ޚަބަރު ޝަރުޢީ ދާއިރާ

ގާސިމްގެ މަރުގެ މައްސަލައިގައި ހެކިބަސް ނަގަން ފަށައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މީގެ ދެ އަހަރު ކުރިން، ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މަރައިލި ޓެކްސީ ޑްރައިވަރު ގާސިމް ހަސަންގެ މަރުގެ މައްސަލައިގައި މިއަދު ހެކިބަސް ނަގަން ފަށައިފިއެވެ.

Ads by MWSC

ގާސިމަށް ތޫނު އެއްޗަކުން ހަމަލާދީ، މަރައިލައިފައި ވަނީ 2019ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 4ވަނަ ދުވަހުގައެވެ.

މި މައްސަލައާ ގުޅިގެންް ދައުލަތުން ދައުވާކޮށްފައި ވަނީ ޅ. ހިންނަވަރު/ ބޮޑުހިޔާގޭ އަދުހަމް މުހައްމަދުގެ މައްޗަށެވެ. އޭނާގެ މައްޗަށް ކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްތުގައި މީހަކު މަރައިލުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލައިގައި ދައުލަތާ އެކު ހެދި އިއުތިރާފު އެއްބަސްވުމެއްގެ ދަށުން 2020ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 12ވަނަ ދުވަހު އަދުހަމް ވަނީ އެ ކުށަށް އިއުތިރާފުވެފައެވެ. ނަމަވެސް އޭގެ ހަފްތާއެއް ފަހުން ބޭއްވި އަޑުއެހުމުގައި އަދުހަމް ވަނީ އެ އިއުތިރާފު އަނބުރާ ގެންގޮސްފައެވެ. އަދުހަމް ބުނީ އޭނާ ކުރިން އެ ކުށަށް އިއުތިރާފުވީ ފުލުހުން އޭނާއަށް މަސްތުވާތަކެތި ދީގެން، މަސްތުގައި ހުރެގެން ކަމަށެވެ.

ގާސިމް މަރުވީ އޭނާގެ އަތުން ފައިސާ ފޭރުމުގެ ގޮތުން ބިރުދެއްކުމަށް އުޅުމުގެ ތެރޭގައި ގާސިމް ހަޅޭއްލަވަން ފެށުމުން، އެކަން ހުއްޓުވަން އުޅުމުގެ ތެރޭގައި ކަމަށް އަދުހަމް ފުލުހުންގެ ތަހުގީގުގައްޔާއި ކްރިމިނަލް ކޯޓުގެ ބަންދުގެ މަޖިލީހުގައި ވެސް ކުރިން އޭނާ ބުނެފައިވެއެވެ.

އެ މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި، މައްސަލަ ބައްލަވާ ގާޒީ ވަނީ ބަދަލުވެފައެވެ. ކުރިން މި މައްސަލަ ބެއްލެވީ ގާޒީ އިސްމާއިލް ރަޝީދެވެ. ނަމަވެސް އޭނާ މަގާމުން އިސްތިއުފާ ދެއްވުމުން، މިހާރު އެ މައްސަލަ ބައްލަވަނީ ގާޒީ އަލީ ނަދީމެވެ.

ކުށަށް އިއުތިރާފުވެ ލުއި އަދަބަކަށް އަދުހަމް އެދުނު ނަމަވެސް، ގާޒީ ނަދީމް ވިދާޅުވީ ކުށަށް އިއުތިރާފުވުމުގެ ފުރުސަތު އެބައޮތް ކަމަށާއި، ނަމަވެސް ލުއި އަދަބެއް ދެވެން ނެތް ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!