ދީން

އަހަރުތަކެއް ވަންދެން ނަމާދު ނުކޮށް ހުރި މީހަކު، ތައުބާވާން ބޭނުންނަމަ، ފާއިތުވި ނަމާދުތަކާ މެދު ހަދާނީ ކިހިނެއް؟

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

އަހަރެމެންގެ ތެރެއިން މަދުން ނަމަވެސް ހަމަ އެއްގޮތަކަށް ވެސް ނަމާދު ނުކޮށް އުޅޭ މީހުން ފެނެއެވެ. ނަމަވެސް ޙަޔާތުގެ އެކި ހިސާބުތަކުގައި ދިރިއުޅުމުގެ މަގުސަދާއި އަންނަން އޮތް ހަޔާތާ މެދު ފިކުރު ކުރެވި ނުވަތަ ދިމާވާ ހާދިސާއެއްގެ ސަބަބުން އެ ކަންކަން ވިސްނި ، ޙަޔާތުގެ ބާކީ އޮތް ބައި ހެޔޮ ގޮތުގައި އުޅެން ބޭނުންވާ މީހުން ފެނެއެވެ.

Ads by Sosun Fihaara

ސުވާލަކީ އެފަދަ މީހަކު ނުވަތަ އަހަރުތަކެއް ވަންދެން ނަމާދު ނުކޮށް ހުރި މީހަކު، އަލުން ތައުބާވެ ހުރިހައި ނަމާދެއް ކޮށްގެން އުޅެން ބޭނުންވެއްޖެ ނަމަ، ފާއިތުވި ނަމާދުތަކާ މެދު ހަދާނީ ކިހިނެއްތޯއެވެ؟ މި ސުވާލަށް އަލްމަރުޙޫމް ޑރ. ޢަބުދުލްމަޖީދު ޢަބުދުލްބާރީ ވަނީ ޖަވާބު ދެއްވައިފައެވެ. މާތްﷲ އެ މަރުޙޫމްގެ ފާފަ ފުއްސަވައި ރަޙުމަތް ލައްވާށިއެވެ. އާމީން!

"ޝަރުޢީ ޢުޛުރަކާ ލައިގެން މެނުވީ އެއްވެސް ނަމާދެއް އެނަމާދުގެ ވަޤުތަށް ވުރެ ފަސްކުރުމީ ހުއްދަ ކަމެއް ނޫނެވެ. މިއީ ބޮޑުވެގެންވާ ފާފައެކެވެ. މިދެންނެވި ޝަރުޢީ ޢުޛުރަކީ، ނިދުމާއި ހަނދާން ނެތުމެވެ. މި ދެޙާލަތުން ކުރެ ޙާލަތެއްގައި ވަގުތަށް ވުރެ ނަމާދެއް ފަސް ކުރެވިއްޖެ ނަމަ، ހޭލެވުމުން ނުވަތަ ހަނދާން ވުމުން ވަގުތުން އެ ނަމާދު ކުރަންވާނެއެވެ.

އެހެނެއްކަމަކު، ދެނަމާދު ޖަމާކުރަން ޤަސްތުކުރާ މީހަކު ނަމަ، ޖަމަޢުކުރުމުގެ ނިޔަތުގައި އަނެއް ނަމާދުގެ ވަގުތަށް ކުރިއަށް އޮންނަ ނަމާދު ފަސްކުރެވިދާނެއެވެ. ސުވާލުގައި ވިދާޅުވެފައިވާ ފާއިތުވެ ގޮސްފައިވާ ނަމާދުތަކާ މެދު ޢަމަލު ކުރަން ޖެހޭ ގޮތަކާ މެދު ޢިލްމުވެރިންގެ މެދުގައި ޚިލާފު އެބަހުއްޓެވެ. ހަތަރު މަޛްހަބުގެ އިމާމުން ވިދާޅުވާ ގޮތުގައި އެ ނަމާދުތައް ޤަޟާކުރަން ވާނެއެވެ. އަދި އެ ދުވަސްތަކުގެ ޢަދަދު ނޭނގޭ ކަމުގައިވާ ނަމަ ޔަޤީންވާ މިންވަރަށް ފުރިހަމަ ކުރަންވާނެއެވެ.

ނަމަވެސް މިމައްސަލަ އިތުރަށް ދިރާސާ ކުރައްވައި ތަޙުޤީޤު ކުރައްވައިފައިވާ ބޮޑެތި ދަންނަބޭކަލުން ވިދާޅުވާ ގޮތުގައި، މިގޮތަށް އެތައް ދުވަސްތަކެއް ވާންދެން ނުކޮށް ދޫކޮށްލެވިފައިވާ ނަމާދުތައް ޤަޟާކުރުމެއް ނޯވެއެވެ. އޭގެ ބަދަލުގައި އޭނާގެ މައްޗަށް އޮތީ، ތައުބާވެ ގިނަގިނައިން އިސްތިޣްފާރުކޮށް، ﷲ ގެ ޙަޟްރަތުގައި ފާފަ ފުއްސެވުމަށް އެދި ދަންނަވައި، ސުންނަތް ނަމާދުތައް ކުރުން އިތުރުކުރުމާ އެކު، ގިނަގުނަ ހެޔޮ ޢަމަލުތައް އިތުރު ކުރުމެވެ. މި ގޮތަށް ދެކެވަޑައިގަންނަވާ ޢިލްމުވެރިންގެ ތެރޭގައި ޝައިޚުލްއިސްލާމް އިބުނު ތައިމިޔާއާއި، އަލްއިމާމު އިބުނުލްޤައްޔިމާއި، ދާއޫދުއް ޡާހިރީއާއި، އަލްއިމާމު އިބްނު ޙަޒުމާއި، ފަޟީލަތުއްޝައިޚް ޑރ. ޔޫސުފު އަލްޤަރުޟާވީ ފަދަ ބޮޑެތި ޢިލްމުވެރިން ހިމެނި ވަޑައިގަންނަވައެވެ. މިމައްސަލައިގައި އިތުރަށް ދަންނަވަންޖެހޭ ނުކުތާއަކީ، ޤަޟާކުރަން ޖެހޭނޭ ކަމަށް ވިދާޅުވާ ޢިލްމުވެރިން ވެސް އެއްބަސްވެ ވަޑައިގަންނަވާ ގޮތުގައި، އެނަމާދުތައް ޤަޟާކުރި ކަމުގައި ވިޔަސް ތައުބާ ނުވާހާ ހިނދަކު، ނަމާދު ވަގުތުން ފަސްކުރުމުގެ ފާފަ ފޮހެވިގެން ނުދާނެއެވެ.

އެހެންކަމުން މިމައްސަލައިގައި ބޮޑަށް ބުރަ ވެވެނީ، އެތައް ދުވަސްތަކެއް ވާންދެން ދޫކޮށްލައިފައިވާ ނަމާދުތައް ޤަޟާކުރުމަކީ އޮތްކަމެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި އޭނާގެ މައްޗަށް އޮތީ، ހިތް ނިޔަތް ޚާލިސް ކޮށްގެން ﷲގެ ޙަޟްރަތަށް ތައުބާވެ، ހެޔޮކަންތައް އިތުރުކޮށް، ގިނަގިނައިން އިސްތިޣްފާރު ކުރުމެވެ. ތައުބާވުމުން އިސްވެދިޔަތަން ފުއްސަވާނޭ ކަން އަންގަވަމުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރައްވައިފައި ވެއެވެ. "التوبة تجب ما قبلها" މާނައީ"ތައުބާވުމުން އިސްވެދިޔަތަން ފުއްސަވާނެތެވެ".

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!