ކަނިމީދޫގައި ރިސޯޓު ހަދަން ބަޔަކު ހުށައެއް ނާޅާ: މިނިސްޓަރު

ތ. ކަނިމީދޫގައި ރިސޯޓެއް ހެދުމަށް ބީލަމަށް ހުޅުވައިލުމުން ވެސް، އެއްވެސް ފަރާތަކުން ބިޑް ޕްރޮޕޯސަލް ހުށަހަޅައިފައި ނުވާކަން ޓޫރިޒަމް މިނިސްޓަރު ޑރ.އަބްދުﷲ މައުސޫމް ހާމަކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވަނީ ރިސޯޓެއްގެ ގޮތުގައި ކަނިމީދޫ ތަރައްގީ ކޮށްދޭނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވައިލުމުން އެއްވެސް ބަޔަކު ޝައުުގުވެރިކަން ފާޅުކޮށްފައި ވޭތޯ، މިނިސްޓަރާ ސުވާލު ކުރަައްވައިފައެވެ.
ރިޔާޒުގެ މި ސުވާލަށް، ލިޔުމުން ދެއްވި ޖަވާބުގައި މިނިސްޓަރު މައުސޫމް ވިދާޅުވެފައި ވަނީ، އެ ރަށުގައި ރިސޯޓެއް ތަރައްގީކުރުމަށް މިދިޔަ އަހަރު އޭޕްރީލް މަހު ހުޅުވައިލި ކަމަށެވެ.
އެހެން ނަމަވެސް ބީލަން ހުށަހެޅުމުގެ މުއްދަތު މިދިޔަ އަހަރު ޖޫން މަހު ހަމަވެފައިވާ އިރު ވެސް، އެއްވެސް ބަޔަކު ޕްރޮޕޯސަލް ހުށަހަޅައިފައި ނުވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.