިލައްވައިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޅ. އަތޮޅަށް ކުރައްވާ މި ދަތުރުފުޅުގައި ނައިފަރުގެ އިތުރުން މަޑިވަރާއި ހިންނަވަރާއި ފެލިވަރަށް ވަނީ ވަޑައިގެންފައެވެ.