ރައީސް ނަޝީދަށް ކުރިމަތި ނުލެއްވެންޏާ، ޕާޓީން ކުރިމަތި ލާނެ މީހަކު ނެތްކަމަށް އެމަނިކުފާނު ވިދާޅުވި: ހުސެއިން
2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުޙައްމަދު ނަޝީދަށް ކުރިމަތި ނުލެވޭ ނަމަ، އެމްޑީޕީއިން ރިޔާސީ ރޭހުގައި ކުރިމަތި ލައްވާނެ މީހަކު ނުހުންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި ކަމަށް، އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު ހުސެއިން އިސްމާއީލް ވިދާޅުވެއްޖެއެވެ.
ހުސެއިން އިސްމާއީލް މި މޭރުމުން ވާހަކަފުޅު ދެއްކެވީ، މިހާރު އިމާދުއްދީން ސުކޫލުގައި ކުރިޔަށްދާ، އެމްޑީޕީގެ ޤައުމީ މަޖިލީހުގައި ވާހަކަ ދައްކަވަމުންނެވެ. މިރޭގެ ޖަލްސާއަކީ އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގެ ތާރީޚާ މެދު ގޮތެއް ނިންމުމަށް ބާއްވާ މަޖިލީހެކެވެ. އޭޕްރީލް 16ވަނަ ދުވަހު ތާވަލްކޮށްފައިވާ، ޗެއަރޕާސަންގެ އިންތިޚާބު ލަސްކޮށްދިނުމަށް، އެ އިންތިޚާބުގައި ވާދަ ކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވަނީ އެދިވަޑައިގެންފައެވެ. އަދި އެގޮތަށް މަޖިލީހުގައި ބައިވެރިވި 115 މެންބަރުންގެ ތެރެއިން 100 މެންބަރުން ވަނީ ތާއީދުކޮށްފައެވެ.
ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވަމުން ގެންދަވާ ހުސައިން އިސްމާއީލް ވަނީ މިރޭގެ ޖަލްސާގައި ރައީސް ނަޝީދަށް ނުސީދާ ހަމަލާތަކެއް ދެއްވައިފައެވެ. މިގޮތުން 2018ވަނަ އަހަރު، ރައީސް ނަޝީދަށް ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެވޭ ގޮތް ވުމުން، އެ އިންތިޚާބަށް ނިކުންނާނެ އިތުރު ކެނޑިޑޭޓަކު އެމްޑީޕީގައި ނެތް ކަމަށް ވިދާޅުވި ކަމަށް ޙުސައިން ވިދާޅުވިއެވެ.
"މި ތާކު ވަކި މީހަކު އިތުރަށް ކުރި ކަމެއް ނޯންނާނެ. އަޅުގަނޑުމެން ސިލޯނަށް ގެންގޮސްފައި ބުނީ ތިމަންނާ ނެތިއްޔާ ނެތީއޭ، ވެރިކަން ކުރާނެ މީހެއް މި ޕާޓީގައި" ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ސްރީލަންކާގައި ހުންނެވި ރައީސް ނަޝީދަށް އިޝާރާތް ކުރައްވައި ޙުސައިން ވިދާޅުވިއެވެ.
ޙުސައިން ވިދާޅުވީ، އެމްޑީޕީގައި ވަކި އިތުރަށް މަސައްކަތް ކުރި ބަޔަކު ނުތިބޭނެ ކަމަށެވެ. އަދި 2018ވަނަ އަހަރު އެކުގައި މަސައްކަތް ނުކުރި އެ މަޖިލީހުގައި ތިއްބެވި ގިނަ ބޭފުޅުން ތިއްބަވާނީ ޖަލުގައި ކަމަށް ވެސް ވިދާޅުވިއެވެ. ޙުސައިންގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ޕާޓީއަށް ޓަކައި ވާން ޖެހުނު ކޮންމެ ޤުރުބާނީއެއް ވާން ހުންނެވީ ތައްޔާރަށް ކަމަށެވެ.
"ބުނަން ޖެހޭ އެއްޗެއް ބުނާނަން، އެ ވަގުތަކު ކުރަން ޖެހުނު ކަމެއް ކުރާނަން. އެއީ ކޮންމެ ފަދަ ޤުރުބާނީއެއް ކަމަށް ވިޔަސް ހެޔޮ،" ހުސައިން ވިދާޅުވިއެވެ.