ހައްޤަކަށް ތީމަގޭވުން..(ސަތު ތިރީސްވަނަ ބައި)
▾ މި ވާހަކައިގެ ޢަދަދުތައް
" އަންހެނަކަށް ދެފިރިހެނުންނާ ނީނދެވޭނެ ދޯ.. އެކަމަކު ނީނަސް ހުސެން ބުނާ ކަމެއް އަހަރެން ކޮށްދޭނަން.. ދެން މިރޭގެ މޫޑު ގެއްލުވާލަން ނޫޅެބަލަ... އައިމް ސޯ ހެޕީ ޓުނައިޓް..." ޝެރީން ބުނެލިއެވެ. އެހިނދު ހުސެން ޝެރީންގެ އަތަށް ދަމާލުމާއެކު ޝެރީން ގޮސް ޖެހުނީ ހުސެންގެ މޭގައެވެ.
************
ރޭގެ އެންމެ ހަމަހިމޭން ވަގުތެވެ. ގަޑިން މެންދަމުން އަނބުރައިފިއެވެ. ޝަހާ އެކަނި ނުކުރަންވެގެން މަލާކްވެސް ނިދީ ޝަހާގެ ކޮޓަރީގައެވެ. ޝަހާއަށް ދޭނެ މާގިނަ ނަޞޭހަތެއް މަލާކްއަށް ނުވިސްނުނު ނަމަވެސް އޭނާއަށް ވީވަރަކުން ޝަހާއަށް ހިތްވަރު ދެވޭތޯ ބެލިއެވެ. އެތައް އިރަކު ޝަހާގެ ގައިގައި ބައްދާލައިގެން އޮތުމަށްފަހު އޭނާއަށް ނިދުނީ އިރުކޮޅެއް ކުރިންނެވެ.
މުސައްލަ މަތީގައި އިން ޝަހާގެ ދެއަތް ވަނީ ﷲގެ މަދަދަށް އެދި އުފުލައިލެވިފައެެވެ. އޭނާގެ ދުލުން އެންމެ ލަފްޒެއް ނުބުނެވުނު ނަމަވެސް ލޮލުން ފައިބަމުން ދިޔަ ވޭނީ ކަރުނަތައް ދުޢާއެއްގެ ސިފައިގައި ﷲގެ ހަޟްރަތަށް ދަތުރުކުރަމުން ދިޔައެވެ. އަދީމަށް ޝަހާ އޭނާގެ ނާޒުކު ހިތް ދިނީ އެހިތަށް އަދީމް ރައްކާތެރިވާނެކަމުގެ ފުރިހަމަ އިތުބާރާ އެކުގައެވެ. ނަމަވެސް އެހިތް އޭނާއަށް އަނބުރާ ލިބުނީ ކުދިކުދިވެފައިވާ ހާލުގައެވެ. ކިތަންމެ މަސައްކަތެއް ކުރިނަމަވެސް ދެން އެހިތް ކުރިން ހުރި ގޮތަށް އިއާދައެއް ނުވާނެއެވެ.
***************
އެނދުގައި ބަންޑުން އޮތް އަދީމްގެ ލޮލުގެ އެއް އަރިމަތިން ކަރުނަ ތިއްކެއް ވެއްޓުނެވެ. ރަތްވެފައިވާ ދެލޮލުން އޭނާ ރޮއެފައި ހުރިވަރު ހާމަވެގެން ދެއެވެ. ޝަހާގެ ހިތަށް މިވަގުތު ކުރާނެ ފުންއަސަރު އަދީމަށް އަންދާޒާ ކުރެވެއެވެ. ޝެރީން އޭނާގެ ހަޔާތަށް އެފަދަ ގޮތަކަށް ވިހަލައިފާނެ ކަމަކަށް ކުރިއަކުން އަދީމަށް ހީކުރެވިފައެއް ނުވެއެވެ. ހިނގައިދިޔަ ކަންތަކުގައި ޝެރީނަށްވުރެ ބޮޑަށް އަދީމަށް ކުށްވެރި ކުރެވެމުން ދިޔައީ އޭނާގެ އަމިއްލަ ނަފްސެވެ. އެންމެ ފުރަތަމަވެސް ޝެރީންގެ ހަޤީގަތް ޝަހާއަށް ކިޔައިދެވުނު ނަމަ މިފަދަ ކަމެއް ނުވީހެވެ. އެރޭ ރިސޯޓުގައި ހިނގައިދިޔަ ކަންތައްވެސް ޝަހާއަށް ކިޔައިދިނުމުގެ ބަދަލުގައި ސިއްރު ކުރެވުނީއެވެ. ޝެރީން އޭނައަށް އެފަދަ ބޮޑު ލަނޑެއް އެދިނީ ކޮން ސަބަބަކާ ހުރެކަމެއް ނޭނގުނެވެ. އެހެންނަމަވެސް ޝެރީންއާ ގުޅުން ބަދަހިކޮށް ނޭނގުމުގެ ތެރޭގައި ނަމަވެސް ޝެރީންއަށް ނުބައި މެސެޖެއް ދެވިފައި އޮތީ އޭނާއަށެވެ.
ކޮންމެ ގޮތެކުންވިޔަސް ޝަހާގެ މަޢާފު ހޯދަން އަދީމް ބޭނުންވެއެވެ. ޝަހާ އޭނާއާ ވަކިވެގެން ގޮސްފިނަމަ އޭނާއަށް އެކަން ބަރުދާސްތެއް ނުކުރެވޭނެއެވެ. ޝަހާގެ ރުހުން ހޯދުމަށްޓަކައި ކޮންމެ ފަދަ ކަމެއް ކުރަން ޖެހުނަސް އޭނާ ތައްޔާރެވެ. މިހާރުވެސް ޝަހާ ކައިރިއަށް ދިއުމަށް އޭނާ ވަނީ ކެތްމަދުވެފައެވެ. އަދީމް ބޭނުންވަނީ ކައިރިއަށް ގޮސް ޝަހާ އޭނާގެ އަތުގެ ތެރެއަށް ގެނައުމަށެވެ. އޯގާތެރިކަމާއެކު ޝަހާގެ ކަރުނަތައް ފޮހެދިނުމަށެވެ. ޝަހާ ކައިރިއަށް ދާހިތުން އަދީމަށް އޮވެވެނީއެއް ނޫނެވެ. ނަމަވެސް އޭނާ ކެތްކުރާނެއެވެ. ޝަހާ އޭޏާގެ އަމިއްލަ ނަފްސު ހަމައަކަށް އަޅުވަން ވަގުތު ދޭން އަދީމް ބޭނުންވެއެވެ.
****************
އިރުއެރިއިރުވެސް ކައުސަރަކަށް ނުނިދުނެވެ. އަދީމް އެކުރީ ދުވަހަކުވެސް އޭނާ އުއްމީދު ކުރި ފަދަ އަމަލެއް ނޫނެވެ. އެއްއިރެއްގައި އަދީމް އެއީ އޭނާގެ ފަޙުރަށް ވިއެވެ. ނަމަވެސް އަދީމް އެކުރިކަމަކުން ކައުސަރުގެ ހިތްހަލާކު ވެއްޖެއެވެ. އޭނާއަށް ދެވުނު ތަރުބިއްޔަތާ މެދު ސުވާލު އުފެދި ލަދުގަނެއްޖެއެވެ.
ފަތިސް ނަމާދުކޮށްގެން ރާފިގު އައިސް ވަންއިރުވެސް ކައުސަރު މުސައްލަ މަތިން ނުތެދުވެއެވެ. އެނދުގައި ލެގިލައިގެން ޒިކުރު ކުރަން އިންއިރު އެމޫނަށް ވެރިވެފައިވާ މާޔޫސްކަން ސާފުކޮށް ފެންނަމުން ދިޔައެވެ.
" ކައުސަރު.. އެނގޭ އަދީމް އެކުރީ ކޮށްގެން ނުވާނެ ކަމެއްކަން.. އެކަމަކު އޭގެ ތެދު ދޮގުވެސް ބަލަން ވާނެއްނު.. އަދީމް އެބަބުނޭ ޝެރީން އެދެއްކީ މުޅިއަކުން ތެދު ވާހަކަތަކެއް ނޫނޭ.. އަހަރެން ދެކޭގޮތުގައި އެންމެ ފަހު ވަގުތާ ޖެހެންދެންވެސް ދަރިންނަށް މައިންބަފައިން އިތުބާރުކުރަން ވާނެ.. އަަހެރެމެންގެ އަދީމަކީ ގޯސް ކުއްޖެއް ނޫން.. " ކައުސަރު ކައިރީގައި އެނދުގައި އިށީންނަމުން ރާފިގު ވާހަކަ ދެއްކިއެވެ.
" މިދަނޑިވަޅުގައި އަހަރުމެން ވިސްނަންވާނީ ހަމައެކަނި އަދީމާ މެދަކު ނޫން.. ބައެއް ކުށް ކުރިކަމަށް އަދީމް އަމިއްލައަށްވެސް އިއުތިރާފްވި.. ވިސްނާލަބަލަ މިވަގުތު ޝަހާއަށް ކުރާނެ އަސަރު.. އެމަންޖެ ހާދަ ހިތްދައްޗެއް ވާނޭ.. އަހަރެން އަންހެނަކަށްވީތީ ޝަހާގެ އިހުސާސްތައް ހުންނާނެ ގޮތް ވަރަށް ރަނގަޅަށް އެނގޭ.." ކައުސަރުގެ އަޑު ކުރެހިގެން ދިޔައެވެ.
" ތި ނޫން ވާހަކައެއް އަހަރެން ނުބުނަން.. އެކަމަކު އަހަރެމެން މޫނު އަނބުރާލައިފިނަމަ މިއަދު އަދީމް ދުނިޔެއަށް އެކަނިވެދާނެ.. އަހަރެން މިބުނަނީ އޭނަ ދައްކާ ވާހަކަވެސް އަޑުއަހާލަބަލާށޭ.. " ކައުސަރަށް ވިސްނައިދޭން މަސައްކަތް ކުރަމުން ރާފިގު ބުންޏެވެ. އެވަގުތު ކައުސަރު ނިތްކުރީގައި އަތް އަޅައިލީ ބޮލުގައި ރިއްސައިލުމުންނެވެ.
" ޝަހާ ދޮގެއް ހަދާނޭ އަހަރެންގެ ހިތެއް ނުބުނޭ.. " ކައުސަރު ޝަހާ ދިފާޢު ކުރަމުން ބުންޏެވެ.
" ޝަހާ ދޮގެއް ނުހަދާނެކަން އަހަރެންނަށްވެސް އެނގޭ.. އެކަމަކު ޝެރީން ދެއްކި ހުރިހާ ވާހަކައެއް އަހަރެން ޤަބޫލެއް ނުކުރާނަން.. އިހަކަށް ދުވަހު އަހަރެން މިސްކިތުން އަންނަނިކޮށް އަސްމާ ކޮންމެވެސް މީހެއް ކައިރީގައި އެޝެރީންގެ އުޅުން ހުރިގޮތުގެ ވާހަކަ ކިޔައިދެނިކޮށް އަހަރެންނަށް އަޑު އިވުނު.. އަހަރެންގެ ހިތެއް ނުބުނޭ އޭނަ އެދެއްކީ މުޅިއަކުން ރަނގަޅު ވާހަކައެކޭ.." ރާފިގު އޭނާއަށް ހީވާގޮތް ބުނެލިއެވެ.
" ދެން ނޭނގެ އަހަރެންނަކަށް.. ބޯފަޅައިގެން ދާން އުޅޭހެން ހީވަނީ..." ބޮލުގައި ހިފަހައްޓައިލަމުން ކައުސަރު ބުންޏެވެ.
" ދެން އެކަމާ އެހާ ބޮޑަށް ނުވިސްނާ.. ރޭގަ ނުވެސް ނިދަމެއްނު.. މިއަދު ބަދިގެއަށް ދާނެ ކަމެއް ނެތް.. މައިރާ އެކަމާ އުޅޭނެ.. ހިނގާ އަރާމުކޮށްލަން.." ކައުސަރު އިންތަނުން ތެދުވުމަށް އެހީތެރިވަމުން ރާފިގު ބުންޏެވެ. ކައުސަރު ގޮވައިގެން ގޮސް އެނދުގައި ބޭއްވުމަށްފަހު ރަޖާގަނޑު އަޅާލައި ދިނެވެ. އެއަށްފަހު ކައުސަރަށް ނިދެން އޭނާގެ ބޮލުގައި ފިރުމާލަ ފިރުމާލާ ރާފިގު އިނެވެ.
***************
ފަތިސް ނަމާދުކޮށް ނިމި ޒިކުރުކޮށް ޤުރުއާން ކިޔަވައިލުމުން ޝަހާގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. ރޭގައި ނުނިދޭތީ ވަރުބަލިކަމެއް އިހުސާސް ކުރެވެމުން ދިޔަ ނަމަވެސް އޮށޯންނާކަށް ޝަހާ ބޭނުމެއް ނުވިއެވެ. ބޭނުންވަނީ ކަމަކާ ފިކުރުކުރަން ވަގުތެއް ނުދީ މަސައްކަތުގައި ބުރަވުމަށެވެ. މަސައްކަތެއް ނުކޮށް ހިތާމަ ކުރަން ކޮޓަރީގައި އޮވެއްޖެނަމަ މީހާ ހަލާކުވެދާނެ ކަން އިހުސާސްވާތީއެވެ. މަލާކްއަށްޓަކައިވެސް ހެޔޮ ސިއްޙަތެއްގައި ހުންނަން ޝަހާ ބޭނުންވެއެވެ. މިދުނިޔޭގައި މަލާކްގެ ހުރި ހާވެސް މީހަކީ އޭނާ ކަމަށް ވާތީއެވެ. މިއަދު އޭނާ ހިތްވަރު ދެރަކޮށްފިނަމަ މަލާކްގެ ކަމެއްގައި ފަރުވާކުޑަ ކުރެވިދާނެތީއެވެ.
ފެންވަރާ ތާޒާވެލައިގެން ނިކުތްއިރު މަލާކް ނަމާދުކޮށްގެން ފައިބަނީއެވެ. އަނެއްކާވެސް މަލާކް އެނދުގައި އޮށޯންނަން އުޅުމުން ޝަހާ އެކަން މަނާ ކުރިއެވެ. ސުކޫލަށް ދާން ތައްޔާރުވާން ދާށޭ ބުނުމުން މަލާކް އެކަމަށް ދެކޮޅު ހެދިއެވެ. ޝަހާ އެކަނި ކޮށްފައި ނުދާނަން ކަމުގައި ބުނެލިއެވެ.
" ދޮންތަ އެކަންޏެއް ނުވާނެއްނު ދޮންތަވެސް މިއުޅެނީ އޮފީހަށް ދާން.. މީ މަލާއަށް ވުރެ މުހިންމު އަހަރެއްނު.. ބޭކާރު ގޮތުގައި އެންމެ ދުވަހެއްވެސް ވައްޓާލައިފިއްޔާ އެއީ ލިބޭ ގެއްލުމަކަށް ވެދާނެ.. " ތުވާލިން އިސްތަށިގަނޑު ހިއްކަމުން ޝަހާ ވާހަކަ ދެއްކިއެވެ.
" ދޮންތައަށް ޔަގީންތަ ދޮންތަ ރަނގަޅުކަން.. ؟" ޝައްކެއްގެ މަތީގައި ހުރެ މަލާކް އަހައިލިއެވެ.
" ދޮންތަ ރަނގަޅޭ.. ދެންވެސް ދޭބަލަ އަވަހަށް ތައްޔާރުވާން.. ދޮންތަ މިދަނީ ބްރޭކްފާސްޓް ރެޑީ ކުރަން.." ޝަހާ ބުންޏެވެ. ބޯޖަހައިލުމަށްފަހު މަލާކް ކޮޓަރިން ނިކުތެވެ. އިސްތަށިގަނޑުގައި ހުޅިއެއް ޖަހައިލުމަށްފަހު ޝަހާވެސް ކޮޓަރިން ނިކުތެވެ. ބަދިގޭގައި ހަރަކާތްތެރިވަމުން ދިޔަ އަސްމާ ޝަހާ ފެނުމާއެކު ހިނިތުންވެލިއެވެ. އެފަދަ ވަގުތެއްގައި އަސްމާ ފެނުމުން ޝަހާއަށް ހައިރާންކަމެއް ލިބުނެއް ކަމަކު ހިނިތުންވެލިއެވެ. މޭޒުމަތީގައި ތަފާތު ބއެކި ބާވަތްތައް ހުރިއިރު ގިނައީ ޝަހާއަށް އެންމެ މީރު ވައްތަރުތަކެވެ.
" ދަރިފުޅު އާދޭ އަވަހަށް ސައިބޯން.. އިއްޔައިން ފެށިގެން އެއްވެސް އެއްޗެއް ނުކައެއްނު ތިހުންނަނީ..." ކޮފީ ޖޯޑެއްގެ ގެނެސް މޭޒުމަތީގައި ބަހައްޓަމުން އަސްމާ ބުނެލިއެވެ.
" ބޮޑުއްތަ ހާދަ ވަރެއް ކޮށްލާފަ.... " ގޮނޑީގައި އިށީންނަމުން ޝަހާ ބުނެލިއެވެ.
" ޝަހާ ބޮޑުއްތައަށް ކޮށްދޭ ކަންކަމަށް ބަލާފައި މިއީ އަދި ވަރަށް ކުޑަ ކުޑަ ކަމެއް... ޝަހާ ރަނގަޅުތަ؟ މިކަހަލަ ވަގުތުތަކުގަ ޖެހޭނެ ވަރަށް ހިތްވަރުގަދަވާން.." ޝަހާގެ ކޮނޑުގައި އަތް އަޅައިލަމުން އަސްމާ ބުންޏެވެ. އަސްމާ ފެށި ވާހަކައަކުން ޝަހާގެ ހިނިތުންވާން ފަނޑުވާން އުޅުނެވެ. ނަމަވެސް ޝަހާ ހިތްވަރުކޮށްލާފައި ކުރިއަށްވުރެވެސް ބޮޑަށް ހިނިތުންވެލިއެވެ.
" މަލާކް އައިމަ ދޯ ފަށާނީ..." ވާހަކަ އޮޅުވައިލަން މަސައްކަތް ކުރަމުން ޝަހާ ބުނެލިއެވެ.
މަލާކް ތައްޔާރުވެގެން ނިކުތުމުން ތިންމީހުން އެކީގައި ސައިބޯން ފެށިއެވެ. އަސްމާގެ އުޅުމަށް އަންނަމުން ދިޔަ ބަދަލުތައް މަލާކްއަށް އިހުސާސްވީ އެވަގުތުއެވެ. މަޔަކަށް ޝަހާ އެންމެ ބޭނުންވި ދުވަހު ޝަހާ ކައިރީގައި ހުރެދިނީތީ އެކަމަށްޓަކައި މަލާކްގެ ހިތް ޝުކުރުން ފުރުނެވެ.
********************
ފަތިސް ނަމާދަށްފަހު އަދީމް އޭނާގެ ގޭ ދޮރުމަތީގައި ހުއްޓެވެ. ޝަހާ މިވަގުތު ގެއިން ނިކުންނާނެ ކަމާމެދު ޔަގީންކަމެއް ނެތަސް އޭނާ އެތާ އެހުންނަނީ ޝަހާގެ ނިކުންނާނެ އިރެއްގެ އިންތިޒާރުގައެވެ. ބަރާބަރު ދެގަޑިއިރުގެ އިންތިޒާރަކަށްފަހު ޝަހާގެ ގޭގެ ދޮރު ހުޅުވޭތަން ފެނުމުން އަދީމް ޝަހާއާ ވާހަކަ ދެއްކުމަށް ތައްޔާރުވެލިއެވެ. އަވިއައިނު އަޅައިގެން ހުރި ޝަހާއަށް އަދީމް ފެނުމާއެކު ފިޔަވަޅުތަކެއް މަޑުކަމެއް އައެވެ. ކައިރީގައި ހުރި މަލާކް ޝަހާގެ އަތުގައި ހިފައިލީ ޝަހާއާ އެކުގައި ހުރިކަން އަންގައިދިނުމުގެ ގޮތުންނެވެ. އެވަގުތުކޮޅުގައިވެސް ޝަހާގެ ސިކުނޑީގައި ދައުރުވާން ފެށީ އިއްޔަގައި އޭނާއަށް ފެނުނު ވޭންދެނެވި މަންޒަރެވެ. ލޮލަށް ކަރުނަ ޖަމާވާން އުޅުމުން ޝަހާ ހިންދިރުވައިލީ ކަރުނަތައް އެތެރެއަށް ހިންދާލަން މަސައްކަތް ކުރަމުންނެވެ. ފަޔަށް ބާރުލާފައި ޝަހާ އޭނާގެ ސައިކަލާ ދިމާލަށް ހިނގައިގަތެވެ.
" ޝަހާ...." އަދީމް ގޮވައިލި އަޑު ޝަހާއަށް އިވުނެވެ. އެއަޑުގައިވި ވޭން ޝަހާއަށް އިހުސާސްވިނަމަވެސް އެނބުރި ބަލާލާކަށް އޭނާ ބޭނުމެއް ނުވިއެވެ. އެއީވެސް އަދީމް ދައްކާ ދަޅައެއް ކަމުގައި ޤަބޫލުކުރެވުނެވެ. އެއްވެސް ކަމެއްގައި އަދީމަށް އިތުބާރު ކުރުމަކީ މިހާރު ޝަހާއަށް ވާނެ ކަމެއް ނޫނެވެ.
ޝަހާ ބަލައިނުލުމުން އަދީމް ޝަހާއާ ދިމާލަށް ހިނގައިގަތެވެ. ނަމަވެސް އަދީމަށް ހުރަސް އެޅި މަލާކެވެ. މަލާކްގެ މޫނުމަތިން އަދީމަށް ފެނުނީ އިންތިހާއަށް ރުޅިއެވެ.
" ސްޓޭ އަވޭ ފްރޮމް މައި ސިސްޓަރ.. " އިންޒާރެއްދޭ ފަދަ ގޮތަކަށް މަލާކް ބުނެލިއެވެ. އަދީމް ޝަހާއަށް ބަލައިލީ ޝަހާގެ ފަރާތުން ކުޑަ ނަމަވެސް އިޝާރާތެއް ވޭތޯއެވެ.
" ޝަހާ ޕްލީޒް އަހަރެންނާ ވާހަކަ ދައްކަބަލަ.. ޕްލީޒް..." އާދޭހުގެ ރާގެއްގައި އަދީމް ބުނެލިއެވެ. އެއަޑު އިވުނު ކަމަކަށްވެސް ޝަހާ ނުހެދިއެވެ. އަޅައިލުމެއްވެސްނެތި ސައިކަލަށް އަރާ ސްޓާޓް ކޮށްލިއެވެ. މަލާކްގޮސް ސައިކަލަށް އެރުމާއެކު ކުރިއަށް ދުއްވައިލިއެވެ. ޝަހާގެ ސައިކަލު އޮބާލަން ދެންވެސް ފެންކަޅިވެފައި ދެލޮލުން އެދިމާލަށް ބަލަހައްޓައިގެން އަދީމް ހުއްޓެވެ.
-ނުނިމޭ-
ވ ރީތި
ވވ ރީތި